ފަހުދު ފާޅުގައި ނުގަބޫލުކަން ހާމަކުރަމުން ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ. ފަޒީނާ ވެސް ފަހުދުގެ ފަހަތުން ދިޔައެވެ. ރިހާމު ގޮތް ހުސްވެފައިވާ މީހެއް ފަދައިން ބޮލުގައި އަތްއަޅައިގެން ސޯފާގައި އިށީނެވެ.
ރިހާމު ވިސްނަމުން ދިޔައެވެ. ލޮލުން ކަރުނަ ފާއްދާލާފައިވާ ހާލުގައެވެ. ކޮންމެ ގޮތެއް ވިއަސް ރިހާމު ނިންމީ މައިންބަފައިން ނުގަބޫލުކަން ސަޖުނާއަށް ސިއްރު ކުރާށެވެ. އެކަން އެނގުމުގެ ހިތްވަރު ވެސް އޭނާގެ ނެތީމައާއި އެކުގައެވެ. ނުތަނަވަސް ހިތަށް ހިތްހަމަ ޖެހުމެއް ލިބޭނީ ސަޖުނާގެ ކިބައިން ކަމުގައި ރިހާމު ނިންމިއެވެ. އެހެނަސް މި މޫޑުގައި ސަޖުނާއާއި ވެސް ބައްދަލު ކުރާނީ ކިހިނެއް ހެއްޔެވެ. ރިހާމު ހަމަ ފެންނަ އިރަށް ކަމެއް ވެއްޖެ ކަން ސަޖުނާއަށް ޔަގީނާ ގާތަށް އެނގޭނެ ކަން ރިހާމަށް ގައިމެވެ. އެހެން ކަމުން ރިހާމު ނިންމީ އަރާމުކޮށްލުމަށް ކޮޓަރިއަށް ދިއުމަށެވެ. ބޮލުގައި ވެސް ރިއްސާތީ އާއި އެކުގައެވެ.
ސަޖުނާ އިންތިޒާރީގައި އޮތެވެ. ރިހާމު ގުޅާނެ ކަމަށެވެ. ޓިކްޓޮކްގެ ތެރެއަށް ގެއްލިގައި ސަޖުނާ އޮތެވެ. ކުއްލިއަކަށް ހަނދާން ވެގެން ގަޑިއަށް ބަލައިލ އިރު ރޭގަނޑު 10:30 ވެއްޖެއެވެ. ރިހާމު ގެ ޚަބަރެއް ނުވުމުން ސަޖުނާ ރިހާމުގެ ނަންބަރަށް ގުޅާލިއެވެ. ދެ ފަހަރު ގުޅާލި އިރުވެސް ރިހާމު ފޯނެއް ނުގެނިއެވެ. އެހެންކަމުން ސަޖުނާ ވައިބައިން ލޯބީގެ މެސެޖެއް ފޮނުވާލިއެވެ. ގުޑްނައިޓް ގެ މެސެޖާކާއި އެކުގައެވެ. އަދި ނިދޭތޯ ކޮޓަރީގެ ބޮކީގެ އަލި ފަޑުކޮށްލިއެވެ.
"އަހަންނަށް މަޖުބޫރު ....ސަޖުނާ ....އަހަންނަށް މާފުކުރޭ....މި ގުޅުން ކުރިއަށް ގެންދެވޭކަށް ނެތް...ސޮރީ ސަޖުނާ...،" އޮފީހުން ނިމިގެން ނުކުތް ތަނާއި ސަޖުނާގެ ކުރިމައްޗަށް އެރީ ރިހާމުއެވެ. އޭނާ ހާމަ ކުރަމުން ގެންދިޔައީ އެ ދެމީހުންގެ ގުޅުން ކުރިއަށް ނުގެންދެވޭނެ ކަމެވެ. ރިހާމު ގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސީކަމެވެ. އެ މޫނުމަތިން އެ ނިންމުން ނިންމަން ޖެހުނު މަޖުބޫރީ ހާލަތު ރަނގަޅަށް ފާޅުވާން ހުއްޓެވެ. ސަޖުނާ ވަގުތުން ފެންކަޅިވިއެވެ. ތިޔަ ދައްކާ ވާހަކަ ގަބޫލެއް ނުކުރެވެއޭ ބުނާ ފަދައަކުން ސަޖުނާއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
ސަޖުނާއަށް ބާރަށް ހަޅޭ ލަވައިގަންނަމުން ރިހާމުގެ މޭގައި އަޅާ ދުރަށް ކޮއްޕާލެވުނެވެ.
