އެޕިސޯޑް-12

ދިމްނާގެ ކައިރީގައި ހުއްޓާ ކޯލް ނައިކަން އެއީ ނަސީބެކޭ ރިހާމު ހިތަށް އެރިއެވެ. މި ފަހަރު ރިހާމު ސަލާމަތް ވީ ހަމަ ކިރިޔާއެވެ. ފޯނު ނަގަން ކަމަށް ރިހާމު ގުދު ވެލި ނަމަވެސް ފަހުން ޚިޔާލު ބަދަލުވީ ވެސް ތޯއްޗެކެވެ. ފޯނު ރިންގ އޮފް ކޮށްލުމަށްފަހު ރިހާމު ހިނގައިގަތީ ޑްރެސިންގ ޓޭބަލާއި ދިމާއަށެވެ.

ރިހާމު ފޯނު ނުނެގުމުން ސަޖުނާ ވަރަށް ދެރަވިއެވެ. އޮށޯވެލައިގެން އޮވެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ސަޖުނާ އޮތެވެ. އިސާހިތަކު ސަޖުނާގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. މަޑުމަޑުން ދެ ލޮލުން ކަރުނަ ތައް އިޚްތިޔާރަކާއި ނުލައި ފައިބަންފެށިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ރުއިން މަޑު މަޑު ގިސްލުމަކަށް ބަދަލުވެގެން ދިއުމާއެކު ސަޖުނާ އެނދުގައި ބަންޑުން އޮށޯވެ ބާލީހުން މޫނު ނިވާކޮށްލިއެވެ.

ސަޖުނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ބައެއްފަހަރު އޭނާގެ ރުއިމުގެ އަޑު ބާރުވެއެވެ. އާއިދު ބުނި ފަދައިން ރިހާމު އޭނާއަށް ބޭވަފާތެރި ވަނީ ނޫންބާއޭ؟ ސަޖުނާއަށް ހިތާހިތުން ކިޔާލެވުނެވެ. އެހެން ވެއްޖެނަމަ ކިހާ ދެރަ ހެއްޔެވެ. މި ހުރިހާ ދުވަހު އޭނާ ދެކެމުން އައި ހުވަފެންތައް ވިއްސި ވިހާލިވީއެވެ. ރިހާމާއި އެކު އުފާވެރި ހަޔާތެއް ދުށުމަށް ކުރި އުންމީދުތައް ފެނަށް ދިޔައީއެވެ. ނޫނެކެވެ. ސަޖުނާ އެހެން ވިޔަކަ ނުދޭނެއެވެ. ކޮންހެން ހަދާފައި ނަމަވެސް ރިހާމު އޭނާގެ މީހަކަށް ހަދާނެވެ. ސަޖުނާގެ ނިކަމެތިކަމުގެ ނާޖާއިޒް ފައިދާ އެހެނަކުން ރިހާމަކަށް ނުނެގޭނެއެވެ. ސަޖުނާ ދެލޯ ފުހެލިއެވެ. އަމިއްލަ ނަފްސު ކޮށްޓްރޯލް ކޮށްލުމަށް މަސައްކަތް ކުރަމުން ފޯނު ނަގައި އިގިލިތަކުގެ ހަލުވި ހަރަކާތަކާއެކު މެސެޖް ލިޔަން ފެށިއެވެ. ރިހާމަށެވެ.

ދިމްނާ އާއި ރިހާމު އިނީ މެލޭޝިޔާގެ  މަޝްހޫރު ރެސްޓޯރެންޓެއްގައެވެ. ރެސްޓޯރެންޓްގައި ހިމޭން އިގިރޭސި ލޯބީގެ ލަވައެއް މަޑުމަޑުން އިވި އިވި ހުއްޓެވެ. ވަގުތަކީ މީހުން މާގިނަ ވަގުތެއް ނޫނެވެ. ސަޖުނާގެ ކޯލެއް އައިސްދާނެތީ ރިހާމު ހުރީ ފޯނު ސައިލެންޓަށް ލައިގެންނެވެ.

