"މަޖަލެއް ނޫނޭ ރިހާމު....ސީރިއަސްކޮށް ބުނެބަލަ ކޮންތާކުންނޭ ތި އައީ!" ރިހާމުގެ މޭގައި ދެ އަތުން ޖަހާލަމުން ދިމްނާ އެނެއްކާވެސް އެހިއެވެ.

"ރައްޓެއްސަކާއެކު ކޮފީއަކުން...ތިވަރަށް ޝައްކު ނުކޮށްބަލަ،" ރިހާމު ކުޑަކޮށް ނުރުހުންވިކަން ދައްކާލަމުން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ.

ރަހާމު ނުރުހެއްޖެ ކަން ދިމްނާ ވަރަށް ފަސޭހައިން ދެނެގަތެވެ. އެހެންކަމުން އިތުރަކަށް އެ ވާހަކަ ދައްކާކަށް ދިމްނާއަކަށް ނުކެރުނެވެ. ރިހާމު ބޭނުންވީ ވެސް އެ ގޮތް ވިއެވެ. އިތުރު ބޮލުގެ ރިހުމެއް ނައުމުން ރިހާމު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ސަޖުނާ އެނދުގައި އޮތީއެވެ. އުއްޑުންނެވެ. ކުއްޔަށް ހިފާފައި ހުރި ގެސްޓް ހައުސްގެ ރޫމްގައެވެ މިއަދު ރިހާމު އަމަލުކުރި ގޮތާއި މެދު ވިސްނާށެވެ. މިއަދު އެވީ ކަމަކުން ދެން ވެދާނެ ގޮތަކާއި މެދު ސަޖުނާ ހިތް ނުތަނަވަސް ވެފައި ވެއެވެ. ނޭނގޭ އުދަގޫތަކެއް އިހުސާސް ކުރެވެމުން ދިޔައެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް ބަދަލެއްނައެވެ. ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް ވިސްނެނީއެވެ. ރިހާމާއި ދޭތެރޭ ފިކުރު ކުރެވެނީއެވެ. އެ ބީހުންތަކަށް ހިތް އެދެވެނީ ކަމެއް ސަޖުނާއަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ސަޖުނާ އިންތިހާއަށް ރިހާމުއަށް ބޭނުން ވެފައިވާކަމެވެ. ނިދި ނައިސްގެ ދެ ފަރާތައް އެނބުރި އެނބުރި އޮއްވާ ނިދުނު އިރެއްވެސް ސަޖުނާއަކަށް ނޭނގެއެވެ.

ރޭގަނޑު ވަރަށް ދަންވެފައި ހުއްޓައި ކުއްލިއަކަށް ސަޖުނާއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ގުޅަނީ ރިހާމުއެވެ. މި ދަންވަރު އަނެއްކާ ކިހިނެއްވީ ބާއޭ ސަޖުނާ ހިތުގައި ޖެހުނެވެ. ފޯނަށް ބަލާލައިފާ ނަގަން ހިތަށް އެރިއެވެ. އެހެނަސް ފަހުން ޚިޔާލު ބަދަލުވީއެވެ. އެހެންކަމުން ސަޖުނާ ފޯނެއް ނުނަގައެވެ. ނިދި ބަރުވެފައި ހުރީތީއެވެ. ހޭލެވުނީތީ ސަޖުނާގެ ޚިޔާލީ ނައު އަނެއްކާވެސް ދަތުރު ކުރަމުން ދިޔައީ ރިހާމުއާ އެކުގައެވެ. އެ ދެލޯބިވެރެންގެ މަހެފިލުގައެވެ. ޚިޔާލީ ފޮލާގެތެރޭގައެވެ. ސަޖުނާއަށް ނޭނގެނީ އޭނާއަށް އުޅެވެނީ އަވާމެންދުރެއްގައި ކަމެވެ.

ހެނދުނު ވީއިރު ސަޖުނާގެ ފޯނަށް މެސެޖެއް އައިސްފައި އޮތެވެ. ސަޖުނާ މެސެޖް ކިޔަމުން ދިޔައެވެ. މަޑުމަޑުން އެ އުފާވެރި މޫނަށް ހިތާމައިގެ ކުލަވަރު އަރަމުން ދިޔައެވެ. މެސެޖް ކިޔަމުން ދިޔަ ވަރަކަށް ދެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. އިސާހިތަކު ލޮލުން ކަރުނަ ތިކިތައް މަޑުމަޑުން ފައިބަންފެށިއެވެ.

