އެޕިސޯޑް-9
"ދަރިފުޅު ވީނު ދިމްނާ އާއި ގުޅެން ...މަންމައަށް ވަރަށް ކަމުދޭ...ޔަގީން ބައްޕަވެސް ރުހޭނަކަން،" ފަޒީނާ އޭނާގެ އެދުން ފާޅުކުރިއެވެ. ފަޒީނާ އެންމެ ގަޔާވީ ދިމްނާއަކީ ފަޒީނާމެން ފަދައިން މުއްސަދި ބަޔަކަށް ވެފައި މާލޭ ރައްވެހިންނަށް ވީތީއެވެ. ފަހުދުވެސް ގަބޫލުވާނެކަން ޔަގީންވާތީވެސް މެއެވެ.
ދުވަސްތައް މާޒީވަމުން ދިޔަ ވަރަކަށް ދިމްނާ އާއި ރިހާމުގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ދެ މީހުން އެކުގައި ހޭދަ ކުރާ ވަގުތު އިތުރު ވަމުން ދިޔައެވެ. ލޯބީގެ އެކި ވާހަކަތަކުން ދެ ހިތަށް ތަސައްލީ ލިބެމުން ދިޔައެވެ. ދެ މީހުންގެ މެދުގައި ކިތަންމެ ގާތް ގުޅުމެއް ބަދަހިވަމުން ދިޔަ ނަމަވެސް ރިހާމު އޭނާގެ އަސްލު މަގުސަދު ހަނދާނުން ފިލައިގެން ދިޔަކަ ނުދެއެވެ. ރިހާމުގެ މީހަކަ ހަމަ ސަޖުނާއެވެ. އޭނާ ދިމްނާއާއި ގުޅިގެން އުޅެނީ މަންމަމެން ގެ ލޮލުގައި އަނދުނެއް އެޅުވުމުގެ ނިޔަތުގައެވެ. މެލޭޝިޔާގައި އުޅޭ އިރު އުޅުމަށް ފަސޭހަ އަކަށް ވެސް މެއެވެ. އެހެނަސް ދިމްނާ ވަނީ ރިހާމުގެ ރީތިކަމުގެ އަވައިގާ ގައިދުވެފައެވެ. ދިމްނާއަށް ރިހާމު ދެކެ ވެވެނީ އަމަށަކު ލޯތްބެއް ނޫނެވެ. ދިމްނާ އަކީ ރިހާމަށްޓަކައި ދީވާނާ ވެފައިވާ މީހެއް ފަދައެވެ. ރިހާމުގެ އެ ކެހިވެރިކަމުގެ ޕްލޭން ނޭނގި ރިހާމުގެ ލޯބީގެ ކަސްތޮޅުގައި ދިމްނާ ގައިދުވިއެވެ. މެލޭޝިޔާގައި ރިހާމު ކުޅެމުންދާ ކުޅިވަރުގެ އެއްވެސް ކަމެއް ސަޖުނާއަށް ރޭކައެއް ނުލައެވެ. ސަޖުނާ ތެދުވެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ ރިހާމަށެވެ. ރިހާމު އަންނާނެ ދުވަހަކަށެވެ. ރިހާމާއެކު އުފާވެރި ހަޔާތެއްގެ ބިންގާ އެޅިގެންދާނެ ދުވަހަކަށެވެ.
"ސަޖޫ ..ހާދަ ފުން ޚިޔާލަކަށް ގެއްލިފައި...،" ސަޖުނާގެ މޭޒުގައި ޖަހާލަމުން އާއިދު ވާހަކަ ދެއްކިއެވެ.
އާއިދަކީ ސަޖުނާއާއި އެކު ރަށު ކައުންސިލުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ސަޖުނާގެ ރީތިކަމަށް ހިތް ކިޔާފައިވާ ޒުވާނެކެވެ. އެކި ގޮތްގޮތުން އާއިދު ދިޔައީ އޭނާ ސަޖުނާދެކެ ލައިކްވާކަން ހާމަ ކުރަމުންނެވެ. އެހެނަސް ސަޖުނާ އެކަމަށް ޝައުގުވެރިކަމެއް ނުދެއެވެ. އާއިދު އުޅޭގޮތުން ސަޖުނާ ވަރަށް ފޫހިވެއެވެ. އެ ވާހަކަ ކިތަންމެ ފަހަރަކު އާއިދުގެ ކައިރީގައި ސަޖުނާ ބުނެފި ވެސް މެއެވެ. އެހެނަސް އާއިދު ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"އާއިދު އަށް ކީއްތަ އަހަރެން ކޮންމެ ހިޔާލަކަށް ގެއްލިފައި ހުއްޓަސް،" ނުރުހުމުގެ ކުލަވަރު މޫނުމައްޗަށް ވެރިކުރުވަމުން، ފުން ޚިޔާލަކަށް ގެއްލިފައި ހުރެވުމުގެ ސަބަބުން ސިހިގެން ދިޔަ ސަޖުނާ ޖަވާބުދިނެވެ.
