މަދު މިނެޓްކޮޅެއްގެ ތެރޭގައި ރިހާމު ހުރީ ސަޖުނާ ކައިރީގައެވެ. ރިހާމު ފެނުމުން ސަޖުނާއަށް ކެތެއް ނުކުރެވުނެވެ. ދުވެފައި އައިގޮތަށް އައިސް ރިހާމުގެ ގައިގާ ބައްދާލިއެވެ. ރިހާމު ވެސް ސަޖުނާގެ އެ އަމަލަށް ހުރަސް އަޅާކަށް ބޭނުންވި ހެނެއް ހިޔެއްނުވެއެވެ. އޭނާއަކީ މީހެއްގެ ފިރިއެއްކަން ހަދާނެއް ނެތުނު ކަހަލައެވެ. އެންމެ ފަހުން ސަޖުނާގެ ގައިގާ ރިހާމަށް ވެސް ބައްދާލެވުނީ އެހެންވެގެންނެވެ.
"ރިހާމު ހާދަ ޗޭންޖް ވެއްޖޭ....މިހާރު ހީވަނީ ކުރިއަށްވުރެ މާ ރީތި ހެން،" ސަޖުނާ ހުރީ ރިހާމުގެ މޫނަށް ބަލަހައްޓައިގެންނެވެ.
"އެ ބުނީ....މުސްކުޅިވާ ވަރަކަށް ކޮން ރީއްޗެއް ވާނީ،" ރިހާމު ހީލިއެވެ. "ސަޖޫ ވެސް ރީއްޗޭ...ވަރަށް ރޮމޭންޓިކް ލުކެއް ތި ހުންނަނީ،" ރިހާމު ސަޖުނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"ރީތި އެހެން ކުދިން ވެސް ތިބޭތާ...އަނެއްކާ މެލޭއިން ބިޓެއް ނެގީތަ؟" ސަޖުނާ އެހެން އެހުމުން ރިހާމަށް ތެޅި ގަނެވުނު ނަމަވެސް ދެން އައި ސިކުންތުގައި ޖިސްމު ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ.
"ސަޖޫ ކިޔާފާނެ ކޮންމެ އެއްޗެކޭވެސް....އެހެންވާނެ އެއްނު...،" ލާނެތްފާޑަކަށް ހީގަންނަމުން ރިހާމު އަވަސް އަވަހަށް ބުނެލިއެވެ.
"އެނގޭތަ؟ ރިހާމު ވަރަށް މިސްވި....ހާދަ ދިގު އިންތިޒާރެކޭ....ކޮންއިރަކުން ތި ކޯސް ނިމޭނީ،" ސަޖުނާ ރިހާމުގެ ބުރަކަށީގައި ފިރުމާލިއެވެ. ރިހާމަށް ލިބުނު އަރާމެއްގެ ބޮޑުކަމުން ލޯމަރާލެވުނެވެ.
"އަދި އެއް އަހަރު އެބޮތް...ކެތްކޮށްލާ....،" ރިހާމު ފުންނޭވާއެއް ލިއެވެ. "ސަޖޫ...އަހަރެން ވަރަށް ބޮޑު ވާހަކައެއް..،" ރިހާމު ވާހަކަ ދައްކަން މަސައްކަތް ކުރުމުން ސަޖުނާ އޭނާގެ ރީތި ހިމަ އިނގިލިތަކުން އެކަން ހުއްޓުވުމަށް ރިހާމުގެ ތުންފަތްމަތީގައި އަތް ބާއްވާލިއެވެ.
