ލޯބީގެ ގުޅުމެއް ނިމުމަކީ އެއްބަޔަކަށް ވަރަށް ވޭންހުރި، ހިތްދަތި ކަމެކެވެ. އަދި ޙާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން އެއްކޮށް އުޅުނު ބައިވެރިޔާއާ ބްރޭކްއަޕް ވުމުން، އެކަމުން އަރައިގަންނަން ވަގުތު ނަގާނެއެވެ.

އެކަހަލަ ކަމެއް ދިމާވެގެން އުޅޭ މީހެއްގެ މިޒާޖަށް ބަދަލު އައިސް، އާއިލާ މީހުންނާ އަދި ގާތް އެކުވެރިންނާވެސް ދުވަސްކޮޅަކަށް ދުރުވެގެން އުޅެފާނެއެވެ. އަދި މިކަންތަކަށް ހައްލެއް ނުލިބި މާ ގިނަ ދުވަސް ވާނަމަ، އެހެނިހެން ނަފްސާނީ މައްސަލަތަކަށް ހުށަހެޅުން އެކަށީގެންވެއެވެ. ވީމާ، ބްރޭކަޕްގެ ހިތާމައިގައި އުޅޭ އެކުވެރިއަކަށް، އެކަމުން އަރައިގަންނަން އެހީވާނީ ކިހިނެއް ހެއްޔެވެ؟

1. ފުރަތަމަ ކަމަކަށް، ބްރޭކަޕްގެ ސަބަބުން އައިސްފައި ހުރި ރުޅިއާއި، ވެފައި ހުރި ދެރަ ފާޅުކުރަން އެކުވެރިޔާއަށް ވަގުތު ދިނުން. އެކަންތައްތައް ހިންދާލައިގެން ހުރުމަކީ ނަފްސާނީ މައްސަލަތަކަށް މަގުފަހިވާ ކަމެއް.

2. އެކުވެރިޔާގެ ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކާ އޭނާ ދުރުކުރަން މަސައްކަތް ކުރުން. އެގޮތުން، ކުރީގެ ލޯބިވެރިޔާ ދީފައި ހުރި ހަދިޔާތައް އުކާލަން ހިތްވަރު ދިނުން، އަދި އެކުވެރިޔާގެ ފޯނުގައި ހުރި ފޮޓޯތައް ޑިލީޓު ކުރަން ބުނުން. ނަފްސާނީ އިލްމުވެރިން ބުނާގޮތުގައި، ކުރީގެ ލޯބިވެރިޔާއާ ގުޅުން ހުރި ތަކެތި ފެންނަ ނަމަ ބްރޭކަޕުން އަރައިގަންނަން އުނދަގޫވޭ.

3. ރުޅި ވުމަށްފަހު ވެސް ކުރީގެ ލޯބިވެރިޔާގެ ވާހަކަ ދެއްކުމަކީ ބައެއް މީހުންނަށް ހުއްޓައިލަން އުނދަގޫ ކަމެއް. ވީމާ، އެކުވެރިޔާ ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކުގެ ވާހަކަ ދައްކަން ފަށާއިރަށް ހުއްޓުވައި، މައުޟޫ ބަދަލުކުރުން.

4. އެކުވެރިޔާގެ ކިބައިން ތަފާތު މިޒާޖެއް ފެންނަ ނަމަ، އެކަމާ މާ ބޮޑަށް އަޅައިނުލައި ދޫކޮށްލުން. އަދި އޭނާ ތިބާއާ ދުރުވިޔަސް، އެކަން މާ ބޮޑު ކަމަކަށް ނުހަދައި އޭނާއަށް ވަގުތު ދިނުން. ނަމަވެސް ބޭނުމެއް ޖެހިއްޖެ ނަމަ، އަދި ވާހަކަ ދައްކައިލަން ބޭނުންނަމަ ތިބާ އަބަދުވެސް ހުންނާނެ ކަމުގެ ޔަޤީންކަން ދިނުން. 

5. ހިތާމައިން އަރައިގަތުމަށް އެހީވުމަކީ އަބަދު އެކުވެރިޔާއަށް ނަސޭހަތް ދިނުމެއް ނޫން. އަބަދާއި އަބަދު ހުއްޓާނުލައި ނަސޭހަތް ދޭނަމަ، އޭނާ ފޫހިވާނެ. 

6. އޭނާގެ ކުރީގެ ލޯބިވެރިޔާއަކީ ގޯސް މީހަކަށް ހަދައިގެން، އެކުވެރިޔާ ވިކްޓިމައިޒް ނުކުރުން. ތަޖުރިބާކާރުން ބުނާ ގޮތުގައި، ކުރީގެ ލޯބިވެރިޔާ "ވިލަން" އަކަށް ހެދުމުން ހިތާމަތަކަށް ލުޔެއް ނުލިބި، މާ ބޮޑަށް ފިކުރުތައް ކުރެވޭ.

7. ބްރޭކަޕް އަކީ ދިރިއުޅުމުގައި ނާކާމިޔާބީއެއް ނޫންކަން ވިސްނައިދިނުން. އަދި އެއީ އެންމެންނަށް ވެސް ދިމާވާ ކަމެއް ކަން ހަނދާން ކޮށްދީ، ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް ހިތްވަރު ދިނުން.

8. މިއިން އެއްވެސް ކަމަކުން އެކުވެރިޔާގެ ހާލަތަށް ބަދަލު ނާންނަ ނަމަ، ނަފްސާނީ އެހީތެރިކަން ހޯދުމަށް ބާރުއެޅުން.