ތުއްތު ކުދިން ނިންދެވުމަކީ ބެލެނިވެރިންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ޙާއްސަކޮށް އަލަތު ދަރިފުޅު ލިބިގެން އުޅޭއިރު، އެކުއްޖާ ރޭގަނޑު ނުނިދައި ރޯ ނަމަ ގިނަ ބެލެނިވެރިން ތިބެނީ ހަދާނެ ގޮތް ނޭނގި ހާސްކަމެއްގެ ތެރޭގައެވެ.

އެގޮތަށް ރޭގަނޑު ނުނިދައި ދަރިފުޅު ރޯނީ ކޮންމެވެސް ސަބަބަކާ ހެދިއެވެ. އެގޮތުން އެ ސަބަބަކީ މީގެން ކަމެއް ކަމުގައި ވެދާނެއެވެ:

1. މާ ބޮޑަށް ވަރުބަލިވުން

ގިނަ މީހުންނަށް ހީވެފައި އޮންނަ އެއްޗަކީ، ވަރުބަލިވުމުން ތުއްތު ކުދިންނަށް ވަރަށް ފަސޭހައިން ނިދޭނެ ކަމަށެވެ. ނަމަވެސް، މާ ބޮޑަށް ވަރުބަލިވުމަކީ ތުއްތުކުދިންގެ ތަބީއަތަށް އަސަރުކުރާ ކަމެކެވެ. އެގޮތުން މާ ފަސޭހައިން ރޮވުމާއި، ނިދާފައި އޮވެފައި ވެސް އިރު އިރު ކޮޅާ ހޭލައިގެން ބޮޑާހޭކުމަކީ ދަރިފުޅުގެ ފަރާތުން ފެނިދާނެ ކަންކަމެވެ. އެހެންކަމުން، ދަރިފުޅު މާ ބޮޑަށް ވަރުބަލި ނުކޮށް ރަނގަޅު ތާވަލަކާ އެއްގޮތަށް ގެންގުޅޭށެވެ.

2. މާހައުލާ މާ ބޮޑަށް ގަޔާވުން

ދަރިފުޅު ނިންދަވަން ބާއްވާފައި އޮންނަ ކޮޓަރިއަކީ ކުލަގަދަ، ކުޑަކުދިންގެ ސަމާލުކަން ލިބޭފަދަ ގޮތަކަށް ހުރި ތަނެއް ނަމަ ނިދާކަށް ދަރިފުޅު ބޭނުމެއް ނުވާނެއެވެ. އެއީ "ހައިޕާ-އެލާޓް" ވެފައި ހުންނާތީއެވެ. އެހެންކަމުން، ނިދަން ފަސޭހަ ފަދަ މާހައުލެއްގައި ބޭއްވުމަކީ ހައްލެކެވެ.

3. ކުޅޭ އެއްޗެއް ހިފައިގެން ނިދަން އާދަވެފައިވުން

ސޮފްޓް ޓޯއީއަކާ ދެވިހިފާފައި ހުރިލެއް ބޮޑުކަމުން، އެއާ ނުލައި ނުނިދޭ ކުދިން އުޅެއެވެ. އެހެންކަމުން، އޭތި ދަރިފުޅުގެ އަތަށް ނުދީ ނިންދަވަން އުޅޭނަމަ ބޮޑާހާކައި ރޯނެއެވެ. އެހެންކަމުން، އެ އާދަ ޖެހޭނީ ވަރަށް މަޑުމަޑުން ނައްތައިލާށެވެ. 

4. ފިނިވުން/ހޫނުވުން

ރޭގަނޑު ނުނިދައި ރޯނަމަ، ދަރިފުޅު އޮތީ ހޫނުވެ ދާހިއްލާފައިތޯ ބަލާށެވެ. ނުވަތަ ހީކަރުވައިގަނެފައިތޯ ވެސް ބަލަން ވާނެއެވެ. މިއިން ކަމެއް ހުރިނަމަ، ކޮޓަރީގެ ފިނިހޫނުމިން ދަރިފުޅަށް އެކަށީގެންވާ ގޮތަށް ބަދަލު ކޮށްލާށެވެ. 

5. ތަނެއްގައި ރިއްސުން

ކުރިން އެއްވެސް އުނދަގުލަކާ ނުލައި ނިދަމުން އައި ކުއްޖަކު ކުއްލިއަކަށް ނުނިދައި ރޯ ނަމަ، އެއީ ކޮންމެވެސް ތަނަކަށް ތަދުވާތީ ކަމަށްވުން އެކަށީގެންވެއެވެ. އެހެންކަމަށް ޝައްކުކުރެވޭ ނަމަ، ލަސްނުކޮށް ކުޑަކުދިންގެ ޑޮކްޓަރަކަށް ދައްކާށެވެ.