އެޕިސޯޑް-5
މެލޭސިޔާއަށް ދަތުރަށް ފެށުމުގެ ކުރިން ސަޖުނާގެ މޫނު ދެކިލުމަށެވެ. އެ ހިނިތުންވުމާއި އެ މާޔޫސީ މޫނަށް ދިރުމެއް ދިނުމަށެވެ. ސަޖުނާގެ ކިބައިން ހިތްވަރު ލިބިގަތުމަށެވެ. އޭނާއަށް އިންތިޒާރު ކުރުމަށް ބުނުމަށް ވެސް މެއެވެ. އަހުދުތަކާއި ވައުދުތައް ތަކުރާރު ކުރުމަށެވެ.
"ލޯބީ ހާދަ ދެރަވެފާ...ދެން ހީލަބަލަ،" ސަޖުނާގެ މޫނު ފެނުމުން ރިހާމު އެދުނެވެ.
ސަޖުނާގެ މިލާ މޯޅިވެފައިވާ މޫނު ބަލާކަށް މިވަގުތު ރިހާމު ނޭދެއެވެ. ރިހާމު ބޭނުންވަނީ ސަޖުނާ މި ވަގުތު ވެސް އަބަދު ވެސް ހިނިތުންވެފައި ހުންނާށެވެ.
"ރިހާމު ބޭނުމެއް ނުވި ވީއްޔަ އަހަރެން އެއާރޕޯޓަށް ދާކަށް ވެސް. ދެން އަހަރެން ހެވިފައި ހުންނާނީ ކިހިނެއް... ވަރަށް ފޫހިވޭ...،" ސަޖުނާ ތުން އަނބުރާލިއެވެ. ސަޖުނާ މޫނަށް ހަދާލިގޮތުން ރިހާމަށް ހެވުނެވެ. ސަޖުނާގެ ޅަގޮތްގަނޑު އަދިވެސް ނުފިލައޭ ހިތަށްއަރާފައެވެ.
"ތިހެން ތުމަށް ހަދާލީމަ ސަޖޫ އަދި މާ ރީތި ....ދެން ހީލަބަލަ ދޫނީ،" ރިހާމު އެދުނެވެ.
"އަހަރެން ކިހިނެއް ހިނިތުންވާނީ....ރިހާމު ހަމަ ގަސްތުގައި އަހަރެން ދުރުކޮށްލަން ތިޔަ އުޅެނީ،" ސަޖުނާ ފެންކަޅިވިއެވެ.
މި ދަނޑިވަޅުގައި ސަޖުނާ ފެންކަޅިވުމުން ރިހާމު ދެރަވިއެވެ. ސަޖުނާ އަށް ރަނގަޅަކަށް އެއާރ ޕޯޓަށް ނާންނަން ބުނީކަން ސަޖުނާއަށް ވިސްނާދޭނީ ވެސް ރިހާމު ކިހިނެއް ހެއްޔެވެ.
"ސަޖޫ ....ލޯބީ ދެރަނުވެބަލަ... އަހަރެން މީ ސަޖޫގެ މީހެކޭ....ރިހާމު މީ ހަމައެކަނި ސަޖޫގެ މީހެއް ކޮންމެ ތާކު ހުއްޓަސް އަބަދުވެސް ސަޖޫ ގެ މަތިން ހަނދާން ކުރާނަން...ސަޖޫއަށް ލޯބި ދޭނަން .... ރިހާމު ވައުދު ވަން .... ސަޖޫ އާއި އެކު އަބަދުވެސް ވާނަން،" ރިހާމު ޔަގީންކަން ދިނެވެ. ރިހާމަކީ ސަޖުނާގެ މިލްކެއް ކަމެވެ.
"ވަރަށް އުފާވެއްޖެ...ރިހާމު ހާދަ ރަނގަޅޭ...ވަރަށް ލޯބިވޭ،" ސަޖުނާ ހިނިތުން ވެލިއެވެ.
ސަޖުނާ ހިތްހަމަ ޖެހިއްޖެކަން އެނގުމުން ރިހާމަށް ހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ރިހާމު އިންތިޒާރު ކުރަމުން ދިޔައީ ފުލައިޓަށް އަރަން ގޮވާނެ އިރަށް ކަމުން އަތުގައި އޮތް ގަޑިއަށް ބަލާލިއެވެ.
"ސަޖޫ ... ދެން ބާއްވަނީ އެނގޭ...އެކޮޅަށް ދެވުނީމަ ޚަބަރެއް ވާނަން،" ވަށައިގެންވާ މާހަލަށް ބަލައިލަމުން ރިހާމު ވާހަކަ ދެއްކިއެވެ.
