ނެދަލެންޑްސްގެ ލިމްބާގް ޕްރޮވިންސްގެ ކުޑަ ރަށެއް ކަމަށްވާ ރޯއެރްމަންޑްގައި ހުންނަ ހެޓް އަރެސްތޫއިސް އަކީ 1863 ވަނަ އަހަރުން ފެށިގެން  ރައްކާތެރި ޖަލެއްގެ ގޮތުގައި މަޝްހޫރު ޖަލެއް ކަމަށާއި، ގާތްގަނޑަކަށް 2 ގަރުނު ވަންދެން އެގައުމުގެ އެންމެ ހަރުކަށި ޖަލުތަކުގެ ތެރޭގައި ހިމެނޭ ޖަލެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހު، ފަހުން އެތައް އަހަރެއް ވަންދެން ވަނީ ބޭނުންނުކޮށް ފަޅުވެފައެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވަގުތީ ގޮތުން ދިރިއުޅެވޭނެ ތަނެއްގެ ގޮތުގައި 2002 ވަނަ އަހަރު އަލުން ހުޅުވި އެވެ. 

މިހާރުމިޖަލު ވަނީ ލަގްޒަރީ ހޮޓެލްއަކަށް ބަދަލުކޮށްފައެވެ. އަސްލު ޖަލުގެ ހުރިހާކަމެއް ނުގެއްލޭގޮތަށް ފަރުވާތެރިކަމާއެކު ފަރުމާކޮށްފައިވާއިރު އޭގެ ތެރޭގައި 105 ގޮޅި 38 އަޖައިބު ކުރުވަނިވި ކޮޓަރިއަކަށް ބަދަލުކޮށްފައިވެއެވެ.ހުރިހާ ހިދުމަތަކާއި އެކު  4 ލަގްޒަރީ ސުއިޓް ވެސް ހިމެނެ އެވެ. އެ ސުއިޓްތަކަށް ދީފައިވަނީ ވަރަށް ތަފާތު ނަންތަކެވެ. އެއީ ދަ ޖަޖް، ދަ ލޯޔަރ، ދަ ޑައިރެކްޓަރ އަދި ދަ ޖެއިލަރ އެވެ. ކުރިން ހަނި ކުއާޓަރުތަކެއްގެ ގޮތުގައި ހުރި ތަންތަން މިހާރު ވަނީ ލަގްޒަރީ ކޮޓަރިތަކަކަށް ވެފައި، ޖަލުގެ މުސްކުޅި ދުވަސްވީ މެދުތެރޭގެ ކޮރިޑޯގައި ހުރި ކުރިން ޖަލުގައި ބޭނުންކުރި ދޮރުތަކާއި ބައެއް އެހެނިހެން ފިޓިންގްސްތައް ފެންނަން ހުރެއެވެ.

ޖަލުގެ ގޯތިތެރެ ވެސް ވަނީ ލަގްޒަރީ ގޮތަކަށް ބަދަލުކޮސްފައެވެ.އެއީ މީގެޒަމާންތަކެއް ކުރިން ދުވާލުގެ ކަނޑައެޅިފައިވާ ވަގުތުތަކުގައި ގައިދީން ތާޒާ ވައި ހޯދުމަށް ޒިޔާރަތްކުރި ގޯތިތެރެއެވެ. ގޯތިތެރެ މެޑިޓެރޭނިއަން ޖައްވެއްގެ ރީތި ޓެރެސްއަކަށް ބަދަލުކޮށްފައިވާއިރު، އޮލިވް ގަސްތަކާއި ބޮޓާނިކަލް ގާޑަންއަކާއި ބޮޑެތި ހުދު ކުޑަތަކެއްގެ ދަށުގައި  އިށީނދެވޭނެ ގޮތަށް ފުރިހަމަކޮށްފައިވެ އެވެ. ހެޓް އަރެސްތޫއިސް ހޮޓަލުގައި ބާއަކާއި ޓޮޕް ޝެފުންނާއެކު ރެސްޓޯރެންޓަކާއި ފިޓްނަސް ސެންޓަރަކާއި މީޓިން ރޫމަކާއި ނެދަލެންޑްސްގެ އެންމެ ހިތްގައިމު އެއް ގޯލްފް ކޯސް ހުރެ އެވެ. ޒިޔާރަތްކުރާ ފަރާތްތަކަށް މުޅި ޖަލުގެ ދަތުރެއް ކޮށް، އެ އިމާރާތުގެ ތާރީހުގެ މައުލޫމާތު ލިބިގެންދާނެ އެވެ.

ހެޓް އަރެސްތޫއިސް ޖަލަކީ ލަގްޒަރީ ހޮޓަލަކަށް ބަދަލުކޮށްފައިވާ ހަމައެކަނި ޖަލެއް ނޫނެވެ. ހަގީގަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ދިމަދިމާލުގައި ޖަލުގެ އޮނިގަނޑުތަކުގެ ދޫކޮށްލާފައިވާ ޖާގަތަކުގެ ފައިދާ ނަގައިގެން ފަތުރުވެރިކަމަށް އަމާޒުކޮށްގެން އާ ހަގީގަތްތަކެއް އުފައްދައި، މީހުންނަށް ބަލާލަން ދެވޭގޮތަށް ތައްޔާރުކުރުމުން ސޯޝަލް މީޑިއާގައި ވަނީ ޓްރެެންޑަކަށްވެފައެވެ. މި ހޮޓަލަކީ ތާރީޚުން މުއްސަނދި އާދަޔާ ހިލާފު ތަނެއް ތަޖުރިބާ ކުރުމަށް ތަފާތު ތަނެކެވެ.