"ނޫން...ރިހާމް ...ނޫން" ސަޖުނާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.
އަދިރީގެ ތެރެއިން ދެލޯ އުގުޅާލަމުން ސަޖުނާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި ފޯނު ގަޑި ބަލާލިއެވެ. މެންދަމު ދެއެއް ޖެހީއެވެ. ފެނުނީ ހުވަފެނެއްކަން އެނގުނު ނަމަވެސް ސަޖުނާ ހިތް ނުތަނަވަސް ވިއެވެ. މޭ ފިތޭހެން ހީވިއެވެ. ދެރަވެ ރޮވޭ ގޮތް ވިއެވެ. ރިހާމު ނުގުޅީތީ ހިތުގައި އުފެދުނު ވަހުމު އިތުރަށް ބޮޑުވެގެން ދިޔައެވެ. ފެނުނީ ހުވަފެނެއް ކަމާއި ހުވަފެނަކީ ބިލާހެއްކަން ގަބޫލު ކުރެވޭ ހިނދުވެސް ސަޖުނާގެ ލޮލުން ނިރާލި ކަރުނަ އެ ރީތި ކޯތާފަތުގައި ބީހިލަމުން ފައިބަމުން ދިޔައެވެ. މި ރޭގެ ނިދި މުޅިން ޚަރާބުވީ ކަމުގައި ހިތައި ސަޖުނާ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. ރިހާމުގެ ފުން ހަނދާނުގައެވެ.
ހެނދުނު ސަޖުނާއަށް ހޭލެވުނީ މަންމަ ގުޅަނިކޮށެވެ. ބަންދު ދުވަހެއް ވިއްޔާ ސުހާއްކޮށް ވާހަކަ ދައްކަން ބޭނުން ވެގެން މަންމަ ގުޅާނެވެ. ނިދީގެ އަސަރު ހުރުމާއެކު ސަޖުނާ ނިންމީ ފޯނު ނުނަގާށެވެ. ފާޚާނާއާއި ދިމާއަށް މިސްރާބު ޖެހީ މަންމަ ގެ ކޯލް ކެނޑުމުން ފޯނު ބަލާލުމަށް ފަހުގައެވެ. ރިހާމުގެ މެސެޖެއް ނަމަވެސް އައިސްފައި އޮތްތޯ ބަލާލުމަށެވެ. ސަޖުނާގެ މޫނު އުޖާލާ ވެގެން ދިޔައެވެ. ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އާއެކެވެ. ތިޔަ ހީކުރީ ރަގަނޅަށެވެ. ސަޖުނާގެ ކޯލް ނުނެގުނީތީ މާފަށް އެދިފައި ރިހާމު މެސެޖް ފޮނުވާފައި އޮތެވެ. އަދި ލޯބީގެ މެސެޖެއް ފޮނުވާލައި ގުޑް މޯނިންގް މެސެޖް އެއްވެސް ފޮނުވާފައި އޮތެވެ.
ސައި މޭޒު ދޮށަށް ރިހާމު ދިޔައީ މަޑު ހިނގުމެއްގައެވެ. މައިންބަފައިނާއި ދެކޮޅަށް ކަމެއް ކުރުމުގެ ހިތްވަރެއް ރިހާމުގެ ނެތުމުނެނެވެ. ރިހާމަށް މީރު ޗިކެން ސޭންޑްވިޗް ހަދާފައި ހުއްޓެވެ. އެހެނަސް އެއިން އެތިކޮޅެއް ދިރޭއިރު ކަރުގައި ތާށިވާހެން ރިހާމުއަށް ހީވެއެވެ. ބައްޕަގެ ކުރިމަތީގައި ހުންނަން ޖެހުމުން އިތުރަށް އުނދަގޫވިއެވެ. އެހެނަސް މި އުނދަގޫ ހާލަތާއި ކުރިމަތި ނުލައި ވާނެ އެއްވެސް ގޮތެއް މިއަދު ނެތްކަން ރިހާމުއަށް އެނގެއެވެ. ސަޖުނާއަށް މިއިން ކަމެއް އެނގޭ ދުވަހު ވާނެ ގޮތް ހިތަށް އަރާފައި ރިހާމު އިތުރަށް ދެރަވެއެވެ.
