ހިނިތުންވުމުގެ ސިފައަކީ މާތް ﷲ އިންސާނާއަށް ދެއްވި ސިފަތަކުގެ ތެރެއިން މާތް ސިފައެކެވެ. މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވަނީ އެކަކު އަނެކަކާއި މުހާތަބުކުރާއިރު ހިނުތުންވުމާއެކު މުހާތަބު ކުރުމަށެވެ. އަދި ތިބާގެ އަހާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ.” މިއީ ސަލާމާއި ޞަލަވާތް ލެއްވި ރަޙުމަތުގެ މާތް ނަބިއްޔާގެ އަގުމާތްވި ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެއްގެ ތަރުޖަމާއެވެ. ބަސްފުޅަށް ޢަމަލީ ސިފަގެނެސްފި ހަމަ ކޮންމެ މީހަކަށްމެ ހިނިތުންވުމަކީ ޚުދު ތިމާގެ އަމިއްލަ ނަފުސަށްވެސް ކުރެވޭ ޞަދަޤާތެއްކަން ޔަގީންވާނެއެވެ.

ހިނިތުންވުމުގެ ހަގީގަތާއި ހިނިތުންވުމުގެ އަސަރު ތިމާއަށާއި އަނެކުންނަށް ކުރާ ގޮތާއި މިންވަރާ މެދު ނަފްސާނީ ޢިލްމުވެރިން ވަރަށް ގިނަ ދިރާސާތައް ކުރައްވާފައިވެއެވެ. އެފަދަ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކަށް ޚާއްސަ އަނެކުންނާ ތަފާތު ހިނިތުންވުމެއް ލިބިގެންވެއެވެ. އަދި ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއްވެއެވެ. ހަމަ އެހެންމެ އިންސާނާގެ ސިކުނޑީގައި އެވަގުތަކު ހިނގަމުންދާ ފިކުރުތަކާއި ކުރަމުންދާ އިހުސާސްތަކުގެ ތަސައްވަރު ހިނިތުންވުމުން ދެނެގަނެވިދާނެއެވެ.

ކޮންމެ މީހަކަށް ޚާއްސަ ހިނިތުންވުމެއް ލިބިފައިވާ ފަދައިން، ހިނިތުންވުމުގެ އެތައް ބާވަތަކާއި ވައްތަރެއް ވާކަން ވެސް ނަފްސާނީ ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި ތެދުވެރި ހިނިތުންވުމާއި އެކުވެރި ހިނިތުންވުން ހުންނަ ފަދައިން ރުޅިވެރި ހިނިތުންވުމާއި ގޯސް ހިނިތުންވުން ހުންނަ ކަމާއި އޭގެ ސިފަތަކާއި އެއިން ކޮންމެ ވައްތަރެއްގެ ހިނިތުންވުމުން ކުރާ އަސަރުތަކުގެ މައްޗަށް ވެސް އެބޭފުޅުން ވާހަކަދައްކަވާފައިވެއެވެ. ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވާ އަރާމު ލިއްބައިދެއެވެ. ހަމައެޔާއެކު އޭގެ ހެޔޮ އަސަރު މުޅި ހަށިގަނޑަށް ފެތުރިދެއެވެ. ހިތުގެ ހިނގުމާއި ލޭނާރުތައް އިންތިޒާމުކޮށްލަދެއެވެ. ޢިލްމީ ހޯދުންތަކުން އެނގޭގޮތުގައި އިންސާނާއަށް ބޭނުންވާ ހިނިތުންވުމުގެެ އިޙުސާސަކީ ބައެއްފަހަރު ކެއުން ބުއިމާ އެއްދަރަޖައެއްގައި ބޭނުންޖެހޭ ކަމެކެވެ. ހިތުގެ ބަލިތަކަށް ބޭނުންވާ ފަރުވާތަކުގެ ބޮޑުބައެއް އުފާވެރި ހިނިތުންވުމުގެ އިޙުސާސުން ލިބިދޭކަމަށް ސާބިތުވެފައިވެއެވެ. ހިނިތުންވެލާގޮތުގެ ސަބަބުން އަނެކާގެ ފުށުން ބޭނުންވާ އެތައް މަޢުލޫމާތެއް ފަސޭހަކަމާއެކު ހޯދައި ގަނެވޭކަމަށްވެސް ފަހުގެ ދިރާސާތަކުން ދައްކައެވެ. ޑޮކްޓަރު އިބުރާހީމްލްފިޤީ ވިދާޅުވިގޮތުގައި ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް "ވާރުތަވާ" ކަމެކެވެ.

ލޯތްބާއި އޯގާތެރިކަމާއި އެކު ހަދިޔާކޮށްލެވޭ ހިނިތުންވުމުގެ ސަބަބުން އަނެކާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމާއި ހާސްކަން ދުރުކޮށްދެއެވެ. އެފަދަ ހިނިތުންވުމަކީ ފަހަރެއްގައިވެސް ފައިސާއަކަށް ގަނެވޭނޭ އެއްޗެއް ނޫނެވެ. މީހެއްގެ ހިނިތުންވުމުން ދައްކުވައިދެނީ ހަމައެކަނި އުފާވެރިކަމެއް ނޫނެވެ. އޭނާ ހިނިތުންވެފައި ހުރި ނަމަވެސް އޭނާގެ ހިތް އެތައް ކަމަކާ ނުތަނަވަސްވެފައި ހުރެދާނެއެވެ. ތުންފަތުގައިވާ ހިނިތުން ވުމަކުން އޭނާގެ ހިތުގައި ހުރި ޒަހަމްތަކެއް ނޭނގޭނެކަން ޔަގީނެވެ.

ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނިތުންވުމުގެ ބޮޑެތި ކެންޕޭންތައް ހިންގާފައިވާއިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައިވެސް "ސްމައިލިންގ ކެންޕޭން" ނަމުގައި އެތައް ޙަރަކާތްތަކެއް ހިންގާފައިވެއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މި މަތިވެރި ހަދިޔާއިން ޒީނަތްތެރިވުމަކީ ލިބޭ ހާސް ނިޢުމަތެކެވެ. ހިނިތުންވާށެވެ. ހިނިތުންވެލާށެވެ. އަގަކާނުލާ ލިބިފައިމިވާ ޚަޒާނާ އެންމެންނަށް ބަހާށެވެ. އޭގެ އެންމެ ރިވެތި ގޮތުގައެވެ މާތް ނަބިއްޔާ އިރުޝާދުދެއްވާފައި މި މުހިންމު މަތިވެރި ޞަދަޤާތްދިނުމުގައި ދަހިނުވާށެވެ. އަދި ޞަދަޤާތް ގަބޫލުކުރައްވާނޭ ގޮތުން ތިބާގެ ހިނިތުންވުމުގައި އިޚްލާސްތެރިވާށެވެ!.