ގްރީންޝެންކް ނުވަތަ ޗޮންޗޮން އިލޮޅި އަކީ އެމެރިކާ ފިޔަވައި ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި އުޅޭ، ދިގު ފައި ހުންނަ ދޫންޏެކެވެ. މިއީ އުތުރު ޔޫރަޕްގެ އިރުމަތިން ކަމްޗަޓްކާއާ ހަމައަށް އާލާވާ އެއްޗެއް ކަމަށާއި، އާލާވުމުގެ ސީޒަނުން ބޭރުގައި މުޅި ސަބް ސަހަރާ އެފްރިކާ، އޭޝިއާ، އިންޑޮނޭޝިއާ އަދި އޮސްޓްރޭލިއާ އިން ވެސް މި ބާވަތް އާލާވެއެވެ. މިބާވަތުގެ ވަރަށް މަދު ދޫންޏެއް ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ފެނިފައިވާއިރު މިދޫނި ފެންނަ އަދަދު ވަރަށް ބޮޑަށްވަނީ ދަށްވެފައެވެ. ރާއްޖޭގައި ވެސް މިދޫނި ނެތިދާކަމުގެ ބިރުހީވެފައި ވާތީވެ މިދޫނި ވަނީ ހިމާޔަތް ކުރެވިފައެވެ.
ގްރީންޝެންކަކީ އާދައިގެ ބޮޑު ސޭންޑްޕައިޕަ ދޫންޏާ އެއްވައްތަރު، ފައި ދިގުވެފައި، ތުން ކުޑަކޮށް މައްޗަށް އަނބުރާލާފައި ހުންނަ ދޫންޏެކެވެ. މިއީ އަޅިކުލައިގެ މަތީބައި ތިރީބައި ހުދުކުލައިގަ ހުންނަ އެއްޗެއް ކަމަށާއި، ބައެއްދޫނީގެ ފިޔަތަކުގައި އުރަމަތީގައި ކަޅު ކުލަތަކެއް ހުރެއެވެ. މިދޫނީގެ ފައިގެ ކުލައަކީ ފަނޑު ރީނދޫ ފެހި ކުލައިން ފެށިގެން ކަޅުކުލައިގެ ފެހިކުލައެކެވެ.މިދޫނީގެ ދެޖިންސު ވެސް ދާދި އެއްގޮތެވެ.
ގްރީންޝެންކްސް ބިސްއަޅާއިރު ފަހަރަކު 4 ބިސް އަޅައެވެ. ބިސްއަޅަނީ މާފުންނޫން ކޮށް ހަދާފައި ހުންނަ ހާއްޔަކަށެވެ. ބިސްތަކުގެ އިންކިއުބޭޝަން އަށް 23-26 ދުވަސް ނަގައެވެ؛ ވިހާތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ކުދި ދޫނިތައް ހަރަކާތްތެރިވުމުން ހާލި ދޫކޮށްލައެވެ، އަދި ކުދި ދޫނީގެ އުމުރުން 25-31 ދުވަސް ވުމުން އުދުހެއެވެ.
އާލާނުވާ މޫސުމުގައި ގްރީންޝެންކް ގިނައިން ކާނީ ކްރަސްޓޭޝިއަންސް، ކުދި މަސް، އަދި ފަނިފަކްސާ އެވެ. ބައެއް ފަހަރު ކާނާ ހޯދަނީ ތިލަ ފެނުގެ ތެރެއިންނެވެ. ދުވެފައި ގޮސް މަހާއި ކުދި ޝްރިމްޕް ފަދަ ތަކެތި ހިފައިގެން މިސޮރުމެން ކައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން