ރަމަޟާން މަހަކީ، ހެޔޮކަމުގެ މައްސަރެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެއް ރޯދަ މަހުން އަނެއް ރޯދަ މަހަށް އިންތިޒާރު ކުރައްވައެވެ. ރަމަޟާންމަހުގެ ރޯދަ ހިފުން މާތް ﷲ ވަނީ މުސްލިމުންގެ މައްޗަށް ފަރުޟު ކުރައްވާފައެވެ.
ރަމަޟާންމަހާ ބެހޭގޮތުން އުފާވެރިކަމުގެ ޚަބަރު ދެއްވަމުން އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެ އެވެ. އެ މަހުގައި ރޯދަ ހިފުން ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ފަރުޟު ކުރައްވާފައިވެއެވެ. އެމަހުގައި ސުވަރުގޭގެ ދޮރުތައް ހުޅުވެއެވެ. ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އެމަހުގައި ޝައިޠާނުންގެ ތެރެއިންވާ މާރިދުންތައް ކަސްތޮޅު އެޅުވެއެވެ. އެމަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހެޔޮކަންކަމުން މަޙްރޫމްވެގެންފިއެވެ." (އައްނަސާއީ: 2091 )
މިމައްސަރުގައި ބަލަންވީ އެންމެ ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރެވެނީ ކޮންބަޔަކަށްތޯ ބަލާކަށްނޫނެވެ. ގިނައިން ކެއުމުން ފަލަވުންނޫން ކަމެއް ނުވާނެއެވެ. ނަމަވެސް އަޅުކަމުގައި ގިނަވަގުތު މަޝްއޫލްވެ އުޅުމުން ހެޔޮ ސަވާބާއި ދަރުމަ ލިބޭނެއެވެ.
ރަމަޟާންމަހުގައި ނަފްސު ޤާފިލްކަމުން ހޭލައްވާލުމަށް އެހެން މުސްލިމުންނަށްޓަކައި ހިތް ސާފުކުރުމާއި ޣީބަ ބުނުމުން ދުރުހެލިވުން ހިމެނެއެވެ. ޖަމާޢަތުގައި ނަމާދުކުރަން އާދަކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމާއި އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ބައިވެރިވުމަކީ ޘަވާބާއި ދަރުމަ އިތުރުވެގެންދާނެ ކަންކަމެވެ.
ޙަޤީޤަތުގައި ރޯދަމަހަށް ތައްޔާރުވާން ބޭނުންޖެހިފައި މިވަނީ ރޫޙާނީ ތައްޔާރުވުމެކެވެ. އަޅުކަމުގެ ތައްޔާރުވުމެކެވެ. ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އީމާންކަމާއެކު، ﷲގެ ހަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ އިސްވެގޮސްފައިވާ ފާފަތައް ފުހެވިދެއެވެ،"
އަހަރެމެން ކޮންމެ މީހަކުވެސް ރަމަޟާން މަހާއި ކުރިމަތިލާއިރު، އެ މަހަކީ ހެޔޮ ޢަމަލުން ފުރާލައި، އެންމެހައި ނަހީ ކަންކަމުން ދުރުހެލިވާ މައްސަރަކަށް ހަދަން ޢަޒުމް ކަނޑައަޅަން ޖެހެއެވެ. ރަމަޟާން މަހުގެ ރޭތަކަކީ ދުންޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި، ރޭތަކަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރާށެެވެ. ކުޅިވަރާ މަޖަލާ ކޮފީބުއިމަށް ހޭދަކުރާ ވަގުތު މަދުކޮށް އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް އަޅުގަނޑުމެންގެ ނަފްސު ހޭލައްވާލަމާތޯއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން