އާ ދުވަހަކަށް އިރު އަރައިފިއެވެ. އިރުގެ ހޫނު ކޮޓަރިއަށް އެޅުމުން ގަދަ ނިދީގައި އޮތް ސަޖުނާއަށް ހޭލެވުނެވެ. ކިހިނެއް ވެގެން ކަމެއް ނޭނގެއެވެ. ސަޖުނާއަށް އަވަހަށް ވެސް ބަލާލެވުނީ ފޯނަށެވެ. ރިހާމުގެ މެސެޖެއް ނަމަވެސް އައިސްފައި އިންތޯއެވެ. ސަޖުނާ ހިނިތުން ވެލިއެވެ. ލަސްލަހުން މެސެޖް ކިޔަމުން ދިޔަ އިރު އެ މޫނު މަތިން ރޭގައި ފެނުނު ހިތާމަ އެއްކޮށް ފިލައިފިއެވެ. އުފާވެރިކަމުން އެ މޫނު އުޖާލާވެފައި ވިއެވެ. ރިހާމު މެސެޖް ކޮށްފައި އޮތުމުންނެވެ. މާފަށް އެދިފައި އޮތުމުންނެވެ. ސަޖުނާ ދެކެ އަބަދުވެސް ލޯބި ވާ ވާހަކަ ބުނެފައި އޮތަތީއެވެ.

ސަޖުނާ އުފަލުން ނަށައިގަތެވެ. އެނދުން ތެދުވެގެން ފާޚާނާއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރޭގައި ހުރި ހިތާމައާއި ނުތަނަވަސްކަން އެއްކޮށް ފިލައި ދިޔައެވެ. މޮޅިވެފައިވާ ހިތަށް ދިރުން ލިބިގެން ދިޔައީ ރިހާމުގެ އޯގާތެރި ބަސްތަކުންނެވެ. އެ ހިތް ފުރިގެން ދިޔައީ އެ ޝާއިރާނީ މެސެޖްގެ އިބާރާތްތަކުގެ ސަބަބުންނެވެ. ރިހާމު އޭނާއާއި އަޅާލާކަމުގެ ހިތްހަމަ ޖެހުން ސަޖުނާއަށް ލިބިގެން ދިޔައީ ރިހާމު ފޮނުވާފައިވާ މެސެޖްގެ ސަބަބުންނެވެ.

ސަޖުނާގެ މޫނަށް އައިސްފައިވާ އުޖާލާކަން އޭނާގެ މަންމަ އާބިދާއަށް ފާހަގަކުރެވުނެވެ. ސައިބޯން ތިއްބައި އެކަން އާބިދާ ފާހަގަކުރިއެވެ. ދަރިފުޅުގެ މޫޑަށް އައިސްފައިވާ އުޖާލާކަމުގެ ސިއްރު ހޯދަން އާބިދާ ބޭނުންވިއެވެ. ފަހަކަށް އައިސް ސަޖުނާގެ މޫނު މަތީގެ ތާޒާކަން ފިލައި ހިތާމައިގެ އަސަރު ފާޅުވާން ހުންނަތާ ދެތިން ދުވަސް ވެއްޖެއެވެ. އެކަން އާބިދާއަށް ފާހަގަ ކުރެވިގެން އެހި ނަމަވެސް ސަޖުނާ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު އެ ވާހަކަ އޮއްބާލައެވެ.

"ދަރިފުޅާ ....ކިހިނެއް އިރު އެރި ދުވަހެއް؟" ސަޖުނާއަށް ބަލާލަމުން އާބިދާ ބުނެލިއެވެ.

"ކިހިނެއްވީ މަންމާ ؟" ސަޖުނާ ބަލާލީ އޭނާގެ މަންމައާއި ދިމާއަށެވެ.

"ކަމެއްވާ ނުވޭ ...ރޭގައި ކިހިނެއްވީ ...ދަރިފުޅު މާ އުފަލުން ހުރީމަ،"  އާބިދާ އޮޅުން ފިލުވަން ބޭނުންވީ ސަޖުނާ އެހާ އުފާވެފައި ހުރި ސަބަބެވެ.

