އަވަސް އަވަހަށް ރިހާމު ސަޖުނާއަށް ގުޅާލިއެވެ. ރިހާމު ގުޅާކަން އެނގުނު ނަމަވެސް ގަސްތުގައި ފޯނު ނުނަގާ، ފޯނަށް ބަލަހައްޓައިގެން ސަޖުނާ އޮތެވެ. އޭނާގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އޮށޯވެގެން އޮތް ބާލީސް ތެމިފައި ވަނީ ސަޖުނާގެ ލޮލުން އައިސްފައިވާ ކަރުނައިންނެވެ. ސަޖުނާ މޫޑީ ވެފައި އޮތީ ރިހާމު ނުގުޅީމައެވެ. ސަޖުނާ ހިތުގައި ޖެހުނީ ރިހާމު އޭނާ އިގްނޯ ކުރާކަމުގެ އިހުސާސްތަކުން ސިކުނޑި ބަރު ކުރީތީއެވެ. އެހާ އަވަހަށް ހިތުގައި ޖެހި މާޔޫސްވީ ރިހާމު އޭނާއަށް ބީވެދާނެ ކަމުގެ ވަސްވާހުން ހިތް ތަޣައްޔަރު ވަމުން ދިއުމުން ނެވެ. ހިތުގައި އުފެދެމުން ދިޔަ ޚިޔާލީ ރާޅުބާނިއަށް ތަސައްލީއެއް ނުލިބުމުގެ ސަބަބުން އެންމެ ފަހު އޮބަހައްޓަމުން ދިޔަ ކަރުނަތައް އިޚްތިޔާރަކާއި ނުލައި ފައިބައިގަތީއެވެ.
ރިހާމު ހުއްޓާ ނުލައި ގުޅަމުން ދިޔައެވެ. އެހެން ކަމުން ސަޖުނާ އަކަށް ރިހާމު ގުޅާތަން ބަލަން ހުންނާކަށް ކުޅަދާނައެއް ނުވިއެވެ. ދެލޯ ފުހެލަމުން، ހަމަޖެހިލުމަށް ފުންކޮން ދެތިން ނޭވާއެއް ލުމަށްފަހު ތެދުވެ އެނދުގައި ހަމަޖެހިލައިގެން އިށީދެލައިގެން އިނދެ ފޯނު ނެގިއެވެ.
"ރިހާމު ކިހިނެތްވީއޭ،" ސަޖުނާއަށް ވާހަކަ ދެއްކުނީ އެހާ ގަޔާވާ ގޮތަކަށް ނޫނެވެ.
"އަހަރެން ހާދަ ގިނައިން ގުޅައިފީމޭ...ސަޖޫ ކީއްތަ ކުރަނީ،" އޭނާ އެވަރަށް ގުޅި އިރު ވެސް ފޯނު ނުނެގުމުން ރިހާމު ޝަކުވާ ކުރިއެވެ.
"ނިދިފައި އޮތީ،" ސަޖުނާ ގަސްތުގައި ދޮގު ހެދިއެވެ. ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ.
އެހެން ނޫނަސް ސަޖުނާ އަކީ މުހިންމު މީހެއް ކަމަށް ނުދެކޭ މީހަކަށް ސަޖުނާ އިންތިޒާރު ކުރުމެއް ވެސް ނެތެއް ނޫން ހެއްޔޭ ބުނަން ސަޖުނާ ހިތަށް އެރިއެވެ. ސަޖުނާ ބުނަން ކިތަންމެ ބޭނުންވި ނަމަވެސް އެ ބަސްތަސް ހިންދާލިއެވެ. ހަމަ އެކަނި އަމިއްލަ ނަފްސަށް އެހެން ބުނެލުމަށް ފަހުގައެވެ.
