ސަޖުނާއަށް އެކަން އެނގޭނަމަ ވަގުތުން މައިންބަފައިންގެ ކައިރީ މި ގުޅުމުގެ ވާހަކަ ބުނަން މަޖުބޫރު ވާނެކަން ރިހާމަށް ގައިމެވެ. އެހެންކަމުން ސަޖުނާ އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެ ވެސް ބަހަނާއެއް ދެއްކުމަށްފަހު އެކަން ރިހާމު އެ ކަން ހުއްޓުވައެވެ. އެ ގުޅުމަށް ނިމުމެއް އައިސްދާނެތީ ވާ ޖެހިލުމެއްގެ ބޮޑުކަމުންނެވެ.
"ރިހާމު އުޅޭ ނޫޅޭ ގޮތެއް ފަޒީނާ އެބަ ބަލަންތަ؟" ބޭރުން އައިސް ކޮޓަރިއަށް ވަތް ފަހުދަށް އެނދުގައި އޮށޯވެލައިގެން އޮތް އޭނާގެ އަންހެނުން ފަޒީނާ ފެނުމުން އެހިއެވެ.
ފަހުދުގެ އަޑުގައި ހިތްހަމަނުޖެހުމުގެ ގޮތް އެކުލެވިފައި ވުމުން ހައިރާންވެފައި ފަޒީނާއަށް ބަލައި ލެވުނީ ފަހުދާއި ދިމާއަށެވެ.
"އެ ދެން މިހާރު ބޮޑު ކުއްޖެއްނު...ކިޔަވާ ވެސް ނިމުނީ ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ވެސް ދޭންވާނެ އެއްނު..!" ފަޒީނާ އެނދުން ތެދުވިއެވެ. "ހިނގާ ކާންދަމާ،" ބޭރަށް ނުކުންނަން ހިނގައިގަންވަމުން ފަޒީނާ ބުންޏެވެ. ފަހަދު ހުންނާނީ ބަނޑުހައިވެފައި ކަން ޒަފީނާއަށް އެނގެއެވެ.
"ފަޒީނާއަށް ބޮޑު ވިއަކަސް އަހަންނަކަށް ރިހާމު ބޮޑެއް ނުވޭ... މި ޒަމާނުގައި އޭލެވެލް ހެދީމާ އެ ނިމުނީއްޔެއް ނޫނޭ.... އަދި ކޮބާ ޑިގްރީ...މަސްޓަރ ....އެކަންކަން ހާސިލުކުރަންވާނެ....މަގޭ މި ވިޔަފާރި ހިންގޭވަރު މީހަކަށް އޭނަ ވާންވާނެ.... އަހަރެން ނިންމައިގެން މިހުރީ އޭނަ ބޭރަށް ކިޔަވަން ފޮނުވަން،" ފަހުދު އޭނާގެ އުންމީދުތައް ބަންޑުންކޮށްލިއެވެ.
"ތި ނޫން ވާހަކަ އެއް ނޫނޭ އަހަރެންވެސް މިބުނީ...ދެން ބޮޑު ކުއްޖަކަށް މިނިވަންކަމެއް ވެސް އޮންނަން ވާނެ ނޫންހޭ!" ފަޒީނާ އޭނާ ދެކޭގޮތް ދިފާއުކޮށްލަމުން ވާހަކަ ދެއްކިއެވެ.
"ތިކަމެއް ނޭނގެ! ފަޒީނާ އަބަދު ގޭގައި އޮންނަ މީހަކަށް މީހުން ކިޔާ އެއްޗެއްގެ އަޑެއް ނުއިވޭނެތާ!.. ކުރީ ދުވަހު ވެސް އެ އުޅޭ އިދްރީސް ފިހާރައަށް އައިސް ބުނި ރިހާމު އުޅުނޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން.... ލަދުން ބޯހަލާކު،" ރުޅިއައި އަސްލު ސަބަބު ފަހުދު ހާމަކުރިއެވެ.