ސަޖުނާގެ ހިތަށް އަރަމުން ދިޔައެވެ. މި ކޮޓަރީގެ ހަތަރު ފާރު އައިސް އޭނާ ފިއްތާލާނެ ނަމައެވެ. މަތީގައި މަޑުމަޑުން އެނބުރި އެނބުރި ހުރި ފަންކާ އޭނާގެ މައްޗަށް ވެއްޓި މަރުވާނެ ނަމައެވެ. އޭރު ސަޖުނާއަށް ގިސްލެވެމުން ދިޔައެވެ. ތި ހީކުރީ ރަގަނޅަށެވެ. މެސެޖް ކުރީ ރިހާމުއެވެ. އޭނާގެ މެސެޖްގައި ވަނީ ސަޖުނާއާއި އެކު ދެން އެ ގުޅުން ކުރިއަށް ނުގެންދެވޭނެކަމާއި އޭނާގެ ދިރިއުޅުމުގެ މިއަދުގެ ހަގީގަތެވެ. އޭނާ އަކީ މިހާރު އެހެން މީހެއްގެ މިއްލެއް ކަމެވެ. ދެން އޭނާގެ މަތިން އަބަދައް ހަނދާން ނައްތާލުމަށް ރިހާމު އެދިފައިވެއެވެ. މި ގުޅުމަކީ ވުޖޫދު ނުވާ ގުޅުމެއްކަމަށް ދެކުމަށް ވެސް އެދިފައި ވިއެވެ.

ބުނެލަން ނުހަހު ފަސޭހަ އެވެ. ލިޔެ ފޮނުވާލުމުގައި ފަށުވި ނަމަވެސް ކިޔާލަން ހާދަ އުނދަގޫ އިބާރާތްތަކެކެވެ. މި އޮއް ހުރިހާ ދުވަހު ސަޖުނާއަށް ހޭދަކުރެވުނީ މަކަރުވެރިޔަކާ އެކުއެވެ. ސަޖުނާއަށް ނޭނގުނުކަމީ ރިހާމު އަކީ އެހާ ހީލަތްތެރި މީހެއްކަމެވެ. ބޭވަފާތެރިކަމުގެ އިންތިހާކަމެވެ. ސަޖުނާއަށް ރުޅި އާދެވުނެވެ. ހިތާހިތުން ރިހާމަށް ލައުނަތް ދެވުނެވެ. އިންތިހާއަށް ނަފްރަތު ކުރެވުނެވެ. ރޮއި ރޮއި އޮތް ހާލުގައެވެ. ސަޖުނާއަށް އެހެން ހެދި އިރު ރިހާމުގެ ހިތެއް ނެތީހެއްޔެވެ. ރަހުމުގެ ކަންފުޅެއް ވެސް އެ ހިތުގައި ނެތީ ހެއްޔެވެ. ކެހިވެރި ބޭވަފާތެރިއެއްގެ ކައިރީ ސަލާމް ޖެހުމަކީ ބޭކާރު ކަމެއް ކަން އެނގުނު ނަމަވެސް  ސަޖުނާ ފޯނުން ރިހާމަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭނާގެ ނަންބަރު ވަނީ ބުލޮކް ކޮށްލާފައެވެ.

ރިހާމު ސަޖުނާ ބޭނުން ނުވާނަމަ، ކަންތައް ކުރަންވީ އެހެން ހެއްޔެވެ. އެ ވާހަކަ ބުނަންވީ މިއަދުކު ނޫނެއް ނޫން ހެއްޔެވެ. އެހެން މީހަކާ އިނދެހުރެ އިއްޔެ އެ ސަކަރާތެއް ގަންނަން ސަޖުނާ ހުރި ތަނަށް އަންނަންވީ ކީއްވެހެއްޔެވެ. ސަޖުނާ ރުއެވެ. ކަރުނަ އޮހޮރިއެވެ. އާއިދު ދެއްކީ ތެދު ވާހަކައެއް ކަން ސަޖުނާ މިއަދު ގަބޫލު ކުރެއެވެ. ވަގުތު ފާއިތު ވި ނަމަވެސް ކުރިމަގަށްޓަކައި ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަނޅަކަށް ކަމުގައި ސަޖުނާ ނިންމިއެވެ.

