"ވަރަށް ލޯބިވޭ،" ރިހާމު މަޑުމަޑުން ބުނެލިއެވެ. ދިމްނާއަށް އިވޭ ވަރަށެވެ. ދިމްނާގެ ކަންފަތާއި ކައިރިވެލަމުންނެވެ.

"މި އިވުނީ ރަނގަޅަށްތަ؟...އަދި އެއްފަހަރު ބުނެލަބަލަ،" ރިހާމުގެ އެ ބުނެލުމުން ދިމްނާ އުފަލުން ފޮޅުނެވެ. އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހިތުންވުން އެ މޫނުން ފެނިގެން ދިޔައެވެ. ދިމްނާ އަބަދުވެސް ބޭނުންވަނީ ރިހާމުގެ ފަރާތުން އެފަދަ ލަފްޒުތައް އިވުމެވެ.

"ކާންޓް ރިޕީޓް....އެކަމެއް ނުވާނެ....ތި މޫނުމަތިން އެބަ އެނގޭ ރިހާމު ބުނި އެއްޗެއް ސާފުވާކަން...އޮޅުވާލުމުގެ ހުނަރެއް ވެސް ނެތޭދޯ!" ރިހާމަށް ހެވުނެވެ. ދިމްނާގެ މަގުސަދު ރަނގަޅަށް ރިހާމަށް ފަހުމު ވީތީއެވެ.

"ރިހާމު ވަރަށް މޮޅުވާނެތާ އޮޅުވާލަން....އެނެއްކަ ތިހެން ކިޔާފައި ދިމްއަށް ލަނޑެއް ނުދެއްޗޭ...އޭރުން ދިމް ވަރަށް ދެރަވާނެ،" ދިމްނާ މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި ވަނީ ރިހުމެވެ. ރިހާމު ގެއްލިދާނެތީ ދިމްނާ ކަންބޮޑުވާ މިންވަރު އޭނާގެ ވާހަކައިން ދޭހަވެއެވެ.

"އެ ސީރިއަސްވީ.... ރިހާމު އެހެން ބުނި އެއްޗެއް ނޫނޭ،" ރިހާމު ދީނާގެ ލޮލާއި ނަޒަރު ސީދާކޮށްލިއެވެ.

"ދެން އަޅެ....ރިހާމު....ތިހެން ނުބަލަބަލަ....ލަދުގަނެއޭ،" މޫނުގައި އަތް އަޅަމުން ދިމްނާ އަނެއް ފަރާތަށް އެނބުރުނެވެ.

"ދިމް އަށް ލަދުގަންނަން ވެސް އެނގޭތަ ....މި ކޮޅު ބަލާލަބަލަ....ތި ރީތި މޫނަށް ބަލަން ހުރެދާނަން އިރު އޮއްސެންދެން ވެސް،" ދިމްނާ ލަދުގަތްކަން އެނގުމުން ރިހާމު ބުނެލިއެވެ. ދިމްނާ އިތުރަށް ދަލުގަންނަވާލުމުގެ ނިޔަތުގައެވެ.

"ފޫއްސެއް ނުވާނެ ....ހުސް ފޭކު....ހައްދައް ނޫޅޭ....ތި ފިރިހެނުންނެއް ރަނގަޅެއް ނުވާނެ،" ދިމްނާ ހާމަކުރީ އޭނާ ދެކޭގޮތެވެ.

"އެބުނީ...އަހަރެން ވެސް ތަ ....އެހެން ވިއްޔާ ދަނީ، " ރުޅި އައިކަމަށް ހަދާފައި ރިހާމު ތެދުވަން މަސައްކަތް ކުރިއެވެ

ރިހާމު ރުޅިއައި ހެން ހީވުމުން ދިމްނާ އަށް ތެޅިގަނެވުނެވެ. ރިހާމު ބީވެގެން ދިއުމަކަށް ދިމްނާ ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ރިހާމާއި ނުލައި މިހާރު ދިރިއުޅޭކަށް ދިމްނާއަށް ފަސޭހައެއް ނޫނެވެ. އޭނާގެ ހިތުގައި ވަނީ ރިހާމުގެ ނަން  އެއަށްވުރެ ބޮޑަށް ބިންވަޅު ނެގިފައެވެ.

"ނޫން ...ރިހާމު ނުދޭ!.... އެހެން ބުނި އެއްޗެއް ނޫނޭ...އަހަރެން ދެކެ ރުޅި އައިސްގެން ނުދޭ...ޕްލީޒް...ދެން ރިހާމު ރުޅި އަންނަ އެއްޗެއް ނުބުނާނަން.،" ދިމްނާއަށް ރޮވުނެވެ. ދިމްނާ ގެ މައުސޫމުކަން ފެނުމުން ރިހާމަށް ހެވުނެވެ.

