އުފެދޭ ސުވާލަކީ އެއީ އެހާ ފަސޭހައިން ވެދާނެ ކަމެއް ހެއްޔެވެ. ސަޖުނާ ހަތިޔާރު ބަހައްޓާފައި އެހާ ފަސޭހައިން އަމާން ދީފާނެ ބާއެވެ. ރިހާމުގެ ހުރިހާ ވެސް ބޮލުގެ ރިހުމަކީ އެއީއެވެ. އޮތް ނުތަނަވަސް ކަމަކީ ވެސް އެއެވެ.
ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ ތުނޑިޔާއި ދިމާލެވެ. މީހުން މޫދަށް އެރިލާ ޕިކްނިކް ގޮސްލާ ހަދާ ސަރަހައްދެކެވެ. އެ ސަރަހައްދު ތައްޔާރުކޮށްފައި ވަނީ މީހުން ހިތްފަސޭހަކޮށްލަން ތިބެލާނެ ގޮނޑިތަކާއި ހަޓުތަކާއި އެކުގައެވެ. އާންމުކޮށް މީހުންނާއި އެކަހެރިވެލަން ބޭނުންވުމުން ސަޖުނާ އެ ތަނަށް ގޮސްހަދައެވެ. މިއަދު ވެސް އެތަނުގައި ހުރި ގޮޑިއެއްގައި ސަޖުނާ އިށީދެލައިގެން އިނެވެ.
ހަމަހިމޭން މާހައުލަތަކަކީ މިހާރު ސަޖުނާގެ މަންޒިލުތަކެވެ. އެކަނިވެރިކަމަކީ އޭނާގެ މިތުރު ކަހަލައެވެ. ރިހާމު އޭނާއަށް ބޭވަފާތެރި ވިފަހުންނެވެ. ކެހިދިންފަހުންނެވެ. ރިހާމު އަމަލުކުރި ގޮތުން ފިރިހެނުންގެ މަތިން ސަޖުނާ މުޅިން ފޫހިވިކަހަލައެވެ. ފިރިހެނުންގެ ފްލާޓްކުރުންތަކަށާއި ފޮނި ބަސްތަކާއި މެދު ސަޖުނާ ނަފުރަތު ކުރެއެވެ. އެހާ އިތުބާރު ކުރި މިތުރު ޖައްވުގައި ޖެހެމުންދިޔަ ވަޔަށް ވެސް ސިއްރުން ސަޖުނާގެ ކަންކަށިމަތީ "ބޭވަފާތެރިކަމާއެކު ވިހެލަފާނެ" ކަމަށް ސަޖުނާ ދުވަހަކު ވެސް ހިތަކަށް ނާރައެވެ. މިހެން ކަންތައް ވެދާނެކަމަށް އުންމީދެއް ނުކުރެއެވެ.
އެހެނަސް ސަޖުނާގެ ބަލިފަޔަކީތޯއެވެ. އެ އެކަނިވެރި ކަމުގައި ވެސް ސަޖުނާގެ ސިކުނޑި އިޚުތިޔާރާ ނުލައި ރިހާމުގެ ހަނދާންތަކުން ވަށައިލިއެވެ. އެ ޚިޔާލުތައް އުނދަގޫ ކުރަނީ ކީއްވެ ބާއޭ ސަޖުނާ ހިތަށް އަރައެވެ. ސަޖުނާގެ ހިތް އެ ބޭވަފާތެރިޔާއަށް އެދި ގޮވަނީ ކީއްވެބާއޭ ސަޖުނާއަށް ހިތާ ހިތުން ކިޔާލެވުނެވެ. ރިހާމުގެ ހަނދާންތައް އައުމާއެކު، އެ ޚިޔާލުތަކާއި ދުރަށް ޖެހުމަށް ތުމުން މަޑުމަޑު ރާގެއް ސަޖުނާ އަޅުވާލިއެވެ.