"ދަރިފުޅާ ބައްޕަ ވަރަށް ވިސްނައިފިން...މާ ގިނަ ދުވަހު ތިހެން ހުންނަން ވެއްޖެއްޔާ ކިޔެވުން މަތިން ފޫހި ވެދާނެ ...ބައްޕަ ކޮލެޖެއް ވެސް ސެލެކްޓް ކޮށްފިން .... އަންނަ ހަފްތާގައި މެލޭއަށް ދާން ތައްޔާރުވޭ،" ފަހުދު އޭނާގެ ނިންމުން ހާމަކުރިއެވެ.
ރިހާމަށް ބަލާލެވުނީ މަންމަ އާއި ދިމާއަށެވެ. މަންމަ އިޝާރާތުން އެކަމަށް އެއްބަސް ވުމަށް ބުންޏެވެ. އެނޫން ގޮތެއް ނެތް ކަން އެނގުމުން ރިހާމު ވެސް އެއްބަސް ވިއެވެ. އެ މީހުންގެ ޕްލޭން ކާމިޔާބު ވަމުން ދާތީ ފަހުދު ހިނިތުންވެ ހުރެ ބަލާލީ ފަޒީނާ އާއި ދިމާއަށެވެ. ފަޒީނާ ވެސް ރައްދުގައި ހިނިތުން ވެލިއެވެ.
ސަޖުނާގެ އުނގުގައި ބޯއަޅާލައިގެން ރިހާމު އޮތީ ހުޅުމާލޭ ފޭސް އެކެއްގެ ބީޗް ސަރަހައްދުގައެވެ. މޫނުމަތިން އުފާވެރިކަން ގެއްލިގައިވާ ސަޖުނާގެ މޫނަށް ބަލަން އޮވެ ސަޖުނާ މޫނު މައްޗަށް ހިނިތުންވުން ވެރި ކުރުވޭތޯ ރިހާމު މަސައްކަތް ކުރަމުން ދިޔައެވެ. ސަޖުނާ އާއި ދުރަށް ދަނީ ނޫން ކަމަށާއި އަބަދުވެސް ކޮންމެ ތާކު އުޅެން ޖެހުނު ކަމުގައިވީ ނަމަވެސް ރިހާމަކީ ސަޖުނާގެ މިލްކެއް ކަމުގައި ބުނަމުން ދިޔައެވެ. ރިހާމުގެ ފޮނި ފޮނި ބަސްތަކުން ސަޖުނާއަށް ހިތްހަމަ ޖެހުމެއް ގެނުވި ނަމަވެސް ހިތުގައި އުފެދެމުން ދިޔަ ނުތަނަވަސް ކަމެއް ކުޑައެއް ނުވިއެވެ. ނަމަވެސް ތަނާއި ހާލަތަށް ބަލައި ސަޖުނާ ގަދަކަމުން ނަމަވެސް ހިނިތުން ވެލިއެވެ. ހަމައެކަނި ރިހާމަށް ޓަކައެވެ. ރިހާމުގެ އުފަލަށްޓަކައެވެ.
ސަޖުނާގެ ސިކުނޑީގައި ކުރީ ރޭގެ ހުވަފެނުގެ ހާދިސާ އެނބުރެމުން ދިޔައެވެ. ކިތަންމެ ފަހަރަކު އެ ކަން ރިހާމަށް ކިޔައިދޭން ހިތަށް އެރިއެވެ. ނަމަވެސް މި ވަގުތުކޮޅު ގެ އުފާވެރިކަން ނުތަނަވަސް ކަމަކަށް ބަދަލުވެގެން ހިނގައިދާނެތީ އެކަން ހިތުގައި ސިއްރު ކުރުމަށް އެންމެ ފަހުން ނިންމީއެވެ. ވަގުތާއި ހާލަތަށްޓަކައެވެ. މި ވަގުތު ކޮޅު އުފާވެރި ވަގުތު ކޮޅަކަށް ހެދުމަށްޓަކައެވެ. ރިހާމުގެ ކޮންމެ އުފަލަކީ ސަޖުނާގެ ވެސް އުފާ ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރަމުންނެވެ. އެއްވެސް އަޅަކަށް ދެރަ ގޮތެއް މެދުވެރި ނުވާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.
