ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކުރީގެ އަހަރުތަކުގެ ކޮންމެ މީހަކަށްވެސް " ވަގު، ފުލުސް" އޭ ބުނުމުން ހަމަގައިމުވެސް އެތައް ހަނދާންތަކެއް ހޭލައްވާލާނެއެވެ. އެޒަމާނުގައި ފޯނު އަތަށް ލައިގެން ކޮޮފީ މޭޒު ދޮށުގައި ގަޑިދެގަޑިއިރު ތިބޭކަށް ނުޖެހެއެވެ. އެޒަމާނުގެ ކުދިން ކުޅެއުޅުނީ މިފަދަ މަޖާ ގޭމްތަކެވެ. އެހެންކަމުން މިއީ މިހާރުވެސް ހަމަގައިމުވެސް ގިނަ ދިވެހީންގެ ހިތްތަކުން އަދި ހަނދާނުން ފޮހެލަން ދަތި ގޭމަކަށްވާނެއެވެ.

ފަންސުރަކާއި ބާ ކަރުދާސް ކޮޅެއް ލިބެނިކޮށް މިގޭމް ކުޅެން ބޭނުންވާ އެއްޗެއްހި ލިބުނިއްޔެވެ. މަދުވެގެން ފަސް ކުދިން، ގިނަވެގެން ކިތައްމެ ގިނަ ކުދިންނަކަށްވެސް މިކުޅިވަރުގައި ބައިވެރިވެވޭނެއެވެ. ކަރުދާސްކޮޅުތަކުގައި ކޮންމެހެން ހިމަނާންޖެހޭ ފަސް ނަމެއް އޮންނައިރު އެއީ ރަސްގެފާނު، ފަނޑިޔާރު، ފުލުސް، ދޭވާނީ، އަދި ވަގެވެ. އިތުރުވާ ކޮންމެ ކުއްޖަކަށް ރަށު ރައްޔިތުންގެ ކޮންމެވެސް މީހެއްގެ ނަން ޖެހިދާނެއެވެ. މިސާލަކަށް، ރާނީ، މުދިންބެ، ބޭކެނބި ފަދަ ނަންނަން ލިޔެވިދާނެއެވެ. އެ ހުރިހާ ކަރުދާސްކޮޅުތައް ފަތްޖެހުމަށްފަހު އަތްގޮއްޓަށްލާ ތަޅުވާލާފައި މޭޒުމައްޗަށް އޮއްސާލުމުން ކޮންމެ ކުއްޖެއްވެސް އެއް ކަރުދާސްކޮޅު ނަގާނީއެވެ. ފަނޑިޔާރު ހަރު އަޑުން "ފުލުސް ނިކުމެ ވަގު ހޯދާ"ށޭ އަންގަން ޖެހޭނެއެވެ. އެހިސާބުން ފުލުސް ލިބުނު ކުއްޖާ އެހެންކުދިންގެ ހަރާކާތުން ވަގު ދެނެގަންނާނީއެވެ. މޮޅު ވާނީ ވަގު ހޯދިއްޖެ ނަމައެވެ. ނުބައި މީހަކަށް ވަގު ތުހުމަތު ކުރެވޭ ކޮންމެ ފަހަރަކު ފުލުހަށް އަދަބު ލިބޭނެއެވެ. 

މިކުޅިވަރުގައި އޭރު އެތައް ގަޑިއިރެއް ހޭދަވިޔަސް ފޫހިވުމެއްނެތި މިކުޅިވަރު ކުޅެން ތިބެވެއެވެ. މިއީ މިހާރުގެ ކުދިންނަށް ވެސް ދަސްކޮށްދޭން ކަމުދާ މަޖާ ކުޅިވަރެކެވެ. ސްކްރީންޓައިމް އިން ދުރުކޮށް އެކުދިންގެ ވަގުތު އިތުރަށް ފުރިހަމަ ކޮށްލުމަށް ރަނގަޅު ކުޅިވަރެކެވެ.