ގައިން ނުބައި ވަސް ދުވުމަކީ ހަމައެކަނި ސާފުތާހީރުކަމަށް ފަރުވާ ކުޑަވުމުން ދިމާވާ ކަމެއް ނޫނެވެ. ދުވާލަކު ދެތިން ފަހަރު ފެންވެރިޔަސް މާ ގިނަ އިރުތަކެއް ނުވެ ގައިން ނުބައިވަސް ދުވަން ފަށަނީ، މާ ގަދަޔަށް ދާހިއްލުމުގެ ސަބަބުން ގޯސް ބެކްޓީރިއާ އުފެދޭލެއް ގިނަވާތީއެވެ. އަދި ބައެއް މީހުންގެ ގައިން ދުވާ ނުބައި ވަސް ޑިއޮޑަރެންޓް ތަކަށްވެސް ނުގުޑާ މީހުން އުޅެއެވެ.

ޙަޤީޤަތުގައި އެއްބައި މީހުންނަކީ އެހެން މީހުންނަށްވުރެ ގަދަޔަށް ދާހިއްލާ މީހުންނެވެ. އެއީ އަދި ވަރުބަލިވާ ކަމެއް ނުކޮށް ހުއްޓަސް ވެހެވެ. އަދި ޙާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ ޤައުމެއްގައި އުޅޭ އިރު ދާހިއްލުން އާއްމުވާނެއެވެ. އެހެންކަމުން މިފަހަރު މި ބަލައިލަނީ ގައިން ދުވާ ނުބައި ވަސް ކަނޑުވައިލުމަށް ކުރެވިދާނެ ކަންތައްތަކަށެވެ.

1. އެޕަލް ސައިޑާރ ވިނިގާ

އެޕަލް ސައިޑާރ ވިނިގާ ގައި އެކުލެވޭ އެންޓި-ބެކްޓީރިއަލްގެ ސިފަތަކުގެ ސަބަބުން ކިހިލިފަތް ދަށުގައި އުނގުޅުމުން ގޯސް ބެކްޓީރިއާތައް ނައްތައިލަދޭން އެހީތެރިވެދެއެވެ. އެ ބެކްޓީރިއާއަކީ ނުބައި ވަސް ދުވުމުގެ އަސްލެވެ. ވީމާ އެޕަލް ސައިޑާރ ވިނިގާގެ ތެރެއަށް ފެން އެޅުމަށްފަހު ކަފަކޮޅަކުން ކިހިލިފަތް ދަށުގައި އުނގުޅާށެވެ. 

2. ބޭކިންގ ސޯޑާ

ބޭކިންގ ސޯޑާއަކީ ކޭކު ފިހުމުގެ އިތުރުން ކްލެންސިންގ އެޖެންޓެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. އެއް މޭޒުމަތީ ސަމުސާ ބޭކިންގ ސޯޑާ ބޯތަށްތަކަށް އެޅުމަށްފަހު ސައިސަމުސާ ލުނބޯ ހުތް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ކިހިލިފަތް ދޮށުގައި ހާކާށެވެ. އެއަށްފަހު 15 ނޫނީ 20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

3. ލުނބޯ

ލުނބޯއަކީ ގައިން ދުވާ ނުބައިވަސް ހުއްޓުވުމުގެ އިތުރުން ކިހިލިފަތް ދޮށް އަލި ކޮށްދޭ އެއްޗެކެވެ. ސަބަބަކީ ލުނބޮލުގައި އެކުލެވޭ އެސިޑިޓީއެވެ. ވީމާ ކޮންމެ ރެޔަކު އާދަވެގެން ކިހިލިފަތް ދޮށުގައި ލުނބޯ އުނގުޅާށެވެ.

4. ކަޅުސައި

ސައި ބުއިމަކީ ސިއްޙީ ގޮތުން ފައިދާ ހުރި ކަމެއް ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އަދި މިއީ ގިނަބަޔަކަށް އެނގޭ ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް ސައިގެ ސަބަބުން ގައިން ދުވާ ނުބައި ވަސް ހުއްޓުވައިދޭ ކަން އެނގޭ ހެއްޔެވެ؟ މިކަމަށް ހަދަން ޖެހޭނެ ގޮތަކީ ސައިފަތް ޕެކެޓެއް ހޫނުފެނުގެ ތެރެއަށް ލުމަށްފަހު 15 މިނެޓު ވަންދެން ބަހައްޓާނީއެވެ. އެއަށްފަހު އައިސްއަލަމާރިއަށް ލުމަށްފަހު 10 މިނެޓު ބެހެއްޓުމަށްފަހު ނަގާނީއެވެ. ދެން ކަފަކޮޅެއް އޭގެތެރެއަށް ލައި ތެންމާލުމަށްފަހު ކިހިލިފަތް ދަށުގައި އުނގުޅާށެވެ. އަދި 30 ނުވަތަ 40 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. އެންމެ ރަނގަޅު ނަތީޖާ ފެންނާނީ ދެ ހަފްތާ ވަންދެން ކޮންމެ ދުވަހަކު ތިން ފަހަރު މިގޮތަށް ކަންތައް ކުރުމުން ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.