އިދްރީސް އޭނާ ކައިރީ ދެއްކި ވާހަކައިން ފަހުދު ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އެހާ އަވަހަށް ރިހާމު އެހެން އުޅެދާނެ ކަމަށް ފަހުދު ހިޔެއް ނުކުރެއެވެ. ރިހާމާއި މެދު ފަހުދު ދެކެމުން ދިޔައީ ފޮނި ހުވަފެންތަކެކެވެ. ބޭރު ގައުމަކަށް ފޮނުވައިގެން ރަގަނޅު ފެންވަރަކަށް ރިހާމު ކިޔެވައި، ފަހުދުމެން ދެމަފިރިން ފަޚުރުވެރި ވާނެ ފަދަ ދަރިއަކަށް ރިހާމު ހެނދުމަކީ ފަހުދު އަބަދު ދެކެމުން އައި ހުވަފެނެވެ. އުންމީދު ކުރަމުން އައި އެއްކަމެވެ. މުސްކުޅިވާ ދުވަހު އޭނާގެ ބޮޑު ވިޔަފާރި ހަވާލުވާނެ މީހަކަށް ރިހާމު ވާއިރު ރިހާމަކީ އެ ހުރިހާ ކަމަކަށް ލޯހުޅުވެފައިވާ ކުއްޖަކަށް ވުމަކީ ފަހުދު ބޭނުންވާ ގޮތެވެ. އެހެނަސް މިއަދު ރަހުމަތްތެރިޔެއްގެ ފަރާތުން އިވުނު ވާޙަކައިން އެ އުންމީދުތައް ފެނަށް ވެދާނެ ކަމަށް ފަހުދަށް އިހުސާސް ކުރެވެން ފެށުނެވެ. ފަހުދު ގާތަށް އައިސްފައިވާ ރުޅީގެ އަސްލަކީ އެއީއެވެ. އޭނާގެ އެ ހުރި ނުތަނަވަސް ކަމުގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލެވުނީ އަންހެނުން ފަޒީނާއަށެވެ.
އޮފީހުގައި އުޅެމުން ދޭތެރެއަކުން ވަގުތެއް ހޯދާލައިގެން ސަޖުނާ ފޯނު ބަލާލިއެވެ. ސޯސަލް މީޑިއާގެ މަންސުތައް ދޭތެރެއަކުން ޗެކު ނުކޮށްލާ ހުރުމަކީ ސަޖުނާއަށް އުނދަގޫ ކަމެކެވެ. ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ރިހާމުގެ މެސެޖް ފެނުމުން އެއަށް ރިޕްލައި ކޮށްލަމުން ސަޖުނާ އަވަސްވެގަތީ އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އޭނާ މަންމަ އަށް ގުޅާތީވެ، މަންމައަށް ގުޅާލުމަށެވެ. މިއަދު އޮފީހަށް އަންނަމުން ގުޅި އިރު ވެސް މަންމަ ފޯނު ނުނެގުމާއި ވެސް އެކުގައެވެ.
"މަންމާ މިއަދު ފޯނުވެސް ނުނަގާ...މާ ބުރަކޮށް އުޅޭ ދުވަހަކީތަ؟" ސަޖުނާ ފޯނުން ވާހަކަ ދެއްކީ އޭނާގެ މަންމަ އާއެވެ.
"ނޫނޭ ދަރިފުޅާ...އެހާ ބޮރަކޮށެއް ނޫން...ބަނބުކެޔޮ ކަނޑައިގެން މިއުޅޭނީ...އެ ތެލުލަން ވެގެން.،" އާބިދާ ވާހަކަ ދެއްކި އިރު ވަރުބަލިކަމުގެ އަސަރު އަޑުގައި އެކުލެވިފައި ހުންޓެވެ.
"މަންމަ ކައިރީ ބުނެފިން ތިހާ ބުރަކޮށް ނޫޅޭށޭ...މަންމަ އަހަރެމެން ބޮޑު ކުރީ ބައްޕައެއް ނެތި ބުރަ މަސައްކަތުން... އަހަރެން މިހާރު އެބަ ލާރިވެސް ފޮނުވަން ދެން މަންމަ ކުޑަކޮށް ހަމަޖެހިލަން ވެއްޖެއެއްނު." ސަޖުނާ ބޭނުންވާ ގޮތް ހާމަކުރިއެވެ.
"ދެން މި ބަނބުކެޔޮތަށް ވާލަށްދީ އުސްކުރަންވީ...ހުރިހާ އެއްޗެއް ދޮންވެގެން ގަސްދޮށަށް ވެއްޓެންދެން ބަލަންތިބެންވީ...ސުހާއްކޮ ވެސް މި ކާހިތުން އެއުޅެނީ... ދަރިފުޅަށް ވެސް ތެއްލިކެޔޮ ނުލާހިކު މީރު ނޫންތަ؟ މަންމަ ދަރިފުޅަށް ވެސް ފޮނުވާނަމޭ...މާ އަވަހަށޭ މަންމަ މުސްކުޅި ތި ކުރަނީ.... މަސައްކަތް ކުރެވޭ އުމުރު އަތް އުރާލައިގެން އިންނަން ވެއްޖެނަމަ ބަލިތައް ޖެހުން ވެސް ކައިރިވާނެ.... ހަރަކާތްތެރިވެ އުޅެންވާނެއެއްނު ދޯ؟" އާބިދާ އަކީ ބުރަ މަސައްކަތުން ކުދިން ބޮޑުކުރި މީހެކެވެ.