"ހާދަ އަވަހަކަށް ރޮވުނީ....ބޮޑެތި ކުދިން ހިތްވަރު ގަދަވާންވާނެ....އެހާ އަވަހަށް ރޯކަށް ނުވާނެ،" ހެމުން ހެމުން ރިހާމު އިށީނެވެ. ދިމްނާ ތުން ވައްތަރެއް ޖައްސާލަމުން އެނެއް ފަރާތަށް އެނބުރުނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އެކަނި މާއެކަނި ރަށުގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ސަޖުނާ އިށީދެގެން އިނެވެ. އިރު އޮއްސެމުންދާ މަންޒަރު ބަލާލުމަށް އާދައިގެ މަތިން ގިނަ ދުވަސް ދުވަހު ސަޖުނާ އަތިރިމައްޗަށް އާދެއެވެ. ރާޅުތައް ގޮނޑުދޮށުގައި ބީއްސާލަމުންދާ ހިމޭން އަޑު އަހާލުމުން ހިތަށް އެލިބޭ ތަސައްލީ އަކީ ބަޔާން ކުރަންވެސް ދަތި ތަސައްލީއެކެވެ. އެ ހަމަ ހިމޭން މާހައުލު ގައި ވަގުތުތައް ހޭދަކޮށްކުމަކީ ސަޖުނާގެ މިހާރުގެ އާދައެކެވެ. އެކަނިވެރިކަމަކީ އޭނާގެ ހުރިހާ ވެސް އުފާ ކަމުގައި ދެކެއެވެ.

ސަޖުނާ އެ ރީތި ހިމުން ދޮންވެލި އަތިރިމަތީގައި އިނެއް ކަމަކު އޭނާގެ ސިކުނޑި ގޮސް ހުއްޓުނީ މާ ދުރުގައި ވީ އޭނާގެ ލޯބިވެރިޔާ ރިހާމަށެވެ. ފަހަކަށް އައިސް ސަޖުނާއާއި ރިހާމު ދުރުވަމުން ދާ ކަމުގެ އިހުސާސް ސަޖުނާއަށް ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ފިކުރާއި ޚީޔާލު އެ ހަމަ ހިމޭން މާހުލާއި ނުގުޅޭ ހަލަބޮލިކަމުން ސިކުނޑި ތަޣައްޔަރު ކުރުވައިފިއެވެ. އާދައިގެ މަތިން ސަޖުނާގެ  ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ދެލޯ ފުސްވާން ފެށުމުން މަޑުމަޑުން އަތުގެ ނުފުށުން ދެލޯ ފުހެލިއެވެ. އުނގުމަތީގައި އޮތް އޭނާގެ ފޯނު ނަގައި އިނގިލިތަކުގެ ހަރަކާތް އަވަސްކޮށްލިއެވެ.

"ހެލޯ..ލޯބީ ހާދަ ނުގަޑިއަކު...ކިހިނެއްވީ؟" ސަޖުނާ ހީކުރި ވަރަށްވުރެ ފަސޭހައިން ރިހާމު ފޯނު ނެގިއެވެ.

"މިސް ވެގެން ގުޅާލެވުނީ...ވަކި ގަޑިއެއް އޮވޭތަ؟ ނޭނގުނީ ސޮރީ،" ދެރަވި ވަރުން ސަޖުނާ ފޯނު ކަނޑާލިއެވެ.

ސަޖުނާ ފޯނު ކަނޑާލީ ހިތްހަމަ ނުޖެހިއްޖެ ކަން އެނގުމުން ސަޖުނާއަށް ގުޅޭތޯ ރިހާމު މަސައްކަތް ކުރިއެވެ. ރިހާމު ގުޅާ އިރު ވެސް ފޯނަށް ބަލަހައްޓައިގެން ސަޖުނާ ހަމަ އޮތީ ހިތުގައި ޖެހުނު ވަރުން ފޯނު ނަގަން ބޭނުން ނުވެފައެވެ. ދެ ފަހަރަކު ކޯލް މިސް ވުމަށްފަހު ދެ ފިކުރެއްގައި ހުރެފައި އެންމެ ފަހުން ސަޖުނާ ފޯނު ނެގިއެވެ.

