ކްލައުޑް ބެސްޓް އޮންލައިން ސާވިސް މިމީޑިއާ އިން އާންމުކުރި ސާވޭއަކުން ފާޚާނާގައި ސްމާޓްފޯން އާދަތަކާ ބެހޭ ގޮތުން 1،000 މީހުންނާ ސުވާލުކޮށްފައިވާއިރު، ބައެއް ނަތީޖާ ހީކުރިވަރަށް ވުރެން ތަފާތެވެ.

ޖުމްލަކޮށް ބަލާއިރު ގާތްގަނޑަކަށް 69 ޕަސެންޓް މީހުން ބުނީ ފާޚާނާގައި ފޯނު ބޭނުން ކުރާ ކަމަށެވެ. ތިންބައިކުޅަ އެއްބައި މީހުން ބުނީ އެމީހުންގެ ފޯނު ފާޚާނާތައްޓަށް ވެއްޓިފައިވާ ކަމަށާއި، އައިފޯނު ގެންގުޅޭ މީހުންނަށް ވުރެ އެންޑްރޮއިޑް ބޭނުންކުރާ މީހުންނަށް އެފަދަ އެކްސިޑެންޓް ކުރިމަތިވެފައިވާ މިންވަރު އިތުރެވެ.

ދެބައިކުޅަ އެއްބައި މީހުން ފޯނު ފާހާނާތަށިން ނަގައިގެން ބޭނުން ކުރަމުން ދިޔައިރު، 10 ޕަސެންޓް މީހުން ބުނީ އޭގެ ފަހުން އެފޯނުބޭނުން ކުރަން ފަކުރުގަންނަ ކަމަށެވެ.  

ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ބައިވެރިން ބުނީ ފޯނުން އެއްޗެހި ބަލަން ހުރުމުން އާންމު ކޮށް ހޭދަވާވަރަށް ވުރެ ގިނައިރު ފާޚާނާގައި ހޭދަކުރާ ކަމަށެވެ. ފާޚާނާގައި އިނދެގެން ނިއުސް ސައިޓްތަކަށް މީހުން ޒިޔާރަތް ކުރުމުގެ ފުރުސަތު ބޮޑުވިއިރު، ދެން އެންމެ ގިނައީ ވިޔަފާރި/ރީޓެއިލް ސައިޓްތަކަށް ވަންނަ މީހުންނެވެ.

ދެބައިކުޅަ އެއްބައި މީހުން ބުނީ ފާޚާނާގައި އިނދެގެން ޓްވިޓާ، ފޭސްބުކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ހިމެނޭ ގޮތަށް އެމީހުންގެ ސޯޝަލް މީޑިއާ ފީޑްތަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. 4 މީހުންގެ ތެރެއިން އެކަކު ގޭމް ކުޅޭއިރު ދެބައިކޮޅުއެއްބައި މީހުން ބުނީ ވީޑިއޯ އާއި ފިލްމު ބަލާ ކަމަށެވެ. އަންހެނުންނަށް ވުރެ ފިރިހެނުން ފާޚާނާގައި މެސެޖު ކުރުން ގިނަ އެވެ.

ސާވޭއިން ދައްކާ ގޮތުގައި ފާޚާނާގައި ސްމާޓްފޯނުން ބަދްއަޚްލާގީ ސައިޓްތަކަށް ވަންނަ ކަމަށް 12 ޕަސެންޓް މީހުން އިއުތިރާފުވެފައިވެ އެވެ.

ފާޚާނާގައި އިނދެގެނެ ޑޭޓިން އެޕް ބޭނުން ކުރާ ކަމަށް ބުނި މީހުންގެ ތެރެއިން 83 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ. ފާޚާނާގައި އިނދެގެން ސެލްފީ ނުވަތަ ފޮޓޯ ނެގި ކަމަށް އިއުތިރާފުވީ ހަމައެކަނި އަންހެނުންނެވެ.