ރާޅުގެ މަޑުމަޑު އަޑާއި އެކު ގަސްތަކުގެ ފަތްތަކުގައި ބީހެމުންދާ ވައިގެ ހިމޭން އަޑު ފިޔަވާ އެހެން އަޑެއް އިވުމެއް ނުވާ އެ ހަމަހިމޭން މާހައުލުގައި އިން އިރު ވެސް ސަޖުނާ ހިތް ނުތަނަވަސް ވަނީއެވެ. ރިހާމު އަމަލު ކުރިގޮތުން އެ ހިތުގައި ތޫފާނީ ރާޅުބާނި އުތުރި އަރަމުން ދަނީއެވެ. ނަފްރަތާއި ރުޅިވެރިކަމާއެކު، އެ ހިތުގައި އުފެދެމުން ދިޔައީ ރިހާމުގެ ކިބައިން ބަދަލު ހިފުމުގެ ރޫހެވެ. ސަޖުނާގެ ހިތުގައި ކުރެހެމުން ދިޔައީ ރިހާމުގެ ކިބައިން ބަދަލު ހިފާނެ ގޮތެކެވެ. ފުން ޚިޔާލުގެ ތެރެއަށް ޣަރަގު ވެފައި އިން ސަޖުނާ ސިހުނީ ފިރިހެނެއްގެ އަޑަށެވެ. އާއެކެވެ. ސަޖުނާ އަށް ފާރަލަމުން އެ ތަނަށް އައިސް ސަޖުނާގެ ފުރަގަހުގައި ހުއްޓިލައިގެން ހުރީ އާއިދުއެވެ. އާއިދު ފެނުމުން ސަޖުނާ ރުޅިއައީ އެހެންވެގެންނެވެ. ލާނެތް ފާޑަކަށް އާއިދު ގާތަށް ހިނި އައިސްފައި ހުރުމުންނެވެ.
"ކޮން އުނދަގުލެއްމީ....ބޮޑު މުސީބާތަކަށް ވެއްޖޭ،" ސިހިފައި ފަހަތް ބަލާލަމުން ސަޖުނާ ބުންޏެވެ.
"އަހަރެން ވީމަ މުސީބާތަކަށް ވަނީ...ރިހާމު ހެޔޮދޯ ކިތަންމެ ދޯކާއެއް ދިނަސް، " އާއިދު ދިފާއުގައި ވާހަކަ ދެއްކިއެވެ. އާއިދު ދެއްކީ ތެދު ވާހަކައެއް ނަމަވެސް އެކަން ގަބޫލުކޮށް އާއިދު އާއި އެއްބަސްވާކަށް ސަޖުނާ ބޭނުމެއް ނުވިއެވެ.
"މިހާރު ކޮން ވާހަކައެއް ތި ދައްކަނީ....އަހަރެން ކައިރީ ރިހާމު ވާހަކަ ދައްކާނެ ކަމެއްނެތް....ރިހާމު ހާ އާއިދު ރީޗެއްނޫން.... މިހިތުން ރިހާމަށް ދިން މަގާމެއް އާއިދު އަކަށް ނުލިބޭނެ!" އާއިދު ދެރަކޮށްލުމުގެ ނިޔަތުގައި ސަޖުނާ ބުންޏެވެ. އެހެން ނޫނަސް އާއިދު ވީ ސަޖުނާ ވަރަށް ފޫހިވާ މީހަކަށެވެ. އާއިދުގެ އަމަލުތައް ހުންނަ ގޮތުންނެވެ. އަބަދުހެން ސަޖުނާ އާއި ދިމާކުރުމުގެ ރާގަށް ވާހަކަ ދައްކާތީއާއި އެކުގައެވެ.
"އެނގޭ އަހަރެން ހަޑިކަން ....ތި ރީތި ރިހާމު ދިންކަހަލަ ދޯކާއެއް މި އާއިދު ނުދޭނަން....ތިހެން ބުނީތީވެސް ސަޖޫ...އަހަރެންގެ މީހަކަށް ހަދާފައި ނޫނީ ދޫކޮށެއް ނުލާނަން...ބަލަންހުރޭ...!" އާއިދު ވާހަކަ ދެއްކީ އިތުބާރާއި ޔަގީންކަމާއެކުގައެވެ. އޭނާ އަޒުމު ކަނޑައެޅިއެވެ. ސަޖުނާގެ އެ ދެރަ ބަހަށް ނަމަވެސް ސަޖުނާ އޭނާގެ މީހަކަށް ހަދާށެވެ. އެއީ ކޮންމެ ގޮތަކުން ކަމަށް ވީ ނަމަވެސްހެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ނަމަވެސް މެއެވެ.
