އެޕިސޯޑް-7
"ކެއުން ފަހުން ...ކީކޭ ބުނީ ...އާނ...ރިހާމު...ރިހާމު އާއި މެރީ ކުރާ ދުވަހަކުން ކެއުން ދިނީމަ އޯކޭ ވާނެ،" ހަދާން ކުރަމުން ރިޝްމާ ހީގަތެވެ. ސަޖުނާ ވެސް އެ ހުނުމުގައި ބައިވެރި ވުމުގެ ގޮތުން ހީލިއެވެ.
ޗުއްޓީ ދުވަހެކެވެ. ރޭގަނޑުގެ ހަމަ ހިމޭންކަން ދުނިޔެއަށް ވެރިވެފައިވިއެއް ކަމަކު އާދައިގެ މަތިން މާލޭގެ މަގުތަކުގެ ހަލަބޮލިކަމަށް ބަދަލެއް ނާދެއެވެ. ސަޖުނާ އިށީދެގެން އިނީ މާލޭގެ ހުޅަނގު ފަރާތުގެ ތޮށިގަނޑު މަތީގައެވެ. އޭނާގެ ޚީޔާލު ދަތުރު ކުރީ މީގެ ކުރިން ރިހާމު އާއި އެކު މި ގޮތަށް މާލޭގެ އެކި ސަރަހައްދު ތަކުގައި އެ ދެ ލޯބިވެރިން ހޭދަކޮށްފައިވާ ދުވަސްތަކުގެ ހަނދާންތަކަށެވެ. އެ އުފާވެރި ވަގުތުކޮޅުތަކުގެ ހިތްގައިމު ހަދާންތަކަށެވެ. ރިހާމު ދިޔަފަހުން ސަޖުނާގެ ދިރިއުޅުން ހާދަ ފަޅުވެއްޖެއެވެ. ސަޖުނާ މުޅިން އެކަނިވެއްޖެ ކަމުގެ އިހުސާސް ތާއަބަދަށް ކުރެވެން ފަށައިފިއެވެ. ހިތް އެދި ގޮވަނީ ރިހާމުގެ ކައިރީގައި ވުމަށެވެ. އެހެނަސް މިއަދުގެ ހަގީގަތް ގަބޫލުކުރުން ނޫން ދެން އޮތީ އެހެން ކޮން ގޮތެއް ހެއްޔެވެ.
ރިހާމުގެ ހަދާންތައް ވަށާލާ ކޮންމެ ފަހަރަކު ސަޖުނާގެ ލޯ ކަރުނުން ފުރެއެވެ. އެކަނި އިން ނަމަވެސް ގިސްލެވެއެވެ. އެއަށް ވުރެ ބޮޑަށް ސަޖުނާ ދެރަވަނީ ފަހަކަށް އައިސް ސަޖުނާއަށް ފެންނަމުންދާ ހުވަފެން ތަކުގެ ސަބަބުންނެވެ. އެ ހުވަފެންތަކުން ސަޖުނާއަށް ފެންނަނީ މުޅި އުމުރަށް އޭނާއަށް ރިހާމު އާއި ވަކިވާން ޖެހޭތަނެވެ. އެހެން އަންހެނަކު އައިސް ރިހާމު އަތުގައި ހިފައިގެން ދުރަށް ދާތަނެވެ. އެ ހަދާންތަކާއެކު، ސަޖުނާ ލޮލުން ނިރާލާފައިވާ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ.
