ތިބާއަކީ ނުވަތަ ތިބާދަންނަ ދޮށީ އުމުރުގެ މީހުންގެ ތެރެއިން މީހަކީ އަނިޔާ، އިހުމާލުވުން, ނުވަތަ މާލީ ގޮތުން ގެއްލުން ލިބެމުންދާ މީހެއް ހެއްޔެވެ؟ މި ގައިޑްލައިންތަކުގެ އެހީގައި އިންޒާރުގެ ނިޝާންތައް ދެނެގަނެ، އެ އަނިޔާ ހުއްޓުވަން މަސަތްކަތްކުރެވިދާނެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކަށް ޖިސްމާނީ، ނަފްސާނީ ނުވަތަ ޖިންސީ ގެއްލުން ދިނުމާއި، އެމީހުންނަށް މާލީ ގޮތުން ގެއްލުން ދިނުމާއި، ނުވަތަ އެމީހުންނަށް އަޅާލުމުގެ ސީދާ ޒިންމާ އުފުލަންޖެހޭ މީހުން އެމީހުންގެ ކަންކަމަށް އިހުމާލުވުން ހިމެނެއެވެ. ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް ލިބެމުންދާ މިފަދަ ބައެއް އަނިޔާގެ ރިޕޯޓް ކަމާބެހޭ ފަރާތްތަކާ ހަމައަށް ފޯރާއިރު، އިތުރު އެތައް މައްސަލަތަކެއް ރިޕޯޓް ނުކޮށްދެއެވެ.

އުމުރުން ދުވަސްވީ މީހުން ޖިސްމާނީ ގޮތުން ނާޒުކުވަމުންދާ ވަރަކަށް، އެމީހުންގެ އަމިއްލަ ނަފްސު ބެލެހެއްޓުމާއި، ބުލީ ކުރުމާ ދެކޮޅަށް ތެދުވުމާއި، ހަމަލާއެއް ދީފިނަމަ ފަހަތަށް ޖެހުމުގެ ޤާބިލުކަން ކުޑަވެއެވެ. ނަފްސާނީ ނުވަތަ ޖިސްމާނީ ބަލިތަކުގެ ސަބަބުން އެމީހުންނާއެކު ދިރިއުޅޭ މީހުން އެމީހުންނަށް އިތުރު އަޅާލުމާ ސަމާލްކަން އަދި އޯގާތެރިކަން ދޭންޖެހެއެވެ. ދޮށީއުމުރު މީހުންގެ ލޯބޯ ކޮށިވެ ނުވަތަ ސާފުކޮށް ނުވިސްނޭ ދަރަޖައަށް ދިއުމުން ވިސްނުންތޫނު މީހުންނަށް އެމީހުންގެ ފައިދާ ނަގަން ފުރުސަތު ބޮޑުވެއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ގިނައިން އަނިޔާ ލިބެނީ ދިރިއުޅޭ ގެއިންނެވެ.އެމީހުންނަށް އަނިޔާދޭ މީހުން ކަމުގައި ގިނަފަހަަރަށް ވަނީ ބޮޑެތިވެފައި ތިބޭ ދަރިން ,ކާފަ ނުވަތަ މާމަދަރިން ނޫނީ އާއިލާގެ އެހެން މެމްބަރުން ނުވަތަ ނުވަތަ ބައިވެރިޔާ އެވެ. ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މާހައުލުތަކުގައި ވެސް، ހާއްސަކޮށް ދިގުމުއްދަތަކަށް ފަރުވާދޭ ތަންތަނުގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް އަނިޔާ ލިބުން އެކަށީގެންވެއެވެ.

އުމުރުން ދުވަސްވީ މީހަކަށް އަނިޔާލިބެމުންދާނަމަ ނުވަތަ އިހުމާލުވަމުންދާ ބެލެހެއްޓުންތެރިއެއްގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ނުވަތަ މާލީ ގޮތުން ދަތިކޮށްފައިވާކަމަށް ޝައްކު ކުރެވޭނަމަ އެކަމުގެ ވާހަކަ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން މުހިންމެވެ. ކޮންމެ މީހަކަށްވެސް އަމާންކަމާއި އެކު، ކަރާމާތާއި އިޙްތިރާމާއެކު އުޅުމުގެ ހައްޤުލިބެންޖެހެއެވެ. 

އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރޭގައި ދޮށީ އުމުރުމީހުންނަށް އަނިޔާކުރުން ތަފާތު އެތައް ގޮތަކުން ފެންނައިރު، އޭގެތެރެއިން ބައެއް ގޮތަކީ އެމީހުންނަށް ބިރުދެއްކުން ނުވަތަ އިންޒާރު ދިނުމާއި، މުހިއްމު ކަންކަމުގައި ގަސްތުގައި އިހުމާލުވުމާއި، މާލީ ދަތިކުރުމާއި އޮޅުވާލުން ހިމެނެއެވެ.

އެންމެ އާންމު ކަމަކީ އުމުރުން ދުވަސްވީ މީހުންނަށް ކުރާ ޖިސްމާނީ އަނިޔާއެވެ. އުމުރުން ދުވަސްވީ މީހަކަށް ގަސްތުގައި ބާރުގެ ބޭނުން ކުރުމުން ލިބޭ ޖިސްމާނީ އަނިޔާ, ތަދު ނުވަތަ އުނިކަމެއް ކުރިމަތިވުން. މިފަދަ އަނިޔާތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ތަޅައި ނުވަތަ ކޮއްޕާލުން ފަދަ ޖިސްމާނީ އަނިޔާތަކެއް ނޫނެވެ. މަސްތުވާތަކެތި ނުވަތަ ދޭންނުޖެހޭ ބޭސް ދިނުމާއި، ތަނެއްގައި ހިފެހެއްޓުން ނުވަތަ ބަންދުކުރުން ހިމެނެއެވެ.

އުމުރުން ދުވަސްވީ މީހުންނަށްދެވޭ ނަފްސާނީ އަނިޔާގެތެރޭގައި ހަޅޭއްލެވުން ނުވަތަ އިންޒާރުދީގެން ބިރުދެއްކުން, ނިކަމެތިކަމާއި މަލާމާތާއި ފުރައްސާރަކުރުން,

އާދަޔާ ޚިލާފަށް ކުށްވެރިކުރުން, އުމުރުން ދުވަސްވީ މީހާއަށް އަޅާނުލުން އަދި އުމުރުން ދުވަސްވީ މީހަކު އެކަހެރިކުރުން ހިމެނެއެވެ.

ދޮށީއުމުރުގެ މީހުންނަށް ކުރެވޭ ޖިންސީ ގޯނާގެ ތެރޭގައި އުމުރުން ދުވަސްވީ މީހެއްގެ ރުހުމާ ނުލައި ގުޅުންހިންގުން, މިފަދަ ކަމެއްގައި ޖިސްމާނީ ޖިންސީ އަމަލުތައް ނުހިމެނުނު ނަމަވެސް އުމުރުން ދުވަސްވީ މީހަކަށް ބަދްއަޚްލާގީ ވީޑިއޯ ނުވަތަ ފޮޓޯ ދެއްކުމާއި، އެމީހަކު ޖިންސީ އަމަލުތައް ބަލަން މަޖުބޫރުކުރުމާއި، ނުވަތަ އުމުރުން ދުވަސްވީ މީހާ ހެދުން ބާލަން މަޖުބޫރުކުރުން ފަދަ ހަރަކާތްތައް ހިމެނެނީ ޖިންސީ އަނިޔާގެތެރޭގައެވެ.