ރިހާމު ކައިރީގައި ހުރެވޭ ކޮންމެ ވަގުތެއްގައި ދިމްނާ ހުންނަނީ ނުހަނު އުފަލުންނެވެ. އަބަދުވެ ހިނިތުންވެފައެވެ. ދިމްނާގެ އެ ހިނިތުން ވުމަކީ، އެއީ ރިހާމުގެ ހިތުގެ ފިނިކަން ކަމުގައި ވިއެވެ. އެހެނަސް ....

"ވަރަށް އުފާވެރި ޚަބަރެއް ދެންތަ؟....ބައްޕަ ބޭނުންވޭ ވަރަށް އަވަހަށް އަހަރެމެން މެރީ ކުރަން ....މަންމަ އާއި ބައްޕަ ވެސް އެބަ އާދެ މިކޮޅަށް ،" ރިހާމު ބަލާލީ ދިމްނާއާއި ދިމާއަށެވެ.

އުފަލުން ހުރެއެވެ. އިވުނު އިވުން ގަބޫލު ނުކުރެވެއޭ ބުނާ ޒާތަކަށް ދިމްނާ ބަލަން ހުއްޓެވެ. ރިހާމު މިރޭ އެ ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ. އަޑު އިވުނީ ކިތަންމެ އުފާވާ ޚަބަރެއް ނަމަވެސް އުފާވާން ވެސް ނޭނގިފައި ދިމްނާއަށް ހުރެވުނީ ރިހާމާއި ދިމާއަށް ބަލަންށެވެ.

"ކިހިނެއްވީ؟ ކުއްލިއަކަށް ކައިވެނީގެ ވާހަކަ ތި ފެށީ ،" ދިމްނާ ހައިރާންވެފައި ހުރެ އަހާލިއެވެ.

ކުއްލިއަކަށް އެ މައުލޫއަށް ރިހާމު ދިއުމުންނެވެ. ދިމްނާ ވެސް ބޭނުންވަނީ އަވަހަށް ރިހާމު އާއި ކައިވެނި ކުރާށެވެ. ރިހާމު އޭނާގެ މިލްކަކަށް ހަދާށެވެ. މި ޒަމާނުގައި މާ ގިނަ ދުވަސްވާން ވެއްޖެނަމަ  ރިހާމު ގެއްލިދާނެ ކަމުގެ ބިރު ދިމްނާގެ ހިތުގައި ވެސް އޮވެއެވެ.

"އަވަހީތަ ؟ އެހެން ވިއްޔާ މީ ނުދައްކާ ވާހަކައެއް،" ރިހާމުއަށް ޔަގީނާ ގާތައް ދިމްނާ ވެސް ބޭނުންވާނީ އަވަހަށް ކައިވެނި ކުރަންކަން އެނގުނު ނަމަވެސް އޭނާ ބޭނުންވީ ދިމްނާގެ އަނގައިން އެ ވާހަކަ ބުނުވާށެވެ.

"ނޫން ދެން އަވަހަށް ކައިވެނި ކުރަން ދޯ ދިމް ވެސް ބޭނުން ވާނީ އެކަމަކު ހަމަ... ގަބޫލު ނުކުރެވިގެން....ކުރިން ބުނީ ކިޔަވާ ނިމިގެންނޭ ...އެހެންވެ،" ދިމްނާ އަވަސް އަވަހަށް ބުނެލިއެވެ.

"ކެތްވާނީ ވަކި ވަރަކަށްނު....މާ ގިނަ ދުވަހު މިހެން އުޅެން ހަދައިގެން ގޯހެއް ވެދާނެ،" ދިމްނާ އާއި ގާތް ވެލަމުން ރިހާމު ބުނެލިއެވެ.  "މިކޮޅުގަ ކައިވެނިކޮށްގެން މާލެ ދާނީ ..އޯކޭއެއްނު،" ދިމްނާއާއި ހަތަރު ކަޅި ހަމަ ކޮށްލަމުން ރިހާމު ހިނިތުން ވެލިއެވެ.