ރިހާމު މިސްވިލެއް ބޮޑުކަމުން ސަޖުނާ ފޯނު ނަގައި ރިހާމަށް ގުޅާލިއެވެ. ދެ ފަހަރަކު ގުޅާލި އިރު ވެސް ރިހާމު ފޯނެއް ނުނަގައެވެ. އޮންލައިންގައި ނުވެސް ނެތެވެ. ފަހަކަށް އައިސް މީ ސަޖުނާގެ ހާލެވެ. ރިހާމަށް ގުޅަން ކިތަންމެ ބޭނުން ނަމަވެސް ގުޅާލެވެނީ މަދުފަހަރެއްގައެވެ. ރިހާމު އަބަދުވެސް ކޮންމެ ވެސް ކަމެއްގައި ބިޒީއެވެ. ސަޖުނާއަށް ވަގުތުކޮޅެއް ހުސްކޮށްލީއްޔާ ކީއްވާނެ ހެއްޔޭ ސަޖުނާ ހިތާހިތުން ކިޔާލިއެވެ. ސަޖުނާގެ މިއިން ކޮންމެ ސަކުވާއަކަށް ރިހާމު ބަހަނާއެއް ދައްކައި ސަލާމަތް ވެއެވެ. ކޮލެޖުގައި އުޅެން ޖެހޭލެއް ބިޒީކަމަށް ބުނެއެވެ. ކުރިން އެކުވެރިން މުހިއްމު ނޫން ރިހާމަށް މިއަދު އެކުވެރިން ވަރަށް މުހިއްމެވެ. އެ މީހުންނާއި އެކު ބޭރަށް ދިއުމަކީ ވެސް މުހިއްމު ކަމެއް ކަމުގައި ވެއްޖެއެވެ. ހަމައެކަނި ވަގުތު ނުދެވޭ މީހަކަށް ހުރީ ސަޖުނާއެވެ. ސަޖުނާއަށް ނުއެނގެނީ އެކަން އެހެން އެނބުރެން ޖެހުނު ސަބަބެވެ. އަދި ވެސް ސަޖުނާ ހުރީ ރިހާމަށް ޓަކައެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި އެކުގައެވެ. ފަރުދާގެ ފުރަގަހުގައި ހިގަމުންދާ ކަންކަން ސަޖުނާއަށް ފަހުމު ނުވާތީއެވެ. ސަޖުނާ ރިހާމަށް ކުރާ އިތުބާރެއްގެ ބޮޑުކަމާއި ވެސް އެކުގައި އެއިން ކަމެއް ރޭކާ ވެސް ނުލައެވެ.
"މިރޭ ބިޒީތަ؟" ރިހާމުގެ ކޮޓަރިއަށް ވަންނަމުން ދިމްނާ އެހިއެވެ.
"ކިހިނެއްވީ!" ޓީޝާޓެއް ވެސް ނުލައި ކުރު ސޯޓުކޮޅެއްގައި އޮތް ރިހާމު ލަދުން ގައިގާ ބެޑްޝީޓް އަޅައިލަމުން ނޭނގޭކަމަށް ހަދާފައި އެހިއެވެ.
"ބުނީމެއްނު މިރޭ ޑިނައަރ އަކަށް ދާނަމޭ،" ރިހާމު އޮތް އެނދުގެ މަގަތުގައި ދިމްނާ އިށީނެވެ. "ހަދާން ނެތުނީތަ؟" ރިހާމުއާއި ހަތަރުކަޅި ހަމަކޮށްލަމުން ދިމްނާ އެހިއެވެ.
ދިމްނާގެ މި އަމަލުން ރިހާމުއަށް އިތުރަށް އުނދަގޫވިއެވެ. ޚާއްސަކޮށް ދިމްނާ އުޅޭލެއް ގާތްކަމުންނެވެ. ދިމްނާ އަބަދު ކައިރީގައި ޖައްސާފައި ހުންނާތީ ސަޖުނާ އާއި ވާހަކަ ދައްކާލާނެ ވަގުތެއް ނުވާތީ އެކަމާ ވެސް ރިހާމު ހިތްހަމަ ނުޖެހެއެވެ. ހަގީގަތުގައި ހިތްހަމަ ނުޖެހެނީއެއް ނޫނެވެ. ރިހާމުގެ ލޯބިވެރިއެއް ހުންނަކަން ދިމްނާއަށް އެނގެން ރިހާމު ބޭނުން ނުވަނީއެވެ.
