ގިނަ ރައްޓެހިންތަކެއް ތިބޭ ގްރޫޕެއްގައި، އެކި މިޒާޖުގެ މީހުން އުޅޭނެއެވެ. މީން ކޮންމެ މީހަކަށް ލިބިފައިވާ ތަފާތު މިޒާޖުގެ ސަބަބުން މުޅި ގްރޫޕު ފުރިހަމަ ކޮށްދެއެވެ. އެހެންކަމުން، ގްރޫޕުގައިވާ ކޮންމެ ރައްޓެއްސަކީ ވެސް މުހިއްމު މީހެކެވެ.

ދެމީހުންނަށްވުރެ ގިނަ މީހުން އުޅޭ ރައްޓެހިންގެ ގްރޫޕެއް އޮތް ނަމަ، މި ސިފަތައް ހުންނަ މީހުން އުޅޭނެކަން ޔަޤީނެވެ:

1. އެންމެންގެ "މަންމަ"

މިއީ އެންމެންނާ ދޭތެރޭ އަޅައިލާ، އެންމެ އޯގަތެރި އެކުވެރިޔާއެވެ. އަދި ގްރޫޕުގެ އެންމެންވެސް ލަފާ ހޯދަން ދާނީ މި އެކުވެރިޔާގެ ކައިރައަށެވެ. ބައެއް ފަހަރު އުމުރުން ދޮށި ނުވިޔަސް، އެންމެންނަށްވުރެ މި އެކުވެރިޔާ ވިސްނުންތޫނުވާނެއެވެ. 

2. ލީޑަރު

ހުރިހާ ކަމެއް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ހުންނާނީ މި އެކުވެރިޔާއެވެ. އެއީ ކޮންމެހެން ގްރޫޕުގެ އެންމެން ވޯޓު ދީގެން ހޮވާފައިވާ ރަސްމީ "ލީޑަރަށް" ނުވެދާނެއެވެ. އެކަމަކު މި އެކުވެރިޔާގެ ކިބައިގައި ޤުދުރަތުން ލީޑަރެއްގެ ސިފަތަށް ހުރުމުގެ ސަބަބުން، އެންމެން ބަރޯސާވާނީ އޭނައަށެވެ. އަދި އެންމެން އެއްތަންކޮށް، ދަތުރުތަކާއި ހުރިހާ ކަމެއް ފުރަތަމަ ރާވާނީ މި އެކުވެރިޔާއެވެ.

3. ކަންނެތް އެކުވެރިޔާ

ކަންނެތް ކަމުން ނުވަތަ ފަރުވާކުޑަ ކަމުން، ހުރިހާ އެކުވެރިން ރާވާ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރާނީ މި އެކުވެރިޔާއެވެ. މެސެންޖާ ނުވަތަ ވައިބާ ގްރޫޕުގައި ފޯރި އަރުވާފައި ވެސް، ފަހު ވަގުތު "ޑިޗް" ކޮށްލުމަކީ މި އެކުވެރިޔާގެ އާދައެކެވެ. ނަމަވެސް އަބަދުވެސް ދައްކާނީ މޮޅު ބަހަނާއެކެވެ. 

4. އެންމެ މަޖާ އެކުވެރިޔާ

މި އެކުވެރިޔާއާ ޖެހިއްޖިއްޔާ، އެންމެން ހީހީ ގޮސް ބަނޑަށް ތަދުވާވަރު ކޮށްލާނެއެވެ. އަބަދުވެސް ހުންނާނީ ކޮންމެވެސް ޖޯކެއް ޖަހައި، މީހުން ހެއްވާލުމުގައެވެ. އަދި އެއްވެސް ކަމެއްގައި ސީރިއަސް ވާކަށް ނެނގޭނެއެވެ.

5. ރޮމެންޓިކް އެކުވެރިޔާ

މި އެކުވެރިޔާއަކީ އެކި ހަފްތާގައި އެކި މީހުން ރީތި ވެގެން، އެމީހަކަށް ހިތް ދީގެން އުޅޭ އެކުވެރިޔާއެވެ. އަދި އަބަދުވެސް ދައްކާނީ ކޮންމެވެސް "ބިޓެއްގެ" ވާހަކައެވެ. ހަމައެހެންމެ، ކޮންމެ ވާހަކައެއްވެސް ލޯބީގެ ވާހަކައަކަށް ބަދަލު ކޮށްލަން ވަރަށް މޮޅުވާނެއެވެ