ރިހާމު ގަސްތުގައި މާލޭގައި ކައިވެނި ޕާޓީ ބާއްވަން ބޭނުން ނުވީއެވެ. ސަޖުނާއަށް އެއްވެސް ކަމެއް މޭރުން ވާކަށް ރިހާމު އަދި ބޭނުން ނޫނެވެ. ސަޖުނާ އާއި ކުރިމަތި ލާނެ ހިތްވަރު ވެސް ނެތީއެވެ. ސަޖުނާ ދެކެ ރިހާމު އަދި ވެސް ލޯބި ވެއެވެ. އެހެނަސް މައިންބަފައިންގެ ވިސްނުން ވަރަށް ތަފާތުކަން ރިހާމަށް އެނގެއެވެ. އެ މީހުން ބޭނުންވަނީ ގަދަރުވެރި އާއިލާއެއްގެ އެ މީހުންނާއި އެއް ފެންވަރެއްގެ މީހަކާއި ރިހާމު ގުޅުމަށެވެ. އެ ކަން ކުރިން އެނގުނު ނަމަ ސަޖުނާ އާއި ލޯބީގެ ގުޅުމެއް ރިހާމު ގާއިމް ނުކުރީހެވެ. އެވަރުގެ ދެރައެއް ނުދިނީހެވެ. މިހާރު ރިހާމު ކިތަންމެ ފަހަރަކު ސަޖުނާ ކައިރީގައި އެ ވާހަކަ ބުނަން މަސައްކަތް ކޮށްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނާގެ އަރުތެރެ ބެދެނީ ކީއްވެ ކަމެއް ރިހާމަކަށް ނޭނގެއެވެ. އަނގައިން އެ ވާހަކަ ބުނުމަށް ދޫ ހުރަސް އަޅަނީ ކޮން ސަބަބަކާއި ހުރެ ބާއޭ ރިހާމު ހިތަށް އަރައެވެ.

"ހާދަ ފުން ޚިޔާލަކަށް ތިޔަ ގެއްލުނީ...ކިހިނެއްވީ" ރިހާމު ހުރިގޮތް ފެނިފައި ދިމްނާއަށް އަހައިލެވުނެވެ. "ރިހާމު ބޭނުންގޮތެއް އަހަންނަށް އޯކޭ ....ރީހާމުގެ މީހަކަށް އަހަރެން ހަދަނިކޮށް އެ ނިމުނީ،" ރިހާމު ހިތްހަމަ ނުޖެހުނީ ކަމަށް ހީކޮށް ދިމްނާ އަވަސް އަވަހަށް ބުނެލިއެވެ.

"ހާދަ ސިންޕަލްކޮށް.... ދިމްނާ ބޭނުންވާ ގޮތެއް ވެސް ބުނެބަލަ...އޭރުންތާ އެނގޭނީ،" ދިންމާ ދިން ޖަވާބާއި މެދު ރިހާމު އެހާ ގަޔާވި ހެނެއް ހިޔެއް ނުވެއެވެ.

"އެހެން ބުނި އެއްޗެއް ނޫނޭ ...އެހާ ސީރިއަސް ނުވެބަލަ،" ރިހާމުގެ ކޮލުގައި ހިފާލަމުން ދިމްނާ ހީލިއެވެ. ރިހާމު ވެސް އެ ހުނުމުގައި ބައިވެރިވެލިއެވެ.

ކިތަންމެ އުފާވެރި ރެއެއް ނަމަވެސް ކުއްލިއަކަށް ރިހާމަށް ބުނެދެން ނޭނގޭ އުދަގޫތަކެއް އިހުސާސް ވާން ފެށިއެވެ. ހިތް ނުތަނަވަސް ވާން ފެށިއެވެ. ސަޖުނާގެ ހަނދާންތައް ސިކުނޑި ބަރު ކުރުވައިފިއެވެ. ދިމްނާ އާއި ކައިވެނި ކުރެވޭ ވާހަކަ ދެކެވޭ ހިނދުވެސް ސަޖުނާގެ ސޫރަ ރިހާމު ގެ ކުރިމަތީގައި ސިފަ ވާހެން ހީވަނީ ފަހެ ކީއްވެ ބާއޭ ރިހާމު ހިތާހިތުން ކިޔާލިއެވެ. އެ ހަނދާންތަކާއި ޚިޔާލުތަކުން އުނދަގޫތައް ކުރިމަތި ކުރުވަނީ ކީއްވެ ހެއްޔޭ ރިހާމުގެ ހިތް ބުނަމުން ދިޔައެވެ.

ކުރިއަށް އޮތް ދުވަހަކީ ކޮލެޖް  ވެސް ބައްދު ދުވަހެއް ކަމުން ރިހާމު އާއި ދިމްނާ ވަރަށް ގިނަ ވަގުތު ރެސްޓޯރެންޓްގައި އެކި ވާހަކަ ދެއްކުމުގައި ހޭދަކުރިއެވެ. ދެ މީހުންގެ ދިރިއުޅުމުގެ ހަޔާތުގެ އާ ބާބެއް ހުޅުވާލުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ދިރިއުޅުން ކުރިއށް ގެންދާނެ ގޮތުގެ އެކި އެކި މަޝްވަރާ ކުރިއެވެ. މާޒީގެ އެކި ހަނދާންތަކާއި ދިމާވެފައިވާ މަޖާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކުރިއެވެ. އުފާވެރި ވަގުތު ކޮޅުތަކަށް ވެސް ނިމުމެއް އާދެއެވެ. ދެ ލޯބި ވެރިންގެ އެ އުފާވެރި ވަގުތުކޮޅަށް ވެސް ނިމުމެއް ގެންނަން ޖެހުނީ މާ ބޮޑަށް ދަންވީމައެވެ.

ޓެކްސީއެއްގައި އެ މީހުން ތިބޭ އެޕާޓްމަންޓް އަށް އައިސް ދިމްނާ އޭނާގެ ކޮޓަރިއަށް ލުމަށްފަހު ރިހާމު ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. ޖީބުން ފޯނު ނަގައި ބަލާލި އިރު ސަޖުނާގެ ދެތިން މިސްކޯލް އޮތެވެ. އަދި ވައިބައިން މެސެޖެއް ފޮނުވާފައި އޮތުމުން ބަލައިލި އިރު ވަރަށް އަސަރުގަދަ މެސެޖެއް ފޮނުވާފައި އޮތެވެ.

"ރިހާމު އެވެ. އަހަރެން ތި އިގްނޯ ކުރަނީ ކީއްވެ ހެއްޔެވެ. ރިހާމު ކިތަންމެ ބިޒާ ވިޔަސް ތިޔަހެން ކަންތައް ކުރާނެ ކަމަށް އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ބައެއްފަހަރު އަހަރެންގެ ހިތް ބުނެއެވެ. ރިހާމު ތިބާ ދެކެ ލޯތްބެއް ނުވެއެވެ. ތެދެއް ހެއްޔެވެ. ރިހާމު ލޯބި ނުވަންޏާވެސް ބުނެ ބަލާށެވެ. އަހަރެން ކެތްކުރާނަމެވެ. މި ހިތަށް ކެތް ވާނެއެވެ. ދޮގު އަވާމެންދުރެއްގައި މި ހިތަށް ސަޒާ ލިބުމަށް ވުރެ އެގޮތް މާ ރަގަނޅު ވާނެ ނޫންހެއްޔެވެ. ރިހާމު އެވެ. އަހަރެން އަބަދުވެސް ރިހާމު ދެކެ ލޯބި ވާނަމެވެ. ލޯބި ވޭމެއެވެ. ތީ އަބަދުވެސް މި ހިތުގެ މިތުރާއެވެ.،" ރިހާމު މެސެޖް ކިޔަމުން ދިޔަ ވަރަކަށް އަނެއްކާ ވެސް ކުރީގެ މާޒީ އޭނާގެ ކުރިމަތީގައި ނިއުޅެމުން ދާން ފެށިއެވެ. ސަޖުނާ އާއި އެކު އުޅުނު ގޮތުގެ މަންޒަރުތައް ކުރިމަތިން ސިފަވަމުން ދިޔަ ކަހަލައެވެ. ސަޖުނާގެ ރީތި ސޫރަ އޭނާގެ ކުރިމަތީ ހުރި ކަހަލައެވެ. ލޮލުން ކަރުނަ ފާއްދާލާފައި ހުރި ސަޖުނާގެ ފުސްވެފައިވާ ލޮލުން ރިހާމަށް ފެންނަމުން ދިޔައީ އޭނާގެ ކެހިވެރި ބޭވަފާތެރި ކަމެވެ. މުޅި ކޮޓަރި ވަށައިގެން ސަޖުނާގެ ސޫރަ ބަލާލި ކޮންމެ ދިމާއަކުން ފެންނަ ކަހަލައެވެ. އެ ސޫރަ ބުނާ ކަހަލަ އެވެ. ރިހާމު އެވެ. ކަލޭތީ ބޭވަފާތެރިއެކެވެ. ކެހިވެރިއެކެވެ. ނިކަމެތި ކުއްޖަކަށް ތިބާ ތިޔަ ދެނީ ކިހާބޮޑު ދެރެއެއް ހެއްޔެވެ. ތިޔަހެން ކަންތައް ކުރާކަށް ނުވާނެއެވެ.

