ބަރުދަން ލުއިކުރަން ޑައިޓުކުރުމުގެ އިތުރުން ދެން ކުރަން އޮންނަ އެންމެ މުހިންމު ކަމަކީ ކަސްރަތުކުރުމެވެ. ނަމަވެސް ކަސްރަތަކީ އެމީހަކަށް ފެންނަހާ ގޮތަކަށް ކުރަން އޮންނަ އެއްޗެއް ނޫނެވެ. ކަސްރަތުކުރުމުގައި ވަކި އުސޫލުތަކެއް ނުގެންގުޅޭ ނަމަ ބޭނުންވާ ނަތީޖާ ނުފެނިދާނެއެވެ.

ތިރީގައި މި އަލިއަޅުވައިލަނީ، ބަރުދަން ލުއިކުރަން ކަސްރަތު ކުރާއިރު، ގިނަ ބަޔަކަށް ނޭނގި ހެދޭ ބައެއް ގޯސްތަކަށެވެ. 

1. ވޯމް އަޕް ނުކުރުން

ކަސްރަތުކުރަން ފެށުމުގެ ކުރިން ކުޑަކޮށް ވޯމް އަޕް ކޮށްލުމުން، މަސްތަކާއި ހިތާއި ފުއްޕާމޭ ފަދަ ގުނަވަންތައް ކަސްރަތަށް ތައްޔާރުވާން ވަގުތު ލިބޭނެއެވެ. މިކަން ނުކުރާނަމަ، މަސްތަކަށް ގެއްލުންވުން އެކަށީގެންވެއެވެ.

2. ކަސްރަތުކުރަމުން ފޯނު ބޭނުންކުރުން

އެއްބައި މީހުން ޖިމަށް ދަނީ ފޮޓޯނަގާފައި މީސްމީޑިއާއަށް ލާންށޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ކަސްރަތުކުރާ ވަގުތު ފޯނުގެ ބޭނުންކުރާނަމަ އެންމެ އެކަށީގެންވާ އަސަރު ހަށިގަނޑަކަށް ނުކުރާނެއެވެ. އެހެންކަމުން "މިރޯ ސެލްފީ" އެއް ނަގަން މަޑުކުރަންވީ ވޯކައުޓް ސެޝަން ނިމުމުންނެވެ.

3. އެކި ފަހަރު އެކި ވައްތަރުގެ ވޯކައުޓް ކުރުން

އާ ކަންކަން ތަޖުރިބާ ކުރުމުގެ ގޮތުން އެކި ދުވަހު އެކި ވައްތަރުގެ ވޯކައުޓް ކުރަން ބޭނުންވެދާނެއެވެ. ނަމަވެސް ބަރުދަން ލުއިކުރަން ބޭނުންވާ މީހަކަށް މިއީ އެންމެ ރަނގަޅު ގޮތަށް ނުވެދާނެއެވެ. ސަބަބަކީ އެކި ކަހަލަ ކަސްރަތު ކުރުމުން، ކޮންމެ ކަސްރަތަކުން ލިބެންޖެހޭ އެންމެ ފުރިހަމަ ނަތީޖާ ނުލިބޭނެތީއެވެ. އެހެންކަމުން، ބަރުދަން ލުއިކުރަން ކުރަން އެންމެ ރަނގަޅު ކަސްރަތުތަކަކީ ކާޑިއޯ އާއި ވެއިޓް ޓްރެއިނިންގ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

4. އަރާމު ކުރަން ވަގުތު ނުނެގުން

މާބުރަކޮށް ކަސްރަތުގައި އުޅެ، ހަށިގަނޑަށް އަރާމެއް ނުދޭނަމަ މާބޮޑަށް ވަރުބަލިވެ ނޭދެވޭ އަސަރު ކުރާނެއެވެ. އެހެންކަމުން، ހަފްތާއަކު މަދުވެގެން އެއްދުވަސް އަރާމުކުރަން ނަގާށެވެ. އޭރުން މަސްތަކުގައި ފައިބާ އުފެދި، އިތުރަށް ވަރުގަދަވާނެއެވެ. 

5. އެކަށީގެންވާ ވަރަށް ދިޔާ އެއްޗެހި ނުބުއިން

ކަސްރަތުކުރުމުން ހަށިގަނޑުގެ ފިނިހޫނުމިން އުފުލި، މީހާ ސްޓްރެސްވުމަށް މަގުފަހިވެއެވެ. ނަމަވެސް ކަސްރަތާ އެއްވަރަށް ގިނައިން ދިޔާ އެއްޗެހި ބޯނަމަ މި ހާސްކަން ވަރަށް ބޮޑުތަނުން ފިލުވައިލެވިދާނެއެވެ. އަދި އޯވަރޯލް ޕާފޯމެންސަށް ވެސް ފައިދާކުރާނެއެވެ. 

6. ނިދިހަމަނުވުން

ނިންޖާ ކަސްރަތާ ހުރި ގުޅުމަކީ ކޮބައިތޯ ހިތަށް އަރާފާނެއެވެ. ނަމަވެސް ނިދި ހަމަނުވުމަކީ ބަރުދަން ލުއިކުރުމުގެ ޕްލޭނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ. 6-8 ގަޑިއިރުގެ ނިދި ލިބުމަކީ މަސްތައް ރިކަވާ ވާން ވަގުތު ލިބޭނެ ކަމެކެވެ. މީގެ އިތުރުންވެސް ސިކުނޑިއަށް ލުއިކަން ލިބި، މީހާގެ މުޅި މޫޑު ވެސް ރަނގަޅު ކޮށްދޭނެއެވެ. އޭރުން ކަމާ ވެގެން ޝައުގުވެރިކަމާއެކު ކަސްރަތު ކޮށްލެވޭނެއެވެ