އެޕިސޯޑް-8

"ދިމް....އަހަރެން ވަރަށް ގަޔާވޭ ދިމް އާ... ކީކޭ ދިމް ބުނަނީ،" ރިހާމު ދިމްނާގެ މޫނަށް ވަރަށް ތޫނު ބެލުމަކުން ބަލާލިއެވެ. އެ ބެލުމުގައި ވަނީ އިންތިހާއީ އެދުންވެރިކަމެވެ.

ރިހާމުގެ އެ ތޫނު ބާލާލުމުގެ ސަބަބުން ދިމްނާ އަށް ކުޑަކޮށް އުނދަގޫ ވެސް ވިއެވެ. ރިހާމު އެހާ ލާނެތްކަމެއް ކުރިއަކުން ދިންމާ ނުދަނެއެވެ. ކޮންމެ ގޮތެއް ވި ނަމަވެސް ރިހާމު ފާޅުކުރީ ދިމްނާ އެ ކަމަކަށް އިންތިޒާރުކުރުމަން ދިޔަ ކަމެކެވެ.

"އަސްލު ވެސްތަ؟...ވަރަށް އުފާވެއްޖެ...ރިހާމު ލައިކްވާ ވާހަކަ ބުނުމުން ހިތް ފުރިއްޖެ... ރިހާމު ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އަހަރެން އިންތިޒާރު ކުރަމުން މި ދަނީ ރިހާމުގެ ފަރާތުން ތިޔަފަދަ ބަހެއް ހިވޭނެ ދުވަހަކަށް. އެ ވަގުތަކަށް...އަހަރެން ވެސް ރިހާމު ދެކެ ވަރަށް ލައިކްވޭ... ތޭންކްސް" ދިމްނާ ހިނިތުން ވެލިއެވެ. އެ ލޮލުގައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ.

ރިހާމުގެ ފަރާތުން އިޝާރާތެއް ލިބޭތޯ އިންތިޒާރު ކުރާތާ ނުހަނު ގިނަ ދުވަސް ވެއްޖެއެވެ. ކިތަންމެ ލައިކް ވީ ނަމަވެސް ދިމްނާ ކެތްތެރިކަމާއެކު، އިންތިޒާރު ކުރީ ރިހާމުގެ ބަހަކަށެވެ. އަންހެނަކަށް ވީތީ ލޯބީގައި އިސްނަގަން ފަސް ޖެހުނު ނަމަވެސް ރިހާމަށް އިހުސާސްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދިމްނާ ކުރިއެވެ. މިއަދު އުފަލުން ދިމްނާގެ ލޮލުން ނިރާލީ އެ ކަރުނައެވެ. އެ އުންމީދުތައް ހާސިލުވީތީ އެވެ. އެ ހުވަފެންތަކުގައި ކުލަ ޖެހުނީތީއެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ...ދިމްގެ ތި ރީތިކަމަށް ފުރަތަމަ ދުވަހުން ހިތް ދެވިއްޖެ،" ދިމްނާގެ އަތަށް މަޑުމަޑުން ފިތާލަމުން ރިހާމު ބުނެލިއެވެ. "ތިޔަ ރީތި ދެލޯ އަހަރެން މަސްތުގައި ޖައްސައިފި،" އަދި ދިމްނާއާއި ހަތަރ ކަޅި ހަމަ ކޮށްލަމުން ރިހާމު ބުނެލި ޖުމްލައިން ދިމްނާ ލަދުން އިސްޖަހާލިއެވެ.

ދެން ހޭދަވެގެން ދިޔައީ ހަމަ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދިމްނާ އިސްޖެހި ގޮތަށް އެހެން އިނީއެވެ. ލަދުންނެވެ. ރިހާމުގެ އަސަރުގަދަ ބަސްތަކުގެ ސަބަބުންނެވެ. އެ ޝާއިރާނީ ލަފުޒުތަކުން ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ނޭނގޭހާ ހިތްހަމަޖެހުމެވެ. ދިމްނާގެ ހިތުގެ ހިނގުން އަވަސް ވިއެވެ. ތުންފަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. ލަފުޒުތައް ދުލުން ބޭރުވެގެން ނައި ނަމަވެސް ދިމްނާ އިނީ އުފަލުން ފޮޅިފައެވެ.  ދިމްނާ އެހާ ލައިކްވާ މީހަކާ ދިމާވި މީ ފުރަތަމަ ފަހަރެވެ. ރިހާމު ކާމިޔާބު ކުރުމަށް ދިމްނާ ބޭނުންވީ އެ ސަބަބާ ހުރެއެވެ.  