ރިހާމުގެ އަމަލުގެ ސަބަބުން ހިތް ހަލާކުވެފައި ހުރި ސަޖުނާ ޖެހިގެން އައި ދުވަހު ރަށަށް ދިޔައެވެ. ޗުއްޓީ ކުރު ކޮށްލުމަށް ފަހު އަވަހަށް އޮފީހަށް ނުކުތެވެ. ކުޑަކޮށް ބިޒީކޮށް އުޅެލުމުން ރިހާމުގެ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެ ކަމަށް ސަޖުނާ ނިންމިއެވެ. އުނދަގޫ ނަމަވެސް އޮތީ އެމަގުން ހިނގަން ކަން ސަޖުނާ ގަބޫލުކުރިއެވެ. ހިތް ހަލާކުވެ ސްޓްރެސްވެ އަމިއްލަ ނަފްސަށް ގެއްލުމެއް ނުދީ ކުރިއަށް ދެވޭތޯ ސަޖުނާ މަސައްކަތް ކުރިއެވެ. އެހާލުގައި ވެސް އެކަނިވާ ކޮންމެ ވަގުތެއްގައި ސަޖުނާގެ ލޮލުން ކަރުނަ ނިރާލައެވެ.

ސަޖުނާ ޓިޝޫއަކުން ކަރުނަތައް ފުހެލަން އިންދާ ސަޖުނާގެ ކުރިމަތީގައި މަޑުކޮށްލީ އާއިދުއެވެ.

"ހާދަ އަވަހަކަށް މާލެއިން އައީ...ބޮޑިއެއް ބުއީދޯ...!" ފާޑަކަށް ހިނި އައިސްފާ ހުރެ އާއިދު އެހިއެވެ.

"އާއިދު ކީކޭ ކިޔަން ތިއުޅެނީ ..." ސަޖުނާގެ އަޑު ކުރެކިވެފައި ހުއްޓަސް ބާރެވެ. ހިތްހަމަ ނުޖެހިފާ ހުރުމުންނެވެ.

"ސަޖުނާއަކަށް ހަމަ ނޭނގެ...ރިހާމު މީހަކާ ވެސް އިނދެފިއެއްނު " ގަސްތުގައި އިތުރަށް ދެރަކޮށްލުމުގެ ނިޔަތުގައި އާއިދު ބުނެލިއެވެ.

"އާއިދާ ކޮން ބެހޭކަމެއް ....އަހަންނަށް ނޭނގިގެން ނޫޅެމޭ ...ތި  ހުރިހާ ފިރިހެނުން ނަކީ ވެސް އެއް ބައެއް ...ހުސް މަކަރުވެރިން،" ސަޖުނާ ދެލޯ ފޮހެލަމުން އާއިދު އާއި ދިމާއަށް ލޯ އަޅާލިއެވެ.

"ތިހެން ނުބުނޭ ...ރިހާމު ލަނޑު ދިނަސް ހުރިހާ ފިރިހެނުން ބޮލުގައި ތިވަރުގެ ބޮޑު ބަދުނާމެއް އަޅުވާކަށް ނުވާނެ...ގައިމު ވެސް އަހަރެން އެހެނެއް ނުވާނެ،" އާއިދު ބުނެލިއެވެ.

"މިއަދު ތިހެން ބުނާނެ...އާއިދު ވެސް ކަމަކީ އަހަނަށް މަލާމާތް ކުރުން... ބޮޑިއެއް ނުޖަހަނީސް މިތަނުން ދުރައް ދާންއުޅޭ،" ސަޖުނާ އެހެން  އާއިދު އަވަހަށް އެތަނުން ދުރަށް ދިޔައެވެ.

ދިމްނާ ކޮޓަރިއަށް ވަތް އިރު ރިހާމު ބޮލުގައި އަތް އަޅާލައިގެން ޚިޔާލީ ދުނިޔެއަށް ގެއްލިފައި ހުއްޓެވެ. ދިމްނާ ކޮޓަރިއަށް ވަތްކަމެއް ވެސް ރިހާމަކަށް ރޭކާނުލައެވެ. ދިމްނާ އައިސް މަޑުކޮށްލީ ރިހާމުގެ ފުރަގަހުގައެވެ.

