އަނބިން ފިރިންނަށް އަނިޔާ ކުރާ ވާހަކަ ނުވަތަ އަންހެން ކުދިން ފިރިހެން ކުދިންނަށް އަނިޔާ ކުރާ ވާހަކަ ގިނައިން އަޑުނީވުނަސް މިއީ ވަރަށް ގިނައިން މުޖުތަމައުގައި ހިނގާ މައްސަލައެކެވެ.

ޖިސްމާނީ ގޮތުން އަންހެނުންނަށް ވުރެ ފިރިހެނުން ވަރުގަދަވިޔަސް ނަފްސާނީ ގޮތުން ވަރަށް ގިނަފަހަރު ފިރިހެނުން ބަލިކަށިވެއެވެ. މި ރާއްޖޭގައި ވެސް ފިރިންނަށް ނަފްސާނީ އަނިޔާކުރާ އަނބިން މަދެއްނޫނެވެ. އަނިޔާގެ ނިޝާން ފެންނަން ނެތުމުން އެވާހަކައިގެ އަޑު މަޑުވިޔަސް އޭގެ ވޭން ޖިސްމާނީ ގޮތުން ލިބޭ އަނިޔާއަށް ވުރެން މާ ގަދައެވެ. ކިތަންމެ ފިރިންނެއް ވަޒީފާގެ ހާސްކަމާއި އެކު އަނބިންގެ ފުށުން ލިބޭ ނަފްސާނީ އަނިޔާގެ ސަބަބުން ހިތާމަކުރެއެވެ.

ފިރިހެނުންނޭ ބުނުމުން ގިނަބަޔަކަށް ޤަބޫލްކުރެވެނީ އެއީ އަންހެނުންނަށްވުރެ ހިތްވަރުގަދަ ކެރޭ ބައެއްގެ ގޮތުގައެވެ. ނަމަވެސް މިއީ މުޅިއަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. ފިރިހެނުންގެ ތެރޭގައިވެސް ތަފާތު އަނިޔާއާއި ވޭނާ ހިތާމާ ތަހައްމަލް ކުރަމުންދާ މީހުން މިރާއްޖޭގަ އަދި ދުނިޔޭގަ ވެސް އެބައުޅެއެވެ. ޖެންޑަރ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރު، ފިރިހެނުންނަށް ގެވެށި އަނިޔާކުރުމުގެ ޖުމުލަ 31 މައްސަލަ ވަނީ އެމިނިސްޓްރީ އަށް ހުށަހަޅާފަކަމަށާއި. މިއީ ރޭޓަކުން ބަލާނަމަ، ގާތްގަނޑަކަށް މަހެއްގެ މައްޗަށް ތިން މައްސަލައެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ 1992 ގައެވެ. މި ކަމަކީ އެންމެ ފުރަތަމަ ތޯމަސް އޯސްޓަރ ނަމަކަށް ކިޔާ މީހަކު ފެށި ޕްރޮޖެކްޓެކެވެ. އެންމެފުރަތަމަ ފެބްރުއަރީ މަހު މި ދުވަސް ފާހަގަކުރި ނަމަވެސް ފަހުން ޖެރޯމް ތީލުކްޝިންގ ނަމަކަށް ކިޔާ މީހަކު މި ދުވަސް ނޮވެމްބަރަށް ފަސްކޮށް ބައިނަލްއަގްވާމީ ދުވަހެއްގެ ދަރަޖަ ދިނުމަށް މަސައްކަތް ފަށައި އެކަން ކާމިޔާބު ކޮށްފައިވެއެވެ.

. ނޮވެމްބަރު 19 ވަނަ ދުވަހު މުޅި ދުނިޔޭގައި ބައިނަލްއަގްވާމީ ފިރިހެން ދުވަސް ފާހަގަކުރަނީ، ދުނިޔެ އާއި އާއިލާތަކާއި އަދި މުޖުތަމައު އަށް ފިރިހެނުން ގެނެސްދޭ ހެޔޮ އުސޫލުތަކާއި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.

އޮފީސްތަކާއި ބައެއް އަމިއްލަ ކުންފުނިތަކުގައި ވެސް އެކި ފެންވަރުގައި ރާއްޖޭގައި ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްއުޅެއެވެ.

އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށް ވެސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކާއި ކުރިމަތިލާންޖެހެއެވެ. ގެވެށިއަނިޔާ އަދި ބުލީކުރުމުގެ މައްސަލަތައްވެސް ފިރިހެނުންނާއި ކުރިމަތިލާންޖެހެއެވެ. ގައުމެއް އަދި މުޖުތަމައުއެއް ބިނާކުރުމުގެ އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ ފިރިހެނުނެވެ. އާއިލާއާއި ދަރިންގެ ހައްގުގައި ރެޔާއިދުވާލު ބުރަ މަސައްކަތްކުރުމުގެ އިސްދައުރު އޮންނަނީ ފިރިހެން ވެރިންނަށެވެ. ރާއްޖޭގައި މަޔަކާ ނުލާ ދަރިން ބަލާ ބޮޑުކުރާ ފިރިހެނުންމަދެއްނޫނެވެ. މިފަދަ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރަމުން އަންނަ ފިރިހެނުންނަށް ސާބަސް ދެމެވެ. ރޭޕްގެ ޝިކާރައަކަށް ވަނީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. ރޭޕްގެ ޝިކާރައަކަށް ވާ ފިރިހެނުންމަދެއް ނޫނެވެ.

ހައްގުތަކާއި އިހުސާސްތަކެއް އޮންނަނީ ހަމައެކަނި އަންހެނުންގެ އެއްނޫންކަން ގަބޫލްކޮށް ފިރިހެނުންގެ ތެރެއިން ރަނގަޅު މީހުންނަށް އެމީހުންނަށް ހައްގު އިހުތިރާމާ ގަދަރު ދޭންޖެހެއެވެ. އަނބިން ފިރިންނަށް އިހުތިރާމްކޮށް އެމީހުންގެ ހައްގުތަކަށް ރައްކާތެރިވާން ޖެހެއެވެ.

ހަޤީގަތަކީ ފިރިހެނުންނަކީ ވެސް އިންސާނުންކަމުން، އިހްސާސްތައްވެސް ވާނެ، ދެރަވެސް ވާނެ، ރޯންވެސް ރޯނެ ،ހަމަ އެކަނި ތަފާތަކީ ފިރިހެނުން އެ ހިތާމަތައް މުޖުތަމަޢަށް ފާޅުނުކޮށް ހިތުގައި ވަންހަނާކުރާކަމެވެ. ހައްގުތަކަކާއި އަބުރާ އިއްޒަތް ލިބިގެންވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންގެވެސް ހައްގުތަކަކާއި އިއްޒަތާއި އަބުރު ރައްކާކުރުމަށް އެންމެންވެސް މަސައްކަތް ކުރަންޖެހެއެވެ.