"ދިމް ...ދެން ތިހެން ނުކުރެ އެއްޗެއް ބުނެބަލަ،" ދިމްނާގެ ދަތްދޮޅީގައި ހިފާލައި އިސްއުފުލާލުމަށް މަސައްކަތް ކުރަމުން ރިހާމު ވާހަކަ ދެއްކިއެވެ.

"ކީކޭ އަހަރެން ބުނާނީ....ވަރަށް ހެޕީ...ރިހާމު އަހަންނާއި ލައިކްވީމަ.،" ދިމްނާ މަސައްކަތް ކުރީ ރިހާމުއާއި ދިމާއަށް ނުބަލައި ވޭތޯއެވެ.

"އެ ނިމުނީ،" ރިހާމު އެހިއެވެ. އޭނާ  ބޭނުންވަނީ ދިމްނާ އިތުރަށް ވާހަކަ ދައްކުވަންކަމެއް ނޫނީ ލަދުގަންނަވަން ކަމެއް ނޭނގެއެވެ.

"ދެން ރިހާމު ލަދުގަންނުވަން ނޫޅެބަލަ،" ރިހާމުގެ ލާނެތް ހިނިތުންވުން ފެނުމުން ދިމްނާ ތުމަށް ވައްތަރެއް ޖައްސާލަމުން މަޑުމަޑުން ބުނެލިއެވެ.

"ދިމް ލަދުވެސް ގަނޭތަ؟ އަލަށް މި އެނގުނީ ....އެހެންވީމަ ހުއްޓާލީ އެނގޭ،" ހީގަންނަމުން ރިހާމު އެހެން ބުނުމުން ދިމްނާއަށް ވެސް ހެވުނެވެ.

ހަގީގަތުގައި ރިހާމު ބޭނުންވީ މެލޭޝިޔާގައި ކިޔަވަން ހޭދަކުރާ ދުވަސްކޮޅުގައި ވަގުތީ ހިތްހަމަޖެހުމަށް ބައިވެރިއެއް ހޯދާށެވެ. ދިމްނާ އާއި ދިމާވި ދުވަހުން ފެށިގެން ރިހާމު މަސައްކަތް ކުރަމުން އައީ އެމަގަށެވެ. ދިމްނާ އޭނާގެ އެ މަޅީގައި ޖެހެމުން ދިއަލެއް ފަސޭހަކަމުން ރިހާމު ހުރީ ހިތްހަމަޖެހިގެންނެވެ. ދިމްނާ ހިތުގައި ރިހާމާއި މެދު ހިނގަމުން ދިޔައީ ކޮންކަހަލަ ޖަޒުބާތެއްތޯ ބެލުމަކީ ރިހާމަށް މުހިއްމު ކަމެއް ނޫނެވެ.  ރިހާމާއި ގާތްވަމުން ދިޔަ އިރު ރިހާމުގެ އެ ހީލަތްތެރި ރޭވުމެއް ދިންމާއަކަށް ނުއެނގެއެވެ.  ރޭކާވެސް ނުލައެވެ.

"ރިހާމް ...ޕްލީޒް އަހަންނަށް ބޭވަފާތެރި ނުވާތި،" އަތުގައި އޮތް ރިހާމުގެ ފޮޓޯގައި ބޮސްދެމުން ސަޖުނާ މަޑުމަޑުން ކިޔާލިއެވެ. އޭރު އޭނާގެ ލޮލުން ކަރުނަ ނިރާލާފައި ހުއްޓެވެ.

މިއަދު ސަޖުނާގެ ހާލަކީ އެއީއެވެ. އެ ފަކީރުގެ ކަމަކީ އެއެވެ. ހުސްވަގުތެއް ވެއްޖެނަމަ ކޮޓަރީގައި ރިހާމުގެ ހަނދާންތަކާއެކު އުޅުމެވެ. ރިހާމުގެ ފޮޓޯތަކަށް ބަލަން އޮތުމެވެ. ރަށަށް ބަދަލުވުމަކުން ސަޖުނާގެ ސިކުނޑިއަކަށް އިތުރަށްވި ލުއިކަމެއް ނެތެވެ. ރިހާމު އާއި ގުޅެނީ ވެސް މަދު ފަހަރެއްގައެވެ. ލިހާމުގެ ލޯތްބީގައި ދީވާނާވެފައިވާ މީހެއް ފަދައިން ސަޖުނާ އިންތިޒާރީގެ ދުވަސްތައް ގުނަމުން ދިޔައީ ރިހާމު އަންނާނެ ދުވަހަކަށެވެ.