"ކަމެއް ނުވޭ މަންމާ،" އެއީ ސަޖުނާގެ އާދައެވެ. ކޮންމެ ވެސް ބަހަނާއެއް ދައްކާފައި ނަމަވެސް އެކަހަލަ މައުލޫއެއް އެއް ވީއްޔާ ކުރިއަށް ގެންދާކަށް ސަޖުނާ ބޭނުމެއް ނުވާނެއެވެ.

"އޯކޭ މަންމަ ކައިރީ ނުބުންޏަސް ދަރިފުޅު އެއްވެސް ކަމެއް މަންމައާއި ހިއްސާއެއް ނުކުރާނެ،" އާބިދާ ހިތްހަމަ ނުޖެހޭ ގޮތް ދައްކާލިއެވެ.

"ނޫނޭ މަންމާ ވަގުތު ޖެހުމުން އަހަރެން ވެސް ހިއްސާކުރާނެއެއްނު،" ލޯބިން އާބިދާއާއި ދިމާ ބަލާލަލަމުން ސަޖުނާ ޖަވާބު ދިނެވެ.

"ހުނ...އެވަގުތެއް ޖެހޭނެތަ؟" އާބިދާ ބޭރަށް ނުކުތެވެ.

މަންމަ އަމަލުކުރިގޮތުން ސަޖުނާ އާއި ސުހާއްކޮއަށް ހެވުނެވެ.

"މަންމަމެން ބުނެވެސް ނުލާ ތި އައިއްޔޯ؟" ދޮރުގައި ޓަކި ޖަހާ އަޑަށް ރިހާމު ދޮރު ހުޅުވާލި އިރު ކުރިމަތީގައި މައިބަފައިން ހުރުމުން ރިހާމު ހައިރާންވިއެވެ. "މަންމަމެން ބަލާ އަހަރެން ދިޔައީސް ވީއްޔަ،" މަންމަ މެން ނުބުނެ އައުމުން ރިހާމު ޝަކުވާ ކުރިއެވެ.

"ދަރިފުޅަށް ސަޕްރައިސްއެއް ދޭންވެގެން މަންމަމެން ގަސްތުގައި ނުބުނީ. އެހެން ނޫނަސް ދަރިފުޅަށް ބުރައެއް ޖައްސަން ކީއްކުރަން ދޯ ފަހުދު"  ފަޒީނާ އޭނާގެ ފިރިމީހާ ފަހުދާއި  ދިމާއަށް ބަލާލަމުން ވާހާކަ ދެއްކިއެވެ.

"އަންނަ ވާހަކަ ނުބުނާތީ ކާނެ އެއްޗެއް ވެސް ނެތް،" ރިހާމު ބުނެލިއެވެ. " ހިނގާ ބޭރަށް ކާންދާން،" ރިހާމަސް ފެންނަ ގޮތް ހުށައެޅިއެވެ.

"ތައްޔާރު ވެލައިގެން ދޯ ދާނީ ...ކޮބާ ދިމްނާ ...އޭނާ ވެސް ގޮވައިގެންނެއްނު ދާންވާނީ،" ރިހާމުގެ ބައްޕަ ފަހުދަށް ވެސް އެ ގޮތް ކަމު ދިޔައެވެ.

"އޭނަ ވަރަށް ލަދު ގަންނާނެ ...ބައްޕަ ހުރިއްޔާ ނޭނގެ ދާން އެއްބަސް ވާނެ ކަމެއްވެސް،" ރިހާމު ވަގުން ބުންޏެވެ.

"ދެން ކައިވެނި ކުރަން އުޅޭއިރު ލަދުގަނެގެންވާނެތަ؟ ބައްޕަ އެއްޗެއް ކިޔާފާނެތީ ނުގެންދަންތަ ތި އުޅެނީ ...ބައްޕަ ހުރެދާނަމޭ އެއްޗެއް ނުބުނެ ...އޭރުން ވެސް ދިމްނާ ހިތައްއަރާނެ ރިހާމުގެ ބައްޕަ ހާދަ ކިބުރުވެރިވެފައި ބޮޑަލޭ،" ފަހުދު ހީލިއެވެ.