"ޔެސް...އަހަންނާ ބެހޭކަމެއް ނޫން...ސަޖޫ ތިހެން ދެރަވެފައި ހުންނަތަން ފެނުނީމަ ވަރަށް އަސަރުކުރޭ.،" ސަޖުނާގެ މޫނުމަތިން ފެނިގެން ދިޔަ ނުރުހުމުގެ އަސަރުގެ ސަބަބުން އާއިދު ވާހަކަ ދެއްކީ ދެރަވެފައި ހުރެއެވެ.
"އަޅެ...އާއިދު އަށް ކޮންކަމެއް ހޭ!" ސަޖުނާ އާއިދު އާއި ދިމާއަށް ބަލާލިއެވެ. "މިއަދު މަސައްކަތެއް ނެތީތަ؟...މަސައްކަތެއް ނެތިއްޔާ ދެން ކޮފީއަކަށް ދޭބަލަ...މަސައްކަތެއް ނެތިއްޔާ އޮފީހުގައި މަޑުވާ މީހެއްތަ ތީ،" ސަޖުނާ ހާމަކުރީ އާއިދުގެ މިޒާޖެވެ. ހަގީގަތެވެ. އާއިދަކީ ގިނަ ވަގުތު އޮފީހުގައި މަޑުވާ މީހެއް ނޫނެވެ. ކޮފީތަކަށް އަބަދު ބޭރަށް ދިއުމަކީ އާއިދުގެ އާދައެކެވެ.
"ހިނގާ މަށާއެކު ކޮފީއަކަށް ދަމާ...،" ހިނިތުން ވެލަމުން އާއިދު ދައުވަތު ދިނީ އޭނާ އާއި އެކު ކޮފީއަކަށް ދިއުމަށެވެ.
"އަތުން ދޫކުރޭ!...މޮޔަވީތަ؟...ދުވަހަކުވެސް މި ސަޖުނާ ތި އާއިދު އާއި އެކު ކޮފީއަކަށް ނުދާނަން...އަޑު އިވިއްޖެ،" ސަޖުނާގެ އަޑު ބާރެވެ.
"އަދި ކޮންމެ ވެސް ދުވަހަކުން ސަޖޫ އަހަންނާ އެކު ކޮފީއަށް ދާނެ ކަމަށް އުންމީދު ކުރަން އެ ދުވަހަކަށް އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން،" ނުރުހުމާއެކު ސަޖުނާ ވާހަކަ ދެއްކުމުން ދެރަވެފައި ހުރި އާއިދު މިހެން ބުނުމަށް ފަހު އޮފީހުން ނުކުތުމަށް ހިނގައިގަތެވެ.