ދިމްނާ ގެ މަގްސަދަކީ ރިހާމު އޭނާގެ މިލްކަކަށް ހެދުމެވެ. ފުރަތަމަ ފެނިލުމުން ވެސް ރިހާމުގެ ފިރިހެން ވަންތަ ހަށިގަނޑަށް ދިމްނާގެ ހިތް ކިޔަންފަށައިފިއެވެ. ރިހާމު އުޅޭ ގޮތުން ބައެއް ފަހަރު ދިމްނާ ހައިރާން ވެއެވެ. ދިމްނާގެ ފަރާތުން އެތަކެއް ސިގުނަލެއް ދޭ އިރުވެސް ރިހާމު އަޅައިވެސް ނުލަނީ ކީއްވެ ހެއްޔެވެ ދިމްނާ ހިތަށް އަރައެވެ. ދިމްނާ ހަމަހޭގައި ހުރެ އޭނާގެ ހިތުގައި އުފެދި ފޯދެމުންދާ ލޯބީގެ ރާޅުބާނި ތާކުންތާކުނުޖެހޭ ބޭކާރު އެއްޗަކަށް ވިޔަކަ ނުދޭނެއެވެ. އެއަށް ވުރެ ހުށިޔާރު ކަމާއެކު އޭނާގެ ލޯބި ކާމިޔާބު ކުރާނެކަން ގައިމެވެ.
"ހޫމް....ހަނދާން ނެތިފައި މިހުރީ ހިނގާ ދަމާދޯ!" ރިހާމު ބުންޏެވެ.
"އަދިވެސް އޮތީތަ؟ ... ތިހެން އޮވެގެން ކިހިނެއް ދާނީ...އަވަސްކޮށްބަލަ،" ދިމްނާ ބެޑްޝީޓްގައި ހިފިއެވެ.
"ދެން...ދިމް... ދޭބަލަ ބޭރަށް...އަހަރެން ރެޑީވެގެން ނިކުންނާނަމޭ،" ރިހާމު އެދުނީ އޭނާ ތައްޔާރު ވެލަންދެން ދިމްނާ ބޭރަށް ނުކުތުމަށެވެ.
"ކީއްތަވީ އަހަރެން ހުރިއްޔާ....ތީ އަންހެނެއް ނޫނޭ،" ދިމްނާ ލާނެތް ފާޑަކަށް ހީލަމުން ތެދުވިއެވެ.
"އަހަރެން އެހެން ބުނެފިތަ!....ލާނެތްނުވެ ދެން ނިކުމެބަލަ،" ރިހާމުއަށް ވެސް ހެވުނެވެ.
"އޯކޭ،" ދިމްނާ ނިކުންނަން ހިނގައިގަތެވެ. " ކޮންމެ ވެސް ދުވަހަކުން ތި ހަށިގަނޑު އަހަރެންގެ މިލްކަކަށް ހަނދާނަން،" އަމިއްލަ ނަފުސަށް ދިމްނާ ބުނެލިއެވެ.
ދޮރު ތަޅުލުމަށް ފަހު ރިހާމު އުޅުނީ ފެންވަރަށް ވަންނަނާށެވެ. ތުވާލި އަނދެލި ތަނުން ފޯނު ރިންގު ވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު ސަޖުނާގެ ކޯލެކެވެ. ސަޖުނާއާއި ނުގުޅޭތާ ދެ ދުވަސް ވަރު ވެފައި ވާތީ ރިހާމު އަވަހަށް ފޯނު ނެގިއެވެ.
"ހާދަ ބީޒީއޭ...އަހަރެން މިސްވެއް ނުވޭދޯ!" ފޯނު ނެގުމާއެކު ސަޖުނާއަށް ޝަކުވާ ކޮށްލެވުނެވެ.
ސަޖުނާ ހުރީ އެއްވެސް ވަރަކަށް ޝަކުވާ ނުކުރެވޭތޯ ކެތްކޮށްލައިގެންނެވެ. ކިޔަވަން އުޅޭއިރު ރިހާމު ބިޒީވާނެ ކަން އެނގޭތީއެވެ. އެހެނަސް ދެ ދުވަސް ވީއިރު ގުޅާނުލައި ހުންނަހާ ރިހާމު ބިޒީވާނެ ކަމަށް ސަޖުނާއަށް ގަބޫލު ނުކުރެވޭތީ ޝަކުވާކޮށްލެވުނީއެވެ.