ހާރޫން ނިޔާވިފަހުން އެކަނި މާއެކަނި މަސައްކަތް ކޮށްގެން ކުދިންނަށް ކިޔަވައިދެމުންދާ ހީވާގި ކަބަލެކެވެ. އެހެންކަމުން ސަޖުނާ ބުނި ނަމަވެސް އަތް އުރާލައިގެން ހުރުމަކަށް އޭނާއަކަށް ނުރުހެވެއެވެ. އެނެއްކޮޅުން އާބިދާ ގަބޫލު ކުރާ ގޮތުގައި ހަރަކާތްތެރިވެ އުޅެވޭ ހިނދަކު ހަރަކާތްތެރިވެ އުޅެންވާނެއެވެ. ބަލިތައް ގިނަ މިފަދަ ޒަމާނެއްގައި ހަށިގަނޑަށް ފަރުވާތެރި ވާންވާނެއެވެ.
"މަންމަގެ ތި ލެކްޗަރަކުން ނޭރޭނެ....އޯކޭ އަހަރެންވެސް ބޭނުން ދަޅެއް. ފޮނުވަލަދޭން ވާނެ. އަދި ހާލުވެސް އަހާ ނުލެވޭދޯ؟ މަންމަ ކިހިނެއްތަ؟ ކޮއްކޮވެސް ރަގަނޅު ދޯ؟" ސަޖުނާ އަހައިލިއެވެ.
"މަންމަ ވެސް ކޮއްކޮވެސް ރަގަނޅު،،، މަންމަ ވަރަށް އުފާވޭ ދަރިފުޅު މަންމަގެ އުންމީދުތައް ހާސިލް ކުރަމުން ދާތީ... ވަޒީފާގައި އުޅުނަސް ދަރިފުޅާ އަދި ކިޔަވަން ވިސްނަންވާނެ... އިތުރަށް ނުކިޔަވާ މީހަކަށް ނުވާނެ،" އާބިދާ އެދުނެވެ.
"އިންޝާ ﷲ މަންމާ އަދި ކިޔަވާނަމޭ...އެ ފުރުސަތު އަދި ހޯދާނަން" ސަޖުނާ އޭނާ އުންމީދު ކުރާ ގޮތް މަންމަ ކައިރީގައި ބުންޏެވެ.
"މަންމަ ހާދަ އުފާވެއްޖޭ...އޮފީސްގަޑީގައި އެހާ ގިނަ ވަގުތު ފޯނުގަ ހުންނާކަށް ނުވާނެ ދަރިފުޅާ... ދެން ބާއްވަނީ...އޮފީސް ނިމިގެން ގުޅާލައްޗޭ...ކޮއްކޮ ވެސް ވާހަކަ ދައްކާ ހިތުން އެވާހަކަ ބުނި." އާބިދާ ހަދާންކޮށްދިނެވެ.
"ކޮއްކޮ ކޮބާ؟" ކޮއްކޮގެ ވާހަކަ ދެއްކުމުން ސަޖުނާ އެހިއެވެ.
"މި ގަޑީގައި ސްކޫލްގައެއްނު ވާނީ" އާބިދާ ހަދާންކޮށްލަދިނެވެ.
"އޯ...ތެދެކޭދޯ... މަންމާ ވަރަށް ސަލާމް ބޭއްވީއޭ" ސަޖުނާ ފޯނު ބާއްވަމުން ބަލާލިއިރު ރިހާމުގެ ދެތިން މިސްކޯލް އައިސްފައި އޮތެވެ.
އެހެންކަމުން މަސައްކަތައް އެނބުރުމުގެ ބަދަލުގައި ސަޖުނާ އަނެއްކާވެސް ފޯނު ނަގާ ރިހާމުގެ ނަންބަރަށް ގުޅާލިއެވެ.
"ހާދަ ފޯނު ބިޒީއޭ....!" ފޯނު ނެގިގޮތަށް ރިހާމު ބުނެލިއެވެ. ހިތްހަމަ ނުޖެހިފައި ހުރެއެވެ.