ސަޖުނާގެ ނުރުހުމުގެ ބަސްތަކާ ހެދި އާއިދު ވަރަށް ދެރަވެއެވެ.. އިސްޖަހައިގެން ހުރެ އާއިދު އޮފީހުން ނުކުތެވެ. އާއިދު ހިތަށް އެރިއެވެ. އޭނާ ދެކެ ސަޖުނާ އެ ވަރަށް ރުޅި އެ އަންނަނީ އޭނާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. ގައިމު އޭނާގެ ސަފި ވެސް ހުތުރެއް ނޫނެވެ. ސަޖުނާ އެވަރަށް ނަފްރަތު ކުރަން ޖެހޭ ސަބަބެއް ވިސްނާ ވިސްނާ ވެސް އާއިދުއަކަށް ނޭނގުނެވެ. އާއިދުއަށް އެތަކެއް މަސައްކަތް ކުރެވިއްޖެއެވެ. ސަޖުނާ ހިތް ފަތަހަ ކުރެވޭތޯއެވެ. ސަޖުނާގެ ލޯބި ހާސިލު ކުރެވޭތޯއެވެ. ސަޖުނާގެ ފުރަތަމަ ފެނިލުމާއެކު އާއިދުގެ ހިތަށް ގޮތްތަވެގެން ދިޔައެވެ. ސަޖުނާ ފެންނަ ކޮންމެ ފަހަރަކު ހިތުގެ ހިނގުން އަވަސްވެގެންދެއެވެ. އަބަދުމެ ސަޖުނާ ފެނުމަށް ހިތް އެދެންފެށިއެވެ. އެއާއިއެކު އާއިދު މަސައްކަތް ކުރީ ސަޖުނާގެ ރުހުން ހޯދުމަށެވެ. ސަޖުނާއަށް އޭނާގެ ހިތުގެ ރިހުން އަޑު އިއްވައިދިނުމަށެވެ. ސަޖުނާގެ ލޯބީގައި ދިވާނާވަމުން ދިޔަ އެ ނިމަތެތި ހިތުގެ ތަރާނާ އިއްވައި ދިނުމަށެވެ. އެހެނަސް ސަޖުނާ ހުރީ އެއިން ކަމަކަށް އެއްވެސް ފުރުސަތު ދޭކަށެއްނޫނެވެ. އެއަށްވުރެ އޭނާގެ ހިތުގައި ރިހާމަށް ދެވިފައިވާ ލޯބީގެ އަގު މާބޮޑެވެ. އެ އަގު މާ މަތިވެރިއެވެ. ރިހާމަށް ތެދުވެރިވުމަށް ސަޖުނާ ކަނޑައަޅާފައިވާ އަޒުމް އާއިދުގެ އާދޭހަކުން ގުޑުވައެއް ނުލެވުނެވެ.
"ދަރިފުޅާ ތިހެން ނުއޮވެ ދޭ ބަލަ ދިމްނާ އުޅޭ ގޮތެއް ބަލާލަން އެ ކޮޓަރިއަށް،" ފަޒީނާ ވާހަކަ ދެއްކީ ރިހާމު އާއެވެ. ފަޒީނާ ގެ މަގުސަދަކީ ރިހާމު އަބަދުވެސް ދިމްނާ އާއި އެކުގައި އުޅުމެވެ. އެ ގުޅުން ބަދަހި ކުރެވޭތޯ ކުރެވެން ހުރި ކޮންމެ ކަމެއް ފަޒީނާއަށް ވެގެން ވީއްޔާ ކުރާނެއެވެ. ފިރިމީހާ ފަހުދުގެ އެދުމަކީ ވެސް އެއީ ކަމަށް ވާތީއެވެ.
"ދެން މަންމާ...ދިމް ވެސް ޕްރައިވެސީ ބޭނުންވާނެ ދޯ!.... އަބަދު އެ ކޮޓަރިއަށް ގޮސް އުޅުނީމަ އޭނާއަށް އުނދަގޫ ދޯ ވާނީ...،" ފޫހި ގޮތަކަށް އާ ފުރެލަމުން ރިހާމު ބަހަނާ ދެއްކިއެވެ. ވަގުތުގެ ގޮތުން ދިމްނާގެ ކޮޓަރިއަށް ދާން ބޭނުން ނުވާތީއާއި ވެސް އެކުގައެވެ. އެހެނަސް ރިހާމުގެ މަންމަ، ފަޒީނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
"ތި ނުދާން ވެގެން ބަހަނާ ދައްކަނީއޭ...މަންމަ އަށް ހަމަ ޔަގީން ދިމްނާ ނޫޅޭނެ ދަރިފުޅު ދިޔައޭ ކިޔާފައި އުނދަގޫ ވެގެންނެން ... މަންމަ ބުނީތީ ވެސް ކަންނެތް ނުވެ ތި އެނދުން ތެދުވެގެން ދޭބަލަ،" ފަޒީނާ އެދުނެވެ.
މަންމަ ކިޔަންފަށައިފި އެއްޗެއް ކުރު ނުކޮށް ކިޔާނެ ކަން ރިހާމަށް އެނގެއެވެ. އެހެންކަމުން ރިހާމު ތެދުވިއެވެ. ކުޑަކޮށް ފުރެޝް ވެލުމަށް ފަހު ކޮޓަރިން ނުކުތެވެ. އެ މަންޒަރު ބަލަން ހިނިތުން ވެފައި ރިހާމުގެ މަންމަ ފަޒީނާ އިނެވެ.