"ދެން ނޫން ރިހާމު....ވަރަށް މަސައްކަތުން މި ވަގުތު މި ލިބުނީ....މާ ވާހަކަ ގިނަ ނުކޮށް އަހަންނަށް ހިމޭން ވަގުތު ކޮޅެއް ދީބަލަ...އެތަށް ދުވަހެއް ފަހުން ތިޔަ ކޮނޑުގައި ބޯއަޅާލަން ލިބުނު ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފިޔަ ދީބަލަ....ތި އަޅާގެ ލޯބީގައި ދިވާނާ ވެފައިވާ މި ހިތަށް ތަސައްލީއެއް ލިބެންދެން މި މާހައުލު ތަޣައްޔަރު ނުކޮށް މަޑުކޮށްލަ ދީބަ...ޕްލީޒް،" ސަޖުނާ ހުރިހާ ވާހަކައެއް ދެއްކީ ހަމަ އެކަނި ރިހާމަށް އަޑު އިވޭވަރަށް އޭނާގެ ކަންފަތް ދޮށުގައެވެ. މަޑުމަޑުން ވައިއަޑުންނެވެ. ފުން ނޭވާގެ ބީހުންތަކުން ރިހާމުގެ ހިއްސުތަކާއި ކުޅެލަމުންނެވެ.
ރިހާމުގެ ގައިގާ ބައްދާލައިގެން ހުރިގޮތަށް ސަޖުނާ ހުރީއެވެ. އެ ދެމެދަށް ހިނދުކޮޅަކަށް ނަމަވެސް ހަމަ ހިމޭންކަން ވެރިވެފައި ވިއެވެ. އެހެނަސް ސަޖުނާގެ ހޫނު ނޭވާގެ ބީހުންތަކުން ރިހާމުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހިތުގެ ހިނގުން ބާރުވަމުން ދިޔައެވެ. އަތުގެ ހަރަކާތްތައް ހޭލިކަހަލައެވެ. މަޑުމަޑުން ސަޖުނާގެ ބުރަކަށީގައި ފިރުމާލަން ފެށުނެވެ. ރިހާމުގެ އަމަލުތަކުން ސަޖުނާއަށް ލޯ މަރާލެވުނެވެ. ރިހާމު މަޑުމަޑުން ސަޖުނާ އެނދުގައި ބާއްވާލިއެވެ. އަދިވެސް ސަޖުނާ އޮތީ ލޯމަރާލައިގެންނެވެ. ރިހާމަށް މުޅި ޖިސްމު ހަދިޔާކުރި ކަހަލައެވެ. ރިހާމުގެ ކޮންމެ ހަރަކާތަކަށް ސަޖުނާ ދިޔައީ ހިތުންރުހުމުން އިޖާބަ ދެމުނެވެ.
ދެ މީޙުންނަށް ހޭވެރިކަން ވީއިރު ގޯސް ހެދި ނިމެއްޖެއެވެ. އިންސާނީ ބުއްދިއަކީ ކިހާ ކެހި ދޭ ހެއްޔެވެ. އަމިއްލަ ނަފްސު އެ އިންސާނާއަށް ކޮންޓްރޯލް ނުކުރެވެނީ ކީއްވެ ހެއްޔެވެ. ކޮންމެ ނުބައި ކަމަކަށް ފަހު އެ ނަފްސު ހޭލައްވާލަނީ ކީއްވެ ހެއްޔެވެ. ނުބައި ކަމެއް ކުރުމަށް ހިތަށް އެރުމަށްފަހު ނަފްސު އެކަމުން ދުރު ނުވެވެނީ ކީއްވެ ހެއްޔެވެ.
ވަރުބަލިވެފައިވާ އެނދުގައި އޮތް ސަޖުނާގެ ލޮލުން ކަރުނަ ނިރާލިއެވެ. ފުސްވެފައިވާ ދެ ލޮލުން ރިހާމާއި ދިމާއަށް ސަޖުނާ ބަލާލީ ރިހާމު ކުއްވެރި ކުރާފަދައަކުންނެވެ. ކޮންމެ ގޮތެއްވިއަސް ދެންމެ އެ ކުރެވުނީ ފާފައެކެވެ. އެފަދަ ކަމަކަށް ސަޖުނާ ވެސް ފުރުސަތު ދީގެން ނުވާނެއެވެ. އަމިއްލައަށް އަމިއްލަ ނަފްސު ހަލާކުތެރެއަށް ދޫވެގެން ދިޔަ ދީގެން ނުވާނެއެވެ. އަމިއްލައަށް ކުށެއް ކުރެވުނު ނަމަވެސް އެކަން އެނެކަކުގެ ބޮލުގައި އަޅުވާލުމަކީ އިންސާނުންނަށް ނުހަނު ފަސޭހަ ކަމެކެވެ.