ސަޖުނާ ރިހާމުގެ ނަންބަރަށް ގުޅާލިއެވެ. ރިހާމު މިސްވިލެއް ބޮޑުކަމުންނެވެ. އެ މޫނު ދެކިނުލައި ނިދި ވެސް އޭނާއާއި އަލްވަދާއު ކިޔާފައި ވާތީއެވެ.

"ކީކޭ ލޯބީ،" ފޯނު ނެގި ގޮތަށް ރިހާމު ބުނެލިއެވެ.

"މިސްވާވަރުން މި ގުޅީ....ކިހިނެއްތަ ލޯބި؟" ސަޖުނާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ހިތާމައާއި ހިތްދަތިކަމުގެ އަސަރު އެ އަޑުގައި އެކުލެވިގެން ވިއެވެ.

"ހަމަ ބެސްޓް...ސަޖޫ މޫނު މަތި މިލާ މޯޅިވެފައި ...އެއް ވެސް ތާޒާކަމެއް ނެތެއްނު ...ކިހިނެއްވީ،" ރިހާމަށް ސަޖުނާގެ މޫނަށް ބަލަން ހުރެފައި އެހިއެވެ. ސަޖުނާގެ މޫނުމަތީގެ އުޖާލާކަން ގެއްލިފައިވާ ތަން ފެނުމުން ރިހާމު ވެސް ދެރަވިއެވެ. ސަޖުނާއަށް ޓަކައި އޯގާތެރިކަމުގެ ހިތް ފުރިގެން އެރިކަހަލައެވެ.

"ރިހާމާ ދުރުގައި އަހަރެން އުފަލުން އުޅޭނީ ކިހިނެއް ،" ސަޖުނާ އަށް ރޮވުނެވެ.

"ދެރަ ނުވަބަލަ ... ރިހާމު މީ ސަޖޫގެ މީހެއްނު...މި ޗުއްޓީގައި ދާނަމޭ ސަޖޫ ކައިރިއަށް،" ރިހާމު ބޭނުންވީ ސަޖުނާ އުފާ ކޮށްދޭށެވެ. ސަޖުނާ ގެ އެ ރީތި މޫނަށް ހިނިތުންވުން ވެރިކުރުވާށެވެ.

"އަސްލުވެސްތަ؟ ވަރަށް އުފާވެއްޖެ،" ރިހާމު އަންނާނެ ވާހަކަ ބުނުމުން ސަޖުނާގެ މޫނު އުޖާލާވެގެން ދިޔައެވެ. ކުއްލިއަކަށް އެނދުން ތެދުވެވުނެވެ. ސަޖުނާ އުޅުނު ގޮތުން ރިހާމަށް ވެސް ހެވުނެވެ. ރިހާމު ބޭނުންވަނީ ވެސް އެ ގޮތެވެ. ސަޖުނާ އަބަދުވެސް އުފަލުގައި ހުރުމެވެ.

ރިހާމުގެ ކިޔެވުމުގެ ކަންތައް ފުރިހަމަކުރަމުން ދިޔައެވެ. މައިންބަފައިންގެ އެދުމަށް ކާމިޔާބު މޮޅު މީހަކަށް ވުމަށް މިންނެތް ކުރަމުން ދިޔައެވެ. ސަޖުނާއާއި އޮންނަ ގުޅުން ވެސް ބަރާބަރަށް ކުރިއަށް ގެންދަމުން ދިޔައެވެ. ސަޖުނާ ރަށުގައި ހުރި ނަމަވެސް ފޯނުން އެ ގުޅުން ދެމިއޮތެވެ. ސަޖުނާ އާއި ސިއްރުން ދިމްނާގެ ކަންތައްތައް ވެސް ރިހާމު ދިޔައީ ކުރިއަށް ގެންދަމުންނެވެ.

]]

"ދަރިފުޅާ މަންމަމެން އައީމަ އުނދަގޫވޭތަ؟" ރިހާމު އޮތް އެނދުގެ މަގަތުގައި އިށީދެލައިގެން އިން ފަޒީނާ އެހިއެވެ.