"އެނގިދާނެތާ....އިންތިޒާރު ކުރާނަން ލޯބީ....ވަރަށް މިސްވޭ،" ސަޖުނާ ހީލަމުން ބުނެލިއެވެ.
"އަހަރެން ވެސް...ލަވް.ޔޫ ...،" ރިހާމު މަޑުމަޑުން ބުނުލިއެވެ. ސަޖުނާ ދެކެ އިންތިހާއަށް ލޯބި ވާކަމަށެވެ.
"ލަވް.ޔޫ ޓޫ، ބައި،"
ސަޖުނާ ފޯނު ބާއްވާފައި ނިތްކުރިމަތީގައި އަތް ބާއްވާލަމުން މައްޗަށް ބަލާލިއެވެ. އެނބުރެމުންދާ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮތް ސަޖުނާ ވިސްނަމުން ދަނީ އޭނާގެ ދިރިއުޅުމާ މެދުގައެވެ. ރިހާމު ނެތުމުން އަންނާނެ ފަޅުކަމާ ދޭތެރޭގައެވެ. ރިހާމު އޭނާއާއި ދުރަށް ދެވުމުން ވަފާތެރިކަން މަތީގައި ހުންނާނެ ބާއޭ ސަޖުނާ ހިތް ބުނަމުން ދިޔައެވެ. ސިކުނޑި އެކަން ގަބޫލު ނުކުރުމަށް އެދެމުން ދިޔަ ނަމަވެސް ހިތް އެކަމާ އެއްބަސް ނުވާތީ އެ ހުންނަ ހިތް ނުތަނަވަސްކަން ސަޖުނާގެ ކިބައިން ފިލައިގެން ނުދެއެވެ.
އެއާރޕޯޓުން ނިމިގެން ރިހާމު އަވަސްވެގަތީ ޓެކްސީ ކައުންޓަރ އިން ޓެކްސީއެއް ހޯދުމަށެވެ. ޓެކްސީއަކަށް ރިކުއެސޓް ކޮށްލުމަށްފަހު ރިހާމު މަޑުކޮށްލީ ޓެކްސީއެއް ލިބޭންދެންނެވެ. ޗުއްޓީގައި ބައެއް ފަހަރު މެލޭސިއާއަށް އާދެވިފައި ހުރުމުން ރިހާމަކަށް މި މާހައުލު އަލެއް ނޫނެވެ. ޓެކްސީގައި ހުރި އިރު ރިހާމުގެ ނަޒަރު ހުއްޓުފައިވަނީ މަގުގެ ދެފަރާތުން ފެންނަމުންދާ ރީތި ހިތްގައިމު އިމާރާތްތަކަށެވެ. މިސްކިތްތަކުގެ ގުއްބުތަކަށް އިރުގެ ދޯދި އެޅުމުން އެފެންނަ ރީތި މަންޒަރަށެވެ. ހަލަބޮލިވަމުން އަންނަ މަގުގައި ހަރަކާތްތެރިވަމުންދާ އެކި އުމުރުފުރާގެ މީހުންނަށެވެ.
މަންޒިލަށް ދެވުމާއެކު ރިހާމު ފޮށި ހިފައިގެން އިމާރާތަށް ވަނެވެ. އިމާރާތަށް ވަންނަތަނުގައި އެއްފަރާތެއްގައި ހުރި ރިސެޕްޝަނުގައި ހުރި މެދު އުމުރުގެ އަންހެން ކުއްޖެއް ރިހާމަށް ބަރުހަބާކިޔެއެވެ. ރިހާމުގެ އައިޑެންޓިޓީ ޗެކްކުރުމަށް ފަހު އެތާ ހުރި އެހެން ކުއްޖަކާއި އެކު ލިފްޓުގައި ރިހާމު ހުންނަން ހަމަޖެހިފައިވާ އެޕާޓްމަންޓަށް ދިޔައެވެ. ރިހާމެން އެޕާޓްމަންޓަށް ވަންނަން އުޅެނިކޮށް ކުރިމަތީގައި ހުރި އެޕާޓްމަންޓުން ދިވެހި އަންހެން ކުއްޖެއް ނުކުތެވެ.
"އަލަށް ދޯ! މިއަދުތައައީ،" ރިހާމު ފެނުމުން އެ ކުއްޖާ ވާހަކަ ދެއްކިއެވެ.