"ރިހާމު ހާދަބޮޑު ފިކުރެއްގައި ....ތަބީއަތު ރަގަނޅުތަ...ބަލީތަ،" ރިހާމު ހުރި ގޮތް ފެނިފައި މޫޑު އެހާ ރަގަނޅުހެން ހީނުވާތީ ރިހާމުގެ ކޮނޑުގައި ހިފާލަމުން ދިމްނާ އެހިއެވެ.

"އުނދަގޫ ނުކޮށްބަލަ،" ނުރިހިފައި ދިމްނާއަށް ބަލާލަމުން ރިހާމަށް ބުނެވުނެވެ.

"އަހަރެންގެ ސަބަބުން ރިހާމަށް އުނދަގޫ ވާންފެށީތަ؟" ދެރަވެފާ ދިމްނާ އެހިއެވެ.

"ސޮރީ ލޯބީ ....މާ ބޮޑަށް ކަމަކާ ފިކުރު ބޮޑުވެފައި ހުރި ވަގުތެއް ވީމަ އެހެން ބުނެވުނީ ....ސޮރީ ، " ރިހާމު ތެދުވެފައި ދިމްނާ ގައިގާ ހިފާއްޓާލިއެވެ.

"ވަރަށް ދެރަވެއްޖެ ...މިއަދު...ވަރަށް ހިތުގައި ޖެހިއްޖެ ،" ފެންކަޅިވެފައި ހުރި ދިމްނާ މަސައްކަތް ކުރީ ރިހާމުއާއި ދިމާއަށް ނުބަލައި ވޭތޯއެވެ.

"ދެން އެހެނެއް ނުވާނެ،" ދިމްނާ ފެންކަޅިވެފައި ހުރިކަން އެނގުމުން ރިހާމު ވެސް ދެރަވިއެވެ.

"ރިހާމު ވެއްޖެއްނު ކަންކަން ޝެއާރ ކުރަން ...އޭރުންނެއްނު ތިޔަ ހިތަށް ހަމަޖެހުމެއް ލިބޭނީ ....މާ ބޮޑަށް ވީއްޔަ ތި ވިސްނަނީ ...ތި ބިޒްނެސް ކޮންތަކާ ދުރައް ޖެހިލަން ވީނު،" ކުޑަކޮށް ހަމައަކަށް އެޅުމުން ދިމްނާ އެދުނެވެ.

"ބައްޕަ މެން ހުރީ އަހަރެން އެކަނި ދެން ކިހިނެއް މި ކަމުން ދުރުވެވޭނީ ...ދިމް އާ ވެސް ޝެއާރ ކުރާނަމޭ...ދެން އެހެނެއް ނުވާނެ...ހެޕީތަ މިހާރު،" ހިނިތުންވެލަމުން ދިމްނާގެ ކޮލުގައި ރިހާމު ހިފާލިއެވެ.

ދިމްނާއަށް އޭނާގެ ނުތަނަވަސް ހިތުގެ ޝަކުވާތައް ތިލަކޮށްދޭކަށް ރިހާމު ބޭނުމެއްނުވެއެވެ. ރިހާމުގެ ކުރީގެ މާޒީ ދިމްނާގެ ކުރިމަތީގައި ނިއުޅައިގެން މިއަދު ވާނެ މަންފާއެއް އޮތް ކަމަކަށް ރިހާމު ގަބޫލެއް ނުކުރެއެވެ. އެކަމުން ދެ މީހުންނަށް ވެސް ރަގަނޅެއް ނެތެވެ. ކޮންމެ ގޮތެއްވި ނަމަވެސް އޮތީ ފެށުނު ދަތުރައިގެން ކުރިއަށް ދިއުމެވެ. ސަޖުނާއެއީ ރިހާމުގެ ޕާސްޓްކަން ގަބޫލުކުރުމެވެ. ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް އެކަން ރިހާމުގެ ހިތުން މުޅި އުމުރަށް ފޮހެލުމެވެ. އެހެނަސް އުފެދޭ ސުވާލަކީ އެއީ އެހާ ފަސޭހައިން ވެދާނެ ކަމެއް ހެއްޔެވެ. ސަޖުނާ ހަތިޔާރު ބަހައްޓާފައި އެހާ ފަސޭހައިން އަމާން ދީފާނެ ބާއެވެ. ރިހާމުގެ ހުރިހާ ވެސް ބޮލުގެ ރިހުމަކީ އެއީއެވެ. އޮތް ނުތަނަވަސް ކަމަކީ ވެސް އެއެވެ.

 

-ނުނިމޭ-