އަނގައިން ނުބައިވަސް ދުވުމަކީ މީހުން ތިމާއާމެދު ދެކޭގޮތް ބަދަލުކޮށްލާ، ލަދުވެތި ކަމެކެވެ. އެއްބައި މީހުންނަށް މިކަން ދިމާވަނީ ސިއްޙީ މައްސަލައެއްގެ ސަބަބުންނެވެ. އެ ނޫން ސަބަބުތަކަކީ، އަނގައިގެ ސާފުތާހީރު ކަމަށް ރަނގަޅަށް ފަރުވާ ނުބެހެއްޓުމާއި، ކެވޭ ކާއެއްޗިއްސެވެ. އެގޮތުން ފިޔައާއި ލޮނުމެދަކީ، އެތަކެތި ކެއުމަށްފަހު ލަސްނުކޮށް އަނގަތެރެ ސާފުނުކޮށްފިނަމަ، އަނގައިން ނުބައިވަސް ދުވާނެ ބާވަތްތެކެވެ. މިފަހަރު މި އަލިއަޅުވައިލަނީ، އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށް އިސްކަންދޭންވީ ކަންކަމަށެވެ.

1. މަދުވެގެން ދެފަހަރު ދަތް އުނގުޅުން

އެންމެ ރަނގަޅު ގޮތަކީ ނިދަން ދިޔުމުގެ ކުރިންނާއި، ނިދާހޭލުމަށްފަހު ދަތް އުނގުޅުމެވެ. އެހެންނަމަވެސް، އެމީހެއް ބޭނުންނަމަ އެހެން ގަޑިއެއްގައި، ތިންވަނަ ފަހަރަށްވެސް ދަތް އުނގުޅިދާނެއެވެ. މުހިއްމީ ކޮންމެ ދުވަހަކުވެސް މަދުވެގެން ދެފަހަރު ދަތް އުނގުޅުމެވެ. އެއީ އަނގައިގައި ހަރުލާފައި ހުންނަ ކާއެއްޗެހި ނައްތާލުމަށެވެ.

2. ޤަވާއިދުން ފްލޮސް ކުރުން

ފްލޮސް ކުރުމަކީ ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ކާއެއްޗެހި ސާފުކުރުމެވެ. ސިއްޙީ ތަޖުރިބާކާރުން ލަފާދެނީ ދުވާލަކު އެއްފަހަރު ފްލޮސް ކޮށް، ދަތްތައް ސާފުކުރުމަށެވެ. 

3. ދޫ ސާފުކުރުން

ދަތްތަކުގެ އިތުރަށް، ދުލަކީ ވެސް ކާތަކެއްޗާއި ބެކްޓީރިއާ ހަރުލާފައި ހުންނަ ގުނަވަނެކެވެ. ވީމާ ކޮންމެދުވަހަކު ދަތް އުނގުޅާއިރު ދޫ ވެސް އުނގުޅައިލަން ޖެހޭނެއެވެ.

4. އަނގަދޮވުން

އަނގަދޮންނަ ފުޅިއަކުން އަނގަދޮވުމަކީ ވެސް، ކޮންމެ ދުވަހަކު ކުރެވިދާނެ ކަމަކެވެ. އެންމެ ރަނގަޅު ވަގުތަކީ ނިދަން ދިޔުމުގެ ކުރިންނާއި ހޭލާ ވަގުތުގައެވެ. ނަމަވެސް، ސިއްޙީ މައްސަލައެއްގެ ސަބަބުން އަނގައިން ނުބައިވަސް ދުވާނަމަ، ކޮންމެ ކޮންމެ އަނގަދޮންނަ ފުޅިއެއް ބޭނުން ނުކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. ނޫންނަމަ، މައްސަލަ އިތުރަށް ގޯސްވުން އެކަށީގެންވެއެވެ.

5. ފެންބުއިން

ފެންބުއިމަކީ، އަނގަތެރެ ހިކިފައި ހުރުން ދުރުކޮށްދޭ ކަމެކެވެ. އާއްމު ގޮތެއްގައި އަނގައިން ވަސް ދުވަނީ، އަނގަތެރެ ހިކިގެންނެވެ. ވީމާ އަބަދުވެސް ގިނައިން ފެންބުއިމަށް އާދަކުރާށެވެ.

6. ސިނގިރޭޓު ބުއިން ހުއްޓާލުން

ސިނގިރޭޓު ބޯ މީހުންގެ އަނގައިން ވަސް ދުވުމަކީ އާއްމު ކަމެކެވެ. ވީމާ، މިކަމަކީ ސިނގިރޭޓާ ދުރުވެލަން އިތުރު ބަހަނާއަކަށް ނެގިދާނެއެވެ. 

7. ސުޕާރިއެއް ނޫން، ޗުވިންގަމް

ސުޕާރި ކައި، ފޯއް ދުފުމަކީ އަނގައިގެ ސިއްޙަތަށް ދެވޭ ގެއްލުމެކެވެ. ވީމާ، ކެއުން ނިންމައިލުމަށްފަހު ސުޕާރީގެ ބަދަލަށް، ޗުވިންގ ގަމް ހެފުން މާ ބުއްދިވެރިވާނެއެވެ. އެންމެ ރަނގަޅީ ހަކުރު ނުހުންނަ (ޝުގާލެސް) ޗުވިންގ ގަމެވެ. 

8. ބޭކިންގ ސޯޑާއިން އަނގަދޮވުން

ބޭކިންގ ސޯޑާއަކީ އަނގައިގައި އުފެދޭ ނުބައިވަސް ނައްތައިލަދޭ، ވަރަށް ރަނގަޅު އެއްޗެކެވެ. ވީމާ، ހޫނުފެނަށް ބޭކިންގ ސޯޑާކޮޅެއް އަޅާފައި އަނގަދޮވެލާށެވެ. މިއީ ކޮންމެ ދުވަހަކު ނުކުރިޔަސް، އަނގައިން ވަސް ދުވާހެން ހީވުމުން ކުރެވިދާނެ ކަމަކެވެ