"ޗީޑި މައެބައުޅޭދޯ!....މީހެއް ނުވިއަސް ތި އާއިދު އަކާއި މަށެއް ނުއިންނާނަން،" ސަޖުނާ ތުން އަނބުރާލިއެވެ. ނުރުހުމުގެ ނަޒަރުން އާއިދު އާއި ދިމާއަށް ބަލާލިއެވެ. އެ ލޮލުގައި ވާ ނުރުހުން ފެނުމުން އާއިދު ދެރަވި ނަމަވެސް އެކަން ސަޖުނާގެ ކުރިމަތީގައި ހާމަވާކަށް އާއިދު ވެސް ބޭނުމެއް ނޫނެވެ. ހަތިޔާރު ބެހެއްޓުމަކީ އޭނާގެ މިޒާޖާއި ގުޅޭކަމެއް ނޫނެވެ.
"މިއަދު ތިހެން ބުނާނެ...އެނގިދާނެތާ...އަހަންނަށް އެނގޭ އެއްޗަކީ ދެން ރިހާމެއް ނުލިބޭނެކަން،" ހީގަންނަމުން އެހެން ބުނެފައި އާއިދު ދުރަށް ހިނގައިގަތެވެ.
ސަޖުނާ ހިތަށް އެރިއެވެ. އާއިދު ހިނގައިގަތްކަން އެއީ ނަސީބެކެވެ. އެހެންނޫނީ މިއަދު އާއިދުގެ ގައިގާ ބޮޑިއެއް އެޅުނީހެވެ. އާއިދު އައީ އެންމެ ނާޒުކު ވަގުތުގައެވެ. ހީވެއެވެ. އާއިދު ހުންނަނީ ސަޖުނާ ހަމަހިމޭނުން ހުރިޔަ ނުދޭންށެވެ. ހަމަޖެހިލައިގެން ތަނެއްގައި މަޑުން ވަގުތު ހޭދަކުރިޔަ ނުދޭންށެވެ. އޮފީހުގައި ވިއަސް ސަޖުނާ މަޑުމަޑުން ހިމޭނުން ހުރެއްޖެނަމަ އާއިދު ކޮންމެވެސް އެއްޗެއް ކިޔަން ކައިރިއަށް އަންނާނެއެވެ.
ރިހާމު ހުރީ އޮފީހުގައި އޭނާއަށް ޚާއްސަ ކެބިންގައެވެ. ފައިލެއް ނަގައިގެން އޭނގައިވާ ރިޕޯޓުތައް ރިހާމު ބަލަމުން ގެންދިޔައެވެ. ރިހާމުގެ ފޯނު ރިންގު ވާންފެށި ނަމަވެސް އޭނާ މާބޮޑަށް އެ މަސައްކަތައް ގެއްލިފައި ހުރުމުން ފޯނަށް ސަމާލުކަމެއް ނުދެއެވެ. އެހެނަސް ތަކުރާރުކޮށް ރިންގުވާން ފެށުމުން ރިހާމު ފޯނަށް ބަލައިލިއެވެ.
"ރިހާމް ދަރިފުޅާ ވަރަށް އަވަހަށް ހޮސްޕިޓަލަށް އާދެބަލަ،" އޮފީހުގައި މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ރިހާމުގެ މަންމަ ގުޅިއެވެ. އެދުނީ އަވަހަށް ހޮސްޕިޓަލަށް އައިސްދިނުމަށެވެ.
"ކިހިނެއްވީ މަންމާ!،" ހާސްވެފައި ހުރެ ރިހާމު އެހިއެވެ.
"ދިމްނާ...ދިމްނާ އެކްސިޑެންޓް ވެގެން ...އަވަހަށް އާދެބަލަ...!" އެނެއްކާވެސް ރިހާމުގެ މަންމަ އެދުނެވެ.
ރިހާމު އަވަސް އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. ރޮވިފައި ރިހާމުގެ މަންމަ އައިސާ އިނެވެ. ކައިރީގައި ރިހާމުގެ ބައްޕަވެސް ހުއްޓެވެ. ކުޑަ އިރުކޮޅަކުން އެތަނަށް ދިމްނާގެ މަންމަ ވެސް އައެވެ. އެންމެންގެ ލޮލުން ވެސް ވަނީ ކަރުނަ ހިލިފައެވެ. ރިހާމު އޮޅުން ފިލުވަން ކުރި މަސައްކަތުން ސާފުވީ ހައިވޭ މަތިން އެކްސިޑެންޓް ވިކަމެވެ. ވީ ގެއްލުމެއް އެކަކަށް ވެސް މާ ބޮޑަކަށް އޮޅުމެއް ނުފިލައެވެ. އެހެންކަމުން އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޑޮކްޓަރ ނުކުންނާނެ ވަގުތަކަށެވެ.
ހޮސްޕިޓަލުގެ އިމަޖެންސީ ބައިގެ ދޮރުމަތީގައި ރިހާމު ދެކޮޅަށް ހިނގަހިނގާ ހުއްޓެވެ. ރިހާމުގެ ބައްޕަ ދެފަހަރަކު އިށީންނަން އައުމަށް އެދުނެވެ. އެހެނަސް އިށީންނާނެ ހިތްވަރެއް އޭނާގެ ނެތެވެ. ދިމްނާއަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ނުއެގެނީސް އޭނާ އިށީންނާނީ ވެސް ކިހިނެއް ހެއްޔެވެ.
އިންތިޒާރަށް ނިމުމެއް އައެވެ. ޑޮކްޓަރ ނުކުތެވެ. ޑޮކްޓަރު ދެއްވީ ދިމްނާއަށް މާބޮޑު ކަމެއް ނުވާކަމުގެ އުފާވެރި ޚަބަރެވެ. އެހެނަސް އެއާއި އެކު ދެން ދިން ޚަބަރުން އެންމެންގެ މޫނު މިލާ މޯޅި ވިކަހަލައެވެ. ދިމްނާއަށް ކުދިން ނުލިބެދާނެ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އިތުރަށް ޓެސްޓްހަދައި އެކަން ކަށަވަރު ކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި ރިހާމުގެ ކޮނޑުގައި އަތުން ޖަހާލަމުން އިމަޖެންސީބައިގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. ޑޮކްޓަރު ވެދެގެންދާ ތަން ބަލަން ހުއްޓުން އަރާފައި ރިހާމަށް ހުރެވުނީއެވެ.
ރިހާމު ވަރަށް ދެރަވިއެވެ. ކަރުނަތަކުން ދެލޯ ބަރުވިއެވެ. ދިމްނާއަށް މާ ބޮޑު ގެއްލުމެއް ނުވީތީ މާތްﷲ އަށް ޙަމްދު ކުރިއެވެ. އެހެނަސް ދެންމެ ޑޮކްޓަރު ދެއްވި ޚަބަރު ދިމްނާއަށް އެ ޚަބަރު ލިބިއްޖެ ނަމަ ވާނެ ގޮތަކާއި މެދު ރިހާމު އިންތިހާއަށް ކަންތައް ބޮޑުވިއެވެ. އެ ދެމަފިރިން ފުރަތަމަ ދުވަހުން ފެށިގެން އިންތިޒާރީއަކީ ލޯބިލޯބި ބޭބީ އަކަށެވެ. އެ އާއިލާ ފަޅު ފިލުވާލާނެ ލޯބި ލޯބި ކުއްޖަކަށެވެ. އެ ކުއްޖަކާއެކު އެ ދެމަފިރިން އުޅޭނެ އުފާވެރި ދިރިއުޅުމުގެ ވާހަކަތައް އަބަދު ދެކެވެއެވެ. އެ ހުވަފެންތައް އަބަދުމެ ކުރެވެއެވެ. އެހެނަސް މިއަދު އެ ކުރެހުންތަކާއި ހުވަފެންތައް ބިލާހަކަށް ވީއެވެ. އެ ހުވަފެންތައް ކުލަނުވެ ސިއްކަ ޖެހުނީއެވެ. އެ ފޮނި ފޮނި އުންމީދުތައް މިއަދު ވިއްސި ވިހާލިވެގެން ދިޔައީއެވެ. ހުރިހާ ހުވަފެނެއް ބިލާހަކަށްވެ ނިމުނީއެވެ. މިއަދު ދެން އޮތީ ކެތްތެރި ވުމެވެ.
-ނުނިމޭ-

