ހޫނުމޫސުން އައުމާއިއެކު ކަރަންޓުބިލްތަކަށް އެނގުންވެގެންދާ ހިސާބުން އަޅުގަނޑުމެނަށް އަބަދުވެސް ކުށްވެރި ކުރެވެނީ ސްޓެލްކޯއެވެ. ކަރަންޓުބިލު ހަޤީގަތުގައި ބޮޑުވާންދިމާވާ ސަބަބާއި މެދުވިސްނާނުލެވެއެވެ. ސްޓެލްކޯ އިން ބުނަމުން އަންނަނީ ހޫނު މޫސުމުގައި ކަރަންޓު އިޤްތިޞާދު ކޮށްފިނަމަ 15 އިންސައްތައާ ހަމައަށް ބިލް ކުޑަ ކުރެވޭނެކަމަށެވެ. ނަމަވެސް މިކަން އަޑުއަހާ ސްޓެލްކޯގެ އިރުޝާދުތަކަށް ތަބާވަނީ އަޅުގަނޑުމެންގެ ތެރެއިން މަދުބައެކެވެ. މިއީ ރާއްޖެއަށް އެކަނި ދިމާވާ މައްސަލައެއްނޫނެވެ. އެމްރިކާ އޮސްޓްރޭލިއާ އަދި ސްވިޓްޒަލޭންޑްފަދަ ޤައުމުތަކުގައިވެސް ހޫނުމޫސުމުގައި ކަރަންޓު ބިލްތަކަށް އަރާ އަދަދު އިންތިހާއަށް ބޮޑެވެ.

ގެއެއްހަދާ ނިންމާލާއިރު އޭސީއެއް ހަރުނުކޮށް ގެއެއް ފުރިހަމަނުވެއެވެ. ވާނީވެސް އެހެންތާ އެވެ. ރާއްޖެފަދަ ހޫނު ގައުމެއްގައި ކުދިކުދިތަންތަން ކޮޅުގައި އެތައްބަޔަކު ދިރިއުޅެމުން އަންނައިރު ފިނީގައި އުޅެން ބޭނުންވާނެއެވެ. އެހެންކަމުން ހަޤީގަތުގައި އޭސީއެއް މަސައްކަތް ކުރާގޮތް ނޭނގުނަސް އަޅުގަނޑުމެން ކޮންމެ ކޮޓަރިއެއްގައި އޭސީ ހަރުކޮށްލައިގެން އޭސީގެ ފިނިހޫނުމިން އެންމެ މަތިކޮށްލާފައި ބަހައްޓަނީ ބިލަށް އޭގެ އަރާފާނެ އަދަދަށް ވިސްނާލައިގެން ކަރަންޓު އިގްތިޞާދު ކުރަން ވިސްނައިގެން ނޫނެވެ.

