އަހަރީ ސަގާފަތާ އެއްގޮތަށް  ގަވާއިދުން ކުރިއަށް ގެންގޮސް މޮންޓެނީގްރޯއިން މިދިޔަ މަހު ފަށާފައިވާ "އެންމެ ކަންނެތް މީހާ" މުބާރާތުގައި ބައިވެރިން ދުވާލަކު ގާތްގަނޑަކަށް 24 ގަޑިއިރު މެޓްތަކުގައި އޮށޯވެގެން ތިބެ އެވެ. 

މި އާދަޔާހިލާފް މުބާރާތް ކުރިއަށް ގެންދަނީ މޮންޓެނީގްރޯގެ އުތުރުގެ ރިސޯޓް އަވަށެއް ކަމަށްވާ ބްރެޒްނާގައެވެ. މިއަހަރުގެ ޗެލެންޖު އޮގަސްޓް މަހުގެ މެދުތެރޭގައި ފެށިއިރު، މިހާރު މުބާރާތުގެ 26 ވަނަ ދުވަހަށް ވަންނައިރު، ބާކީ އޮތީ 21 ވާދަވެރިންގެ ތެރެއިން އެންމެ ހަތް ވާދަވެރިންނެވެ. މި ވާދަވެރިން ވާދަކުރަނީ 1،070 ޑޮލަރު ގެ އިނާމަކަށެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އޮށޯވެގެން ވާދަކުރާ ބައިވެރިންނަށް ނިދުމާއި، ކާބޯތަކެތީގެ ބޭނުންތައް ފުއްދައިދިނުމާއި، ފޮތް ކިޔުމާއި، ފޯނު ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް އިށީނދެ ކޮޅަށް ހުރުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބެލެވެ އެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ އަށް ގަޑިއިރަކުން 10 މިނެޓް ފާޚާނާއަށް ދިއުމުގެ ހުއްދަ ދީފައިވެއެވެ.

މިދިޔަ އަހަރު ލައިންގް ޑައުން ރެކޯޑް ގާއިމްކޮށްފައިވަނީ 117 ގަޑިއިރު ނަމަވެސް މިއަހަރު މުބާރާތް 26 ދުވަސް ހުރަސްކޮށްފައިވާ ކަމަށް ނިއުޔޯކް ޕޯސްޓުން ރިޕޯޓްކޮށްފައިވެ އެވެ. އެހެންކަމުން ކުރީ އަހަރާ ބަލާއިރު މިއަރު މީހުން މާ ކައްނެތްކަމަށް ބެލެވެއެވެ.

''އަހަރެމެން އެންމެންވެސް ހާލުރަނގަޅު، ސިއްހީ މައްސަލައެއް ނެތް، އެމީހުން އަހަރެމެންނަށް ވަރަށް އޯގާތެރި، އަހަރެމެން ކުރަންޖެހޭ ކަމަކީ އޮށޯވެގެން ތިބުން،'' 2021 ވަނަ އަހަރުގެ ޗެމްޕިއަން ޑޫބްރަވްކާ އަކްސިޗް ބުންޏެވެ.

މީގެ 12 އަހަރު ކުރިން މި ކުޑަކުޑަ ގައުމުގައި މި މުބާރާތް ފެށީ މޮންޓެނެގްރޯގެ ރައްޔިތުންނަކީ ކަންނެތް ބައެއް ކަމަށް ބުނާ މަޝްހޫރު ވާހަކައަކަށް މަލާމާތް ކުރުމަށް ކަމަށް މުބާރާތުގެ އެއް އިންތިޒާމް ކުރާ ރަޑޮންޖާ ބްލަގޮޖެވިޗް ވިދާޅުވި އެވެ.

'އަހަރެމެން މި ލައިން ޑައުން މުބާރާތް އިންތިޒާމްކުރީ ޕެރޯޑީއެއްގެ ގޮތުގައި، މޮންޓެނެގްރޯގެ މީހުންނަކީ ކަންނެތް ބައެއް ކަމަށް ބުނާ ސްޓިރިއޯޓައިޕް އަށް ބަލާފަ، އެންމެ ގިނަ ދުވަހު ކެތްކުރެވޭނީ ކާކުތޯ ބަލާލަންވެގެން. މިވަގުތު މިއަހަރު ކުރިމަތިލި 21 މީހުންގެ ތެރެއިން ހަތް ވާދަވެރިން އެބަތިބި،'' މިސް ބްލަގޮޖެވިޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 21 ކުޅުންތެރިންގެ ސްޓާޓިން ފީލްޑަކުން ބާކީ ތިބި ހަތް ވާދަވެރިން މިހާތަނަށް 463 ގަޑިއިރު ނިދާފައިވާކަމަށެވެ.