"އެ ބުނީ ދެން ރިހާމު ނޫން ކާކަށް އަހަރެން ގުޅާނީ!" ބޮސް ބަވާލުމުގެ ސަބަބުން ދެރަވެފައި ހުރި ސަޖުނާ އަށް އޭނާ ނުހަނު ލޯބިވާ ރިހާމު އެގޮތަށް ވާހަކަ ދެއްކުމުން ރޮވުނެވެ.

ރިހާމު ދެކެ ސަޖުނާ ނުހަނު ލޯބި ވެއެވެ. އިތުބާރު ކުރެއެވެ. އެހެނަސް ރިހާމުގެ އަމަލުތައް ހުންނަ ގޮތުން ސަޖުނާ ނުލާހިކު ދެރަވެއެވެ. ކޮންމެ ފަދަ އެއްޗެއް ބުނެލާކަށް ވެސް ރިހާމު ފަހަކަށް ނުޖެހޭނެއެވެ. ސަޖުނާ އަށް ބައެއް ފަހަރު ހީވެއެވެ. ރިހާމު އެއް ގޮތަކަށް ވެސް ސަޖުނާ އަކަށް އިތުބާރެއް ނުކުރެއެވެ. އެހެން ކަމުން ސަޖުނާ އެކަމާ ހިތާމަކުރެއެވެ. މި ގުޅުން ހީނަރު ވެދާނެތީ ޖެހިލުންވެއެވެ. ސަޖުނާ އަބަދުވެސް ދުއާ ކުރެއެވެ. ރިހާމުއާއި އެކު އަބަދުގެ އަބަދަށް އެކުގައި ވުމަށެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ސަޖުނާގެ ހިތުގައި އަބަދުވެސް  ނުތަނަވަސް ކަމުގެ ރާޅުބާނި އެއް އުފެދިފައި ވިއެވެ. ރިހާމާއި ގެއްލިދާނެ ކަމާ މެދު ފިކުރު ކުރެވޭތީ ވާގޮތެވެ. ރިހާމު ގެއްލިދާނެ ކަމުގައި ހިތް ބުނަމުން ދަނީ ކީއްވެ ކަމެއް ހުދު ސަޖުނާއަކަށް ވެސް ނޭނގެއެވެ. ރިހާމުގެ ފަރާތުން އޭނާއަށް ކެއްސެއް ނުލިބުބޭނެކަމަށް ސަޖުނާގެ އަބަދުގެ ވެސް ދެކެއެވެ. އެހާވެސް ރިހާމަށް ސަޖުނާ އިތުބާރުކުރެއެވެ. އެ އިތުބާރުގެ ނާޖާއިޒް ފައިދާއެއް ނުނަގާނެ ކަމުގައި ސަޖުނާ ޔަގީންކުރެއެވެ.

ހަވީރުގެ ފިނި ޖެހިލި ވަގުތެވެ. މީހުން ކާރުބާރޫ ބޮޑު ނޫން ކެފޭއެއްގައި ރިހާމު އިނީ އޭނާގެ އެކުވެރި ނޫމާން އާއި އެކު ކޮފީއެއްގައެވެ. ސްކޫލް ދައުރުއްސުރެ އެކުގައި އުޅެމުން އައި ނޫމާނަކީ ރިހާމު އެންމެ އިތުބާރުކުރާ ރިހާމުގެ ހުރިހާ ކަމެއް ޝެއާރ ކުރާ ރަހުމަތްތެރިޔާއެވެ. ރިހާމުގެ ބެސްޓްފުރެންޑެވެ. މިއަދު ވެސް ރިހާމު އައިސް އެ ހުރީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި މަޝްވަރާ އަހާލާ ޚިޔާލު ބަދަލުކޮށްލުމަށެވެ.

"ބުނީމެއްނު ބޭރަށް ކަނޑާލާ ވާހަކަ...ކިހާތާކު އެކަން އޮތީ،" ކޮފީ ފޮދެއް ބޯލަމުން ނޫމާން ވާހަކަ ދައްކަން ފެށިއެވެ.

"ބައްޕަ އެބަ ކިޔާ ވަރަށް....ސަޖޫ ދޫކޮށްފަ ކިހިނެއް ދާނީ،" ކުޑަކޮށް ބޯކަހާލަމުން ރިހާމަށް ގޮތް ނިންމަން އުނދަގޫ ވެފައިވާ މައުލޫއަށް ދިޔައެވެ. ނޫމާނަށް ބަލާލަމުންނެވެ. ސަޖުނާ ދޫކޮށްފައި ދިއުމަކީ ރިހާމަށް ނިންމަން އުނދަގޫ ކަމެއްކަމުގައި ބުނަމުންނެވެ. ބައްޕަގެ އެދުން ވެސް ފުއްދަން ރިހާމު ބޭނުމެވެ. އެހެނަސް އެކަމަށް ހުރަސް އެޅެނީ  ސަޖުނާ ދެކެ ރިހާމު ވާ ލޯތްބެވެ.

