އެޕިސޯޑު-1

އުޑުމަތި ބަނަ ދުވަސްކޮޅެކެވެ. ވިލާ ބޮލެވެ. ވިއްސާރަ ކުލަވަރު އުދަރެސްމަތިން ފާވާލެވިފައިވިއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިދާނެހެން ހީވެއެވެ. އިރު އިރުކޮޅާ ވިދާލާފައި ގުގުރާލައެވެ. އެ މީހެއްގެ މަންޒިލު ހޯދުމަށް މަގުމަތީގައި އެ ވަގުތު ވެސް ގިނަ ބަޔަކު އެކި ކޮޅުކޮޅަށް ހަރަކާތްތެރިވަމުން ދިޔައެވެ. އުޑުމަތި ބަނަވެފައި ވިއްސާރަ ކުލަވަރު ދެއްކި ނަމަވެސް އެއަށް ބެލުމެއް ނެތިއެވެ. ހެނދުނު ވެހުނު ވާރޭގެ އަސަރު މަގުތަކުގައި  ހަވީރު ވީއިރު ވެސް ފެންނަން ހުއްޓެވެ. އެހެނަސް މާލޭގެ މަގުތަކުގެ ހަލަބޮލި ކަމަކަށް ބަދަލެއް އައިކަމަކަށް ނުވެއެވެ.

އާދައިގެ މަތީން ސަޖުނާ ސައިކަލު ދުއްވަމުން ދިޔައީ ލޮނުޔިޒާރަތް ޕާކަށް ދިއުމަށެވެ. އޭނާގެ ލޯބީގެ މަންޒިލަށް ވާސިލުވުމަށެވެ. މާއަޅާ ރީތި ގަސްތަކުން ޖަރީވެފައިވާ، އެތަނަކީ ސަޖުނާއަށް އުފާވެރި މަންޒިލެކެވެ. އެއަށް ވުރެ ޚާއްސައީ އެނާ އެތަނަށް ދާ މަގުސަދެވެ. ރޭގަނޑުގެ ހަމަ ހިމޭން ކަމުގައި އެ ރީތި ޕާކުގައި، އޭނާގެ ލޯބިވެރިޔާ ރިހާމު އާއި އެކު ވަގުތު ހޭދަކޮށްލުމުން ސަޖުނާގެ ހިތަށް ބަޔާންކުރަން ވެސް ނޭނގޭ އުފާވެރިކަމެއް އިހުސާސް ވެގެންދެއެވެ. ރިހާމުގެ ފަރާތުން އިވޭ ލޯބީގެ ފޮނިފޮނި ވައުދުތަކާއި އަހުދުތަކަކުގެ އުންމީދީ ލަފްޒުތައް ސަޖުނާގެ ހިތަށް ވެދިގެންދަނީ އިންތިހާއީ އުފަލާއި ހިތްހަމަޖެހުމާއި އެކުގައެވެ. ރިހާމުގެ އެ ހުންނަ އިސްގީ ގޮތްގަނޑުގެ ސަބަބުން ސަޖުނާގެ ހިތް ފަތަހަކުރާކަށް ރިހާމު މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ރިހާމުގެ އޯގާތެރިކަމާއި ސަޖުނާއަށް ދޭ ލޯބިގެ ސަބަބުން ސަޖުނާގެ ހިތް އޮފަލުން ފޮޅެއެވެ. އެހެންކަމުން ރިހާމު އާއި ބައްދަލުވާ ވަގުތު ކޮޅު ވަނީ ސަޖުނާއަށް ވަރަށް  މުހިއްމު ވަގުތުކޮޅަކަށެވެ. އަބަދުމެ އެ ހިނދުކޮޅަކަށް އިންތިޒާރު ކުރެވޭ ވަގުތުކޮޅަކަށެވެ.

