އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބޭ މައިންބަފައިންނަށް މި ބުނާ ވާހަކަ އެނގޭނެއެވެ. ދެބެއިންގެ މެދުގައި ސުލްޙަ ގާއިމުކުރުމަކީ ބައެއްފަހަރު ހަނގުރާމައެއް ކަހަލަ ކަމެކެވެ. ކުޑައިރު ދެބެއިން ތޮޅެ އަރާރުން ވުމަކީ އެ އުމުރުގެ ގޮތުން "ނޯމަލް" ކަމެކެވެ. އެހެންނަމަވެސް ބައެއް ކުދިންނަކީ މިޒާޖުގެ ގޮތުން އެހެން ކުދިންނަށްވުރެ ތަންކޮޅެއް ރުޅިގަދަ، ގިނައިން ބޮޑާހާކާ ކުދިންނެވެ. މިކަހަލަ ދެބެއިން ޖެހިއްޖެ ނަމަ، ދެކުދިންނަށް އެއްފަހަރާ ވިސްނައިދީ ސުލްޙަ ގާއިމުކުރުން އުނދަގޫ ވެގެން ދެއެވެ.

އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ދެބެއިންގެ މެދުގައި ލޯތްބާއި އިހުތިރާމު އުފައްދައި، އަރާރުންވުން މަދުކުރެވޭތޯ މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންކަމެވެ. 

ހިއްސާކުރުމާއި އެކުގައި އުޅުމުގެ މުހިންމުކަން ކިޔައިދިނުން

ހިއްސާކުރުން ނުވަތަ "ޝެއާ ކުރުން"މިއީ ކުޑަކުދިންނަށް ދަސްކޮށްދޭން އެންމެ އުނދަގޫ އެއް އާދައެވެ. ޙާއްސަކޮށް ކުޅޭ އެއްޗެހި ޝެއާ ކުރަން ޖެހިއްޖެނަމަ ދެބެއިން ތޮޅެ އަރާރުންވެއެވެ. މިކަން މިހެން ވިޔަ ނުދިނުމަށްޓަކައި، އެންމެ ތުއްތުއިރުންސުރެ މިކަމަށް އާދަކޮށްދޭން ޖެހެއެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން އުޅުމުން ލިބޭ ފައިދާތައް ކިޔައިދީ، ޝެއާ ކޮށްގެން އެކުގައި ކުޅެން މާ މަޖާވާނެ ކަން ދައްކައިދޭށެވެ. އަދި އެކުދިން މިގޮތަށް ކަންތައް ކުރާތަން ފެނުމުން އެކަމަށް ގިނައިން ތަޢުރީފުކުރާށެވެ. 

އެކަކު އަނެކަކާ ވާހަކަ ދައްކަންވީ ގޮތް ދަސްކޮށްދިނުން

ދެބެއިންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭއިރު ވެސް، މުހާތަބު ކުރަންވީ މިންގަނޑެއް އޮންނަން ވާނެކަން ދަސްކޮށްދޭށެވެ. ދެން ހުންނަ ކުއްޖާ ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނުމުން ދުރުހެލިވުމަށް ގިނަގިނައިން ހަނދާން ކޮށްދޭށެވެ. އޭގެ ބަދަލުގައި ރުޅި އައިސްގެން ވެސް އަދަބުވެރި ކަމާއެކު ވާހަކަ ދެއްކިދާނެ ކަން ބުނާށެވެ. އަދި މާފަށް އެދުމާއި، މާފު ކުރުމަކީ ވަރަށް ރީތި އާދައެއްކަން ކިޔައިދީ އެކަމަށް އަބަދުވެސް ބާރު އަޅަން ވާނެއެވެ. މި ނޫނަސް އާންމުކޮށް އުޅޭ އުޅުމުގައި ވެސް ދެބެއިންނަކީ އެކަކު އަނެކަކާ ރީތިކޮށް ވާހަކަ ދައްކައި، މަޖާކޮށް އުޅޭ ކުދިން ކަމުގައި ހަދަން ބާރު އަޅާށެވެ. 