"އެ ވަރަށް ވިސްނާ އެއްޗެއް ނޫނޭ ...ތިޔަ ކަހަލަ ކިތައް ސަޖޫ ލިބޭނެ " ހީގަންނަމުން ނޫމާން ބުނެލިއެވެ. ސީރިއަސް ހާލަތުގައި ވެސް ނޫމާނަކީ މަޖާ ކޮށްފާނެ ޒާތުގެ މީހެކެވެ.

"އޭ..! ތީތި ކަނޑައޭ ...ސަޖޫއާ ނުބެހޭތި....ހާދަ ރީތި މަންޖެ އެކޭ....ކިހިނެއް އޭނަ ދޫކޮށްލާނީ" ނޫމާން ބުނި އެއްޗެކާއި މެދު ރިހާމު ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން އެކަން ރިހާމު ހާމަ ކުރިއެވެ. ސަޖުނާ އާއި ބެހޭ ގޮތުން އެއްވެސް ނޭދެވޭ ވާހަކައެއް އަޑު އަހާކަށް ރިހާމަކަށް ކެތެއް ނުވާނެއެވެ.  ރިހާމު ހިތްހަމަ ނުޖެހުނުކަން އެނގުމުން ނޫމާން ވެސް މައިތިރިވެލިއެވެ.

"އެހެންވެ ދޯ ބޭރަށް ނުދާން ތި ހުންނަނީ ...ގެއްލިދާނެތީ،" ނޫމާން އަހާލިއެވެ.


"އޭނަ ނުއެއް ގެއްލޭނެ...އެޔަށް ވުރެ ބަރާބަރު ވާނެ... ތިޔެއް ނޫނޭ ...ހީވަނީ ސަޖޫ ކަންތައް ބައްޕައަށް އެނގޭހެން" ނޫމާން އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ. ސަޖުނާގެ ކަންތައް އެނގޭތީ އޭނާ އެތަނުން ދުރުކުރުމަށް ބައްޕަ ބަހަނާއެއް ދައްކާފައި އަވަހަށް ކިޔަވަން ފޮނުވަން އުޅެނީ ކަމުގައި ރިހާމަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"އެޔޯ...ކީއްވެ ތިހެން ތިބުނީ،" ވަރަށް ގަޔާވެފައި ނޫމާން އެހިއެވެ.

"ބައްޕަ ކުރީ ދުވަހު ބުނި އެއްޗަކުން ހަމަ ހިތަށް އެރީ." ރިހާމުގެ އަޑުގައި ހާސްކަން އެކުލެވިފައި ހުއްޓެވެ.

"އަހަރެން ބަހެއް ގަބޫލު ކުރަންޏާ ... ކިޔަވަން ދާންވާނެ. މުސްތަގުބަލު އޮތީ ކިޔަވައިގެން. ސަޖުނާ ވެސް ރިހާމު ކިޔަވަން ދާން ގަބޫލު ވާނެކަން ޔަގީން" ނޫމާން އޭނާއަށް ފެންނަގޮތް ހާމަ ކުރިއެވެ.

ރަހުމަތްތެރިޔާގެ ވާހަކައިން ރިހާމަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ހީވީ ބަރުވެފައިވާ ބޮލަށް ލުއިވެ ފަސޭހަވެގެން ދިޔަ ހެންނެވެ. ރިހާމުގެ މޫނުމަތިން ކުރިން ފެންނަން ހުރި ނުތަނަވަސްކަން އެއްކޮށް ފިލައިގެން ދިޔައެވެ.

"އެ ގުޅީ ...ކޮފީއެއްގަ ވެސް ހުރެވޭ ވަރެއް ނޫނޭދޯ ؟" ރިހާމުގެ ފޯނު ރިންގުވާން ފެށުމުން މަލާމާތުގެ ރާގަކަށް ނޫމާން ހީގަތެވެ. ގުޅީ ސަޖުނާކަމަށް ހީކޮށެވެ. ވީ ވެސް އެހެން ނެވެ. ރިހާމު ފޯނަށް ބަލާލިއިރު ގުޅަނީ ސަޖުނާއެވެ.

"ޝޫޝް.!" ވާހަކަ ނުދައްކާ މަޑުން ހުރުމަށް  އިޝާރާތްކޮށްލަމުން ރިހާމު ފޯނު ނެގިއެވެ.

