އަހަރެމެން ދިވެހިންނަކީ ފެށުނީއްސުރެ، އަތުން މޮޑެގެން ކާ ބައެކެވެ. އުލާއި ސަމުސާ އަހަރެމެންގެ ތެރެއަށް އައީ މާ ފަހުންނެވެ. ނަމަވެސް ތަހުޒީބީ ދުނިޔޭގައި، އަތުން މޮޑެގެން ބަތް ފަދަ ކާ އެއްޗެހި ކެއުމަކީ ބައެއް ޤައުމުތަކުގައި ވަރަށް ދަށް ކަމެއްގެ ގޮތުގައި އަދިވެސް ދެކޭ ކަމެކެވެ.

އަތުން ކެއުމުގެ މި އާދައަކީ ބޮޑަށް ދެކުނު އޭޝިއާ ސަރަހައްދުގައި އޮންނަ އާދައެކެވެ. އެހެންނަމަވެސް، މެދު އިރުމައްޗާއި އެހެނިހެން ހިސާބުތަކުން ވެސް ކޮންމެވެސް ވަރަކަށް މިކަން ފެނިގެންދެއެވެ. ހުޅަނގުގެ ގިނަ ޤައުމުތަކުން މިއީ ދަށް ކަމެއްގެ ގޮތަށް ދެކުނަސް، އަތުން މޮޑެގެން ކެއުމުގައި ފައިދާތަކެއް އެކުލެވިގެންވާ ކަން އެނގޭ ހެއްޔެވެ؟

1. ހަޖަމުކުރަން ފަސޭހަވުން

ސައިންސުން ހާމަވާ ގޮތުގައި، އަތުގައި ހުންނަ ރަނގަޅު ބެކްޓީރިއާ އަކީ ކާއެއްޗެހި ހަޖަމުކުރަން ފަސޭހަކޮށްދޭ އެއްޗެކެވެ. އެ ބެކްޓީރިއާގެ ސަބަބުން، ވަށައިގެންވާ މާހައުލުގައި އުޅޭ ނުރައްކާ ޖަރާސީމުތަކުން ރައްކާތެރި ކޮށްދޭ ކަމަށްވެސް ބުނެއެވެ. އެހެންކަމުން ރަނގަޅަށް އަތް ދޮވެގެން ކާ ނަމަ، އަތުގައި ހުންނަ ރަނގަޅު ބެކްޓީރިއާއިން ހަޖަމުކުރުމުގެ ނިޒާމަށް އިތުރު އެހީތެރިކަމެއް ލިބިގެންދެއެވެ. 

 

2. ލޭ ދައުރުވުން އަވަސްކޮށްދިނުން

އަތުން މޮޑެގެން ކެއުމަކީ ހަށިގަނޑުގެ މަސްތަކަށް ލިބޭ ކަސްރަތެކެވެ. އަދި މި ކަސްރަތުގެ ސަބަބުން ލޭގެ ހިނގުން ނުވަތަ "ބްލަޑް ސާއިކުލޭޝަން" އަވަސް ކޮށްދޭ ކަމަށް ވެއެވެ. 

 

3. ކާ އެއްޗެހީގެ ފިނިހޫނުމިން ދެނެގަތުން

ކާއެއްޗެހި އަނގަޔަށް ލުމުގެ ކުރިން، އެއީ އަނގަޔަށް ލެވޭ ވަރަށް ހިހޫ ވެފައިވާ އެއްޗެއްކަން ގިނަފަހަރަށް އަންގައިދެނީ އަތުންނެވެ. އެގޮތުން ބަތް ފަދަ އެއްޗެހި މޮޑެގެން ކާއިރު، އެއީ އަނގަޔަށް ލެވޭ ވަރުގެ ފިނިހޫމިނެއްގައި (ޓެމްޕަރޭޗާއެއްގައި) ހުރި އެއްޗެއްކަން ބަލައި، އެ މެސެޖު ސިކުނޑިއާ ހަމައަށް ފޯރުޮކޮށްދެނީ އަތެވެ. އެހެންކަމުން، ހޫނު އެއްޗެއް ކެވިގެން އަނގަ ފިހުން ފަދަ ކަންކަމުން ސަލާމަތްކޮށްދެއެވެ. 

 

4. ގިނައިން ކެވުމާ ދުރުކޮށްދިނުން

އަތުން ކާއިރު އާންމު ގޮތެއްގައި ކެވޭނީ ވަރަށް ހަމަޖެހިލައިގެން، ލަސްލަހުންނެވެ. ނަތީޖާއެއްގެ ގޮތުން ކާން ޖެހޭ ވަރަށްވުރެ އަވަހަށް، ގިނައިން ކެވުމުން ދުރުކޮށްދެއެވެ. 

 

މީގެ އިތުރުން، އަތުން ކެއުމަކީ އިސްލާމް ދީން ވެސް ބާރު އަޅާ ސުންނަތެކެވެ.