"މޯނިންގ ނުވަނީތަ؟" ކޮޓަރިއަށް ވަތް އިރު އެނދުގައި އޮށޯވެލައިގެން އޮތް ދިމްނާ ފެނުމުން ރިހާމު އެހިއެވެ.
"ހޭލާ މިއޮތީ....ނުތެދުވެވިފަ،" ދިމްނާ މޯޅިއަކަށް ދެމެލަމުން ޖަވާބު ދިނެވެ.
"އެޔޯ ރޭނގައި މާ ލަހުން ނިދީދޯ؟" ރިހާމު އައިސް އެނދުގެ މަގަތުގައި އިށީދެލިއެވެ.
"ނޫނޭ....ވީކެންޑް ވީމަ...ކަމެއް ނޯންނާނެ އެއްނު،" ދިމްނާގެ ވާހަކައިން އޭނާ ބޭނުންވަނީ އިތުރަށް ނިދަން ކަމުގައި ރިހާމަށް ހީކުރެވުނެވެ.
"އަހަރެން އައީމަ ޑިސްޓާރބް ވީދޯ...ސޮރީ އެނގޭ...މަންމަ ކަންތަކޭމީ،" ރިހާމު މާފަށް އެދުނެވެ. މަންމަ ބުނެ ކިޔައިގެން ދިމްނާގެ ކޮޓަރިއަށް އަންނަން ޖެހުނީތީ ހިތްހަމަ ނުޖެހިފައި ހުރެވުމުން އެކަން ރިހާމަށް ހާމަ ކުރެވުނެވެ.
"އެ ކަނޑާލީ މަންމަ ބޮލަށް...ތިހެން ނުބުންޏަސް ރިހާމު ގެ ސަބަބުން ދިމްއަށް އުނދަގުލެއް ނުވާނެ އެއްނު،" ރިހާމު އަންނަ ހިތުން އެ ކޮޓަރިއަށް އައި ވާހަކަ ނުބުނުމުން ދިމްނާގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް ދިންމާ ބޭނުންވަނީ ރިހާމުގެ ގާތުގައި ވުމަށެވެ. އޭނާގެ މިލްކަކަށް ރިހާމު ހަދާށެވެ.
"މި ހެނދުނު ގައި ރިހާމަށް މިކޮޓަރި ފެނުނީ... އެނެއްކާ ކިހިނެއްވީ" ދިމްނާ ޔަގީންކޮށްލަން ބޭނުން ވީ ރިހާމު އައީ ކީއްވެކަމެވެ. ރިހާމުއަށް ދިމްނާގެ މަގުސަދު ސާފުވިއެވެ.
"ދިމްގެ މޫނު ދެކި ނުލާ ނުހުރެވިގެން މިއައީ،" ދިމްނާ ހިތްހަމަ ޖައްސާލަ ދިނުމުގެ ގަސްތުގައި ރިހާމު ބުނެލިއެވެ.
"އެކަމު ދެންމެ ބުނި މަންމަ ކިޔާ ވަރުންނޭ ....ދިމް ހައްދަންވެގެން ދޯ ތިއުޅެނީ!" ރިހާމާ ދިމާއަށް ބަލާލަމުން ދިމްނާ އެހިއެވެ.
"ނޫނެކޭ...ގަބޫލުކޮށްބަލަ....ދިމްގެ ތި މޫނު ނުފެނި އެހާ ގިނަ އިރު ކެތްވޭތަ؟ ވަރަށް މިސްވެގެން މިއައީ،" ރިހާމު މަސްތީ ނަޒަރަކުން ދިމްނާ އާއި ދިމާއަށް ބަލާލިއެވެ.
"އަސްލުތަ؟...މިސްތަ ވަނީ...ލޯތްބެއް ނުވޭދޯ،" ދަރަ ވެލާފައި ދިމްނާ އެހިއެވެ.
"ވަރަށް ލޯބިވޭ،" ރިހާމު މަޑުމަޑުން ބުނެލިއެވެ. ދިމްނާއަށް އިވޭ ވަރަށެވެ. ދިމްނާގެ ކަންފަތާއި ކައިރިވެލަމުންނެވެ.
-ނުނިމޭ-

