ވީޑިއޯ ގޭމަކީ ކުޑަކުދިންނުން ފަށައިގެން ޒުވާނުންގެ މެދުގައި ވެސް ވަރަށް މަޤުބޫލު އެއްޗެކެވެ. އެގޮތުން ރާއްޖޭގައި ވެސް ވީޑިއޯ ގޭމު ކުޅޭ މީހުން ވަރަށް ގިނައެވެ.
މީހުން އުޅޭކަން އެނގޭހެއްޔެވެ؟ އެފަދަ ގިނަ މީހުންނަށް، އެއީ "އެޑިކްޝަން" އެއް ކަން ރޭކާވެސް ނުލާނެއެވެ. އެހެންކަމުން، މިފަހަރު ކިޔައިދޭން މިއުޅެނީ ގޭމު ކުޅުމަށް އެޑިކްޓުވެފައި ހުރި މީހެއްގެ ކިބައިން ފެންނާނެ ބައެއް ސިފަތަކެވެ.
1. ކިޔެވުމަށް/ މަސައްކަތުގެ މާހައުލަށް ސަމާލުކަން ނުދެވުން
ވަރަށް ރަނގަޅަށް ކިޔަވަމުން އައި ކުއްޖަކު، ކުއްލިއަކަށް ކިޔެވުން މަތިން ފޫހިވެ، އަބަދު ގޭމު ކުޅެން އިންނަ ނަމަ، އެއީ ދެވިހިފާފައިވާ ކަމުގެ ނިޝާނެކެވެ. ހަމަ މިގޮތަށް، ވަޒީފާއެއްގައި އުޅޭ މީހަކު މަސައްކަތަށް ފަރުވާކުޑަކުރަން ފަށައި، ގިނަ ވަގުތު ގޭމު ކުޅުމުގައި ހޭދަ ކުރުމަކީ ވެސް ނިޝާނެކެވެ. މިކަމާ ހެދި އެއްބައި މީހުންގެ ވަޒީފާ ގެއްލިފައި ވެސް އެބަހުއްޓެވެ. އަނެއް ކަމަކީ، އެއްގޮތަކަށް ވެސް ވަޒީފާއަކަށް ދާން ބޭނުންނުވެ، ގޭމު ކުޅެން އަބަދު ގޭގައި އޮތުމެވެ. އެފަދަ މީހުން ދިރިއުޅޭނީ މައިންބަފައިންގެ ޚަރަދުގައެވެ. ނުވަތަ ކޮންމެވެސް އެހެން މީހެއްގެ ޚަރަދުގައެވެ.
2. ލޯބިވެރިޔާ/ބައިވެރިޔާއާ މައްސަލަޖެހުން
ގޭމު ކުޅެން ދެވިހިފާފައި ހުރި މީހަކު އޭނާގެ ހުރިހާ ވަގުތެއް ދޭނީ އެ ގޭމަށެވެ. އެހެންކަމުން، ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާއާއި ގާތް އެހެން މީހުންނަށް އެއްވެސް ވަރަކަށް ވަގުތެއް ނުދެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން، އެމީހުންނާ މައްސަލަ ޖެހެން ފަށާނެއެވެ. ހާއްސަކޮށް ލޯބިވެރިޔާއަށް ވަގުތު ނުދެންޏާ އޭނާ ޝަކުވާ ކުރާނެއެވެ. ބައެއް ހާލަތްތަކުގައި، ގުޅުން ނިމުމަމަށް އަންނަތަން ވެސް އާދެއެވެ.
3. ނިދައި ހޭލާ ގަޑި ބަދަލުވުން
ގޭމު ކުޅެން ހޭދަވާ ވަގުތު ދާ ގޮތްވެސް ނޭނގި، އާއްމުކޮށް ނިދާ އުޅޭ ގަޑިއަށް ބުރޫއަރައި، ނިދައިހޭލާ ގަޑި ބަދަލުވާން ފަށައިފި ނަމަ، އެއީވެސް ދެވިހިފާފައި ހުރި ކަމުގެ ނިޝާނެކެވެ.
4. އަބަދުވެސް ވިސްނޭނީ ގޭމާ ދޭތެރޭ
އެހެން ކަމެއް ކުރަން ހުންނައިރު ވެސް، ސިކުނޑީގައި އަބަދުމެ އެނބުރެނީ ގޭމުގެ ޙިޔާލުތައް ނަމަ، ތިހުރީ ހަމަ ރަނގަޅަށް ވެސް ދެވިހިފާފައެވެ.
5. ގޭމަށް ހަރަދުކުރުން
ގޭމު ކުޅެން ދެވިހިފާފައި ހުންނަ މީހަކު، އޭނާއަށް ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރާނީ، ގޭމަށެވެ. މިސާލަކަށް އާ ކެރްކްޓާއެއް ގަންނަން، ނުވަތަ ހެދުމެއް/ބަޑިއެއް ގަންނަން ފަދަ ކަންކަމަށެވެ. މިފަދަ މީހުން އެހެން ކަމަކަށް ހަރަދުކުރަން އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނޯންނާނެއެވެ. އާއްމުގޮތެއްގައި، އެހެން ހަރަދުތަކަކީ މުހިއްމު އެއްޗެއް ކަމަށް ނުވެސް ދެކޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން