ބޭބީ ޕައުޑާއަކީ ތުއްތުކުދިންގެ ހަންގަނޑު އޮމާންކޮށް، މަޑުކޮށް ބެހެއްޓުމަށް އެކުދިންގެ ގައިގައި ހާކާ އެއްޗެކެވެ. ހަމައެހެންމެ، އެއީ ވަރަށް މީރުވަސް ވެސް ދުވާ ފުށެކެވެ. ނަމަވެސް، ބޭބީ ޕައުޑާއަކީ ހަމައެކަނި ކުޑަކުދިންގެ ގައިގައި ހާކާ އެއްޗެއް ނޫނެވެ. އޭގެން ހިފޭ އެހެން ބޭނުންތައް ވެސް ހުރެއެވެ. މިފަހަރު މި އަލިއަޅުވައިލަނީ ބޭބީ ޕައުޑާއިން ކުރެވިދާނެ ފައިދާހުރި ކަންތައްތަކަށެވެ.

 

1. ބޫޓުން މީރުވަސް ދުއްވުމަށް

ބޫޓަކީ އެއަށް މާގިނައިން އަރައިގެން އުޅުމުން ނުބައިވަސްދުވާ އެއްޗެކެވެ. މިހެން ވަނީ ފައިތިލަ ދާހިއްލުމުގެ ސަބަބުން އުފެދޭ ބެކްޓީރިއާއާއި ޖަރާސީމުންނެވެ. މިކަމަށް އޮތް ހައްލަކީ، ރޭގަނޑު ބޫޓުގެ ތެރެއަށް ބޭބީ ޕައުޑާ ފުށް އަޅާފައި ބެހެއްޓުމެވެ. އޭރުން ހެނދުނު ވާއިރު އޭގެން ދުވާނީ މީރު ވަހެވެ. 

2. ހިނި ނައްތައިލުމަށް

ހިނީގެ އުނދަގޫ ޖެހުމަކީ ވަރަށް ގިނަ ގޭގެއަށް ކުރިމަތިވާ ކަމެކެވެ. އޮޅިގެން ވެސް ހަކުރުކޮޅެއް ނުވަތަ މާމުއި ކަހަލަ ފޮނި އެއްޗެއް ހާމަޔަށް ބެހެއްޓިއްޖެނަމަ، އެތަނަކަށް ހިނިތައް އާދެއެވެ. އެހެންވާނަމަ، ހިނިތައް ކައިރިއަށް ވަށްބުރަކަށް ބޭބީ ޕައުޑާ އަޅާށެވެ. އޭރުން އެކަމުން ސަލާމަތްވާނެއެވެ.

3. އަލަމާރިން މީރުވަސް ދުއްވުމަށް

ހެދުން އަޅުވާފައި ހުންނަ އަލަމާރި ބަންދުކޮށްފައި ހުންނަ އިރު އެތެރެއިން ބައެއް ފަހަރު ނުބައިވަސް ދުވާ ގޮތްވެއެވެ. ނުވަތަ ގިނަ ދުވަސް ވެފައިވާ އަލަމާރިއެއް ނަމަ އޭގެތެރެއިން ތަފާތު ވަހެއް ދުވުމަކީ އާއްމުކަމެކެވެ. މިކަމަށް ވެސް އޮތް ފަސޭހަ ހައްލަކީ ބޭބީ ޕައުޑާއެވެ. އެގޮތުން، ކުޑަ ބިއްލޫރި ފުޅިއެއްގެ ތެރެއަށް ބޭބީ ޕައުޑާ އަޅާފައި މަތިނުޖަހާ އަލަމާރިތެރޭގައި 10 ވަރަކަށް ގަޑިއިރު ވަންދެން ބެހެއްޓުމުން، އަލަމާރިން ދުވާ ވަސް ކަނޑުވައިލާ ތާޒާ ކޮށްދެއެވެ.

4. ލިޕްސްޓިކް ގިނައިރު ވަންދެން ތުންފަތުގައި ބެހެއްޓުމަށް

ލިޕްސްޓިކް ޖައްސާ އަންހެންކުދިންގެ އެންމެ ބޮޑު އެއް ފިކުރަކީ، މާ އަވަހަށް ތުންފަތުން ލިޕްސްޓިކް ފުހެވޭތީއެވެ. މިކަން މިހެން ނުވުމަށް ބޭބީ ޕައުޑާ ބޭނުންކުރެވިދާނެއެވެ. އެގޮތުން، އެންމެ ފުރަތަމަ ލިޕްސްޓިކުގެ އެއް ފަށަލަ ތުންފަތުގައި ހޭކުމަށްފަހު، އޭގެމަތިން އިނގިލިން ބޭބީ ޕައުޑާ ކޮޅެއް ޖަހާލާށެވެ. އެއަށްފަހު އަނެއްކާވެސް ލިޕްސްޓިކް ޖައްސާށެވެ. އޭރުން ގިނައިރު ވަންދެން ތުންފަތުގައި ލިޕްސްޓިކު ނުފިލާ ހުންނާނެއެވެ.

5. ގަހަނާތަކުން ގޮށްފިލުވުމަށް

ބައިވަރު ގަހަނާ ގެންގުޅޭ މީހުންނަށް ދިމާވާ ކަމަކީ، ގަހަނާތަކުގައި ގޮށްޖެހުމެވެ. އޭގެތެރެއިންވެސް ކަރުގައި އަޅާ ފަށަކީ، ނާޅައި ތަނެއްގައި ބާއްވާފައި އޮންނައިރު ވަރަށް ފަސޭހައިން ގޮށްޖެހޭ އެއްޗެކެވެ. އަދި މިހެން ޖެހޭ ގޮށްތައް ފިލުވުމަކީ މާ ފަސޭހަ ކަމަކަށް ނުވެއެވެ. އެހެންކަމުން، ގޮށް ފިލުވަން ބޭނުންކުރެވިދާނެ އެއް އުކުޅަކީ އޭގެ މައްޗަށް ބޭބީ ޕައުޑާ އެޅުމެވެ. އޭރުން ގޮށްތައް ދޫވެ، ފަސޭހައިން ފިލުވައިލެވޭނެއެވެ