"ވަރަށް ހީނުވޭ...މިގަޑިގައި ލޯބި ނިދާނެ ހެން....މީ ދެ ނަމާދު ދޭތެރެ،" ރިހާމުއަށް ސަޖުނާގެ މިޒާޖު އެނގޭތީ އޭނާއަށް ޔަގީނާ ގާތަށް އެނގެއެވެ. ސަޖުނާ އެ ގަޑީގައި ނު ނިދާނެއެވެ.
"ހީނުކުރާ ކިތަންމެ ކަމެއް ވޭ ނޫންތަ؟ ރިހާމު... އަހަރެން ވެސް ހިޔެއް ނުކުރަމޭ ރިހާމު އަހަންނަށް ނުގުޅާނެ އެކޭ...ހަމަ އެކަނި މެސެޖެއް ކޮށްލާފައި ތިހެން އިގްނޯ ކޮށްލާނެއެކޭ.... އަހަރެން ދެރަވާނެ ވަރު ނުވިސްނާނެ އެކޭ،" ސަޖުނާއަށް ރޮވޭ ގޮތް ވިއެވެ. އެ ކަން ރިހާމުއަށް ވެސް އެނގުނެވެ. ސަޖުނާ ދެރަވީތީ ރިހާމު ވެސް ދެރަވިއެވެ. ސަޖުނާ އެހެން ހިތަށް އެރި ނަމަވެސް ގަސްތުގައި ރިހާމު ސަޖުނާ އިގްނޯ ކުރަންވީ ކީއްވެ ހެއްޔެވެ. ރިހާމު ސަޖުނާ ދެކެ ނުލާހިކު ލޯބިވެއެވެ.
"ސޮރީ ލޯބީ...ޓަޔަރޑް ވެފައި ހުރިވަރުން އެހެން ވީއްޔޭ ...ނިދުނީއްޔޭ... އަހަރެން ގަސްތުގައި ސަޖޫ އިގްނޯ ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނީ ސަޖޫއަށް...ސަޖޫގެ ތިޔަ ރީތި އަޑު އަހައިނުލައި ނުހުރެވޭނެ ކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ ސަޖޫ އަށް.... ދެން ބޮޑާ ނަހާކަބަލަ...ވީޑިއޯ ޖައްސާލަ ބަލަ،" ރިހާމު ބޭނުންވީ ސަޖުނާ ގެ މޫނު ބަލާލުމަށެވެ. ސަޖުނާ އުފާކޮށްލަ ދިނުމަށެވެ. ސަޖުނާގެ އެ ލޯބި ރީތި މޫނު ދުށުމަށެވެ.
"ނޫން...ދެން މިގަޑީގަތަ...،" ސަޖުނާއަށް ރޮވިފައި ހުރުމުން ސަޖުނާ ބޭނުންވީ ވީޑިއޯ އަށް ނުލާށެވެ. ސަޖުނާގެ ހިތާމަވެރި މޫނު މި ވަގުތު ރިހާމަށް ދަށްކާކަށް ސަޖުނާ ބޭނުމެއް ނޫނެވެ.
"ލޯބީ...މަންމަ އެބަގުޅާ ... މި ގަޑީގައި ބާއްވަނީ.،" ސަޖުނާ މަންމަ ގުޅަން ފެށުމުން މަންމަގެ ފޯނަށް ޖަވާބު ދިނުމަށް ރިހާމުގެ ފޯނު ކޯލް ކުރު ކޮށްލުމަށް ސަޖުނާ އެދުނެވެ.
"އެހެންތަ؟ އޯކޭ...މަންމައަށް ސަލާމް ބުނާތި...ލަވް.ޔޫ...މިރޭ ނިދުމުގެ ކުރިން ގުޅާނަން،" ކޯލް ނިންމާލަމުން ރިހާމު ވައުދުވީ މިރޭ އަދި ގުޅާނެކަމަށެވެ.