"ބައްޕާ! ތިއިން އެއްވެސް ކަމެއް ވެގެންނެއް ނޫނޭ، އޯކޭ މި ގުޅަނީ ދިމްއަށް އޭނާވެސް ބައިވެރިވާނެ... އުފާވެއްޖެތަ" ރިހާމު ފޯނު ނެގުމަށް ފަހު ދިމްނާއަށް ގުޅާލިއެވެ.

އުޑުމަތި ސާފު ރެއެކެވެ. ހަނދުވަރުދޭ ކޮންމެވެސް ވަރަކަށް އުޑުމަތި ސާފު ރެއެކެވެ. ހަލަބޮލި ކެފޭއެއްގެ ޕްރައިވެޓް އޭރިއާގައި ރިހާމުގެ ފެމެލީ އައި އެކު ކެއުމަށް އިންސާފުކުރުމަށް ދިމްނާ އިނެވެ. ކޮންމެވެސް ވަރަކަށް ލަދުގެންފައި ހުރުމުން ދިމްނާ އިނީ އިސްޖަހާލައިގެންނެވެ.

"ރިހާމު އެއީ މަންމަމެންގެ ހުރި ހަމައެކަނި ފުރާނަ...ދިމްނާ ވާނެ ރިހާމަށް ރަގަނޅުވާން.... ވަރަށް އޯގާތެރިވާންވާނެ....މި ޒަމާނުގެ ކުދިންހެން މާ ސޯސިއަލްވެގެން އުޅޭނީއްއެއް ނޫން....ދިރިއުޅުން ހިފެހެއްޓޭނީ ދެ ކުދިންގެ ވެސް މިންނެތް މަސައްކަތުން ....ރިހާމު ވެސް ޖެހޭނެ މި ދެއްކި ވާހަކަ ގަބޫލުކުރާން،" ކުޑަ އިދުކޮޅެއްގެ ހަމަ ހިމޭން ކަމަކަށްފަހު އާބިދާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން މަންމަމެންގެ ބަސް އަބަދުވެސް ގަބޫލުކުރާނަން،" ދިމްނާގެ ޖަވާބު ކުރުވެފައި ސާދާއެވެ.

"ދެން އަންނަ ހަފްތާއަކު ކައިވެނި ރަގަޅުވާނެދޯ!.....މާރޗް އަށެއް ބުރާސްފަތި އެއީ ރަގަނޅު ދުވަހެއް ދޯ ފަހުދު،" ފަހުދާއި ދިމާ ބަލާލަމުން އާބިދާ އެހިއެވެ.

"އާބިދާގެ ތިޔަ އިހުގެ ގަބޫލުކުރުންތައް ދޫކޮށްލާކަށް ނުވޭތަ؟ ކޮންމެ ދުވަހެއް ވެސް ރަގަނޅު ވާނޭ " ފަހުދަށް ހެވުނެވެ. ރިހާމު އާއި ދިމްނާއަށް ވެސް ބައްޕަ ގެ ހުނުމުގައި ބައިވެރިވިއެވެ.

"އެނބުނީ.....ކޮންމެ ގޮތެއް ވިޔަސް ހެޔޮ....އެ ދުވަހު ކައިވެނި ކުރަންވާނީ،" އާބިދާ ގަދަކޮށްލިއެވެ. އާބިދާ ގޮތް ދޫނުކުރާނެ ކަން އެނގުމުން އެންމެ ފަހު ފަހުދު ވެސް އެކަމާއި އެއްބަސް ވިއެވެ.

"ދިމްނާ މަންމަ ވެސް ގެންނަން ވާނެއެއްނު.... ޓިކެޓް ނަގަން އުޅޭ ބައްޕަ ދޭނަން ރުފިޔާ" ފަހުދު ބަލާލީ ދިމްނާ އާއި ދިމާއަށެވެ.

"ތޭންކްސް، މަންމަ ކައިރީގައި ބުނާނަން....މަންމަ ވަރަށް ބޭނުންވާނެ އަހަރެން ކައިވެނި ކުރާއިރު މިކޮޅުގައި ހުންނަން،"  ދިމްނާ ހީލިއެވެ.

ރިހާމު ދިމްނާގެ އަތުގައި ހިފާލަމުން އަތަށް މަޑުމަޑުން ފިތާލިއެވެ. އެކަކު އެނެކަކުގެ މޫނަށް ވައްކަޅިން ބަލާލިއެވެ. ރިހާމު ހުރީ އުފަލުންނެވެ. ދިމްނާ ވެސް ހިނިތުން ވެލިއެވެ. އޭނާ ހުރީ ހަގީގަތުގައި ވެސް ނުހަނު އުފާވެފައެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ހަގީގަތަކަށް ވަމުންދާތީއެވެ. ރިހާމުގެ މިލްކަކަށް ވެވޭތީއެވެ.

"ރިހާމު ހަމަ އެހެން ކުއްޖެއް ނުނަގާތަ؟" އެނދުގައި އޮތް ފަހުދުގެ މަގަތުގައި އިށީދެލަމުން އާބިދާ ވާހަކަ ދެއްކިއެވެ.

"ދެން އާބިދާ ވެސް މިހާރު ކޮންވާހަކައެއް... ރިހާމު ކިހާ އުފަލުންތަ އެ ހުރީ!...ނުފެނޭތަ އާބިދާއަކަށް! ...އެނެއްކާ މިކަން ރާވާ ނިމުނީމަ ދެން ކޮން ބޭކާރު ވާހަކައެއް،" ފަހުދަކީ އޭނާގެ ގޮތުގައި ހިފަހައްޓާ މީހެއެވެ. އަބަދުވެސް އޭނާގެ ބޭނުމަކަށްވީ ހަމައެކަނި ހުރި ދަރިފުޅު އެމީހުން ފަދަ ޚާންދާނީ، މާލޭ އާއިލާއެއްގެ ކުއްޖަކާއި ގުޅުމަށެވެ. އެކަން ކާމިޔާބު ވީމަ ފަހުދު ހުންނަނީ ނުހަނު އުފަލުންނެވެ. އެހެންކަމުން އަންހެނުން ނުވަތު ވާހަކައެއް ފެށީތީ ފަހުދު ހިތްހަމަ ނުޖެހުނީއެވެ.

"އެހެން ބުނި އެއްޗެއް ނޫނޭ މިޒަމާނުގައި އެހެން  އެއްކުއްޖަކާ ރައްޓެހިވެގެން އުޅެދާނެ ބާއޭ އަހަރެން ހިތައްއަރަނީހަމަ" އާބިދާ ތެދުވިއެވެ.

 "ކޮސްވާހަކަ ނުދައްކާ ހިނގާ ނިދަން އުޅެމާ...ދިމްނާގެ މަންމަ ވެސް އަންނަ ވާހަކަ އެނބުނީ ދެން މިކަންވެސް އެ ނިމެނީނު،" ފަހުދު އާފުރެމަނުން ބުނެލިއެވެ.

އެކި ކުލަ ބޮކިތަކުން ރެސްޓޯރެންޓްގެ ޓެރަސް ވަނީ ދިއްލާ އަޅާފައެވެ. ޓެރަސްއަށް ވަދެގެން ކުޑަ ތަންކޮޅެއް އެތެރެއަށް ވާގޮތަށް ހުރި ރީތި ބެކް ޑްރޮޕެއް ކައިރީގައި ނަލަ ހެދިލައިގެން އެހުރީ ރިހާމު އާއި ދިމްނާއެވެ. ވެޑިންގ ޑްރެސްގައި ހުރި އިރު ދިމްނާ އިހުނަށްވުރެ މާ ރީތި ކަމަށް ދައްކައެވެ. ދެމަފިރިން އެ ކުޑަ ހަފުލާއަށް އަންނަމުންދާ މެހެމާނުންނާއި ސަލާމް ކުރަމުން ދިޔައެވެ. ގިނައީ ދެ މީހުންގެ ވެސް އެކުވެރިންނެވެ.

ދުވަސްތަކަކަށް ފަހު ރިހާމު އޭނާގެ ބައިވެރިޔާ ދިމްނާ އާއި އެކު މާލެ އައެވެ. ކުރިން ވެސް ޕްލޭން ކުރިގޮތަށް ކައިވެންޏަށް ފަހު ރިޒޯޓެއްގައި ހަފްތާއެއްގެ ކުރު ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު އެވެ. މާލެ އައިކަން އެނގުމާއެކު ރިހާމުގެ އެކުވެރިންގެ ކޯލްތައް އަންނަން ފެށިއެވެ. ކޮފީތަކަށް ދައުވަތު ލިބެން ފެށިއެވެ.

