ލަގްޒަރީ އަތްދަބަސްތަކަށް ޝައުގުވެރިކަމެއް  ހުރިނަމަ ޝެނަލްގެ ކްލާސިކް ފްލެޕް ދަބަސް ނުވަތަ ހަރްމީސް ބަރކިންގެ ވާހަކަ އަޑުއަހާފައި ވާނެ އެވެ. އެކަމަކު އެމްއެސްސީއެޗްއެފްގެ މައިކްރޯސްކޯޕިކް ހޭންޑްބެގްގެ ވާހަކަ އަޑުއެއްސެވިންތޯ؟

0.03 އިންޗިއަށް ވުރެ ފުޅާނޫން މިދަބަހަކީ ނިއުޔޯކުގައި ހުންނަ އާޓް ކަލެކްޓިވް އެމްއެސްސީއެޗްއެފްގެ ޓީންސީ، ކުޑަކުޑަ “މައިކްރޮސްކޯޕިކް ހެންޑްބެގް” އެވެ. މިދަބަސް ކުޑަކަމުން އިނގިލީގެ ނިޝާނެއްގެ މަތީގައި ހުންނައިރު އިންސާނާގެ ލޮލަށް ފެންނަނީ ކިރިޔާ އެވެ. މިދަބަސްވަނީ ނީލަމެއްގައި 60،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރަށް ވިކިފައެވެ.

ނިއޯން ގްރީން އަދި 2 ފޮޓޯން ޕޮލިމަރައިޒޭޝަން ޕްރިންޓިން  ބޭނުންކޮށްގެން 3ޑީ ޕްރިންޓަރ މެދުވެރިކޮށް ހަދާފައިވާ މި ދަބަސް ހަދާފައިވަނީ ލޫއީ ވިޓަންގެ މަޝްހޫރު އޮންދަގޯ ޓޯޓްގެ މޮޑެލް އާއެގޮތްކޮށްފައިކަން މައިކްރޯސްކޯޕަކުން ފެނެއެވެ. މައިކްރޯސްކޯޕް މެދުވެރިކޮށް ގާތުން ބަލާލުމުން ދަބަހުގެ މޫނުމަތިން “އެލްވީ” މޮނޮގްރާމް ސާފުކޮށް ފެނެއެވެ.

އެމްއެސްސީއެޗްއެފްގެ ކުޑަކުޑަ ދަބަހުގެ ސައިޒު  ޓެކްނިކަލީ 657 × 222 × 700 މައިކްރޯންހިމެނޭއިރު ، މިދަބަސް ނީލަމަށް ހުށަހަޅާފައިވަނީ ފަރެލް ވިލިއަމްސް އުފެއްދި އޮންލައިން ނީލަން ހައުސްއެއް ކަމަށްވާ ޖޫޕިޓަރ އިންނެވެ. ޖޫޕިޓަރ އިން ބުނި ގޮތުގައި އެ ދަބަސް ވިއްކާފައިވަނީ 63،750 ޑޮލަރަށެވެ.