ނިވާކަން ކުޑަ ގޮތެއްގައި ހެދުން އަޅައި، ދެއްކުންތެރިކަމުގައި މޮޑެލް ކުރަމުންދާ ޒުވާން އަންހެން ކަނބަލުން ނުހަނު ގިނައިން މިފަހަކަށް އައިސް ފެންނަމުންދެއެވެ. ހަށިގަނޑުގެ ވަނާތައް ފާޅުކަންބޮޑުގޮތެއްގައި ނީލަން ކިޔަން ގަޔަށް ބާރު ހެދުން އަޅައިގެން އަރިއަރިއަށް ފޮޓޯ ނަގާފައި އިންސްޓަގްރާމް އަދި ޓިކްޓޮކްފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަމިއްލައަށް ހިއްސާކުރަމުންދަނީ މީހުންގެ ގިނަ ލައިކްސް އަދި ކޮމެންޓް ހޯދާ މަޝްހޫރުވުމުގެ ބޭނުމުގައެވެ.

ކާފަރު ދީނަށް ނިސްބަތްވާ ބޭރުގެ މޮޑެލުންނާ އެކްޓަރުންގެ ސްޓައިލް ކޮޕީކޮށް އެމީހުންނަށް ހެދިގެން އުޅެން ބޭނުންވާ ދިވެހި ކަނބަލުން މިވަނީ ގިނަވެފައެވެ.

ނަމަވެސް ފާހަގަ ކޮށްލެވޭކަމަކީ މިގޮތަށް ހަށިގަނޑު ނީލަންކިއަމުން އަންނަ ފޮޓޯ ތަކަށް މަދު ބައެއްގެ ތައުރީފް ލިބުނުކަމުގައި ވިޔަސް ގިނައީ މަލާމާތްކޮށް ފުރައްސާރަ ކުރާމީހުންކަމެވެ.

 މިއަދު ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިވާ ދިވެހިކުއްޖެއްގެ ފޮޓޯއަށް ކޮށްފައިވާ ކޮމެންޓުތައް ބަލާލިއިރު ހުރީ މުޅިންވެސް ފާޑުކިއާ މަލާމާތްކޮށްފައި ހުރި ކޮމެންޓުތަކެވެ. އެއްބަޔަކު އެއީ ގޮތެއް ފޮތެއް ނެތް ޖަނަވާރުންގެ ސިފަކަމަށް ފާހަގަކޮށް މަލާމަތް ރައްދު ކޮށްފައި ހުރި އިރު އަނެއްބަޔަކު  އެމީހުންނަކީ މަގުމައްޗަށް ޖަހާފަ އޮންނަ ކުޅުގަނޑަކަށް ވުރެން ހުތުރުކަންބޮޑު އަގެއްނެތް ބައެއްކަން ފާހަގަ ކޮށް ހީހަދާފައި ހުއްޓެވެ. ގިނަ މީހުން ދެކެނީ އެއީ އަގެއްނެތް ތުންފުހިންގެ ގޮތުގައެވެ. ރީތިކަމަށް ބުނެ ބައެއް ފިރިހެނުން ކޮމެންޓުކުރިއަސް "ޗީޕް" ބައެއްގެ ގޮތުގައި ފާހަގަކޮށް އެކުވެރިންނާއިއެކު މަލާމާތްކޮށް ހަދާނައެވެ.

ހިތާމަކުރަން ޖެހޭ ކަމަކީ ބައެއް ނޫސްތަކާއި ޓީވީތަކުންވެސް މޮޑެލްސް ގެ ގޮތުގައި އެމީހުން މަޝްހޫރުކުރަމުން ދާކަމެވެ. އެއީ މޮޑެލްސް އެއް ނޫނެވެ. އެއީ ސައްތައިންސައްތަ މުސްލިމުގައުމެއްގެ މުޖުތަމައުގެ ހަލާކެވެ.