ރިހާމު އެދުނީ އޭނާއަށް އިންތިޒާރު ކުރުމަށެވެ. ރިހާމުގެ އެ އަޑު ސަޖުނާއަށް އިވުނު ނަމަވެސް އެ އަކަށް ވަކި އެއްޗެއް ސަޖުނާ ނުބުނެއެވެ. ރިހާމުގެ އެ ވައުދުތަކުގައި އަގެއް މިއަދު ސަޖުނާއަކަށް ނެތޭ ބުނާ ކަހަލައެވެ. ސަޖުނާގެ މޫނުމަތިން ފެނިގެން ދަނީ ރިހާމުގެ އެ ބުނުމަށް އިންތިޒާރު ކުރުމުގެ މާނައެއް އެބަ އޮތްހޭ ބުނާކަހަލަ އިހުސާސެކެވެ.
އެހެންނޫނަސް ސަޖުނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގެ ސަބަބުން ނަފްސު ބުނެދެމުން ދަނީ ރިހާމު ގެ ހިތުގައި ސަޖުނާ އަކީ މިހާރު އެހާ މުހިއްމު މީހެއް ނޫން ކަމުގައެވެ. އެއީ އެ ގޮތް ސަޖުނާ ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް މެއެވެ. އަދި މިއަދު ހިނގައިދިޔަ ކަންކަމާއި ގުޅިގެން ސަޖުނާގެ މޫޑު ވެސް ރަނގަޅެއް ނޫނެވެ. ސަޖުނާގެ ފަރާތުން ޖަވާބެއް ނައުމުން އެންމެ ފަހުން ސަޖުނާގެ މަންމަގެ ހާލު އަހާލަމަށް ފަހު ރިހާމު ފޯނު ބޭއްވީއެވެ. ނާއުންމީދީ ކުލަވަރު މޫނު މައްޗަށް ވެރިވެފައިވާ ހާލުގައެވެ.
ރިހާމު އޮށޯވެ އޮވެ ވިސްނާލިއެވެ. ސަޖުނާ އެ ވިސްނަނީ ކިހިނެއް ހެއްޔެވެ. އޭނާ އަކީ ސަޖުނާގެ މީހެކެވެ. ސަޖުނާގެ ލޯބީގައި ދިވާނާވެފައިވާ މީހެކެވެ. އެހެނަސް ރިހާމުގެ ސިކުނޑި ސަޖުނާގެ ޚިޔާލުތަކުގެތެރެއަށް ޣަރަގު ނުވެ އެ ޚިޔާލުތަކުގެ ތެރެއިން ފޭދިގެން މަންޒަރުގައި ކުލަ ޖެހެމުން ދިޔައީ މިއަދު އެ އެޕާޓްމަންޓުން ފެނުނު ރީތި އަންހެން ކުއްޖާގެ ޖާދުވީ ހަރަކާތްތަކެވެ. އެ ލޮލުގައިވާ ރީތިކަމެވެ. ރިހާމަށް ތެޅިގަނެވުނެވެ. އެ ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރަމުން އެނދުންތެދުވެ ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ. ފުރެޝް ވެލުމަށެވެ.
އިޚްތިޔާރަކާ ނުލައި ނަމަވެސް ދިމްނާގެ ދައުވަތަށް ރިހާމު ތައްޔާރު ވެވޭނެ އެންމެ ފުރިހަމައަކަށް ތައްޔާރުވެލުމަށް ފަހު ދިމްނާ ދިފައިވާ ނަންބަރަށް ގުޅާލިއެވެ. ރިހާމު ކޮޓަރިން ނުކުމެ ކުރިމަތީގައި ހުރި ދިމްނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ ހިނދުކޮޅެއް ފަހުން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް ދިމްނާ ރިހާމުއަށް ދައުވަތު ދިނެވެ. މަޑު ނޫކުލައިގެ ގަޔަށް ދޫ ޓީޝާޓެއް ލައިފައި ހުރުމުން ދިމްނާ ގެ ރީތިކަން އިތުކޮށްދެއެވެ. ރިހާމު ކިތަންމެ ނުބަލަން ހުރި ނަމަވެސް އިރު އިރުކޮޅާ ދިމްނާގެ އެ ޖާދުވީ މޫނަށް ބަލާލެވެއެވެ.
ކާ މޭޒުމަތީގައި ތަރުރާފައިވާ ތަށިތަކުގައި ސްޕެގަޓީ އާއި ފުރައިޑް ރައިސް އަދި ޑެވިލްޑް ޗިކެން ހުއްޓެވެ. އަދި ކޮށައިފައި ހުރި ފުރެޝް ފުރުޓްސް ތައްޓެއް މޭޒުގެ އެއް ފަރާތެއްގައި ހުއްޓެވެ.
"މީ ހަމަ ދިމްނާ ތައްޔާރުކޮށްފައި ހުރިހި އެއްޗެހި..." ފުރައިޑް ރައިސްކޮޅެއް ތައްޓަށް އަޅާލުމަށްފަހު އެއިން އެތިކޮޅެއް ރަހަ ބަލާލަމުން ރިހާމު ވާހަކަ ދެއްކިއެވެ.
" ހޫމް...މަދީތަ،" ދިމްނާ ބަލާލީ ރިހާމާއި ދިމާއަށެވެ.
ދެ މީހުންގެ ކަޅި ސީދާ ވި ވަގުތު ރިހާމުއަށް އުނދަގޫ ގޮތެއް އިހުސާސް ވެގެން ދިޔައެވެ. ހިތުގެ އެންމެ ހިމަ ނާރުތަކުގައި ވެސް ހިމޭން މިޔުޒިކެއް ކުޅެލި ކަހަލައެވެ. އެހެންކަމުން އަވަސް އަވަހަށް އެހެން ދިމާއަކަށް ރިހާމު އޭނާގެ ނަޒަރު ސީދާކޮށްލިއެވެ.
"ނޫނޭ މާ ގިނައީ ... ވަރަށް މީރު އެނގޭ... ދިމްނާ ހާދަ މީރުކޮށް ކައްކައޭދޯ ...ދޭތެރެ ދޭތެރެއިން މީގެ މީރު ކެއުން ލިބޭނެތާ ދޯ!" ރިހާމު ކާތަކެތީގެ މީރުކަމަށް ތައުރީފު ކުރިއެވެ.
"ރިހާމަށް ކާން ކެރެންޏާ އަބަދަށް ވެސް ލިބޭނެ،" ލާނެތް ގޮތަކަށް ހީލަމުން ދިމްނާ ބުނެލިއެވެ.
އެ ހުނުމުގައި ރިހާމު ވެސް ބައިވެރިވެލިއެވެ.
ރިހާމާއެކު ކެއުމުގައި ދިމްނާވެސް ބައިވެރިވިއެވެ. ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް ދެ މީހުން ވެސް ހިއްސާކުރިއެވެ. އަލަށް ދިމާވި ނަމަވެސް މެއެވެ. ދެ މީހުންގެ މެދުގައި ފުރަތަމަ ރެއިން ވެސް އުފެދިގެން ދިޔައީ ބަދަހި އެކުވެރިކަމެކެވެ. އެއީ ރިހާމު އެ ގުޅުމަށް ދޭން ބޭނުންވީ ނަމެވެ. ދިމްނާގެ ހިތުގައި ހިނގަމުން ދަނީ ކޮން ކަހަލަ އޮއިވަރެއް ކަމެއް ރިހާމަކަށް ނޭނގެއެވެ. ހަގީގަތުގައި ދިމްނާގެ ހިތުގައި ކޮންމެ ކަހަލަ ޖަޒުބާތެއް އުފެދުނަސް ރިހާމަށް ކޮން ކަމެއް ހެއްޔެވެ. އެހެނަސް ވާހަކަތައް ހިއްސާ ކުރަމުން ދިޔައިރު ރިހާމު ގަސްތުގައި ސިއްރުކުރި ކަމެއް ވެއެވެ. އެއީ ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެވެ. އެ ވާހަކަ ރިހާމު ދިމްނާ އަކާއި ހިއްސާއެއް ނުކުރެއެވެ.