"އަބަދު ބޭރުގައެއް ނޫން އުޅޭނީ...އަހަންނަށް ވެސް ވަގުތު ދޭންވާނެ،" ރިހާމު ނުކުންނަން ހިނގައިގަތުމުން ދިމްނާ ބުނެލިއެވެ.

"ދިމް އަށް ވަގުތު ދޭނެނެއްނު ...ވަރަށް އަވަހަށް އެބަ އަންނަނަން،" ހިނިތުން ވެލަމުން ދިމްނާއަށް ބަލާލުމަށްފަހު ރިހާމު ބޭރަށް ނުކުތެވެ.

ސްކޫލު ދުވަސްވަރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނާއި އެކު ރިހާމު ކޮފީއަކަށް އިންސާފުކުރަމުން ދިޔައެވެ. އެ މީހުންގެ މެދުގައި ސަކަ މަޖާ ވާހަކަތައް އެކަކު އަނެކަކާއި ހިއްސާކުރަމުން ދިޔައެވެ. ރިހާމުގެ ފޯނު ރިންގުވާން ފެށި އެވަގުތުއެވެ. ފޯނަށް ބަލާލަމުން އެކުވެރިންނަށް އިޝާރާތް ކޮށްލުމަށްފަހު ރިހާމު ތަންކޮޅެއް ދުރަށް ޖެހިލުމަށް ގޮޑިން ތެދުވިއެވެ.

"ލަސްތަކެއްވި...އެ ގުޅީ ނައިސްގެން،" އެކުވެރިޔެއް ބުނި އަޑު އިވުނެވެ. ރިހާމު ހީލަމުން ހިނގައިގަތެވެ.

"ސަޖޫ ކިހިނެއް؟" ރިހާމު އެހިއެވެ. ގުޅީ ސަޖުނާއެވެ. އޭނާގެ ކުރީގެ ލޯބި ވެރިޔާއެވެ.

"އަހަރެން މާލޭގައި ބަލިވެ މިއުޅެނީ،" ސަޖުނާ ޖަވާބު ދިނެވެ. ބަލި އަޑަކުންނެވެ.

"އަސްލު ވެސްތަ؟ ....އަހަރެން ވެސް މާލޭގައޭ، ކޮންތާކު ތި އުޅޭނީ،"  ރިހާމުގެ ޖަވާބުން ސަޖުނާއަށް ކުއްލި ސިހުމެއް ލިބުނެވެ. މާލޭގައި އުޅޭ ވާހަކަ ރިހާމު ނުވެސް ބުނެއޭ ހިތަށް އެރިއެވެ.

"ރިހާމު ނުވެސް ބުނަމެއްނު،" ސަޖުނާ އޭނާ އުޅޭ ގެސްޓްހައުސްގެ ނަން ބުނެދިނެވެ. ރަހުމަތްތެރިން ކައިރީގައި އެނބަ އަންނަމޭ ބުނަމުން ރިހާމު ސައިކަލުގައި މިސްރާބު ޖެހީ ސަޖުނާ އާއި ބައްދަލުކުރުމަށެވެ.

މަދު މިނެޓްކޮޅެއްގެ ތެރޭގައި ރިހާމު ހުރީ ސަޖުނާ ކައިރީގައެވެ. ރިހާމު ފެނުމުން ސަޖުނާއަށް ކެތެއް ނުކުރެވުނެވެ. ދުވެފައި އައިގޮތަށް އައިސް ރިހާމުގެ ގައިގާ ބައްދާލިއެވެ. ރިހާމު ވެސް ސަޖުނާގެ އެ އަމަލަށް ހުރަސް އަޅާކަށް ބޭނުންވި ހެނެއް ހިޔެއްނުވެއެވެ. އޭނާއަކީ މީހެއްގެ ފިރިއެއްކަން ހަދާނެއް ނެތުނު ކަހަލައެވެ. އެންމެ ފަހުން ސަޖުނާގެ ގައިގާ  ރިހާމަށް ވެސް ބައްދާލެވުނީ އެހެންވެގެންނެވެ.

-ނުނިމޭ-