"އަހަރެން ވަރަށް އުފާވޭ ސަޖޫ ކަހަލަ އަންޑަސްޓޭންޑިން ކުއްޖެއް ލިބުނީމަ...ތީ ރިހާމުގެ ލަކީ ގާލް،" ސަޖުނާގެ މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅާއި ކުޅެލަމުން ރިހާމު ވާހަކައެއްކިއެވެ.
"އަހަރެން ގޯނި ފުލަށް ނުލިއަސް ރިހާމަށް ލިބޭ ކޮންމެ ކުރިއެރުމެއް އުފަލާއެކު ބަލައިގަންނާނަން .... ރިހާމުގެ ކުރިއެރުމަށް ހުރި ހުރަހަކަށް އަހަރެން ނުވާނަން،" ސަޖުނާ ގެ ލޮލުން ކަރުނަ ނިރާލިއެވެ. އެތަން ފެނުމުން ރިހާމު ދެރަވިއެވެ. ސަޖުނާ ދެރަވާނެ އެއްވެސް ކަމެއް މި ވަގުތު ވާކަށް ރިހާމު ވެސް ބޭނުމެއް ނޫނެވެ.
"އެހެން ބުނިއެއްޗެއް ނޫނޭ ލޯބީ....ތިހާ އަވަހަށް ދެރަ ނުވަބަލަ...ވަރަށް ހިތްވަރު ގަދަ ކުއްޖަކަށް ވާންވާނެ ...ތި ވަރަށް ކަރުނަ އަންނާތީ އެ ހެރަ ހަނދުވެސް ލަދުން އެއޮށް ވިލާގަނޑާ ނިވާވަނީ،" މައްޗަށް ބަލާލި ވަގުތު ހަނދު ވިލާގަނޑަކާ ނިވާވާ ތަން ފެނުމުން ރިހާމު ހިނިތުން ވެލަމުން ބުނެލިއެވެ. ސަޖުނާއަށް ވެސް ހެވުނެވެ. ކިތަންމެ ދެރަވެފައި ހުރި ނަމަވެސް ރިހާމުގެ ސަކަ މިޒާޖާއި އެކު އެ ބުނެލާ ބަސްތަކުން ސަޖުނާއަށް ނުހީއެއް ނުހުރެވެއެވެ.
"ވަރަށް ދަންވެސް ވެއްޖެދޯ" ފޯނުން ގަޑިއަށް ބަލާލަމުން ސަޖުނާ ބުނެލިއެވެ. "ހިނގާ ދެން ގެއަށްދަމާ،" ސަޖުނާ ރިހާމުގެ ކޮލުގައި ހިފައިލިއެވެ.
"ހާދަ އަވަހަކަށް މި ތާ ލޯބީގެ އުނގުގައި އޮތަ ދީބަލަ...ހާދަ މަދުންނޭ މި ފުރުސަތެކޭ ލިބެނީ،" ރިހާމު އެދުނީ އަދި މަޑުކޮށްލުމަށެވެ. އެ ހާ އަވަށް ގެއަށް ދިޔުމުގެ މޫޑެއް ރިހާމުގެ ނެތެވެ. ސަޖުނާއާއި އެކު މުޅި ރޭ ހޭދަކޮށްލަން ޖެހުނަސް ރިހާމަށް ފަރުވާލެއް ނެތް ކަހަލައެވެ.
"ދެން ލާނެއް ނުވެ ތެދުވަން އުޅޭ،" ސަޖުނާ ރިހާމުގެ ބޮލުގައި ހިފައި އުފުލާލުމަށް މަސައްކަތް ކުރިއެވެ.
"ވަރަށް އަވަހަށް ކިޔަވަން ފުރަންތަ؟...އަހަރެން ހާދަ އެކަނިވާނޭ...ވަރަށް މިސްވާނެ .... ހީވަނީ އޭރުންދާނީ ރަށަށް ހެން.،" ސަޖުނާ އޭނާގެ ނިންމުން ހާމަކުރިއެވެ.
