ރާޖަސްތާނުގައި ހިނގި އާދަޔާ ހިލާފު ހާދިސާއެއްގައި ކޮރަޕްޝަންގެ ނުބައި އަސަރުތަކާ ބެހޭ ގޮތުން ތަގުރީރު ދެއްވިތާ ގަޑިއެއްހާއިރު ފަހުން ރިޝްވަތު ނަގާފައިވާ ކަމަށް ބުނެ އޭސީބީގެ އޮފިޝަލަކު ހައްޔަރުކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭސީބީގެ ސަވާއީ މަދޫޕޫރު ޔުނިޓްގެ ޑީއެސްޕީ ބައިރޫލާލް މީނާ ޑިސްޓްރިކްޓް ޓްރާންސްޕޯޓް އޮފިސަރުގެ އަތުން 80،000ރ. ރިޝްވަތުގެ ގޮތުގައި ހިފިއެވެ.މީނާ ހައްޔަރުކުރީ އެންޓި ކޮރަޕްޝަން އޮފިޝަލުން އޭނާ އަށް ރިޝްވަތު ދިނުމަށް އެހެން އޮފިޝަލަކަށް މަޖުބޫރު ކުރުމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މީނާ ދިޔައީ އެކި ޑިޕާޓްމަންޓްތަކުން މަހުން މަހަށް ރިޝްވަތު ނަގަމުންނެވެ.

އޭސީބީގެ އޮފިޝަލުންނަށް މީނާއާ ގުޅޭ އެތައް ޝަކުވާއެއް ލިބިފައިވާތީ އެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވެ އެވެ. ވެރިފިކޭޝަނަށް ފަހު ޖައިޕޫރުގެ ޓީމަކުން ބުދަ ދުވަހު ނިންމީ ޑީއެސްޕީ މީނާ ޓްރެޕް ކުރުމަށެވެ. އެ އޮފިޝަލުން މެދުނުކެނޑި އޭސީބީގެ އޮފިޝަލުންނަށް ފާރަލަމުން ކޮރަޕްޓް އޮފިސަރު އަތުލުމަށް ރާވާފައި އެވެ.

އޭނާ ހައްޔަރު ކުރީ ތަގުރީރް ދިން ދުވަހުގެ ފަހުކޮޅު އޭސީބީގެ އޮފިޝަލުން ޑީއެސްޕީ މީނާގެ ގެ އަށް ވަދެ، ޑިސްޓްރިކްޓް ޓްރާންސްޕޯޓް އޮފިސަރު (ޑީޓީއޯ) މަހޭޝް ޗަންދްރާގެ އަތުން 80،000 ރުފިޔާގެ ރިޝްވަތު ނަގަމުން ދިޔަ ވަގުތު އެވެ. އޭސީބީގެ އޮފިޝަލުން މިހާރު ވަނީ ރިޝްވަތުގެ ތުހުމަތުގައި އެ ދެ އޮފިޝަލުން ވެސް ހައްޔަރުކޮށްފަ އެވެ.

ހައިރާންވާންޖެހޭ ކަމަކީ ހައްޔަރު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ޑީއެސްޕީ ބައިރޫލާލް މީނާ ވަނީ ކޮރަޕްޝަންގެ ނުރައްކަލާއި މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ސަވާއީ މަދޫޕޫރު ޑިސްޓްރިކްޓްގައި ސްޕީޗް ދީފައެވެ.

ޑީއެސްޕީ މީނާ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން އާންމުންނާ މުހާތަބުކޮށް ރިޝްވަތު ނަގާ މީހަކު ފެނިއްޖެ ނަމަ އެކަން އޮފިޝަލުންނަށް އެންގުމަށް އެދިފަ އެވެ.