އިރުގެ ހޫނުގަން ގަދަ ވަމުން މެންދުރަށް ކައިރިވަމުން އައި އިރުގައި ސަޖުނާ ހަރަކާތްތެރިވަމުން ދިޔައީ އޮފީހުގައި ނިންމަންޖެހޭ މަސައްކަތްތައް ބްރޭކް ގަޑި ޖެހެންވާއިރަށް ނިންމާލުމަށެވެ. އެހެންޔާ ހިނިތުން ވެފައި ހުންނަ ސަޖުނާގެ މޫނު މަތިން މާޔޫސީ އަސަރު ފާޅުވާން ހުރުމުން ރިޝްމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ނޫނީ ސަޖުނާގެ މޫނުމަތިން ދުވަހަކު ވެސް އެ ފަދަ މާޔޫސީކަމެއް ރިޝްމާ ނުދެކެއެވެ.
"ކަމަކާ މާބޮޑަށް ފިކުރު ކުރަނީތަ؟" ސަޖުނާގެ ކައިރިއަށް ގޮނޑި ޖައްސާލަމުން ރިޝްމާ އަހައިލިއެވެ.
"ނޫނޭ ... ކިހިނެއްވީ ތިހެން ތި އެހީ،" ކުރަމުން ދިޔަ މަސައްކަތް މަޑުޖައްސާލަމުން ރިޝްމާ އާއި ދިމާއަށް އެނބުރިލަމުން ސަޖުނާ ހިނިތުން ވެވޭތޯ މަސައްކަތްކުރިއެވެ.
"އެހެން ނޫނީ ސަޖުނާގެ މޫނުމަތިން ތިޔަ މާޔޫސީ ކަމެއް ދުވަހަކު ވެސް ނުދެކެން...އެއްވެސް އުޖާލާކަމެއް ތިޔަ މޫނަކު ނެތް... ހީވަނީ ކޮންމެ ވެސް ކަމަކާ ހިތާމަ ކުރާހެން...ފެމެލީ އިޝޫއެއް އުޅޭނީތަ؟... ޝެއަރ ނުކުރެވޭ ވާހަކައެއް ވީއްޔާ މީ ނުދައްކާ ވާހަކައެއް...ސޮރީ،" ރިޝްމާ އެނދުނީ އޭނާއަށް ޝެއަރ ކުރަން ބޭނުން ނުވާ ވާހަކައެއް ނަމަ އެކަން ނުދައްކާ ވާހަކައެއް ގޮތުގައި ބާއްވައި ދިނުމަށެވެ.
އެހެން މީހެއްގެ ޕާސަނަލް ލައިފްގެ ތެރެއަށް ވަދެ ގަތުމުގެ އެއްވެސް ހައްގެއް އޭނާގެ ނޯނާނެކަމަށް ރިޝްމާ ގަބޫލު ކުރެއެވެ. ރިޝްމާއަށް އެހެން އަހަން ޖެހުނީ ސަޖުނާގެ މާޔޫސީ މޫނު ފެނުމުން ކެތްނުކުރެވިގެންނެވެ. އޭނާގެ ފަރާތުން ސަޖުނާއަށް ވެދެވޭނެ އެހީއެއް އޮވެދާނެ ހިތައެވެ. އެ އުންމީދުގައެވެ.
"ސިކުނޑިއަށް ވަރަށް ބާރު ބޮޑު ދުވަސްކޮޅެއް...ބޭކާރު ކަމަކަށް ވެސް ވެދާނެ...ވަރަށް ވިސްނޭ... ވިސްނަ ވިސްނާ ބޯ ގޮވާ ވަރަށް އަސްލު ވިސްނޭ،" ކަރުނަ ނިރާލަމުން ސަޖުނާ ވާހަކަ ދެއްކިއެވެ.
