މަދަރުސީ ހަޔާތަކީ އެތަނަކާއި އެތައް ހަނދާނެއް ގުޅިފައިވާ ތަނެކެވެ. އެތަނުގެ ކޮންމެ ހަނދާނަކީ މިއަދު ހިތަށް އުފާވެރިކަން ގެނުވާނެ ހަނދާނެކެވެ. އެއީ އަދަބެއް ލިބުނު ހަނދާނެއް ކަމުގައި ވިޔަސް މެއެވެ. މަދަރުސީ ހަޔާތުގައި އޭރާއި މިހާރު ވަރަށްވެސް ތަފާތެވެ. އެތަފާތުތަކުގެ ތެރެއިންވެސް މަދަރުސީ ހަޔާތަކީ، މާޒީއަށްވުމުން، އަބަދުވެސް ވަރަށް ހަނދާންވާ ހަޔާތެކެވެ. އަލުން އެދުވަސްތައް ދެކެން ބޭނުންވާ ހަޔާތެކެވެ.

ސްޓާފު ރޫމަށް ފޮތްތައް ބަލާ ދިއުމަކީ ކޮންމެ ކޮންމެ ކުއްޖަކަށް ލިބޭ ނަސީބެއް ނޫނެވެ. ނަމަވެސް މި ނަސީބުގެ އިންތިޒާރުގައި އެތައް ކުއްޖަކު ތިބެއެވެ. މިއީ މިއަދު އެހާ އާއްމު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އިރެއްގައި މިއީ އާއްމު ކަމެކެވެ. މުދައްރިސް ބުނެގެން، ސްޓާފު ރޫމުގައި ހުރި، ކުލާހު ކުދިންގެ ފޮތްތައް ބަލާ ދަރިވަރަކު ނުވަތަ ދަރިވަރުން ފޮނުވުމަކީ އޭރުގެ އާދައެކެވެ. އަދި އެ ދަރިވަރަކީ ތިމަންނާ ކަމަށް ވުން އެއީ ހަމަ ކޮންމެ ދަރިވަރެއްގެވެސް އުންމީދެކެވެ.

މަދަރުސީ ހަޔާތުގެ ހަނދާންތަކުން، ސްޓާފު ރޫމަށް ފޮތްތައް ބަލާ ދިއުމާއި، ކްލާސް ރޫމުން، ސްޓާފު ރޫމަށް ފޮތްތައް ހިފައިގެން ދާން ފުރުސަތު ލިބުމަކީ ނުލާހިކު އުފާވާ ކަމެކެވެ. އުފާ ވާންވީ ސަބަބެއް މުޅިއަކުން ސާފެއް ނުވެއެވެ. ނަމަވެސް ހަމަ ހަގީގަތުގައިވެސް އެއީ އުފާވެރި ކަމެކެވެ. ފަހަރުގައި ކްލާސް ރޫމުން ބޭރަށް ނުކުމެލެވޭތީ ކަމަށް ވެދާނެއެވެ. ނުވަތަ ސްޓާފް ރޫމު ފަދަ، ހަމަ އެކަނި މުވައްޒަފުން ވަދެ އުޅޭ ތަނަކަށް ދަރިވަރަކަށް ވަދެވޭތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ މުދައްރިސް، ތިމަންނާގެ އުޅުމަށް ނުވަތަ ކިޔެވުމަށް ރުހިއްޖެ ކަމުގެ އިހުސާސް ކުރެވޭތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެއަކަސް އެ ފުރުސަތު ލިބުމަކީ ގިނަ ދަރިވަރުން އުފާކުރާ ކަމެކެވެ. 

މިކަން އޮތީ މިހެން ކަމުގައި ވިޔަސް، މިއަދު މި މަންޒަރު ފެންނަލެއް ވަރަށްވެސް މަދެވެ. އެކަން އެމަގުން ހިނގާނަމަ އަދުގެ ބައެއް ދަރިވަރުންނަށް މިއަދު ހީވަނީ އެއީ ދަރިވަރުންލައްވާ ކުރުވާ "މަސައްކަތެއް" ކަމުގައެވެ. ނުވަތަ އެއީ ދެވޭ "އަނިޔާއެއް" ކަމުގައެވެ. ބެލެނިވެރިންވެސް ދެކެނީ އެފަދަ މޭރުމަކުންނެވެ. މިއީ ބަޔަކު ގަބޫލު ނުކުރި ނަމަވެސް ބައެއް ދަރިވަރުންނާ ބެލެނިވެރިން މިއަދު ގަބޫލުކުރާ ހަމައެކެވެ. މިފެންނަނީ އޭރާއި މިހާރުގެ ތަފާތެވެ. އޭރު ދަރިވަރުން ކުރާ ހިތުން ކުރާ ކަންކަން، މިއަދު އެއީ ދަރިވަރުންނަށް ދޭ "އަނިޔާ" އެއް ކަމުގައި ވެއްޖެއެވެ. ތައުލީމީ ނިޒާމާއި މާދަމާގެ ޒުވާން ޖީލުގެ މިސްރާބު މިހިރަ ހުރެގެން އެނބުރެނީ ކޮން ދިމާލަކަށް ހެއްޔެވެ؟

ހަމަ ގައިމުވެސް ސްޓާފު ރޫމަށް ފޮތްތައް ބަލާ ދިޔަ ހަނދާނަކީ އުފާވެރި ހަނދާނެކެވެ. އެދުވަހު އެ ދަރިވަރާއު އެކު، އަނެއް ދުވަހު އަނެއްދަރިވަރަކާއި އެކު ދިޔަ ހަނދާންތައް އައު ކުރެވެއެވެ. ސްޓާފު ރޫމަށް ވަނުމާއި އެކު، މުދައްރިސުންގެ އެ ބަލާލުންތަކުގައި އެވާ ހިނިތުންވުމަކީ ހަމަ ގައިމު މިއަދުވެސް ހަނދާންވާ އުފާވެރި މަންޒަރެކެވެ. އެތައް މުދައްރިސުންނެއް، އެއްފަހަރާ ބަލައިލަމުން، އެ ވެދޭ ހިނިތުންވުމަކީ ބުނެދޭން ނޭނގޭފަދަ އުފާވެރި އިހުސާސެކެވެ. އަޅެ ހަނދާންކޮށްލަބަލާށެވެ! ސްޓާފު ރޫމަށް ފޮތްތައް ބަލާ ދިޔަ ހަނދާނެއް ވޭ ހެއްޔެވެ؟