"މަންމަ ދައްކާ ވާހަކަ...މަންމަމެންނާ ހެދި ދުވަހަކު ވެސް އުނދަގޫވާނެތަ؟" ރިހާމު ޗޮކެއް ކަނޑާލަމުން ދެފައި ވައްކޮށްލަމުން އެނދުގައި އިށީނެވެ.

"މިއަދުވެސް ބައްޕަ ބޭރަށް ދިޔައީތަ؟" ބައްޕަ ފެންނަން ނެތުމުން ރިހާމު އެހިއެވެ.

"ހޫމް...ވިޔަފާރި ކަމެއްގަ ބޭރަށް އެދިޔައީ...އެއީއެއްކު ބައްޕަގެ ކަމަކީ،" ފަޒީނާ ހާމަ ކުރީ ހަގީގަތެވެ. ވިޔަފާރީގެ ކަންކަމާއި އަވަދިނެތި އުޅުން ނޫން އެހެން ކަމެއް ދިރިއުޅުމުގައި ފަހުދަށް މުހިއްމު ހެނެއް ހިޔެއް ނުވެއެވެ. ފަޒީނާ މިދަތުރު އައީ ބަލިވެ ޑޮކްޓަރަށް ދައްކާލާށާއި އެކުއެވެ. އެހެނަސް އެކަމަށް ވެސް ވަގުތު ނުވެގެންނެވެ.

"ރިހާމު ނުދަންތަ ބޭރަކަށް....އޯ ސޮރީ،" ޓަކިވެސް ޖަހާ ނުލައި ދިމްނާ އެތެރެއަށް ވަންނަމުން އެހެން އެހުމަށްފަހު ރިހާމާއެކު އެހެން އަންހެނެއް ހުރިތަން ފެނުމުން މާފަށް އެދުނެވެ.

"މަންމަމެން އަނަ ވާހަކަ ބުނީމެއްނު ...މީ މަންމަ.... މަންމާ މީ ދިމްނާ ...އަހަރެންގެ ފްރެންޑެއް" ރިހާމު ތައާރަފު ކޮށްދިނެވެ.

"އަހަރެން މިވަގުތު ގޮސްލީ ...ފަހުން އަންނާނަން،" ދިމްނާ ކޮޓަރިން ނުކުތެވެ.

"ހާދަ ރަނގަޅު މަންޖެއް ވައްތަރު ޖަހައޭ...،" ރިހާމާއި ދިމާއަށް ބަލަން ހުރެވެފައި ފަޒީނާ ބުނެލިއެވެ.

"މަންމަ ވެސް ދައްކާ ވާހަކަ ...ފުރަތަމަ ފެންނަ އިރަށް ކިހިނެއް ރަނގަޅުކަން އެނގޭނީ،" ރިހާމު ހާމަ ކުރީ ހަގީގަތެވެ.

ފަޒީނާ އެކި ވަރުވަރުން ރިހާމުގެ ކިބައިން އޮޅުން ފިލުވައިގެން ދިމްނާ ގެ މައުލޫމާތު ހޯދިއެވެ. މާލޭ ކުއްޖެކެވެ. ދެމީހެއްގެ ހުރި ހަމަ އެކަނި އަންހެން ދަރިއެވެ. ތަނަވަސް އާއިލާއެކެވެ. ފަޒީނާ އަށް ލިބުނު ހުރިހާ މައުލޫމާތަކުން ފަޒީނާ ހިތް ރުހޭ ޒާތުގެ ކުއްޖަކަށް ދިމްނާ ވެއްޖެއެވެ. މާލޭ ރައްވެހިކަމާއި ފަޒީނާމެން ފަދައިން ތަނަވަސް ކުއްޖަކަށް ވުން އެއީ ފަޒީނާ ހިތްހަމަޖެހުނު މައިގަނޑު އެއް ސަބަބަވެ.

"ދަރިފުޅު ވީނު ދިމްނާ އާއި ގުޅެން ...މަންމައަށް ވަރަށް ކަމުދޭ...ޔަގީން ބައްޕަވެސް ރުހޭނަކަން،" ފަޒީނާ އޭނާގެ އެދުން ފާޅުކުރިއެވެ. ފަޒީނާ އެންމެ ގަޔާވީ ދިމްނާއަކީ ފަޒީނާމެން ފަދައިން މުއްސަދި ބަޔަކަށް ވެފައި މާލޭ ރައްވެހިންނަށް ވީތީއެވެ. ފަހުދުވެސް ގަބޫލުވާނެކަން ޔަގީންވާތީވެސް މެއެވެ.

-         ނުނިމޭ -