"ކަންކަމާ އެ ވަރަށް ވިސްނާ އެއްޗެއް ނޫނޭ... ތި ވެގެން އުޅޭ ގޮތެއް އަހަންނާ ވެސް ހިއްސާ ކޮށްލަބަލަ...އޭރަށްތާ އައިޑިއާރ އެއްވެސް ދެވޭނީ،" ސަޖުނާ އާއި ގާތަށް ޖެހިލަމުން ރިޝްމާ އެދުނެވެ. އޯގާތެރިކަމާއި އެކުގައެވެ.
"އަހަރެން ލޯބިވެގެން އުޅުނު ކުއްޖާ ކިޔަވަން ބޭރަށް ފުރީ...އަހަރެންގެ ހިތް ބުނަމުން ދަނީ އޭނަ އަހަންނަށް ބީވެގެން ދާނެއޭ...ނުގުޅާ ގިނަ އިރު ވެއްޖެ ނަމަ ހީވަނީ އޭނާ އަހަރެން އިގްނޯ ކުރަނީއޭ...އަހަންނަށް ބޭވަފާތެރި ވަނީއޭ...ދެން ނޭނގެ ވާގޮތެއް ވެސް،" މޮޅިވެރިކަމާއެކު ސަޖުނާ ހިއްސާ ކުރަމުން ދިޔައީ އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތަކެވެ. އޭނާގެ މޫނުމަތިން ފެންނަމުންދާ މާޔޫސީކަމުގެ އަސްލު ސަބަބެވެ.
"އަސްލު ތިހެން ތިވަނީ ސަޖުނާ އަށް މާ ބޮޑަށް ލޯބި ވެވުނީތީ... ސަޖުނާއަށް ވެސް އެނގެން ވާނެ އޭނަ ދިޔައީ ކިޔަވަން ކަން...އެ ތަނުގައި ބުރަ ވެސް ވާނެ...ކުރިންހާ ފްރީއެއް ނުވާނެ.... އެހެންވީމަ އެ ވަރަށް ނުގުޅިވެސް ދާނެ ކަން ގަބޫލު ކުރަންވާނެ...އޭނާ އަށް ވެސް އިތުބާރު ކުރަންވާނެ...ދުރުގަ ހުންނަ އިރު މާ ބޮޑަށް ޝަކުވާ ކުރަންޏާ ފޫހި ވެސް ވެދާނެ...އޭރުން ސަޖޫ ވެސް ދެރަވާނެ އެއްނު ދޯ....އަހަންނަށް ފެންނަ ގޮތް މީ އެނގޭ...ދެން ސަޖޫއަށް އެނގޭނީ....ގޮތް ނިންމާނީ ތިކޮޅުން،" ލާނެތް ފާޑަކަށް ހީލަމުން ރިޝްމާ ބުނެލިއެވެ.
"ގަބޫލުކުރަން ތި ވާހަކަ ވެސް....އެކަމަކު ހަމަ އަހަންނަށް ވިސްނެނީ... ޚިޔާޅުތައް ކުރެވެނީ.... އެހެންވެ މި ގަސްތު ކުރަނީ މި މާހައުލާ ދުރަން ދާން...ރަށަށް ބަދަލުވާން.... ޖޮބަކަށް ވެސް އެޕްލައި ކޮށްފިން،" ސަޖުނާ އޭނާ ނިންމާފައިވާ ގޮތް ހާމަ ކުރިއެވެ. އެހެން ސަޖުނާ ނިންމީ ހަމަ އެކަނި ރިހާމު ނެތުމުން އެކަންޏެއް ނޫނެވެ. މަންމަ ކައިރީގައި ހުރުމަކީ މި ދުވަސްކޮޅަށް ބަލާއިރު ސަޖުނާއަށް ވެސް ހިތްހަމަޖެހުން ގެނުވާނެ ކަމެއް ކަމަށް ސަޖުނާ ދެކޭތީއެވެ.