އުމުރުން ދުވަސްވީ މީހުންނަށް މާލީގޮތުން ދެވޭ އަނިޔާގެ ތެރޭގައި އެމީހުންގެ ފައިސާ ނުވަތަ މުދާ، ބެލެހެއްޓުންތެރިއަކު ނުވަތަ އެހެންމީހަކު ހުއްދަ ނެތި ބޭނުންކުރުމާއި ނަގުދު ފައިސާ، އާމްދަނީ ޗެކް، ނުވަތަ ގެދޮރާއިއެހެނިހެން މުދާ ވަގަށް ނެގުން ހިމެނެއެވެ. ރާއްޖޭގެ ދޮށީއުމުރުގެ މީހުންނަށް ސަރުކާރުންދޭ ޚާއްސަ އިނާޔަތް ވެސް ގިނަފަހަރު އެމީހުންނަށް ނޭގި ދަރިން ނުވަތަ އާއިލާ މީހުން ބޭނުންކުރާތަން ފެނެއެވެ.

ތަފާތު އެތައް ކަމެއް ފުއްދައިދޭންޖެހޭ ދޮށީ އުމުރުގެ ބަލިހާލުގައި ހުންނަ މީހަކު ބަލަހައްޓަން ޖެހުން އެއީ ބައެއް މީހުންނަށް އުނދަގޫ ކަމަކެވެ.އުމުރުން ދުވަސްވުމުން ބަލިކަށިކަމާއި ބަރޯސާވުން ކުރިމަތިވާއިރު އުމުރުން ދުވަސްވީ މީހަކަށް ވުމަކީ އުނދަގޫ ކަމެކެވެ. ބެލެހެއްޓުމުގެ ޑިމާންޑްތަކާއި އުމުރުން ދުވަސްވީ މީހާގެ ބޭނުންތަކަކީ ވެސް އަނިޔާ ލިބުމުގެ ފުރުސަތު ބޮޑު ހާލަތްތަކެއް އުފެދިދާނެ ކަމެކެވެ.

ބައެއް ބެލެނިވެރިން ކަމަށްވާ ބައިވެރިޔާ ނުވަތަ ދަރިން އެހެން ގާތްތިމާގެ މީހުންނާއި ރައްޓެހިން- އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަކީ ހިތްހަމަޖެހުން ގެނެސްދޭ އަދި ދިރިއުޅުން ބާއްޖަވެރިވާ ކަމެއް ކަމަށް ދެކެއެވެ.އެކަމަކު އުމުރުން ދުވަސްވީ މީހާގެ ހާލަތު ގޯސްވަމުންދާ ވަރަކަށް ބެލެހެއްޓުމުގެ ޒިންމާތަކާއި ޑިމާންޑްތައް ބޮޑުވުމުން ވެސް ސްޓްރެސް ކުރިމަތިވެއެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަރުވާ ދިނުމުގެ ސްޓްރެސްގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ސިއްހީ މައްސަލަތައް ކުރިމަތިވެ، ބެލެހެއްޓުންތެރިން ފަރުވާކުޑަވެ، ކެތްތެރިކަމެއް ނެތި، އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުން ނުވަތަ އަނިޔާދިނުން ކުރިމަތިވެއެވެ.

އުމުރުން ދުވަސްވީ މީހެއްގެ ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ހުރެ، އެމީހަކަށް އަނިޔާއެއް ނުވަތަ އިހުމާލުވުމުގެ ނުރައްކާ އޮތް ކަމަށް ހީވާނަމަ ޕްރޮފެޝަނަލް އެހީތެރިކަމާއި ސަޕޯޓް ހޯދަންވާނެއެވެ.

ތިމާގެ މައްސަލައެއް ހުރިކަން ދެނެގަނެގެން އެކަމަށް އެހީތެރިކަން ހޯދުމަކީ އަނިޔާ ހުއްޓުވުމަށް އެޅޭ އެންމެ ބޮޑު ފިޔަވަޅެވެ.

ތިއީ އަނިޔާ ލިބޭ، އިހުމާލުވެފައިވާ، ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރެވޭ އުމުރުން ދުވަސްވީ މީހެއްނަމަ ސިއްރުނުކޮށް މަދުވެގެން އެކަކަށް އެކަން އަންގާށެވެ. އިތުބާރުކުރާ ޑޮކްޓަރަކަށް، ރައްޓެއްސަކަށް ނުވަތަ އާއިލާގެ މެމްބަރަކަށް އެކަން އަންގާށެވެ.