"ކިހިނެއް ވީއްޔޭ ސަޖޫ،" ފޯނު ކަންފަތާ ގާތްކޮށްލަމުން ވަރަށް ލޯބިން ރިހާމު އަހައިލިއެވެ.

"ރިހާމު ކީއްވެތަ އަހަރެން ދެރަކުރަނީ ....ހާދަ ދެރަވެއޭ ރިހާމު ބުނެލާ އެއްޗެހިން ...ރިހާމަށް ރަގަނޅަށް އެނގޭނެ އަހަރެން އެހެން ނޫޅޭނެކަން ދެން ކީއްވެ،" ސަޖުނާއަށް ރޮވުނެވެ.

ސަޖުނާ ރޯއަޑު އަހާކަށް ރިހާމަކަށް ފަސޭހައެއް ނޫނެވެ. އެހެން ކަމުން ރިހާމު ވެސް ދެރަވިއެވެ. މަޖަލަކަށް ކޮށްލާ ކަމަކުން ސަޖުނާއަށް އެހާ ވަރަށް އަސަރު ކޮށްފާނެ ކަމަށް ރިހާމެއް ކުރިއަކުން ނުދެކެއެވެ. އެ ފަދަ ކަންކަން ސީރިއަސްކޮށް ނަގައިފާނެކަމަކަށް ރިހާމު ހީވެސް ނުކުރެއެވެ. އެންކަމުން ރިހާމު މާފަށް އެދުނެވެ. ދެން އެފަދަކަމެއް ތަކުރާރު ނުކުރާނެކަމަށް ބުންޏެވެ.

"ސޮރީ ލޯބީ...ދެން އެހެން ނުވާނެ ...ފްރެންޑަކާ އެކު ކޮފީއެއްގައި މިހުރީ... މިރޭ ވާނެ ދޯ މީޓް ކޮށްލަން ... ހެޕީ ވެބަލަ... މީ އަބަދުވެސް ސަޖޫގެ މީހެކޭ" ރިހާމު ސަޖުނާއަށް ޔަގީންކަން ދިނެވެ. ސަޖުނާގެ މީހެއްގެ ގޮތުހައި އަބަދުވެސް ހުންނާނެކަމަށް ބުންޏެވެ. ރިހާމުގެ ބަސްތަކުން ސަޖުނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އުފާވިއެވެ.

ގެއަށް އައި ގޮތަށް ރިހާމުގެ ބައްޕަ ފަހުދު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ފަހުދުގެ މޫނު މަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމެވެ. ނުތަނަވަސް ކަމެއް އޭނާގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ފެންނަ ފެނުމަށް ވަރަށް ރުޅި އައިސްފައިވާ ހުރި ވައްތަރު ވެސް ޖަހައެވެ. ދެތިން ފަހަރު ރިހާމު އަދިވެސް ގެއަށް ނާންނަނީތޯ އަންހެނުން ފަޒީނާ ގާތު އެހިއެވެ. އަންހެނުން ގާތު އެހެން އެހި އިރު ފަހުދުގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. އެއީ އެހެންޏާ ފަހުދު އުޅޭ ގޮތެއް ނޫނެވެ. ފަޒީނާއަށް ހައިރާންވެފައި ބަލަން ހުރެވުނީ އެހެންވެގެންނެވެ. ފަޒީނާ ބަހެއް ނުބުނުމުން ފަހުދު އިތުރަށް ރުޅިގަދަ ވިއެވެ.  ފަޒީނާ އަހާއަހައި ވެސް ވެގެން އުޅޭ ގޮތެއް ނުބުންޏެވެ.

"ދެން ރިހާމަށް ގުޅާލަން ވީނު ،" އެންމެ ފަހުން މަޑުން ނުހުރެވިގެން ފަޒީނާއަށް ބުނެވުނެވެ.

"ގުޅަން ވެސް ވީ ... މާ އަވަހަށް ބޮޑުވެގެން ނޭ އެ އުޅެނީ." ފަހުދަށް އެހެން ބުނެ ވުނު ވަގުތަކީ ރިހާމު ގެއަށް އައިސް ވަތް ވަގުތެވެ. ރިހާމު ފެނުމާއެކު ފަހުދުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