"ލޯބީ...ސޮރީ އެނގޭ ގުޅަން އުޅޭނިކޮށް ތި ގުޅީ،" ރިހާމު ބުނެލިއެވެ. ކެމެރާ ޖައްސާލަމުންނެވެ.
"އެބުނީ...ދެން ތުވާލި އެނދެގެން ތި ހުރީއްޔޯ،" ސަޖުނާއަށް ރިހާމު ތުވާލި އަނދެގެން ހުރިތަން ފެނުމުން އެހިއެވެ. "ފެންވަރަށް ދާކަށްނު ތި އުޅެނީ...ރިހާމު ދޮގު ވެސް ހަދައޭ ދޯ؟" ފޫހި ގޮތަކަށް ތުން އަނބުރާލަމުން ސަޖުނާ ވާހަކަ ދެއްކިއެވެ.
" އާނއެކޭ ފެންވަރަން ދާންށޭ...މިހެން ހުރެވެސް ލޯބިއަށް ގުޅިދާނެ އެއްނު،" ރިހާމު ޖަވާބު ދިން އިރު އޭނާގެ މޫނުމަތިން ލާނެތް ހިނިތުން ވުމެއް ވެރިވެފައި ހުއްޓެވެ.
"އެކުން ދެން މާ ރޮމޭންޓިކް ވާނެކަމެއް ނެތް...ދުރުގައި ހުންނަ އިރު މައިތިރިވާންވާނެދޯ!" ސަޖުނާ އެ ބުނީ ވެސް ތެދެކެވެ. އެހާ ދުރުގައި ހުންނަ އިރު ނަފުސު ކޮންޓްރޯލް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ގޯހެއް ނުހަދައި ހުރުމަށްޓަކައެވެ.
"ކިހިނެތް މައިތިރިވާނީ ....ހާދަ މިސްވެއޭ،" ރިހާމު ބުންޏެވެ. އެހެނަސް ރިހާމު އެހެން ބުނި ނަމަވެސް އެ
ކަން ސަޖުނާ ގަބޫލު ކުރިހެނެއް ހިޔެއް ނުވެއެވެ. ސަޖުނާގެ މޫނުމަތިން ހިނިތުންވުން އެއްވެސް ވަރަކަށް ފެންނަން ނެތަތީއެވެ.
"ތި ހަމަ ބުނެލާ އެއްޗެއް. ސަޖޫ މިހާރު ގަބޫލެއް ނުކުރާނަން،" އެއްވެސް ޖެހިލުމެއް ނެތި ސަޖުނާ ހާމަ ކުރީ ރިހާމަށް ކުރަމުން އައި އިތުބާރު މިހާރު ކުޑަވެފައިވާކަމެވެ.
"އަސްލުވޭ ލޯބީ...ވަރަށް މިސްވޭ...އުޅެންޖެހޭ ގޮތުން ވަރުބަލި ވެފައި ހުންނާތީ ނުގުޅެނީ...ކައްކަން ވެސް ވާނީ އަމިއްލައަކަށްނު...ލޯބި އަންޑަސްޓޭންޑް ނުވޭތަ؟" ސަޖުނާގެ އިތުބާރަކީ ރިހާމަށް ވަރަށް މުހިންމު އެއްޗެކެވެ. އެހެނަކަމުން އޭނާ ބިޒީކަން އޮޅުންފިލުވައިދޭން ރިހާމު މަސައްކަތްކުރިއެވެ
"އާނދޯ...އޯކޭ ގަބޫލުކޮށްފީމޭ...ލޯބިއަށް އެނގޭތަ...ރަށުން ޖޮބު ލިބިއްޖެ....މަސް ދުވަސް ވީމަ ރަށަށް ދާންވީ،"
"މަންމަ ކައިރިއަށް ދެވޭތީ ވަރަށް އުފަލުންދޯ ތި ހުންނަނީ...ކޮންގްރާ،" ރިހާމު މަރުހަބާ ކިޔެވެ. ސަޖުނާ މަންމަ ކައިރިއަށް ދިއުމަކީ އަބަދުގެ ހުވަފެނެއް ކަން ރިހާމަށް އެނގެއެވެ.
"އުފާ ވާނެތާ...ލޯބި ކައިރިއަށް ގެންދިޔަ ނަމަވެސް އުފާވާނެ،" ސަޖުނާ ހާމަކުރީ އޭނާ ރިހާމު ކައިރީގައި ހުރުމަށް އެދޭކަމެވެ.
ސަޖުނާ އެހެން ބުނި ވަގުތެވެ. ރިހާމުގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލައިފައި އެއްޗެއް ބުނި އަޑު ސަޖުނާއަށް އިވުނެވެ. އެހެނަސް މާ ބޮޑަށް ބުނި އެއްޗެއް ސާފުއް ނުވިއެވެ.
"ކާކުތަ ދޮރުގަ އެ ޓަކި ޖަހަނީ،" ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން ސަޖުނާ އެހިއެވެ. އަންހެނެއްގެ އަޑުހެން ހީވެގެންނެވެ.
"ނޭނގެ...ރޫމް ސަރވިސް އަށް ހެން ހީވަނީ،" ރިހާމު ގަސްތުގައި ދޮގުހެދިއެވެ.
ލަސްވެގެން ޓަކި ޖަހާފައި ގޮވީ ދިމްނާއެވެ. ސަޖުނާ ގުޅުމުން ރިހާމަށް ސަޖުނާއާއި ވާހަކަ ދައްކަން ފޯނުގައި އޮވެވުނީއެވެ. ގަޑިއެއްހާ އިރު ވީ އިރުވެސް ރޭކާވެސް ނުލީއެވެ. އެހެން ކަމުން ސަޖުނާގެ ކޯލު ކުރުކޮށްލުމަށްފަހު ރިހާމު ފާޚާނާއަށް ވަނީ މޫނު ދޮވެލާ ތާޒާވެލުމަށެވެ. މާބޮޑަށް ލަސްވެފައި ހުރުމުން ފެންވެރުމުގެ ޚިޔާލު މުޅިން ދޫކޮށްލުމަށްފަހުއެވެ.
"ހާދަ ލަސްވީ ނިދީ ދޯ،" ރިހާމު ދޮރު ހުޅުވާލުމުން ދިމްނާ އެހިއެވެ.
"ނޫނޭ...މި ނުކުތީނު ހިނގާ ދަމާ،" ރިހާމު ހިނގައިގަތެވެ. ފަހަތުން ދިމްނާވެސް ދިޔައެވެ. ދެމީހުންގެ ދެ މެދަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ލިފްޓްތެރޭގައި ހުރި އިރު ރިހާމުގެ ލޯ އަމާޒުވެފައި ވަނީ ދިމްނާ ގެ ރީތި ހަށިގަނޑަށެވެ. އެ ރީތި ކަމުގެ ތެރެއަށް ރިހާމު ގެ ސިކުނޑި ޣަރަގު ވެފައިވާ ފަދައެވެ.
ބޭރަށް ދިއުމަށް ތައްޔާރުވެފައި ހުރި ދިމްނާ ފެނުމުން ދިމްނާއަށް ބަލަހައްޓައިގެން ރިހަމަށް ހުރެވުނީއެވެ. ދިމްނާ ކުރިއަށް ވުރެ ވެސް ރީތި ހެން ރިހާމަށް ހީވެއެވެ. އަޅައިގަންނަ ފަދަ ރީތި ކަމެއް ދިމްނާ ގެ ހުންނަކަމަށް އަމިއްލައަށް އިއުތިރާފު ވެވުނެވެ. އެހެންޔާ ނުވާ ގޮތްތަކެއް މި ފަހަކަށް އައިސް ރިހާމުއަށް ވާންފެށިއެވެ. ހަމަ ދިމްނާ އާއި ހެދިއެވެ. އޭނާ އާއި އެކު ހޭދަ ކުރެވޭ ވަގުތުތައް ގިނަވި ވަރަކަށް ރިހާމުގެ ހިތުގައި މަޑުމަޑުން ދިމްނާގެ ވިންދު ޖަހަންފެށި ކަހަލައެވެ.
ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް ރިހާމުއަށް ދިމްނާގެ މަތިން ހަދާންކުރެވެއެވެ. ދިމްނާގެ ޚިޔާލުގައި ގިނަ ވަގުތު ހޭދަކުރެވެއެވެ. ސަޖުނާގެ މަތިން ފޫހިވާ ގޮތް ވާންފެށި ކަހަލައެވެ. ގަސްތުގައި ނޫން ނަމަވެސް ސަޖުނާއާއި ދުރުވާކަމުގެ އިހުސާސް ރިހާމު އަމިއްލައަށް ވެސް ކުރެވެއެވެ.
"ރިހާމު ހާދަ ވަރަކަށް ތި ބަލަނީ،" އެހެން ނޫނީ ރިހާމު ބެލި ނަމަވެސް އުނދަގޫ ނުވާ ދިމްނާއަށް އުނދަގޫ ގޮތެއް އިހުސާސް ވުމުން ބުނެލިއެވެ.
"ރީތި ކަމުން....ދިމް ހާދަ ރީއްޗޭ....ކޮންތާކުން ހޯދި ރީތިކަމެއްތީ،" ރިހާމު ތައުރީފް ކޮށްލިއެވެ.
"ދެން ރިހާމް....ލަދުގަންނަވަން ނޫޅެބަލަ،" ދިމްނާ މޫނުގައި ދެއަތް އަޅައި ބޮޑިވެގަތެވެ.
"އޯކޭ...އޯކޭ އަހަރެން ހުއްޓައިލީ ޓެކްސީއެއްގައި ދޯ ދާނީ،" ދިމްނާއަށް ބަލައި ލަމުން ރިހާމު އެހިއެވެ. އާނއެކޭ ބުނުމުގެ ގޮތުން ދިމްނާ ބޯ ޖަހާލިއެވެ.
ދިމްނާ ހުރީ ނުހަނު އުފަލުންނެވެ. އޭނާގެ މަސައްކަތް ކާމިޔާބު ވާ ކަމުގެ ސިގުނަލު ލިބެމުން ދިއުމުންނެވެ. ރިހާމުގެ ފަރާތުން ފެންނަމުން ދަނީ ދިމްނާ އާއި ގަޔާވާކަމެވެ. ސީދާ ހުށައެޅުމެއް ނުލިބުނު ކަމުގައި ވީ ނަމަވެސް ދިމްނާ ދެކެނީ ރިހާމުގެ ހިތުގައި ކޮންމެވެސް ވަރަކަށް ދިމްނާގެ ވިންދު ޖަހަންފަށައިފި ކަމަށެވެ. އެއީ ދިންމާއަށް ލިބޭ ހިތްހަމަ ޖެހުމެކެވެ. އެ އުފާވެރިކަން ދިމްނާގެ މޫނު މަތިން ފެންނަން ހުރި ވެސް މެއެވެ. ދިމްނާ ބޭނުންވަނީ އަބަދުވެސް ކިރިޔާވެސް ވަގުތެއް ވެއްޖެއްޔާ ރިހާމުގެ ކައިރީގައި ހުރުމަށެވެ. ރިހާމުގެ ސަމާލުކަން ހޯދުމެވެ. މިވީ ކުޑަ ދުވަސްކޮޅު ދިމްނާ ކިތަންމެ ރަނގަޅަކަށް ވެސް އެކަން ކާމިޔާބު ކޮށްފިއެވެ. ދިމްނާގެ އުންމީދީ ހުޅުކޮޅު ދިއްލާލައިފިއެވެ.