"ތިހާ ބިޒީއާ ކީއްވެއޭ ތި ގުޅަނީ؟" ހިތްހަމަ ނުޖެހިފައި ހުރުމުން ސަޖުނާއަށް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

"ލޯބީ...އެހެން ބުނި އެއްޗެއް ނޫނޭ.،" ރިހާމު ހީލަމުން ބުނެލިއެވެ. "ސަޖޫ މިހާރަކަށް އައިސް ހާދަ އަންޑަސްޓޭންޑިންގ ނޫނޭ ދޯ!" ރިހާމު ގަބޫލު ކުރާގޮތުގައި އޭނާ އުޅޭ ބިޒީ ހާލު ސަޖުނާއަށް ވެސް ވިސްނެން ޖެހޭނެއެވެ.

"އޭރު ވެސް އެނގޭ އަހަރެންކަން ގޯސްވާނީ....ރިހާމަކަށް މިހާރު އަހަންނަކަށް ވަގުތެއް ދެވޭކަމަކަށް ނުވޭ....އެއަށް ވުރެ ރިހާމު މާ ބިޒީ....ޝަކުވާ ކުރާކަށް ބޭނުމެއް ނޫން...އެކަމަކު ކެތްނުވީމަ ބުނެވުނީ،" ރީހާމާއި ދެބަސް ވުމާއި ޖަދަލު ކުރުމަކީ ސަޖުނާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް ކަންކަމާއި ކެތް ކުރެވޭނީ ވެސް އިންސާނަކަށް ވަކި މިންވަރަކަށް ނޫން ހެއްޔެވެ. ސަޖުނާއަށް ވީ އެހެންނެވެ

"އަހަންނަށް ވީވަރަކުން ވަގުތު ދޭނަމޭ....އެގްޒާމް ދުވަސްކޮޅު ވީމަ ބިޒީއީ ހަމަ.... ސަޖޫ ކޮންކަމެކޭ ރަށުގައި އޮތީ؟" ރިހާމު ބޭނުންވީ މައުޟޫއު ބަދަލުކޮށްލާށެވެ.

"މާ ބޮޑު ކަމެއް ނެތް....ރިހާމު އަންނަނީ ކޮންއިރަކުންތަ؟...ކުރީ ލިބުނު ޗުއްޓީއަކަށް ވެސް ނާންނަމެއްނު.... ރިހާމާއި ބައްދަލު ކޮށްލާ ހިތުން ކެތްވަނީއެއް ނޫން...ތިޔަ ސޫރަ ދެކޭހިތުން މި ހުންނަނީ...،" ސަޖުނާގެ އަޑު މަޑުވިއެވެ. އެ އަޑުގައި ވަނީ ރިހާމު ދުށުމުގެ އިންތިހާއީ އާދޭހެވެ.

"އެހެންވީމަ ދާންވީ ދޯ....އަންނަ ޗުއްޓީގައި ދާން ޕްލޭން އެބަ ކުރަން....ފައިނަލް ވީމަ އަންގާލާނަން...ސަޖޫ ވާނެ މާލެ އަންނަން....އަހަރެން ވެސް ސަޖޫ އާއި ބައްދަލު ވާނެ ދުވަހަކަށް އިންތިޒާރު މި ކުރަނީ... އަބަދުވެސް ތިޔަ ސޫރަ އަހަރެންގެ މި ހިތުގައި ބިންވަޅު ނެގިފައި ވާނެ ކަން ގައިމު" ރިހާމު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މަޖުބޫރީ ހާލަތު ސަޖުނާއަށް ވަންހަނާ ކުރުމަށެވެ. ކިތަންމެ ބޭނުންވި ނަމަވެސް ސަޖުނާ އާއި ގުޅެވިދާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރު ރިހާމުގެ ނެތެވެ. އެއަށް ވުރެ އޭނާގެ މައްޗަށް މައިންބަފައިންގެ ނުފޫޒު ބޮޑެވެ.

"ވަރަށް ހެޕީ ވެއްޖެ...ރިހާމުގެ ތިޔަ ބަސްތަކުން ސަޖޫގެ މި ހިތަށް އަބަދު ވެސް ތަސައްލީ ލިއްބައިދެ....ރިހާމާއި ގުޅާލުމުން މި ހިތަށް ފިނިކަން ލިބިގެންދޭ.....ވަރަށް އުފާވޭ ތިހާ ކެއަރ ކުރާ ޕާޓްނަރ އެއް ލިބުނީމަ،" ރިހާމުގެ ޖަވާބުން ސަޖުނާ އުފަލުން ފޮޅުނެވެ.

"ތޭންކްސް...މަންމަމެން ރަގަނޅުތަ؟....ކޮންތާކުއޭ ތިޔަ އުޅޭނީ....ވައިއަޑު ވަރަށް ގަދަހެން ހީވަނީ،" ވައި އަޑު ބާރުކަމުން ރިހާމު އަހައިލިއެވެ.