 

މިސާލު ދެއްކުން

ކުޑަކުދިން އެންމެ ފަސޭހައިން ނަގައި ގަންނާނީ ކައިރީގައި އުޅޭ ބޮޑެތި މީހުން ކުރާ ކަންކަމެކެވެ. އަދި އެކަންކަން ނިކަން އަވަހަށް ނަކަލު ވެސް ކޮށްލާނެއެވެ. އެހެންކަމުން، މައިންބަފައިން ވެސް އެމީހުންގެ ކޮއްކޮމެން އަދި ބޭބެ/ ދައްތަ މެންނާ ރަނގަޅު ގުޅުމެއް އޮންނަތަން ފެންނަ ނަމަ، އެކުދިންނަށް އެކަން ކުރަން އިތުރު ހިތްވަރަކަށް ވެގެން ދާނެއެވެ. 

 

ދެބެއިން އެކުގައި ވަގުތު ހޭދަކުރަން ބާރުއެޅުން

ދެބެއިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވެ، އެ ގުޅުން އަބަދަށް ދެމިގެންދާ އެއް ކަމަކީ ކުޑައިރު އުފާވެރި ހަނދާންތަކެއް އެކުގައި ހިއްސާކުރުމެވެ. މިކަމަށް ބާރު އަޅަން ތިބޭ ބަޔަކީ ވެސް ބެލެނިވެރިންނެވެ. މިގޮތުން، ދެބެއިން އެކުގައި ކުރަން "ޓާސްކު"ތަކެއް ހަވާލުކުރެވިދާނެއެވެ. މިއީ ނިކަން މަޖާކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމެކެވެ. "ޓީމްވޯކު"ބިނާ ކުރުމަށްޓަކައި ތަފާތު ކަންކަން ކުރެވިދާނެއެވެ. އޭގެތެރޭގައި، ޕަޒުލް ހެދުމާއި، ކުލަ ޖެއްސުމާއި، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ވާހަކަފޮތް ކިޔައިދިނުމާއި، މީގެ އިތުރަށް ކުދިންގެ އުމުރާ ގުޅޭ ގޮތަށް ގޭތެރޭގައި ބައެއް މަސައްކަތްތައް ހަވާލުކުރެވިދާނެއެވެ. މީގެ ތެރެއިން ވެސް އެންމެ ހާއްސަ ކަމަކަށް ހަދަން ޖެހޭނީ، އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރި ވުމުގެ މުހިންމުކަން ބަޔާންކޮށްދިނުމެވެ. 

 

ތަފާތު ނުކުރުން

ލިސްޓުގެ އެންމެ ތިރީގައި އޮތަސް، މިއީ އެންމެ މުހިންމު އެއް ކަމެވެ. ގިނަ ހާލަތްތަކުގައި ދެބެއިން އެކަކު އަނެކަކު ދެކެ ރުޅި އައިސް ތޮޅެ ހެދުމުގެ ފަހަތުގައި އޮންނަ ކަމަކީ ވެސް މިއެވެ. މައިންބަފައިން، އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކަށް ދޭ ސަމާލުކަން އިތުރުވެ، މާ ބޮޑަށް އެއް ކުއްޖެއް ދެކެ ލޯބި ވާތަން ފެނުމުން، ދެން ހުންނަ ކުއްޖާގެ ހިތުގައި ބޭއިހުތިޔާރުގައި ނަމަ ވެސް ހަސަދަ އުފެދޭނެއެވެ. އެހެންކަމުން، މިކަން މިހެން ވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް މައިންބަފައިން ކުރަން ވާނެއެވެ. ހުރިހާ ދަރިންނަށް ވެސް އެއް ވަރަކަށް ވަގުތު ދީ، އެއް ބީދާއިން ކަންތައް ކުރާށެވެ. ހަދިޔާ ދިނުމުގައި ވެސް އެއްވެސް ވަރެއްގެ ފަރަގެއް ބެހެއްޓުމަކީ ނަތީޖާ ގޯސް ވެދާނެ ކަމެކެވެ. 

 

މަތީގައި ބުނެފައި އެވާ ކަންތައްތަކަކީ ވަރަށް ބައިވަރު ވަގުތު ބޭނުންވާ ކަންކަމެވެ. އަދި އެކަމުން ބޭނުންވާ ނަތީޖާ ފެންނާނީ މައިންބަފައިން ވަރަށް ބޮޑަށް ކެތްތެރިވެގެންނެވެ.