ފަޑު އަލިކަމުގެ ތެރޭގައި ދެ މީހުން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. މަޑު މިޔުޒިކެއް ގެ އަޑު އިވިއިވި ހުއްޓެވެ. ހަމާހިމޭން ކަމުގެ ސާލެއް އެ ދެމެދަށް ވެރި ވެފައިވާ ފަދައެވެ. ދިމްނާ އިންތިޒާރު ކުރަމުން ދިޔައީ ރިހާމު އިސްވެ ވާހަކަ ދައްކާނެ ކަމަށެވެ.
"ކިހިނެއް ވަނީ މިތަން.....ފެމެލީ މަތިން މިސް ނުވޭތަ؟" ރިހާމު އެހިއެވެ. ރިހާމުގެ ވާހަކަ ހުރި މިސްރާބުން ދިމްނާ ހިތްހަމަ ނުޖެހުނެވެ.
"ފެމެލީ މިސްވާނެތާ...ކިޔަވަން މިތަނަށް މިއައީ ...ކިތަންމެ މިސްވި އަސް އެކަން ހާސިލު ކުރެވޭތޯ ބަލަންވާނެ ދޯ!" ރިހާމު ނެގި މައުލޫއިން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް އެކަން މޫނުމަތިން ނުދައްކައި ވޭތޯ މަސައްކަތް ކުރަމުން ދިމްނާ ޖަވާބު ދިނެވެ.
"ދޮގެއް ވެސް ނޫން ...ރިހާމު ހީކުރީ މިސްވާނެ އެހެން މީހެއް ވެސް ހުންނާނެ ކަމަށް،" ވަރަށް ނޫން ކަމަށް ހަދާފައި ރިހާމު އެހިއެވެ. ދިމްނާގެ ބިޓެއް ހުރޭތޯ ޔަގީންކޮށްލުމަށެވެ.
"ތިބުނި އެއްޗެއް ނޭނގުނު،" ދިމްނާ ގަސްތުގައި ރިހާމު ބުނި އެއްޗެއް ނޭނގޭކަމަށް ހެދިއެވެ.
"ބިޓެއް ހުރޭހޭ މިބުނީ،" ރިހާމު ސީދާ މައުލޫއަށް ދިއައެވެ.
"ނުހުރޭ ...އެކަމު ވަރަށް ގަޔާވާ ކުއްޖެއް ވަރަށް ފަހުން ފެނިއްޖެ...އެ ކަމު ދެރައީ އެ ކުއްޖާ ހުސްކަމެއް ވެސް ނޭނގެ...އަހާކަށް ވެސް ނުކެރޭނެ،" އިސްޖަހާލަމުން ދިމްނާ ޖަވާބު ދިނެވެ.
"އެހެންތަ؟...ހުސްދޯ އެހެންވީމަ..އަހަރެން މިހެން އުޅުނަކަސް ޖޭ ވާނެ މީހެއް ނުހުންނާނެތާ ދޯ!" ރިހާމު ހީލިއެވެ.
އޭނާ ސަޖުނާ ގާތު ވީހާ އަހުދު ތަކާއި ވައުދުތައް ހަނދާން ނެތުނު ކަހަލައެވެ. ސަޖުނާ އަށް ރޭކާ ވެސް ނުލަންޏާ މި ކޮޅުގައި އުޅޭ އިރު މީ ކޮށްލަން ރަނގަޅު ކަމެކޭ ރިހާމު ހިތަށް އެރިއެވެ. ސީރިއަސްކޮށް ނޫން ނަމަވެސް ރިހާމު ބޭނުންވީ ދިމްނާ އާއި ގަތްވުމަށެވެ.
"ދިމް....އަހަރެން ވަރަށް ގަޔާވޭ ދިމް އާ... ކީކޭ ބުނަނީ،" ރިހާމު ދިމްނާގެ މޫނަށް ވަރަށް ތޫނު ބެލުމަކުން ބަލާލިއެވެ. އެ ބެލުމުގައި ވަނީ އިންތިހާއީ އެދުންވެރިކަމެވެ.
- ނުނިމޭ -