'ކޮންތާކު ތެޅެފާތަ ތިއައީ....މިހާރު ގޭގައި މަޑުކޮށްލެވޭ ވަގުތެއް ރިހާމަށް ވޭތަ؟" ފަހުދުގެ އަޑު ބާރެވެ. އާދަވެގެން ދަރިންނާއި ދިމާއަށް ފަހުދު ބާރަށް އެއްޗެއް ނުބުނާނެއެވެ. ފަހުދު ރުޅި އަންނާނީ ވަރަށް މަދުންނެވެ. އޭނާ ހިތްހަމަ ނުޖެހޭ ކަމެއް ވީމައެވެ. ޔަގީނެވެ. ރިހާމުގެ ކިބައިން ފަހުދު ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް ފެނިއްޖެއެވެ. ފަޒީނާއަށް ވެސް އުޅެނީ ވެގެން އުޅޭގޮތެއް ނޭނގިގެންނެވެ. އެހެންކަމުން ހައިރާން ވެފައި ފަހުދާއި ދިމާއަށް ބަލަން ހުރެވުނީއެވެ. ރިހާމުއަށް ވެސް ވީއެވަރެވެ. ބައްޕައާއި ދިމާއަށް ބަލަން ހުރެވުނީއެވެ.

"އަދި ވެސް ހުންނަނީތަ؟ ޖަވާބު ދީބަލަ،" ރިހާމު އެއްޗެއް ނުބުނުމުން ފަހުދު އިތުރަށް ރުޅިގަދަވިއެވެ.

"ފްރެންޑަކާއެކު ބޭރުން މިއައީ...ކިހިނެއްވީތަ ބައްޕާ ....އަހަންނަށް ކުށެއް ކުރެވުނީތަ؟" ރިހާމު މަޑުމަޑުން އަހައިލިއެވެ.

"މުޅި މާލެ ކުޑަ ކުރަނީ އެއީ.. ކޮން ކުއްޖެކޭ؟" ފަހުދު އަޑު ބާރުވިއެވެ.

"ބައްޕަ ތި ކިޔާ އެއްޗެއް ނޭނގޭ....ކޮން ކުއްޖެއް ވާހަކަތަ؟" ރިހާމު އުޅުނީ ނޭނގޭކަމަށް ހަނދާށެވެ. އެ ވާހަކަ ނުދައްކާ ވޭތޯ ބަލާށެވެ. ބައްޕައަށް

" އަދި ވެސް ނޭނގޭ ކަމަށްތަ ތި ހަދަނީ ...ރިހާމު ކޮން އަންހެން ކުއްޖަކާ އެކުހޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އުޅުނީ... ސާފުވެއްޖެ،" ފަހުދުގެ އަޑު އިތުރަށް ބާރުވިއެވެ. ރިހާމު ބައްޕައާއި ދިމާއަށް ބަލާލުމަށްފަހު  މަންމަ އާއި ދިމާއަށް ބަލާލިއެވެ. މަންމަގެ ހިމާޔަށް ލިބުމަށް އެދިއެވެ. ރިހާމުގެ ދިފާއުގައި މަންމަ އެއްޗެއް ބުނޭތޯއެވެ. އަބަދުވެސް   ރިހާމުގެ ދިފާއުގައި ވާހަކަ ދައްކާ ފަޒީނާ ހިޔާރު ކުރީ ހަނު ހުރުމެވެ. ފަހުދުގެ ގޮތް އެނގޭތީއެވެ.

"ބައްޕާ...އެ...އެއީ ....އަހަ...އަހަރެންގެ ،" ރިހާމަކަށް ނުބުނެވުނެވެ. އަޑު ބޭރެއް ނުވިއެވެ. އަޑު ކަރުގައި ތާށިވި ކަހަލައެވެ. ހާސްކަމާއެކު ކުޑަ ތުރުތުރެއް ވެސް  ރިހާމުގެ ހުއްޓެވެ.

"ނުބުނެވޭނެ...އަހަރެން ބަލައިފީމޭ....އެއީ ރާއްޖެތެރޭގެ ނިކަމެތި ކުއްޖެއް...ރިހާމަކާ އަރާ އަރަފޯދިގެންނެއް ނުވޭ ...ރިހާމަށް ވެސް އެނގޭނެ ރިހާމު ހޯދަން ވާނީ ރިހާމާއި އެއް ހަމައެއްގެ މީހެއްކަން...އަހަރެން މި ބުނި ވާހަކައަށް ރިހާމު ރަގަނޅަށް ވިސްނާތި، " ފަހުދު ފާޅުގައި ނުގަބޫލުކަން ހާމަކުރަމުން ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕިއެވެ. ފަޒީނާ ވެސް ފަހުދުގެ ފަހަތުން ދިޔައެވެ. ރިހާމު ގޮތް ހުސްވެފައިވާ މީހެއް ފަދައިން ބޮލުގައި އަތްއަޅައިގެން ސޯފާގައި އިށީނެވެ.

-         ނުނިމޭ -