ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނީ އެމީހެއްގެ ދަރި ނުވަތަ ދަރިންނަކީ އެންމެ މޮޅު ކުއްޖާއަށްވުމަށެވެ. ސުކޫލު ދައުރުގައި ކުލާހުން އެންމެ މޮޅު ދަރިވަރަކަށްވާށެވެ. ކުޅިވަރެއް ކުޅޭނަމަ އެ ކުޅިވަރަކުން އެންމެ މޮޅު ކުޅުންތެރިއަކަށްވުމަށެވެ. އެއީ އިންސާނީ ތަބީޢަތެވެ. އަމިއްލަ ދަރިން މޮޅުވުމަށް ކޮންމެ މަންމައަކުވެސް އަދި ބައްޕައަކުވެސް ބޭނުންވާނެއެވެ.
ނަމަވެސް، ވިސްނާލަން ޖެހޭ ހަގީގަތަކީ، އަބަދު 'އެންމެ މޮޅު ކުއްޖާއަށް' އެމީހެއްގެ ދަރި ނުވަތަ ދަރީން ނުވެދާނެކަމެވެ. ނަގާ ހުރިހާ ޓެސްޓަކުން އެންމެ މަތިން މާކްސް ނުލިބިދާނެކަމެވެ. ކުޅޭ ކޮންމެ ކުޅިވަރަކުން އެއްވަނަ ނުލިބިދާނެކަމެވެ. އެހެން ކުދިންނަށްވެސް ތިމާގެ ދަރިންނަށްވުރެ މަތިން މާރކްސް ލިބިދާނެކަމެވެ.
ގިނަ ފަހަރު އަހަރުމެންގެ ތެރެއިން ގިނަ ބެލެނިވެރިންނަށް ވާގޮތަކީ، ދަރިންގެ ހާލަތާމެދު ރަނގަޅަށް ވިސްނާ ނުލެވި ނޭނގިނަމަވެސް، ދަރިންގެ ސިކުނޑިތައް ހާސްކޮށްލެވެނީއެވެ. އިމްތިޙާނެއް ކައިރިވުމުން މާގިނައިން އެވާހަކަ ދެއްކެނީއެވެ. އިމްތިޙާނުން ދަށް ނަތީޖާއެއް ލިބިއްޖެނަމަ މިހެން ނޫނީ އެހެން ވެދާނެކަމަށް އަބަދު ކިޔެނީއެވެ. ނަތީޖާ ލިބުމުން މިވެނި ކުއްޖަކަށް މިހާވަރަށް މާރކްސް ލިބުނުވާހަކަ ދަރިން ގާތުގައި ހިތްހަމަ ނުޖެހިގެން ކިޔެނީއެވެ. އިމްތިޙާނުން ދަށް މާރކްސްއެއް ލިބިއްޖެނަމަ، ދެރަ ކޮށްލުމުގެ ބަސްބަސް ބުނެވެނީއެވެ. ކުދި ކުދި އަދަބުވެސް ދެވެނީއެވެ.
ނަތީޖާއަކަށް ވެގެންދަނީ، ކުދިންގެ އެ ޅަ ސިކުނޑިތަކަށް ނުރަނގަޅު އަސަރުކުރުމެވެ. މަންމަ ނުވަތަ ބައްޕަ ރުޅި އައިސްދާނެތީ ބިރުގަންނަން ފަށަނީއެވެ. އިމްތިޙާނެއް ކައިރިވާވަރަކަށް ހިތްހަމަޖެހުމަށް އެއްވެސްކަމެއް ނުކޮށް މުޅި ދުވަސް ކިޔެވުމަށް ހުސްކޮށްލެވެނީއެވެ. ކެއުމާ ކަސްރަތާ މުޅިން ދުރުވަނީއެވެ.
ކުދިން ހެދިބޮޑުވަމުން އަންނައިރު އެކި އުމުރުގައި ކުދިންގެ ވިސްނުމާއި، އުޅުމާއި ގުޅުމަށް ތަފާތު ބަދަލުތައް އާދެއެވެ. ކުދިންގެ ސިކުނޑި ތަރައްޤީ ވާނީ ވެސް އެކި ކުދިން އެކި ވަރަށެވެ. ބެލެނިވެރިން ސަމާލުވާންވީ މިކަންކަން ދެނެގަނެ، ކުދިންނަށް ވިސްނައިދިނުމަށެވެ. އިމްތިޙާނަކުން ދަށްވުމަކީ އަދި އަޑުލާންޖެހޭ ކަމެއްނޫނެވެ. އެކަމުގެ ސަބަބުތައް ދެނެގަނެ އެކަންކަމަށް މަސައްކަތްކުރާންވީއެވެ. ކުއްޖާ މުޅި ދުވަހު ކިޔެވުމަށް ހުސްކޮށްލުމުގެ ބަދަލުގައި އެހެން ކުދިންނާއެކު ވަގުތު ހޭދަކޮށްލަންވެސް ފުރުޞަތު ދޭންވީއެވެ. އާއިލާ ތެރޭގައިވެސް ކުދިންނާއެކު މަޖާ އަދި ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭންވީއެވެ. އެހެން ނޫންނަމަ، ކުދިންނަށް އެ ލިބޭ ޕްރެޝަރު އަމިއްލައަށް ހައްލުނުކުރެވި އެ ކުދިން ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން