ކަސްރަތުކޮށް ޑައިޓުކުރާ މީހުންނަށް ޗީޓު މީލަކީ ކޯއްޗެއްކަން އެނގޭނެއެވެ. އެއީ ޑައިޓުން ޗުއްޓީ ދުވަހެއް ނަގައި، ހިތް އެދޭފަދަ ކާއެއްޗެއް ކެއުމެވެ. އެއީ ބާގާ، ޕިއްޒާ، ނޫނީ ތެލުލި ކުކުޅަށްވެސް ވެދާނެއެވެ. ނަމަވެސް ޑައިޓުގައި ދެމިހުންނަން ބޭނުންވާނަމަ، ޗީޓު މީލް ނަގަން ޖެހޭނީ ވަކި ވަގުތަކުއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ޗުއްޓީ ދުވަހުގެ ހެނދުނުގެ ނާސްތާގައި ޗީޓު މީލް ހިމެނުމުގެ ބަދަލުގައި، އެ ކެއުން ތަންކޮޅެއް ލަސްކޮށްލަން ޖެހެއެވެ. ސަބަބަކީ، ހެނދުނުގެ ވަގުތަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ކެއުމަށް އެންމެ މުހިއްމު ވަގުތަށް ވުމެވެ. ހެނދުނުގެ ވަގުތަކީ މީހާގެ މެޓަބޮލިޒަމް ރޭޓުވެސް އެންމެ ދަށްކޮށް ހުންނަ ވަގުތެވެ. އެހެންކަމުން އެގަޑީގައި ކާ އެއްޗެހި ހަޖަމުކުރަން ހަށިގަނޑަށް ދަތިތަކެއް ކުރިމަތިވެއެވެ. ޙާއްސަކޮށް ކާބޯހައިޑްރޭޓްސް މަތީ މިންވަރަކަށް އެކުލެވޭ އެއްޗިއްސެވެ.

އަނެއްކޮޅުން ރޭގަނޑު ނިދާފައި އޮންނަ ވަގުތު (8 ގަޑިއިރު) އެއްވެސް ކާއެއްޗެއް ހަށިގަނޑަށް އެތެރެނުވެ ހުރެ ހޭލާގޮތަށް ބަނޑުހައިކަން މަތީ ހުރެ މާ ގަދަޔަށް ކައިލެވޭނެއެވެ. އެހެންކަމުން ޗީޓް މީލްގެ ގޮތުގައި ތި ކާ ގެއްލުންހުރި ކާނާ މިނަށްވުރެ އިތުރަށް ކެއުމުގެ ފުރުސަތު ބޮޑުވެއެވެ.

 ދެން އުފެދޭ ސުވާލަކީ، ހެނދުނު ޗީޓު މީލް ނުކެވޭ ނަމަ، ކާން އެންމެ ރަނގަޅު ވަގުތަކީ ކޮބައި ހެއްޔެވެ؟ މީގެ ޖަވާބެއް ކަމުގައި ތަޖުރިބާކާރުން ބުނަނީ މެންދުރުގެ ކެއުމެވެ. ނުވަތަ މެންދުރު ފަހުން ވެސް ކެވިދާނެއެވެ. އޭރުން ހަވީރު ގަޑީގައި ކަސްރަތުކޮށްލައި، ކެލޮރީތައް ވިރުވައިލުމަށް ވަގުތު އޮންނާނެއެވެ. އަދި ރޭގަނޑުގެ ކެއުން ވާންވާނީ ވަރަށް ލުއި އެއްޗަކަށެވެ. 

ޗީޓް މީލް ނަގާއިރު ވިސްނަންވީ ކަންތައްތައް:

- ކާން ބޭނުންވާ އެތި ކުރިންބައިން ނިންމާފައި ބޭއްވުން

- ކާ ވަގުތު ވަކި މިންގަނޑެއް ހިފެހެއްޓުން

- ޗީޓް މީލް ކެއުމުގެ ކުރިން އަދި ފަހުން ކަސްރަތުކުރުން

- ޗީޓް މީލް އަކީ ޗީޓް ޑޭ އެއް ނުވަތަ ވީކަކަށް ނުހެދުން