މިއަދު ވެސް ސަޖުނާގެ މިސްރާބު ހުރީ އެ މަންޒިލަށް ދިއުމަށެވެ. ރިހާމުގެ އުނގުގައި ބޯއަޅާލައިގެން އޭނާގެ ފޮނިފޮނި ލޯބިވެތި ބަސްތައް އަހާލުމަށެވެ. ރިހާމުގެ އުނގުގައި ބޯއަޅާލައިގެން އޮވެލުމަށެވެ. އޭނާގެ ލޯބިވެތި ސޫރަ ދެކެލުމަށެވެ. އެންމެ ދުވަހެއް އެ ސޫރަ ދެކި ނުލައި ސަޖުނާއަށް ހުރުމަކީ މިހާރު ކެތްކުރެވޭނެ ކަމެއް ނޫނެވެ. ހުދު ސަޖުނާއަށް ވެސް އޭނާއަށް މި ވާގޮތެއެއް ނޭނގެއެވެ. އެހާ އަވަހަށް ރިހާމުގެ ލޯބީގައި ބަނދެވުނުގޮތް ހިތަށްވެސް ނުގެނެވެއެވެ.

ސަޖުނާ އާއި ރިހާމު ދިމާވީ އޭލެވެލް ހެދި ދުވަސްވަރުގައި ސްކޫލުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިންނެވެ. އިއްތިފާގުން އެ ޕްރޮގްރާމު ރާވާ ހިންގުމުގައި ދެ މީހުން ވެސް އިސްކޮށް ހަރަކާތްތެރިވާން ޖެހުނީއެވެ. އެތަނުން އުފެދުނު ރަހުމަތްތެރިކަން އޭލެވެލް ނިމުމުން ވެސް ކުރިއަށް ދިޔައެވެ. އޭރު އެ ގުޅުން ކުރިއަށް ދިޔައީ ފޯނުންނެވެ. 

ރަހުމަތްތެރި ކަމުގެ ގުޅުން ލޯތްބަށް ބަދަލުކޮށްލުމަށް ހުށައެޅީ ރިހާމެވެ. ފުރަތަމަ ސަޖުނާ ނޫން ކަމަށް ހެދިއެވެ. ރިހާމު ތަޅުވާލުމުގެ ބޭނުމުގައެވެ. އޭނާ ކިތަންމެ ބޭނުންވި ނަމަވެސް ރިހާމުގެ ހަގީގަތުގައި ވެސް ސަޖުނާ ދެކެ ލޯބި ވާކަން ޔަގީންކޮށްލުމަށް ބޭނުން ވާތީ އާއި ވެސް އެކުގައެވެ.  އެހެނަސް މާގިނަ ދުވަހު ސަޖުނާއަކަށް އެހެނެއް ވެސް ނުހުރެވުނެވެ. އެންމެ ފަހުން ރިހާމުގެ ހުށައެޅުމަށް އާނބަސް ބުނީއެވެ. 

ސަޖުނާ އަކީ ރީތި މީހެކެވެ. މުށި ދޮނެއް ލިބިފައިވާ އާދައިގެ އިސްކޮޅަކަށް ވުރެ ކުރު މީހެއް، ނަމަވެސް ރީތި ފަން ކަޅުކުލައިގެ ދިގު އިސްތަށިގަޑުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެ ރީތި ދެ ލޮލުގެ ދިގު އެސްފިޔަތަކަށް ނަޒަރު ސީދާ ވި ކޮންމެ މީހެއް އެ ރީތިކަމުގެ ތެރެއަށް ޣަރަގު ނުވެ ނުދާނެކަން ގައިމެވެ.  

މަންޒިލަށް ދެވުމުން ސައިކު ޕާކުކޮށްލުމަށްފަހު ސަޖުނާ ފޯނުން ގަޑިއަށް ބަލާލިއެވެ. ސަޖުނާގެ މޫނު މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އާދެވުނުލެއް އަވަސްކަމުންނެވެ.

ވާނީ ވެސް އެހެން ނޫން ހެއްޔެވެ. ރިހާމުގެ އިސްގުގައި ސަޖުނާ ގައިދުވެފައި ވަނީ އިންތިހާއަށެވެ. އޭނާގެ ސަބަބުން ރިހާމު ރުޅި އަންނާކަށް ނުވަތަ ހިތްހަމަ ނުޖެހިފަ ހުންނާކަށް ސަޖުނާ ބޭނެމެއް ނުވެއެވެ. އެހާވެސް ސަޖުނާ ރިހާމު ބޭނުމެވެ. އޭނާ ދެކޭ ގޮތުގައި ރިހާމު ވެސް ބޭނުންވަނީ އެ ގޮތެވެ. ރިހާމުގެ މިލްކަކަށް ސަޖުނާ ހެދުމެވެ. 

މާގިނަ އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ޖައްވުގައި ހިފާފައި ހުރި ފިނިކަމުން ހަށިގަނޑަށް ފިނިކަން އިހުސާސް ކުރެވެމުން ދިޔަ ސަޖުނާއަށް ފެނުނީ އޭނާ އާއި ދިމާއަށް ރިހާމު އަންނަތަނެވެ. ސަޖުނާގެ މޫނުމަތިން ހިނިތުންފެނިގެންދިޔައެވެ. 

"ހާދަ އަވަހަކަށް އައިސް ތިޔަ އިނީ" ސަޖުނާ އާއި ޖެހިގެން އިށީދެލަމުން ރިހާމު ވާހަކަ ދެއްކިއެވެ.

"އަވަސްތަ؟ މި ވަގުތުކޮޅަށް އަހަރެން ހާދަ އިންތިޒާރެއް ކުރަމޭ." ރިހާމުގެ މޫނަށް ބަލާލަމުން ސަޖުނާ ވާހަކަ ދެއްކިއެވެ.

"ހާދަ އުފާ ވެއްޖޭ. ތިޔަ ކަހަލަ ކުއްޖެއް މި ޒަމާނަކު ނުލިބޭނެ،"  ސަޖުނާގެ އަތަށް މަޑުމަޑު ފިތާލަމުން ރިހާމު ސަޖުނާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. 

ރިހާމުގެ މި އަމަލުގެ ސަބަބުން ދެ ލޯބި ވެރިންގެ ދެމެދަށް ކުޑަ ވަގުތުކޮޅަށް ހިމޭންކަމުގެ ސާލެއް ފެތުރިގެން ދިޔަ ކަހަލައެވެ. ރިހާމުގެ ރީތި މަޑު މުށިކުލައެއް އަރާ ކަޅިއަށް ސަޖުނާ ނަޒަރު ހުއްޓިފައި ހުރީ މަސްތީ ގޮތަކަށެވެ. ސަޖުނާގެ މަސްތީ ލޮލުގެ ތެރެއަށް ރިހާމު މަޑުމަޑުން ޣަރަގުވަމުން ދިޔައީ އިސްގީ ރާޅުބާނި ހިތުގެ ހިމަނާރުތަކުން ދައުރުވަމުން ދާ ހާލުގައެވެ.  

ކުޑަ ވަގުތު ކޮޅަކަށް ނަފްސު ހަމައިން ނެއްޓުނު ނަމަވެސް އަވަސް އަވަހަށް ސަޖުނާ އޭނާގެ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.

"ދެން ރިހާމު. ތިހެން ނޫޅެބަލަ...ގޯހެއް ވެދާނެ!" ރިހާމުގެ ކޮނޑުގައި އަތުން ޖަހާލަމުން ސަޖުނާ މިހެން ބުނެފައި އަނެއް ފަރާތަށް އެނބުރިލިއެވެ. 

"ތިނބާ އަހަންނަށް މިލްކު ވީމަ ދެން ކޮން އިތުރު ގޯހެއް ހިގާނީ ... އެހާވެސް ލޯބި...ހާދަ ރީއްޗޭ ހުވާ. ހީވަނީ ހަނދު ކައިރީގައި ބަހައްޓާލާފައި ހުންނަހެން،" އެނެއްފަރާތައް އެނބުރި އިން ސަޖުނާގެ ދަތްދޮޅީގައި ހިފާލަމުން ރިހާމު އޭނާއާއި ދިމާއަށް އަނބުރާލަމުން ބުނެލި ޖުމްލައިން ސަޖުނާ އިތުރަށް ލަދުގަތެވެ.

ރިހާމު ބޭނުންވި އެ ގޮތެވެ. ސަޖުނާ ލަދުގަތުމުން ރިހާމަށް އޭނަ މާ ރީއްޗެވެ. ލަދުން ބޮޑިވެގަންނަ ގޮތް ވަރަށް ހިތްގައިމެވެ. އެހެންކަމުން އަބަދު ވެސް ދޭތެރެއަކުން ސަޖުނާ ލަދުގަންނަވާލެވޭތޯ ރިހާމު ބަލައެވެ. ލަދުން ސަޖުނާ ހުރީ އިސްޖަހާލައިގެންނެވެ. ރިހާމާ ދިމާއަށް ނުބަލަން ވެގެންނެވެ. 