ރިވެތި އަހުލާގާ އިސްލާމީ ހިޖާބުން ނިވާވެގެން އެތިބީ ހަގީގީ މޮޑެލުންނެވެ. ދަރިން ގޭގައި ބައިތިއްބާފައިއަވަދިނެތި ދިރިއުޅުމަށް މަސައްކަތް ކުރަމުން އަންނަ އަންހެން ކަނބަލުން އެއީހަގީގީ މޮޑެލުންނެވެ. ރެއާއި ދުވާލު ހިވާގިކަމާއި އެކު ބުރަމަސައްކަތުން އަމިއްލަ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ޒުވާން އަންހެންވެރިން އެއީ ހަގީގީ މޮޑެލުންނެވެ.

 މުޖުތަމައުގައި ނިވާކަން ކުޑަ ހެދުންތައް ޢާންމުވެ އެފަދަ ހެދުންތަކަކީ ފެޝަންކަމަށް ހަދައިގެން ވިޔަފާރިވެރިން ވެސް މިކަމަށް ތާއީދުކުރަމުންދާކަން ފާހަގަ ކުރެވެއެވެ. ބޭނުމަކީ އެމްބަސެޑަރުންނަށް އެމީހުން ހަދައިގެން ނިވާކަން ކުޑަހެދުން އަޅުވައިގެން ވިޔަފާރި ކުރިއެރުވުމެވެ.

ޤަބޫލުކުރަންޖެހޭ ކަމަކީ އިސްލާމް ދީނާއި ޚިލާފް ކަންކަން މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ޢާންމުވެފައިވާ ކަމެވެ. އެކަންކަމަށް ސަމާލުކަންދޭންޖެހިފައިވާ ކަމެވެ. އެފަދަ ކަންކަމާއި ދުރުހެލިވެ އެއްކިބާވާން މަސައްކަތްކުރަން ޖެހިފައިވާ ކަމެވެ.

ތިޔަކަނބަލުން އަމިއްލައަށް އަމިއްލަ ނަފްސަ ދުނިޔޭގެ އުފަލަށްޓަކައި އިޝްތިހާރު ނުކުރާށެވެ. މިހެން ބުނީމައި ގޯސްވާނީ މިހެން ބުނާމީހާއެވެ. ގަޔަށް ބާރު ހެދުން ލައިގެން ނުވަތަ ނިވާ ނުވާ ވަރުގެ ކުރު ހެދުން ލައިގެން މިއަދު ހިތްހަމަ ޖެހުން ލިބުނުކަމުގައި ވިޔަސް މާދަމާ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ ނިވާކަން ކުޑަ ހެދުން އަޅައިގެން އަންހެނާގެ އައުރަ ހިލޭ ފިރިހެނުން ކުރިމާތީ ނީލަން ނުކިޔާށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާލާށެވެ.

 އައުރަ ނިވާ ކުރުމަކީ އިސްލާމް ދީނުގައި އެންމެބޮޑަށް ބާރުއަޅާފައިވާ އެއްކަމަށް ވީއިރު މިކަންތަށް ދޫކޮށް ނުލާށެވެ. ނަރަކައިގެ ގަދަ ހޫނުން ފިހެން ބޭނުން ނުވާނަމަ ވަގުތު ފާއިތުވުމުގެ ކުރިން އައުރަ ނިވާކުރުމަށް އަވަސްވެ ގަންނާށެވެ.

 ކުޑަކުޑައުފަލަކަށްޓަކައި ﷲ ތިބާއަށް ދެއްވި ޢިއްފަތްތެރިކަން ވެއްޔާ މޮޑެމުން ދަނީ މާދަމާ އެއީ ނާންނާނެ ދުވަހަކީ ހެއްޔެވެ؟ އައުރަ ނިވާ ނުކުރާ އަންހެނުންނަށް ހުރި ވޭންދެވި ޢަޛާބުގެ ވާހަކަ އަޑު ނާހަމުހެއްޔެވެ؟ ނުވަތަ އިވުނަސް އަޅާނުލަނީ ހެއްޔެވެ؟ މިއަދު ވަރިހަމަކޮށްފައި ތިޔަހެން އުޅެވިދާނެއެވެ. އެހެން ނަމަވެސް މާދަމާ ދާން އޮތް ދާއިމީ ގޮވަތީގައި ހަދާނީ ކިހިނެއް ހެއްޔެވެ؟