"ރިހާމު ތިހެން ހަދާކަށް ނުވާނެއްނު،" ސަޖުނާ ގައިގާ ބެޓްޝީޓް އުޅާލަމުން ކުރަކި އަޑަކުން ބުނެލިއެވެ.
"ސޮރީ ލޯބީ....ދެން އެކަހަލަ މިސްޓޭކެއް ތަކުރާރެއް ނުވާނެ،" ސަޖުނާއަށް ދެރަވެފައި ހުރިތަން ފެނުމުން ރިހާމު އަވަސް އަވަހަށް ބުނެލިއެވެ.
"ކޮންމެ ކަމެއް ކޮށްފައި ސޮރީ އަކުން ފުދޭތަ؟ ....އަހަރެން މި ވާ ލޯބީގެ ނާޖާއިޒް ފައިދާއެއް ނު ތި ނަގަނީ،" ސަޖުނާ އަށް ރޮވުނެވެ.
"ތިހެން ނުބުނޭ ލޯބީ.....ދެން އެހެންނެއް ނުވާނެ...ރިހާމު ގަސްތުގައި ސަޖޫ އަށް ދެރައެއް ނުދޭނެއްނު،" ރިހާމު ބޭނުންވީ ހަގީގަތް ހާމަ ނުވުމެވެ.
ރިހާމު ހިތުގައި ޖެހުނެވެ. ސަޖުނާގެ އަމަލުތައް އެހެން ނުބެހެއްޓިނަމަ އެހެނަކުން ނުވީހެއްޔެވެ. ހުރިހާ ކަމެއް ގޯސްކޮށް ދިޔައީ ހަމަ ސަޖުނާގެ ސަބަބުންނެވެ. މިހާރު ދެން އަހަރެން ގޯސް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. މީ ދުނިޔޭގެ އާދައެވެ. އެކަކަށް ވެސް އެ މީހެއްގެ ކުށެއް ނުފެންނާނެއެވެ. އެހެން ނަމަވެސް އެ މީހެއް ކުރި އަމަލެއްގެ ޒިންމާ އަދާކުރަން ޖެހޭނީ އެ މީހެކެވެ. ގޯކަމަކަށް ދައުވަތު ލިބުނަސް އެ މީހެއްގެ ނަފްސު ކޮންޓްރޯކް ކުރެވޭ މީހަކަށް އެމީހަކު ވާންވާނެއެވެ. ރިހާމު ވެސް ވީ އޭނާގެ ނަފްސު ކޮންޓްރޯލް ނުކުރެވުނެ މީހަކަށެވެ. އޭނާގެ ހަލާލު އަތްބެއް ހުރިކަން ހިލޭ އަންހެނެއްގެ އަވައިގާ ޖެހުމާއެކު ހަދާނުން ކައްސާލި މީހަކަށެވެ. ދުނިޔޭގެ ގިނަބަޔަކު މިފަދަ އަވާމެންދުރެއްގައި ޖެހި ހަޔާތް އާވާރާވެގެން ދާ އެތައް ބަޔަކު މި ދުނިޔޭގައި ދިރި އުޅެއެވެ. ދުނިޔޭގެ ކުލަތައް ޖަރީވެގެން ދަނީ މިފަދަ މަންޒަރުތަކުން ކަމުގައި ވާތީއެވެ.
'"ދަނީތަ؟" ރިހާމު ތެދުވަން ފެށުމުން ސަޖުނާ އަހާލިއެވެ. މަޑުމަޑުންނެވެ.