"ބީޗްގައި....އެކަނިވެރި ހިތަށް އުފަލެއް ލިބޭތޯ،" މާނަ ފުން ޖަވާބެއް ސަޖުނާ ދިނެވެ.

"އަހަރެން ވެސް މި ހުރީއެއްނު ދެން ކީއްވެ އެކަނިވެރި ވާނީ،" ރިހާމު އަށް ސަޖުނާގެ އެ ޖަވާބެއް ނުވިސްނުނު ކަހަލައެވެ. ނޫނީ ވިސްނަން ބޭނުން ނުވީއެވެ.

"ދެން ރިހާމު..! ރިހާމު ތިހުރީ ސަޖޫ ކައިރީގައިތަ؟....އެހެންނަމަކަތާ އެކަނިވެރިކަން ފިލާނީ،" ސަޖުނާ ހީލިއެވެ

"އޯ...އެވާހަކަ ދޯ....ވަރަށް އަވަހަށް ދާކަށެއްނު މި އުޅޭނީ ސަޖޫ ކައިރިއަށް،" ރިހާމު ހީލިއެވެ. ސަޖުނާ ވެސް އެ ހުނުމުގައި ބައިވެރި ވެލުމަށް ހީލިއެވެ.

"އަހަރެން ވަރަށް ހިތް ތެޅޭ...ރިހާމުގެ މައިންބަފައިން ގަބޫލުވާނެތަ؟" އަބަދުވެސް ސަޖުނާ ހިތުގައި އޮންނަ ނުތަނަވަސްކަން ހާމަކުރިއެވެ.

"އެއްކަލަ ވާހަކަ ފެށީއްޔޭ..ތީ އަދި ފަހުގެ ކަމެކޭ ސަޖޫ....ހަމަޖެހިބަލަ،" ރިހާމު މަސައްކަތްކުރީ ސަޖުނާ ހަމަޖައްސާށެވެ.

"އޯކޭ އަހަރެން ހަމަޖެހިގެން މިހުރީ....އިރު ވެސް އޮއްސެން އުޅެނީ...ގެއަށް ދާން މިއުޅޭނީ ....ބައި..ލަވް ޔޫ،" ސަޖުނާ ވަށައިގެންވާ މާހުލަށް ބަލާލިއެވެ. އިރު މަޑުމަޑުން އޮއްސެމެން ދަނީއެވެ. ވިލާ ބޯ ދުވަހެއް ކަމުން ތަނަށް އަނދިރިކަން ވެރިވާން ފެށިއެވެ.  

"މީ...ޓޫ." ރިހާމު ފޯނު ކަނޑާލިއެވެ.

ގެއަށް ދިއުމަށް ސަޖުނާ ތެދުވަން އުޅެނިކޮށް ފަހަތުން އައިސް މީހަކު އޭނާގެ ކޮނޑުގައި ހިފާލިއެވެ. ސަޖުނާ ދިޔައީ ސިއްސައިގެންނެވެ. އެ މީހާގެ އަތް ނައްޓުވާލަމުން ފަހަތަށް އެނބުރި  ބަލާލި އިރު ކުރިމަތީގައި ހުރީ އާއިދު އެވެ. ލާނެތް ފާޑަކަށް ހިނިއައިސްފައެވެ. އާއިދު ފެނުމުން ސަޖުނާ ތުން އަނބުރާލިއެވެ.

"ސަޖޫ ހާދަ އެކަނި މާއެކަނި.... ތިޔަ ރިހާމެއް ނޫޅެ ސަޖޫއާއި ހެދިގެނެއް...އޭނަ މިހާރު އެހެން ބިޓެއް ނަގައިފި،" ރިހާމުގެ މައުލޫމާތާއި ސަޖުނާ އުޅެނީ ރިހާމު އާއި ރައްޓެހި ވެގެން ކަން އާއިދުއަށް އެނގުނު ގޮތެއް  ސަޖުނާ އަކަށް ނުވިސްނުނެވެ. އާއިދު ބުނި އެއްޗަކުން ސަޖުނާއަށް ހުރެވުނީ ހައިރާންވެފައި އާއިދު އާއި ދިމާއަށް ބަލާށެވެ.  

"ކޮންކަމެއް ...ފަހަތުން ނެއްޓެން ނޭނގިގެން މިތަނަށް ވެސް އައީއޭ ދޯ!"  އެންމެ ފަހުން ދެރަ ނުވާން ވެގެން ސަޖުނާ އާއިދު އާއި ދިމާއަށް ތަންކޮޅެއް ބާރަށް ބުނެލިއެވެ.

-ނުނިމޭ-