ރިހާމު މާ ގަޔާނުވާ ގޮތަކަށް އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ވެދާނެ އެވެ. އޭނާ މާ ބޮޑަށް ވަރުބަލިވެފައި ހުރީއެވެ. އެހެންކަމުން އަވަހަށް ކޮޓަރިއަށް ވަނެވެ.
ތަނަކީ ރީތި ކުޑަ އެޕާޓްމަންޓެކެވެ. ސިޓިންގ ރޫމަކާއި އެކު ބަދިގެއް ހުއްޓެވެ. ސިޓިންގ ރޫމް އެއްފަރާތުގައި ކެވޭގޮތަށް މޭޒެއް ބަހައްޓާފައި ހުއްޓެނެވެ. ކޮޓަރި ވެސް މާ ބޮޑެއް ނޫނެވެ. އެކަނި އުޅެލުމަށް ހަމަ އެންމެ ރަނގަޅު ތަނެކެވެ. ތަނާމެދު ރިހާމު ހިތްހަމަ ޖެހުނެވެ.
ފޮށި ބެހެއްޓުމަށް ފަހު ސިޓިންގ ރޫމްގައި ހުރި ސޯފާގައި އިށީދެލި ތަނާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ރިހާމު ގޮސް ހުޅުވާލިއިރު ކުރިން ފެނުނު އަންހެން ކުއްޖާ ދޮރުމަތީގައި ހުއްޓެވެ.
ރީތި ކުއްޖެކެވެ. ރިހާމު އަޅައިގަތީ ކުރިމަތީގައި ހުރި ކުއްޖާގެ ރީތި އަޅިކުލައިގެ ކަޅިއަށެވެ. އަޅު ރީތި ދިގު އެސްފިޔަތަކަށެވެ. ރަތްކުލައިގެ ތުންފަތެކެވެ. ރާޅުބާނި ދިގު އިސްތަށިގަނޑެވެ. ލޫޅާފަތި ރީތި އަންހެނެކެވެ. މަޑު ނޫކުލައިގެ ޓީޝާޓަކާއި ޖިންސެއްގައި ހުރި އެ އަންހެން ކުއްޖާ އަށް ބަލަހައްޓައިގެން ރިހާމަށް ހުރެވުނީއެވެ. ފަނޑު ހިނިތުންވުމެއްގައި ހުރި އަންހެން ކުއްޖާ އިސްވެ ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެން މީ ދިމްނާ...ކޮންކަމެއް ކިޔަނީ،" ދިމްނާ ތައާރަފްވެލިއެވެ.
"ރިހާމް،" ވަރުބަލިވެފައި ހުރި ނަމަވެސް ހިނިތުންވެވޭތޯ މަސައްކަތްކުރަމުން ރިހާމު ބުނެލިއެވެ.
"މިރޭ އަހަރެންގެ އެޕާޓްމަންޓަށް ކާން އަންނާތި...މިއަދު އައީމަ މިބުނީ،" ދިމްނާ ހީލަމުން ދައުވަތު ދިނީ ރޭގަނޑުގެ ކެއުމަށެވެ.
"ތޭކްންސް ...ދާނަން އެނގޭ...ވަރަށް ޓަޔަޑް ...ރެސްޓްކޮށްލަން މި އުޅެނީ،" ރިހާމު އެހާ ގަޔާވިހެނެއް ހިޔެއް ނުވެއެވެ.
އެކަމަކު ދައުވަތު ގަބޫލުކުރިއެވެ. ދަތުރު ވަރުބަލިކަމާއެކު ރިހާމު ބޭނުންވީ ޖައްސާލާށެވެ. އެނެއްކޮޅުން ދެ ދުވަސް ފަހުން ކޮލެޖަށް ވެސް ދާން ޖެހޭނެއެވެ. ރެޑީވެލަން ވެސް ޖެހޭނެއެވެ.
"އޯ...ސޮރީ....ކާންވީމަ އަހަންނަށް ގުޅާލާ،" ފޯނު ނަންބަރު ދިނުމަށްފަހު ދިމްނާ ކޮޓަރިން ނުކުތެވެ.
ރިހާމު އަވަސްވެގަތީ މަންމަ އަށް ގުޅާލުމަށެވެ. އާދެވުނު ޚަބަރު ދިނުމަށެވެ. މަންމަ އިންތިޒާރު ކުރާނެކަން އެނގޭތީއެވެ.
"ދަރިފުޅާ ކިހިނެއް؟...ކޮން އިރަކު ދެވުނީ؟...ހާދަ ލަހަކުން ތި ގުޅީ!" މަންމަ އެއްފަހަރާ އެތަކެއް ސުވާލު ކުރިމަތި ކުރިވިއެވެ. ފުރަތަމަ ޖަވާބު ދޭންވީ ކޮން ސުވާލަކަށް ކަމެއް އޮޅޭހާ ވަރަށް ރިހާމުގެ މަންމަ ސުވާލުތައް އޮއްސާލިއެވެ.
"މަންމާ..! އަހަރެން ހަމަ ބެސްޓް...ރޫމަށް އައިސް ހަމަޖެހިލެވުމާއެކު މަންމައަށް މިގުޅީ...މަންމަމެން ކިހިނެއް...ބައްޕަ އަދިވެސް އަހަރެން ދެކެ ރުޅި އައިސްފަދޯ!" ރިހާމު އަހައިލިއެވެ.
ބައްޕަ އިސްވެ ނުގުޅުމުން ރިހާމު ހީކުރީ އެހެންނެވެ. އަދިވެސް އޭނާގެ ބައްޕަ ރިހާމުދެކެ ހިތްހަމަ ނުޖެހިފައި ހުރީ ކަމަށެވެ.
"ނޫނޭ ދަރިފުޅާ...ބައްޕަ އެހެން ނުހުންނާނެ...ދަރިފުޅު ދެކެ ރުޅިއައިސްފައި ބައްޕަ ނުހުންނާނެ،" ރިހާމުގެ މަންމަ ފަޒީނާ ވާހަކަ ދެއްކިއެވެ.
"ބައްޕައަށް ސަލާމް ބުނެދޭތި؟ ވަރަށް ސަލާމް މަންމާ ދެން ބާއްވާނީ...ރެސްޓްކޮށްލަން މިއުޅެނީ،" ރިހާމު ފޯނު ބޭއްވިއެވެ.
އެނދުގައި އޮށޯވެލަމުން ސަޖުނާއަށް މެސެޖް ކޮށްލިއެވެ. މެލޭސިޔާއަށް އާދެވެއްޖެ ކަން އަންގާލުމަށެވެ.
ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުން ރިހާމު އެނދުގައި އޮށޯވެލިއެވެ. އޭނާގެ ޚިޔާލު އެނބުރުނީ ދާދި ދެންމެ އަކު ބައްދަލުވި ދިވެހި ކުއްޖާއަށެވެ. ހެޔޮވަރެއްގެ އިސްކޮޅެއްގެ ވެރި ކުއްޖެކެވެ. ލޮލުގައި ޖޫދުވީ މަސްތީ ބާރެއް ވާ ކަހަލަ ތޫނު ބެލުމެކެވެ.
"ދިމްނާ" ރިހާމަށް މަޑުމަޑުން ކިޔާލެވުނެވެ.
އެ ޚޔާލުތަކުގައި އޮއްވާ ރިހާމަށް ނިދުނެވެ. ދަތުރު ވަރުބަލިކަމާއެކުއެވެ. ރިހާމަށް ހޭލެވުނު އިރު ސަޖުނާގެ މެސެޖެއް ލިބިފައި އޮތެވެ. މެލޭސިޔާއަށް ދެވުމުން އޭނާއަށް ގުޅާ ނުލީ ކީއްވެތޯއޭ؟ ކިޔާ ޝަކުވާ ކޮށްފައެވެ. ރިހާމު އިގްނޯ ކުރާކަމުގެ އިހުސާސް ކުރެވޭތީ ވަރަށް ދެރަވެއްޖެ ކަމާ ސަޖުނާ މީ މުހިންމު މީހެއް ނޫން ކަމަށް ފީލް ވާކަމަށް ބުނެ ވެސް މެސެޖްކޮށްފައި އޮތެވެ.
އަވަސް އަވަހަށް ރިހާމު ސަޖުނާއަށް ގުޅާލިއެވެ. ރިހާމު ގުޅާކަން އެނގުނު ނަމަވެސް ގަސްތުގައި ފޯނު ނުނަގާ، ފޯނަށް ބަލަހައްޓައިގެން ސަޖުނާ އޮތެވެ. އޭނާގެ ލޯ ވަނީ ކަރުނުން ފުރިފައެވެ. އޮށޯވެގެން އޮތް ބާލީސް ތެމިފައި ވަނީ ސަޖުނާގެ ލޮލުން އައިސްފައިވާ ކަރުނައިންނެވެ.
- ނުނިމޭ –