ރިހާމަށް ތެޅި ގަނެވުނެވެ. މޫނު ފުހެލަމުން ފާޚާނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ސަޖުނާގެ ޚިޔާލުތަކުން ދުރުވެވޭތޯ އެވެ. ފާޚާނާއަށް ވަދެ މޫނު ދޮންނަތަށީގެ އިސްކުރު ދޫކޮށްލުމަށްފަހު އެތައް ފަހަރަ މޫނަށް ފެންޖަހައި ލުމަށްފަހު ފާޚާނާއިން ނުކުތެވެ. ތުވާލިން މޫނު ފުހެލަމުން ގަޑިއަށް ބަލާލުމަށްފަހު ފޯނު ނަގައި ސަޖުނާއަށް ގުޅާލުމަށް ހިތައް އަރާފަވެސް މާ ލަސްވެފައި ހުރުމުން އެނދުގައި އިށީދެލިއެވެ. ސަޖުނާއަށް ލޯބީގެ ރީތި ޝާއިރާނީ މެސެޖެއް ފޮނުވާލިއެވެ. އުޅެން ޖެހުނު ގޮތުން ފޯނު ނުނެގުނީތީ މާފަށް އެދެމުންނެވެ. ސަޖުނާގެ ޚިޔާލުތައް އެ ހިތުން ނުފޮހެވޭނެ ކަމަށް ބުނަމުންނެވެ. ރިހާމު ބަޔާންކުރީ ހަގީގަތެވެ. ހިތާ ދެކޮޅަށް މިއަދު ހިނގަން ޖެހިފައި އޮތް ނަމަވެސް ރިހާމުގެ ހިތުގައި ހިނގަމުން ދަނީ ސަޖުނާގެ ލޯބީގެ ޝުއޫރާތެވެ. އެހެނަސް އެކަމަށް އޮތީ ކެތްތެރިވުމެވެ. ދިމްނާއާއި ކައިވެނިކުރުމުން މަޑުމަޑުން ސަޖުނާގެ ޚިޔާލުތައް ފަޑުވަމުން ފޮހެވެމުން ދާނެ ކަމަށް ރިހާމު ގަބޫލުކުރެއެވެ. އެ އުންމީދުގައި ނިދޭތޯ ރިހާމު މަސައްކަތް ކުރަމުން ދިޔައެވެ.  

އާ ދުވަހަކަށް އިރު އަރައިފިއެވެ. އިރުގެ ހޫނު ކޮޓަރިއަށް އެޅުމުން ގަދަ ނިދީގައި އޮތް ސަޖުނާއަށް ހޭލެވުނެވެ. ކިހިނެއް ވެގެން ކަމެއް ނޭނގެއެވެ. ސަޖުނާއަށް އަވަހަށް ވެސް ބަލާލެވުނީ ފޯނަށެވެ. ރިހާމުގެ މެސެޖެއް ނަމަވެސް އައިސްފައި އިންތޯއެވެ. ސަޖުނާ ހިނިތުން ވެލިއެވެ. ލަސްލަހުން މެސެޖް ކިޔަމުން ދިޔަ އިރު އެ މޫނު މަތިން ރޭގައި ފެނުނު ހިތާމަ އެއްކޮށް ފިލައިފިއެވެ. އުފާވެރިކަމުން އެ މޫނު އުޖާލާވެފައި ވިއެވެ. ރިހާމު މެސެޖް ކޮށްފައި އޮތުމުންނެވެ. މާފަށް އެދިފައި އޮތުމުންނެވެ. ސަޖުނާ ދެކެ އަބަދުވެސް ލޯބި ވާ ވާހަކަ ބުނެފައި އޮތަތީއެވެ.

-ނުނިމޭ-