އުމުރުން ދުވަސްވީ މީހުންނަށް އަނިޔާ ނުވަތަ އިހުމާލުވާތަން ފެނިއްޖެނަމަ، އެ ހާލަތު ރިޕޯޓް ކުރަން ފަސްނުޖެހޭށެވެ. އަދި ކުރިއަށް އޮތްތަނުގައި އަނިޔާގެ ހާދިސާތައް ފެނިއްޖެނަމަ ގުޅައިގެން ކަމާބެހޭ ފަރާތްތަކާ ރިޕޯޓްކުރުން ކުރިއަށް ގެންދާށެވެ. އުމުރުން ދުވަސްވީ މީހުންގެ އަނިޔާގެ ކޮންމެ ރިޕޯޓަކީ ވެސް ހިނގަމުންދާ ކަންކަމުގެ ސްނެޕްޝޮޓެކެވެ. އެ މައުލޫމާތު ގިނަވިވަރަކަށް އުމުރުން ދުވަސްވީ މީހާއަށް ބޭނުންވާ ފެންވަރުގެ ފަރުވާ ހޯދުމުގެ ފުރުސަތު ބޮޑުވާނެއެވެ. އުމުރުން ދުވަސްވީ މީހުން މުޖުތަމަޢާ އެކަހެރިވެ، ހާޒިރުވާން ޖެހޭ ތަނެއް ނުވަަތަ މަސައްކަތެއް ނެތުމުން، އަނިޔާގެ މައްސަލަތައް ގިނަ ދުވަސްތަކެއް ވަންދެން ފާހަގަ ނުކުރެވި އޮތުމަކީ ފަސޭހަ ކަމެކެވެ.

ގިނަ މީހުންނަށް ކުރިމަތިވާ އަނިޔާތައް ރިޕޯޓް ނުކުރަނީ ބައެއް އަނިޔާކުރާ މީހާދެކެ ބިރުންނެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި އަނިޔާކުރާ ބެލެހެއްޓުންތެރިއަކު ހުރުމަކީ ބެލެހެއްޓުންތެރިއަކު ނެތުމާއި އަމިއްލަ ގެއިން ބޭރަށް ބަދަލުވާން މަޖުބޫރުވުމަށް ވުރެ ރަނގަޅު ކަމެއް ކަމަށެވެ. ބެލެހެއްޓުންތެރިންނަކީ އެމީހުންގެ ދަރިން ކަމުގައި ވާއިރު، ދަރިން ގެއްލުން ދެމުންދާތީ ލަދުގަންނާތީވެސް ސިއްރުކުރެއެވެ. ގިނަފަހަރު ރާއްޖޭންބޭރުމީހެއްގެ އަތްމައްޗަށް ބަލަން ހާވާލުކުރުމުން އެމީހުންވެސް އަނިޔާތައް ދެމުންގެންދެއެވެ. އެހެންކަމުންބޭރުމީހުނާއި ބަލަން ހަވާލުކޮށްފައިވާނަމަ އާއިލާއިން ރަނގަޅަށް މޮނީޓަރކޮށް ބަލަންވާނެއެވެ.

ދޮށީއުމުރުގެ މީހުންނަށް ލިބެމުންދާ އަނިޔާ ހުއްޓުމަށް އެންމެން މަސައްކަތްކުރަންޖެހެއެވެ.ގާތްތިމާގެ ދޮށީއުމުރުމީހުންނާއި އަވައްޓެރިން އަދި ނުދަންނަ މީހުންގެވެސް ހާލުވަލާ އަނިޔާލިބޭކަމުގެ ކުޑަވެސް ޝައްކެއް ވެއްޖެނަމަ ސިއްރުނުކޮށް ކަމާބެހޭފަރާތްތަކަށް އަންގާށެވެ.