"އޭރުންނޯ...ޗުއްޓީއަކަށް އަންނަ ފަހަރެއްގައި ވެސް ދިމާވެސް ނުވާނެއްނު،" ސަޖުނާގެ ވާހަކަ އަޑުއަހަން އޮތް ރިހާމަށް ތެޅިގަނެފައި ބުނެލެވުނެވެ. އަދި ކޮޅަށް ތެދުވިއެވެ.
"ޗުއްޓީއަށް އައިސްފަ އަހަރެންގެ ކައިރިއަށް ރަށަށް އަންނާނީ،" ސަޖުނާ ހީލިއެވެ. "ނާދެވޭނެ ދޯ!" ކުރިއަށް ހިނގައި ގަންނަމުން ސަޖުނާ ވާހަކަދެއްކިއެވެ.
"ނޫނޭ ...ދެވޭނެ އެއްނު ...އެކަމަކު އަހަންނަށް ރަގަނޅީ ސަޖުނާ އެ ދުވަސްކޮޅަށް މާލެ އައިއްޔާ،" ރިހާމު އަށް އެނގެއެވެ. އޭނާ ކިތަންމެ ބޭނުންވިއަސް މައިންބަފައިން އޭނާއަށް ހުރަސް އަޅާނެއެވެ. އެ މީހުން ނުބުނާ ގޮތަކަށް ރިހާމަށް ފިޔަވަޅެއް އެޅުނަކަ ނުދޭނެއެވެ.
"ކޮބާ ހީވެ؟ އަހަންނަށް އެނގެޔޭ ތީ ފިނޑިއެއްކަން،" ސަޖުނާ ދިމާކޮށްލިއެވެ.
ހޫނަ ގަދަ ދުވަހެކެވެ. އާދައިގެ މަތިން އެއާރ ޕޯރޓްގެ ކާރޫ ބާރޫ ބޮޑެވެ. ރިހާމު ހުރީ އެއާރ ޕޯޓްގައެވެ. ކިޔެވުމަށް މެލޭސިޔާއަށް ދިއުމަށެވެ. މާލޭގެ ކާރޫބާރޫ މަގުތަކުން އެއާރޕޯޓަށް އާދެވުނު އިރު ޗެކިންގެ ވަގުތު ޖެހިއްޖެއެވެ. އެހެންކަމުން މަންމަ އާއި ބައްޕަ އާއި ސަލާމްކޮށްލަމުން ޗެކިން ވުމަށް ރިހާމު ހިނގައިގަތީ އެތެރެއަށް ވަނާށެވެ. މަސްލަހަތައްޓަކައި އެއާރ ޕޯޓަށް ސަޖުނާ ނައުމަށް ރިހާމު އޮތީ ބުނެފައެވެ. އެއާރ ޕޯޓަށް އައުމުގެ ތަކުލީފު އުފުލާނެ ކަމެއް ނެތްކަމަށް ބުނަމުންނެވެ. ޗެކިންވެ ނިންމާލުމަށްފަހު ރިހާމު އެކަހެރި ހިސާބަކަށް ޖެހިލަމުން ރިހާމު ގުޅާލީ ސަޖުނާއަށެވެ. އެންމެ ފަހުގެ އަލްވަދާއު ސަޖުނާއަށް ކިޔާލުމަށެވެ. ނޫނެކެވެ. އެހެނެއް ނޫނޭވެ. މެލޭސިޔާއަށް ދަތުރަށް ފެށުމުގެ ކުރިން ސަޖުނާގެ މޫނު ދެކިލުމަށެވެ. އެ ހިނިތުންވުމާއި އެ މާޔޫސީ މޫނަށް ދިރުމެއް ދިނުމަށެވެ. ސަޖުނާގެ ކިބައިން ހިތްވަރު ލިބިގަތުމަށެވެ. އޭނާއަށް އިންތިޒާރު ކުރުމަށް ބުނުމަށްވެސް މެއެވެ. އަހުދުތަކާއި ވައުދުތައް ތަކުރާރު ކުރުމަށެވެ.
- ނުނިމޭ –

