ގަނާކުރުމަކީ ނުވަތަ އަޅުގަނޑުމެންނަށް އެނގޭ ބަހުން ނަމަ، ބުލީކުރުމަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް އާންމުވެފައިވާ  ނުރައްކާތެރިކަންބޮޑު ސީރިއަސް މައްސަލައެކެވެ.  ވަޒީފާގެ މާހައުލުގަޔާއި، މަދަރުސާގައެވެ. މަގުމަތީގަޔާއި އެކިއެކި ސޯޝަލްމީޑިޔާ ޕްލެޓްފޯރމްތަކުގައި ގަނާކުރުން މިހާރު އިންތިހާއަށް އިތުރުވެ ޢާންމުވުމުގެ ސަބަބުން ޚުދު ގަނާ ކުރާ މީހާ ނުވަތަ ކުއްޖާއަށް ވެސް ތިމާއަށް މިކުރެވެނީ ކޮންކަމެއްކަން ނޭނގޭ ހިސާބަށް މިކަން ވަނީ އަހަރެމެންގެ މުޖުތަމާއުގައި ގޮސްފައެވެ.

މަޖަލަކައް ހެދުމަށްފަހު ބުނެވޭ ބަހަކުން ނުވަތަ ކޮށްލެވޭ ޖެއްސުމަކުން މިކަން ފެށިގެންގޮސް މިނުބައި އަމަލު ދެމިގެންދާތަން ފެނެއެވެ. ނަމަވެސް ގަނާކުރެވޭ މީހާ ތަހަންމަލްކުރާ ހިތިދުވަސްތަކުގެ ސަބަބުން މީހާ ދުނިޔެމަތިން ފޫހިވެ، އަމިއްލަމީހާއަށް އޮންނަ އިތުބާރު އެއްލި ދިރިއުޅެން ފޫހިވާ ހިސާބައްދެއެވެ.

ގަނާކުރުމަކީ އިއްޔެ ނުވަތަ މިއަދު ހިނގާފައިވާކަމެއް ނޫނެވެ. ވަރަށް ކުރީންސުރެންފެށިގެންވެސް އަހަރެމެންގެ މުޖުތަމާއުން މި ނޭދެވޭ އަމަލު ފެންނަމުންދެއެވެ. މީގެމާކުރިންވެސް އަނެކާ ދަށްކޮށް ގަނާކުރުމުގެ އަމަލުތައް އެކި ސިފަސިފައިގައި ހިނގާފަވެއެވެ.

ނަމަވެސް ޒަމާނާއެކު ގަނާކުރުންވެސް ވަނީ ބަދަލުވެ ކުރިއަރާފައެވެ. އަހަރެމެން މިބޭނުންކުރާ ސޯޝަލް މީޑިއާއަކީ މިކަމަށް ބޭނުންކުރެވޭ އެންމެ ބާރުގަދަ ހަތިޔާރަށްވެ ނިމިއްޖެއެވެ. ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައި އާންމު، މިބާވަތުގެ ބުލީގެ ސަބަބުން އެކަން ތަހައްމަލު ނުކުރެވި ގިނަކުދިންތަކެއް އެންމެ ފަހުން އަމިއްލަ ފުރާނަ ނަގާލާ ހިސާބަށް ވެސް ދެއެވެ. ބުލީގެ އެހެން ބާވަތްތަކާ ހިލާފަށް މިއީ ފަސޭހައިން ހުއްޓުވޭ ބާވަތުގެ ބުލީއެއް ނޫނެވެ. ސަބަބަކީ އެހެން މީހަކު ފޮނުވާ މެސެޖަކަށް އަނެކާއަށް ބާރު ނުފޯރުވޭނެ ތީއެވެ.

ތަފާސްހިސާބެއް ހެދިފައިނެތަސް، މިއީ ރާއްޖޭގައި ވެސް އާންމު ކަމެކެވެ. ސޯޝަލް މީޑިއާގައި ދޭތެރެ ދޭތެރެއިން މިފަދަ ގަނާގެ މަންޒަރުތައް ފެނެ އެވެ. މީގެ ތެރޭގައި މީހުންގެ ފޮޓޯތައް ހުތުރު ފޮޓޯއަށް ބަދަލުކޮށްގެން މަލާމާތްކުރުމާއި، އަގު ވައްޓާލުމުގެ ގޮތުން އެހެންމީހުންގެ ޒާތީ ލަދުވެތި ފޮޓޯ ވެސް ސޯޝަލްމީޑީއާގައި ފަތުރަމުންގެނދާ މަނަޒަރު ފެންނަނީ މަދަކުން ނޫނެވެ.

ބުލީކުރުން ހުއްޓުވަން އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅުތަކަކީ ކޮބާ؟

ބުލީކުރުން ހުއްޓުވަން އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅަކީ އެކަމަށް ފުރުސަތު ނުދިނުމެވެ. އޭގެ މާނައަކީ އެއްވެސް މިންވަރަކަށް ބަރުދާސް ނުކުރުމެވެ. ސްކޫލު މާހައުލުގައި ނުވަތަ އޮފީސް މާހައުލުގައި ބުލީކުރުން ހުއްޓުވުމުގައި ޓީޗަރުންގެ ނުވަތަ އެތަނެއްގައި މަސައްކަތްކުރާ އިސްވެރިންގެ ޒިންމާ ބޮޑު ދައުރެއް އަދާ ކުރެ އެވެ. މިފަދަކަމެއް މީހަކާމެދު ހިންގާކަން އެގޭ ހިސާބުން މިކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވާޅުތަކެއް އަޅަންޖެހޭނެއެވެ. މިގޮތުން މައްސަލަ ފެށެން ދިމާވި މައިގަނޑު ސަބަބު ހޯދުމަކީ މިކަން ހުއްޓުވުމަށް ބޮޑު ބާރެއްލިބިގެންދާނެ ކަމެކެވެ.