"މިހާރު މާ ލަސްވެއްޖެ....ބިޒްނެސް މީޓިންގ އަކަށް އަރަންޖެހޭ އެބަ....އަދި ދިމާވާނެ،" ރިހާމު އެހެން ބުނި ނަމަވެސް އޭނާގެ ހިތުގައި އޮތީ ދެން ދުވަހަކު ވެސް ސަޖުނާއާއި ބައްދަލު ނުކުރުމަށެވެ. ދެން އެ ފަދަ ދެވަނަ ގޯހެއް ތަކުރާރު ނުކުރުމަށެވެ.
އިންސާނާ އަކީ ހާދަ އަވަހަށް ކަންކަން ހަނދާންނެތޭ މީހެކޭ ފަހުން ރިހާމު ހިތަށް އެރިއެވެ. އެހެން ނޫންނަމަ މިއަދު ސަޖުނާއާއި އެކު އެފަދަ ގުޅުމެއް ރިހާމު ހިންގަންވީ ކީއްވެ ހެއްޔެވެ. ހަލާލު ނޫން ގުޅުމެއް ސަޖުނާއާއި ބޭއްވެންވީ ކީއްވެ ހެއްޔެވެ. ދިމްނާއަށް ނޭނގުނު ނަމަވެސް ރިހާމުއަށް މި ކުރެވުނީ ކިހާ ވިޔާނުދާ ކަމެއްކަން އަންޑަސްޑޭންވެއެވެ. ރިހާމު ތައުބާ ވުމަށް ބޭނުންވިއެވެ. އެފަދަ ކުށެއް ތަކުރާނު ނުކުރުމަށް އަޒުމު ކަނޑައެޅިއެވެ. ވެހެމުން ދިޔަ ބޯ ވިއްސާރައިގައި ތެމި ފޯވެގެންވާ ހާލު ރިހާމު ސައިކަލު ދުއްވަމުން ދިޔައެވެ. އެކި އެކި ހިޔާލުތަކުން ރިހާމުގެ ސިކުނޑި ވަނީ ބަރުވެފައެވެ. މީގެ ހިދުކޮޅެއްގެ ކުރިން ހިނގައި ދިޔަ ކަންކަމުގެ ސަބަބުން ހިތްދަތިކަމެއް ރިހާމަށް ވެރިވެފައިވިއެވެ. ބޯކޮށް ވިއްސާރަ ވެހެމުން ދިއުމުން މަދު މީހަކު ނޫނީ އެތަނަކު ނެތެވެ. އެތަނުން ގޮޑިއެއްގައި އިށީދެ ލައިގެން ހުރެ ރިހާމު ހިތްފުރެންދެން ރުއެވެ. އެ ވާރޭތެރޭގައި އެކަކަށް ވެސް އެ މަންޒަރު ފެންނަން ބޭނުން ނުވާތީއެވެ. ދިމްނާއަށް އެއްވެސް ކަމެއް އަންގަން ބޭނުން ނުވާތީއެވެ.
ވިއްސާރަ ތުނިކޮށްލިއެވެ. އޭރު ރިހާމު ވެސް ޖިސްމު ހަމައަކަށް އެޅިއްޖެއެވެ. ހިތްވަރުކޮށްލާފައި ސައިކަލަށް އަރާ ދުއްވާލިއެވެ. ގެއަށް ދިއުމަށެވެ.
"ތެމިގެން ކޮންތާކަށް ގޮސްފައި ތިއައީ!" ގެއަށް އައިސް ވަނުމާއެކު ރިހާމަށް، ދިމްނާ ސުވާލުތަކާއި ކުރިމަތި ވިއެވެ.
"ބިޓެއް ކައިރިން،" މަޖަލަކަށް ހަދާފައި ނަމަވެސް ރިހާމު ހާމަ ކުރީ ހަގީގަތެވެ.
"މަޖަލެއް ނޫނޭ ރިހާމު....ސީރިއަސްކޮށް ބުނެބަލަ ކޮންތާކުންނޭ،" ރިހާމުގެ މޭގައި ދެ އަތުން ޖަހާލަމުން ދިމްނާ އެނެއްކާވެސް އެހިއެވެ.
-ނުނިމޭ-