"އަސްލުވެސް...ތިހާ ބޮޑު ޑިސިސަން އެއް ނެގި އިރުގަ އަންގާވެސް ނުލާ...ހާދަ ގޯހޭ،" ސަޖުނާ އަންގާ ވެސް ނުލައި އެފަދަ ކަމެއް ނިންމުމުން ރިޝްމާ ހިތްހަމަ ނުޖެހޭކަން ހާމަ ކުރިއެވެ.
އެހެނަސް ރިޝްމާ ވެސް ގަބޫލުކުރެއެވެ. ސަޖުނާގެ އަމިއްލަ ދިރިއުޅުމެވެ. ސަޖުނާއަށް ރަނގަޅު ގޮތަކަށް ކަންތައް ނިންމުން އެއީ ސަޖުނާއަށް ލިބިގެންވާ ހައްގެކެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް އެވަގުތަކަށް އެންމެ ރަނގަޅު ގޮތަކަށް ކަން ކުރަމުން ދާނެއެވެ. އެއީ ދުނިޔެވީ ސުންނަތެވެ. އެ އަކަށް އެހެން މީހެއްގެ ރުހުމެއް ބޭނުމެއް ނުވާނެއެވެ. ރިޝްމާ ވެސް ޖެހޭނީ އެކަން ގަބޫލު ކުރާށެވެ.
"ސޮރީ ....ނުބުނާކަށް ނޫން....މިތަނުގައި އަބަދު ރިހާމުގެ މަތިން ހަދާންވަނީ....އަހަރެން ބޭނުންވަނީ މާހައުލު ބަދަލުކޮށްލަން...މި ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުން ކަން ނޭނގެ....ރަށުގެ ހަމަހިމޭން މާހައުލުގައި މާ އުފާވާނެ ހެން ހީވަނީ....މަންމަ ކައިރިއަށް ދެވުމުން ހިތްހަމަ ޖެހޭނެ އެއްނު ދޯ!" ސަޖުނާ އެ ނިންމުން ނިންމި ސަބަބު ހާމަ ކުރިއެވެ.
"ޔަގީންތާ....ކޮންމެ މީހެއްގެ ވެސް މަންމަ އެއީ ބެސްޓް....ގުޑް ލަކް އެނގޭ....ޖޮބް ލިބޭނެ ހެން ހީވޭތަ؟" ސަޖުނާއަށް ކާމިޔާބަށް އެދެމުން ރިޝްމާ ސުވާލު އުފެދޭ ފަދަ ގޮތަކަށް ސަޖުނާ އާއި ދިމާއަށް ބަލައިލި ލަމުން އެހިއެވެ. މި ޒަމާނުގައި ޖޮބެއް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީއެވެ.
"ވަރަށް ޔަގީން ...އަހަރެން އެކަނި ކުރިމަތިލީ ވެސް،" ސަޖުނާ އިތުބާރާ އެކު ޖަވާބު ދިނެވެ.
"އަލްވަދާއު ކިޔަނީ ދޯ....ސައި އޮންނަން ވާނެ.،" ސަލާމަށް އަތް ދިއްކޮށްލަމުން ރިޝްމާ ހީލިއެވެ.
"ހެހެ...ކެއުން ވެސް ދީފާނަން،" ސަލާމް ކޮށްލަމުން ސަމާސާ ރާގަކަށް ސަޖުނާ ޖަވާބު ދިނެއެވެ.
"ކެއުން ފަހުން ...ކީކޭ ބުނީ ...އާނ... ރިހާމު.... ރިހާމު އާއި މެރީ ކުރާ ދުވަހަކުން ކެއުން ދިނީމަ އޯކޭ ވާނެ،" ރިޝްމާ ހީގަތެވެ. ސަޖުނާ ވެސް އެ ހުނުމުގައި ބައިވެރި ވުމުގެ ގޮތުން ހީލިއެވެ.
- ނުނިމޭ -