އޭސީ އަކީ ކޮބައިކަން ބަލާލާއިރު ހޫނު ޕަންޕުކުރާ މެޝިނެކޭ ބުނެވިދާނެއެވެ. އޭސީގެ މައިގަނޑު މަސައްކަތަކީ، އޭސީ ހަރުކޮށްފައި ހުންނަ ތަނެއްގައި ހަރުލާފައި ހުންނަ ހޫނު ބޭރަށް ފޮނުވާލާ އެތަނެއް ފިނިކޮށްދިނުމެވެ. ރާއްޖޭގައި އާންމުކޮށް ބޭނުންކުރަނީ ސްޕްލިޓް އެއަރ ކޮންޑިޝަނަރ އެވެ. މިއީ އިންޑޯރ ޔުނިޓަކާއި އައުޓްޑޯރ ޔުނިޓެއް އެކުލެވޭ އޭސީގެ ބާވަތެކެވެ. އޭސީއެއް މަސައްކަތް ކުރާގޮތަށް ކުރުކޮށް ބަލާލާއިރު އިންޑޯރ ޔުނިޓުން ކޮޓަރީގައި ހުންނަ ހޫނު އޭސީގައި އިންނަ ކޮއިލަކަށް ދަމައިގަނެއެވެ. މިކޮއިލްގައި ހުންނަ "ރެފްރިޖަރަންޓް" ގޭހުގެ އެހީގައި މިހޫނު ފޮނުވާލަނީ ބޭރުގައި ހަރުކޮށްފައި ހުންނަ އައުޓްޑޯ ޔުނިޓަށެވެ. އައުޓްޑޯރ ޔުނިޓްގައި ހުންނަ "ކޫލިންގ ފިންސް" ތަކުގެ ތެރެއިން ހޫނުވެފައިހުންނަ ގޭސް ދައުރުކުރުވާ ވަގުތު އައުޓްޑޯ ޔުނިޓުގައި އިންނަ ފަންކާއަކުން ބާރަށް ވައި ފޮނުވައިގެން މިގޭސްތައް ފިނިކޮށްދެއެވެ. އަދި ފިނިވެފައިވާ މިގޭސްތައް އަލުން އިންޑޯރ ޔުނިޓަށް ފޮނުވާލާ އޭސީހަރުކޮށްފައިހުންނަ ތަނުގެއެތެރެ ފިނިކޮށްދެއެވެ. "ކޮމްޕްރެޝަރ" އަކީ މި ގޭސްތައް ކޮއިލް ތެރޭގައި ދައުރުކުރުވާ ބާރުގަދަ ޕަމްޕެވެ. ކޮމްޕްރެޝަރަކީ އޭސީއެއްގައި ހިމެނޭ އެންމެ ކަރަންޓު ޚަރަދު ބޮޑު އެކައްޗެވެ. މިގޮތުން ކޮމްޕްރެޝަރ ހިންގާލުމަށް ނަގާ ކަރަންޓަކީ ވަރަށް ބޮޑު ކަރަންޓެކެވެ. ނަމަވެސް ހިނގައިގަތުމަށްފަހު އޭގެ އާދައިގެ ސްޕީޑުގައި އެނބުރެމުންދާއިރު ނަގާ ކަރަންޓު ކުޑަވާނެއެވެ. އޭސީ އަކުން ކުރާ ހަމައެކަނި ކަމަކީ ފިނިކުރުމެއް ނޫނެވެ. މީގެ އިތުރުން އެތަނެއްގައި ހުންނަ ވައިގެ ތެތްކަމުގެ މިންވަރު ދަށްކޮށް އެތަނެއްގައި ވައި ދައުރު ކުރުވުން ވެސް މިއީ އޭސީ އަކުން ކުރާ ބައެއް މަސައްކަތެވެ. ކަރަންޓު ކަނޑާލުމާއިއެކު އަލުން އޭސީ ޖެއްސުމާއިހަމައަށް ކޮޓަރިއަށް ހޫނު ދަތުރުކުރެވެން ހުންނަ ގޮތްގޮތުން ކޮޓަރިތެރެއަށް ހޫނު ދަތުރުކޮށް ކޮޓަރިތެރޭގެ ހުރި ފިނިހޫނުމިން ބޭރާއި އެއްވަރު ވަންދެން ކުރިއަށްދެއެވެ. މިގޮތުން ގެއްލޭ ފިނިކަން ފޫބެއްދުމަށް އޭސީ އަލުން ޖެއްސުމާއިއެކު އޭސީ އޭގެ ފުލް ލޯޑްގައި ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރަންޖެހުމުން ގިނަ އަދަދަކަށް ކަރަންޓު ހިނގައެވެ. ހޫނުމޫސުމުގައި ގޭގެތެރޭގައި ހޫނުމިން އިތުރުވާ ވަރަކަށް އޭސީއަށް ލޯޑުބޮޑުވުމާއިއެކު ކަރަންޓު ބިލަށްވެސް ލޯޑުބޮޑުވަނީއެވެ. މިއީ މިރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން ހިނގާގޮތެވެ.

