މިއީ މީހަކަށް ބުނާ ދެރަބަހެއްނޫނެވެ. މީހެއްގެ ލޮލުން ވެއްޓޭ ކަރުނަފޮދަކީ އެމީހެއްގެ ފިނޑިކަން ނުވަތަ ނާގާބިލް ކަމެއްނޫނެވެ. ކޮންމެ އިންސާނެއްގެވެސް އިހުސާސްތަކެއް ހުންނާނެއެވެ. ނަމަވެސް އިންސާނާ ހައްދަވާފައިވަނީ އެއިންސާނާގެ ނަފްސުގެ މައްޗަށް ގަދަވެވޭވަރުގެ ހިތްވަރާއެކުއެެވެ. އެހެންކަމުން މުސީބާތުގެ ވަގުތުތަކުގައި އެހެންމީހުންގެ ހިތްވަރުގެ ގޮތުގައި ހުންނަ ލީޑަރަކީ އެންމެންގެ ހިތްވަރަށް ވާންޖެހެއެވެ. ލީޑަރުގެ ހިތްވަރު އެލުމަކީ އެންމެންގެ ނާކާމިޔާބީއެވެ. އެހެން މީހުންނަށް  މަގު ދައްކަން ހުންނަމީހާ ބިމަށް ތުންހަރައިގެން އިންނަންވެއްޖެނަމަ ކާމިޔާބީގެ މަންޒިލަށް ދަތުރު ކުރަން މަގުދައްކާނީ ކިހިނެއްތޯއެވެ.

ހާއްސަކޮށް މުސީބާތުގެ ވަގުތުގައި އިސްސަފުގައި އެތައްބައެއްގެ ޒިންމާނަގައިގެން ހުންނަމީހަކީ ބަލިކަށިމީހަކަށް ވެގެން ނުވާނެއެވެ. އެމީހާވާންޖެހޭނީ ދެންތިބޭމީހުންގެ ހިތްވަރަށެވެ. އިމަރޖެންސީ ހާލަތުގައި ދުއްވާފައިދާ ބޯޓެއްގެ ޕައިލެޓް ބިރުން ރޯންފަށައިފިނަމަ އޭގައިތިބޭ އެހެން ފަޅުވެރިންނާއި ޕަސިންޖަރުންނަށް ވާނީ ކިހިނެއްތޯއެވެ. ހަނގުރާމާގެ މައިދާނަށް ލަސްކަރާއިއެކު ނިކުންނަ ކޮމާންޑަރަކީ ކުރިމަތިލާން ޖެހިފައި އޮތް ގޮންޖެހުމާއި ނުރައްކާ ފެނި ބިރުން ރޮއި ހަދާ ކޮމާންޑަރެއް ނަމަ ލަޝްކަރު މާޔޫސްވެ ގޮތްހުސްވެ މައިދާނުގައި ފެއިލްވާނެއެވެ. އޮފީހުގެ މައިދާނުގައި އަދި ސްކޫލް މާހައުލުގައި ވެސް މިކަން އޮތީ މިހެންނެވެ.

އިސްސަފުގައި ތިބޭ މީހުންނަކީ އުނދަގޫ ދަނޑިވަޅުގައި ރޯންތިބޭ ބަޔަކަށް ވެގެން ނުވާނެއެވެ. އިސްސަފުގައި ތިބެން ވާނީ އެމީހާގެ ހަވާލުގައި ތިބޭ މީހުންނަށް ހިތްވަރުދެވޭވަރުގެ މީހުންނެވެ. އެއީ ޑޮކްޓަރުން ވިޔަސް، ޕައިލެޓުންވިޔަސް، ގައުމެއްގެ ރައީސްވިޔަސް ޕްރިންސިޕަލްއެއް ނުވަތަ ތަނެއްގެ ވެރިއަކަށްވީނަމަވެސް އެވެ. ހަގީގީ ލީޑަރުންނަކީ އެކަނިވެސް ކަންކަމާ ކުރިމަތިލާނެ ހިތްވަރު ހުންނަމީހުންނެވެ. އުނދަގޫ ނިންމުންތައް ނިންމޭވަރުގެ ގާބިލްކަން ހުންނަންވާނެއެވެ. އެހެންމީހުންގެ ބޭނުންތަކަށް އިޖާބަދެވޭވަރުގެ އޯގާތެރިއަކަށް ވާންވާނެއެވެ. އެތައްބައެއްގެ ޒިންމާ ނަގައިގެން ހުރުމަކީ ވަރަށް ޗެލެންޖިންގ ކަމެކެވެ. ހިތްވަރު ހުންނަންޖެހޭނެއެވެ. ހަރުކަށިމީހަކަށް ވެގެން ނުވާނެއެވެ. އޯގާތެރި ހިތެއްގެ މީހަކަށް ވާންޖެހޭނެއެވެ. ބަލިކަށި މީހަކަށް ވެގެން ނުވާނެއެވެ. ކަމެއްދިމާވުމުން އެކަމުގެ ދަތިތަކާއި ގޮންޖެހުމުން އަރައިގަންނާނެ މަގު ދައްކަން ހުންނަމީހަކަށް ވާންޖެހޭނީ ލީޑަރެވެ.