"މަންމަ ގުޅައިގެން... ލޯބީ ކިހިނެއް ވީއްޔޭ؟" ސަޖުނާ އަހައިލިއެވެ. އޯގާތެރިކަމާއެކުގައެވެ.
"ދެން ތިހެން ބުނާނީ....." ރުޅި އައިސްފައި ތަންކޮޅެއް ބާރަށް ރިހާމު ބުނެލިއެވެ.
"އިތުބާރު ކޮށްބަލަ ލޯބީ...! ތެދެއް މި ބުނީ....މަންމައާއި ވާހަކަ ދައްކަން މިހުރީ އެހެންވެ ނުނެގުނީ...ވަރަށް މިސްވޭ...ސައިބޮއިފިންތަ؟" ސަޖުނާ އޮޅުންފިލުވައި ދިނުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.
"އޯކޭ ގަބޫލުކޮށްފިން...ނުނެގީމަ މޫޑީވެގެން އެހެން ބުނެވުނީ....ސޮރީ އެނގޭ....މަންމަ ކިހިނެއްތަ؟" އެނދުގައި އޮށޯވެލައިގެން އޮތް ރިހާމު ހަމަޖެހިލަމުން ސަޖުނާގެ މަންމަ ގެ ހާލު އަހައިލިއެވެ.
"މަންމަ ރަގަނޅޭ އަދި ވެސް ސަޖޫ ކުރި ސުވާލަކަށް ޖަވާބެއް ނުދެމެއްނު؟" ކުރި ސުވާލަށް ރިހާމު ޖަވާބު ނުދިނުމުން ސަޖުނާ އެހިއެވެ.
"ކީކޭތަ ބުނީ؟"
"ހަނދާން ނެތުނީތަ؟....ހަނދާން ނެތްކަމަށް ހެދީދޯ؟" ސަޖުނާއަށް ގައިމެވެ. ރިހާމު ގަސްތުގައި ހަނދާން ނެތްކަމަށް ހެދީއެވެ.
"އެހެން ނުހަދާނެއްނު...ދެން ބުނެބަލަ ކީކޭޔޭ ބުނީ" ވިސްނާ ވިސްނާ ވެސް ރިހާމުގެ ހަނދާނަކަށް ސަޖުނާ ކުރި ސުވާލެއް ނައެވެ. ވާނީ އެހެންތާއެވެ. ސަޖުނާ ގުޅި އިރު ރިހާމު ހުރީ ރުޅި އައިސްފައެވެ. ހިތްހަމަ ނުޖެހިފައެވެ.
"ސައިބޮއިފިންހޭ...އަދި އެނދުގާ ދޯ" ސުވާލު ތަކުރާރު ކޮށްލަމުން ސަޖުނާ ލާނެތް ގޮތަކަށް ހީލިއެވެ.
"ނޫން ހަމަ ދެންމެ މިއައީ ސައިބޮއިގެން"
"ސަޖޫ...ބޮސް އެބަ ގޮވާ،" އޮފީސް ގައި އުޅޭ ސަޖުނާގެ ރަހުމަތްތެރިޔާ ރިޝްމާ މިހެން ބުނުމުން ރިހާމު ގާތު އެ ވާހަކަ ބުނަމުން، ފޯނު ބޭއްވުމަށްފަހު ސަޖުނާ މިސްރާބު ޖެހީ ބޮސްގެ ކެބިންއާއި ދިމާއަށެވެ.
ސަޖުނާ ގޮސް ކެބިންގެ ދޮރުގައި ޓަކި ޖަހާލުމުން ބޮސް ވަންނާށޭ ބުނި އަޑު އިވުނެވެ. އެހެންކަމުން މަޑުމަޑުން ސަޖުނާ އެތެރެއަށް ވަނީ ޖެހިލުންވެ ހުރެއެވެ. ބޮސް ގުވާނީ ކޮންމެ ވެސް ކަމަކާ ހިތްހަމަ ނުޖެހިފައި ހުރެގެން ކަމުގައި ސަޖުނާގެ ހިތް ބުނެއެވެ. އެހެންކަމުން ސަޖުނާ ހުރީ ހާސްވެ މީހާ ފިނިވެފައެވެ. މޭޒުމަތީގައި ހުރި ކަރުދާސް ތަކަކަށް ނަޒަރު ހުއްޓާލައިގެން ބޮސް އިނެވެ. ސަޖުނާއާއި ދިމާއަށް ބަލާވެސް ނުލާ ބޮސް ވާހަކަދައްކަން ފެށިއެވެ.
"އިހަށް ދުވަހަކު ސަޖުނާ އޮފީހަށް ވަނީ...މިހާރު ފެންނަނީ އަބަދު ފޯނުގައި ހުންނަ މަންޒަރު....މުވައްޒަފުންގެ ކިބައިން ފެންނަން އަހަރެން ބޭނުންވާ މަންޒަރެއް ނޫން އެއީ...މި ކޮންޕެނީއަށް ތިޔަ ކަހަލަ މުވައްޒަފުންނެއް ބޭނުމެއް ނޫން!" ބޮސްގެ އަޑު ހަރުކައްޓެވެ.
އެއީ އިންޒާރެކެވެ. ވަޒީފާއިން ވަކިކޮށްފާނެކަމުގެ ބިރުވެރި ކަން ސަޖުނާގެ ސިކުނޑި ވަށާލިއެވެ. އެހެންވެއްޖެނަމަ ކިހާ ދެރަ ހެއްޔެވެ. ކުރިން ސަޖުނާއަށް ވިސްނާލެވުނު ނަމަ ކިހާ ރަގަނޅު ހެއްޔެވެ. އެކަމަކު ވެސް ސަޖުނާ އޮފީސް މަސައްކަތައް ފަރުވާ ކުޑައެއް ނުކުރެވެ. ދޭ ޓާސްކެއް ވިއްޔާ ދުވަހުން ދުވަހަށް ނިންމައެވެ. މިއަދު އެހެން ވީ ރިހާމުގެ ސަބަބުންނެވެ. ސަޖުނާއަށް ހިތާހިތުން ރިހާމު ކުއްވެރިކުރެވުނެވެ.
"ސޮރީ ދެން އެހެނެއް ނުވާނެ...އިރާދަ ކުރެއްވީއްޔާ ދެން ބޮސްއަށް އަހަރެން ފޯނުގައި އިންދައެއް ނުފެންނާނެ" ސަޖުނާ މާފަށް އެދެމުން ޔަގީންކަށް ދިނެވެ. ސަޖުނާ އެ ވަޒީފާ ނުހަނު ބޭނުމެވެ.
"ބޮސް އުންމީދު ކުރަނީ ތިހެން ވާނެކަމަށް....ދެން ދޭ....މި ފަހަރު އެއްޗާންސް މި ދެނީ ސަޖުނާއަކީ ހަވާލުކުރާ ޓާސްކްތައް ވެސް ނިންމާ ކުއްޖަކަށް ވާތީ،" ބޮސް އޭނާގެ ނިންމުން ހާމަކުރިއެވެ.
"ޝުކުރިއްޔާ" އުފަލުން ސަޖުނާ ބޮސްއަށް ޝުކުރު އަދާކުރަމުން ކެބިންއިން ނުކުތެވެ.
އޮފީސް ނިމިގެން ގެއަށް އާދެވުމާއެކު ސަޖުނާ ގުޅީ ރިހާމުއަށެވެ. ބޮސް މިއަދު އޭނާއާއި ދިމާއަށް ބަވާލި ވާޙަކަ ބުނުމަށެވެ.
"ކިހިނެއްވީ އޮފީހުން އައިގޮތަށް ތި ގުޅީ" ކަމެއް ގޯސްވެގެން ނޫނީ އެ ވަގުތު ސަޖުނާ ނުގުޅާނެ ހެން ހީވާތީ ރިހާމު އެހިއެވެ.
"އެނގޭތަ... ބޮސް މިއަދު ބަވާލައިފި... މާ ގިނައިން ސަޖޫ ފޯނުގައި އިންނަނީޔޯ!" ދެރަވެލާފައި ސަޖުނާ ބުނެލިއެވެ.
"އެހެން ވީމަ ސަޖުނާ ގުޅާ މީހެއް ހުންނާނެތާ؟ ގައިމު އޮފީހުގައި ހުރެގެން ތި ވަރަކަށް އަހަންނަކަށް ނުގުޅާ،" ރިހާމު ވަގުތުން ހިތްހަމަނުޖެހުނެވެ.
"އެ ބުނީ ދެން ރިހާމު ނޫން ކާކަށް އަހަރެން ގުޅާނީ!" ބޮސް ބަވާލުމުގެ ސަބަބުން ދެރަވެފައި ހުރި ސަޖުނާ އަށް އޭނާ ނުހަނު ލޯބިވާ ރިހާމު އެގޮތަށް ވާހަކަ ދެއްކުމުން ރޮވުނެވެ.
- ނުނިމޭ -