މިކަމުގެ ހައްލަކި ކަރަންޓު އިޤްތިޞާދުކުރުމަށް ބައެއްފިޔަވަޅުތައް އެޅުމެވެ. އެގޮތުން ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އޭސީ ބޭނުންނުކުރުން ރަނގަޅެވެ. ސްޕްލިޓް ޓައިޕް އޭސީ އަކުން 500 އާއި 1440 ވޮޓްގެ ކަރަންޓު ހިނގި ނަމަވެސް ސްޓޭންޑް ފަންކާއެއް އެންމެ ބާރު ސްޕީޑުގައި ހިންގާލުމަށްވެސް ނަގަނީ 100 ވޮޓްއެވެ. އަދި ސީލިން ފަންކާއަކަށް 15 އާއި 95 ވޮޓް އާއި ދެމެދުގެ މިންވަރެއް ނަގާއިރު ހޫނުމޫސުމުގައި ފަންކާ ބޭނުންކުރާމިންވަރު އޭސީއަށްވުރެން އިތުރުކޮށްލާށެވެ. ރާއްޖޭގެ ގެތަކުގައި ޖާގައިގެ ހުރުމުން ގިނަފަހަރު އޭސީ އިންޑޯ ޔުނިޓުން ވައި ފޮނުވާ ދިމާ ކުރިމަތީގައި ކޮންމެސް ހުރަހެއްހުރެއެވެ. މިސަބަބާއިއެކު ކޮޓަރިތެރެ ފިނިކުރުމަށް ފޮނުވޭ ވައިގެ ބޮޑު އިންސައްތައެއް ބޭނުން ކުރެވެނީ ކުރިމަތީގައި ހުރި އެއްޗަކަށް ފިނި ކުރުމަށެވެ. މިހެން ވުމުން ކޮޓަރި ފިނި ކުރުމަށް ނަގާ ވަގުތު އިތުރު ވުމުން އަނެއްކާވެސް ޚަރަދު ބޮޑުވާނެއެވެ. ވީމާ އޭސީ އިން ފޮނުވާ ވައި ކޮޓަރިއަށް ރަނގަޅަށް ދާނެ ގޮތަކަށް އިންޑޯރ ޔުނިޓް ބަހައްޓާށެވެ. މީގެއިތުރުން ގޭގައި ހަރުކުރާ އޭސީގައި އިންވަރޓަރ ހުރިތޯ ޔަގީންކުރެއްވުމަށްފަހު ހަރުކުރާށެވެ. އިންވަރޓަ ހުންނަ އޭސީއިން ކަރަންޓު ޚަރަދު 30 އިންސައްތަ އަށް ކުޑަކޮށްދެއެވެ. އޭސީ އަކި ގަވާއިދުން ސަރވިސް ކޮށްގެން ބޭނުންކުރަންޖެހޭ އެއްޗަކަށްވާއިރު އޭސީގައި އެކުލެވޭ ފިލްޓަރ މާބޮޑަށް ހިރަފުސްހިފާ، ހަޑިވެފައިވާނަމަ ފިނިކުރުމަށް އަނެއްކާވެސް އޭސީ އިތުރު މަސައްކަތްތަކެއް ކުރެއެވެ. އެހެންކަމުން އޭސީ ސަރވިސްކޮށް ސާފުކޮށް ބެހެއްޓުމުންވެސް އޭސީ އިން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަވެއެވެ. ހަށިގަނޑުގެ ދުޅަހެޔޮ ކަމަށާއި ކަރަންޓު ޚަރަދުކުޑަކޮށް، އިޤްތިޞާދުކުރުމަށް އެންމެ ރަނގަޅު ކަމަށް ބެލެވެނީ އޭސީގެ ފިނިހޫނުމިން 24-25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމެވެ.

ހަމައެހެންމެ ހޫނުމޫސުމުގައި ކަރުހިއްކުން އިތުރުވެ، އައިސްފެން ބޭނުންވާ މިންވަރު އިތުރުވެއެވެ. އިރުއިރުކޮޅާ ފްރިޖު ހުޅުވާ ލެއްޕުމަކީވެސް ކަރަންޓް ހިނގާ މިންވަރު އިތުރުވާ ކަމެކެވެ. އަދި ފްރިޖުގެ ދޮރު ގިނައިރުވަންދެން ހުޅުވާފައި ބަހައްޓާނަމަ ކަރަންޓު ހިނގާ މިންވަރު އިތުރުވާނެއެވެ. ސަބަބަކީ ފްރިޖު ހުޅުވާލުމުން ކާނާ ތާޒާކޮށް ބަހައްޓާ ފިނި ވައި ބޭރުވެ ގޮސް އޭގެ ބަދަލުގައި ކޮޓަރިން ހޫނު ވައި ފްރިޖުގައިއުފެދެއެވެ. ފްރިޖުގެ ކޮމްޕްރެޝަރުން ހޫނު ވައި ބޭރަށް ދުއްވައި، ފިނިހޫނުމިން އާންމު ހާލަތަށް ގެނައުމަށް ކުރާމަސައްކަތުގެ ލޯޑުބޮޑުވެ ކަރަންޓުބޭނުންކުރާ މިންވަރު އިތުރުވެއެވެ.

ހޫނުމޫސުމުގައި ކަރަންޓު އިޤްތިޞާދުކުރުމަށް އަޅުގަނޑުމެންގެ ޒިންމާ ވަރަށް ބޮޑެވެ. ބިލްތަކަށް ދައްކަންޖެހޭ އަދަދު ކުޑަކުރެވޭނީ އަޅުގަނޑުމެން ދުރާލާ ވިސްނައިގެން ކަރަންޓު ސާމާނު ދަސްކޮށް، އެތަކެތި ބޭނުންކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް އެނގި ދަސްވެގެންނެވެ.