"ތިހެން އިސްޖަހާލައިގެން ހުރީމަ ސަޖޫ އަދި މާ ރީތި. އަބަދު ވެސް ތިހެން ހުރެބަލަ،" އެއްމިޔަކަނުން ހިނިތުން ވެލަމުން ރިހާމު ބުނެލިއެވެ.

"އަޅެ. ޕްލީޒް ތިހާ ތައުރީފް ކުރާކަށް ނުވާނެ....އެސްފީނާ ޖެހިދާނެ،" ސަޖުނާ ތެދުވިއެވެ. 

"ކިހިނެއްވީ؟ ތި ތެދުވީ! ....ހާދަ އަވަހަކަށް ދާންވީ؟" ރިހާމު ވެސް ތެދުވިއެވެ.

"އަހަރެން ހިތަށް މި އަރަނީ ރިހާމުގެ މައިންބަފައިން މި ގުޅުމާ ރުހޭނެބާއޭ؟" ދެރެވަލާފައި ސަޖުނާއަށް ބަލާލެވުނީ ރިހާމުގެ މޫނަށެވެ.

"އަދި ތިކަމާ ނުވިސްނަބަލަ...އަދި ނޭހިފައެއް ނެތެއްނު،" އެއީ ރިހާމުގެ އަބަދުގެ ވެސް ޖަވާބެވެ. 

ކިރިޔާ ފެށި ގުޅުމެއް މައިންބަފައިންނާއި ހަމައަށް ގެންދާކަށް ރިހާމު ބޭނުމެއް ނޫނެވެ. އެނާ ބޭނުންވަނީ ސަޖުނާ އާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ސަޖުނާގެ ރީތި މޫނާއި އެ ރީތި ބޮޑު ދެލޮލޯ ފެންނަ ފަށުގައި ގިނަ ވަގުތު ހޭދަކޮށްލާށެވެ. ސަޖުނާ ގެއްލިގެން ދާކަށް ރިހާމު ބޭނުމެއް ނޫނެވެ. ސަޖުނާ އާއި ރައްޓެހިވި އިރުވެސް ރިހާމުގެ ހިތުގައި ނުތަނަވަސް ކަމެއް އޮތެވެ. ސަޖުނާ އާއި އޭނާގެ މައިންބަފައިން ނުގަބޫލު ވެދާނެ ކަމަށް ހިތް ބެނެއެވެ. އެހެނަސް ސަޖުނާގެ ރީތިކަމާއި އަހުލާގު ރިހާމަށް ކަމުދާތީ ސަޖުނާ ގެއްލިގެން ދިއުމަކަށް ރިހާމު ނޭދެއެވެ. އެ ނުތަނަވަސްކަމުގެ ސަބަބުން މައިންބަފައިންނަށް މި ގުޅުމުގެ ޚަބަރު ދިނުމަށް ރިހާމު ފަސްޖެހެއެވެ. އަދި ރިހާމުގެ ފަސް ޖެހެވުން ސަޖުނާއަށް އެނގޭކަށް ވެސް ރިހާމު ބޭނުމެއް ނޫނެވެ. ސަޖުނާއަށް އެކަން އެނގޭނަމަ ވަގުތުން މައިންބަފައިންގެ ކައިރީ މި ގުޅުމުގެ ވާހަކަ ބުނަން މަޖުބޫރު ވާނެކަން ރިހާމަށް ގައިމެވެ. އެހެންކަމުން ސަޖުނާ އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޮންމެ ވެސް ބަހަނާއެއް ދެއްކުމަށްފަހު އެކަން ރިހާމު އެ ކަން ހުއްޓުވައެވެ. އެ ގުޅުމަށް ނިމުމެއް އައިސްދާނެތީ ވާ ޖެހިލުމެއްގެ ބޮޑުކަމުންނެވެ.

-ނުނިމޭ-