ސްކޫލު ބަންދުވުމަކީ، ކުދިންގެ ނިދާ ގަޑިއަށް ބަދަލު އަންނަ ކަމެކެވެ. ކުރިން ފަތިހާ ހޭލާ ކުދިން ވެސް ހޭލާ ގަޑި ލަސްވާތަން އާދެއެވެ. އެއާއެކު، އަލުން ސްކޫލު ހުޅުވޭ ދުވަސް ކައިރިވާ ވަރަކަށް، އަވަހަށް ނިދާފަ ހޭލުމުގެ އާދަ އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް އުނދަގޫވެއެވެ.
މި ނޫނަސް، އެއްބައި ކުދިން ބޮޑުވާ ވަރަކަށް، ދަންވަރު ހޭލާ ހުންނަން ބޭނުންވެއެވެ. އެހެންކަމުން، އަވަހަށް ނިދާފައި ހޭލުމުގެ އާދައަކީ، ކުޑަ އިރުންސުރެ ދަރިފުޅުގެ ކިބައިގައި އަށަގަންނުވަން ޖެހޭ ކަމެކެވެ.
1. ނިދުމުގެ އެއް ގަޑިއިރު ކުރިން ޓީވީ ނިވައިލުން
ގިނަ ކުދިންނަކީ ޓީވީގެ އަވާގައި ޖެހިގެން، އިތުރު އެހެން ކަމެއް ކުރަން ބޭނުންނުވާ ކުދިންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ނިދުމުގެ ކުރިން ސްކްރީނަށް ބަލަހައްޓައިގެން ހުރެފިނަމަ، ހަށިގަނޑުގައި މެލަޓޮނިން ލެވެލް ދަށްކޮށްދެއެވެ. މެލަޓޮނިން އަކީ ނިދުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ޓީވީ ބެލުމަކީ، ނުވަތަ އެނޫނަސް ސްރީނަކަށް ބަލަހައްޓައިގެން ހުރުމަކީ، މެލަޓޮނިން އުފެދެން އެޅޭ ހުރަހެކެވެ. ވީމާ، އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ އެއް ގަޑި އިރު ކުރިން ހުރިހާ ސްކްރީނު ތަކެއް ނިވައިލުމެވެ.
2. ނިދި އަންނަ ކަހަލަ މާހައުލެއް އުފެއްދުން
ޓީވީއާއި ފޯނުގެ ބަދަލުގައި، ރޭގަނޑު ދަރިފުޅު ލައްވައި ވާހަކަފޮތެއް ކިޔުއްވާށެވެ. އަދި ނިދާ ގަޑި ކައިރިވާ ވަރަކަށް ބޮކިތައް ނިވާލައި ދޮރުފޮތިތައް ވެސް ކަހާލާފައި ބަހައްޓާށެވެ. އޭރުން ނިދި އަންނާނެ ކަހަލަ މާހައުލެއް އުފެދިގެން ދާނެއެވެ.
3. ނިދާ ހޭލާ ގަޑިއެއް ކަނޑައެޅުން
ދަރިފުޅު ނިދަން، އަދި ހޭލަން ވަކި ގަޑިއެއް ކަނޑައަޅާފައި ބާއްވާށެވެ. އަދި އެގަޑީގައި ނިދާނަމަ، އޭގެ ބަދަލެއްގެ ގޮތުން ބަންދު ދުވަސްތަކުގައި އެއަށްވުރެ ތަންކޮޅެއް ލަސްވަންދެން ހޭލައި ހުރުމުގެ ހުއްދަ ދޭށެވެ. އޭރުން ކަނޑައަޅާފައި އޮންނަ ގަޑީގައި ނިދުމަށް ހިތްވަރު ލިބޭނެއެވެ. ކުޑައިރުން ފެށިގެން ވަކި ގަޑިއަކަށް ނިދާހޭލުމަށް އާދަ ކުރުވައިފި ނަމަ، ބޮޑުވަމުން ދާ ވަރަކަށް ވެސް އެ ގަޑީގައި ނިދާފައި ހޭލުމުގެ ފުރުސަތު ބޮޑެވެ.
4. ހެނދުނުގެ ނާސްތާ ޝައުގުވެރި ކުރުވުން
ހެނދުނުގެ ނާސްތާގެ ގޮތުގައި ދަރިފުޅަށް އެންމެ ކަމުދާ އެއްޗެއް ދޭން ވައުދު ވެއްޖެނަމަ، އެކަން ވެސް ވެގެންދާނީ ދަރިފުޅު އަވަހަށް ނިދާހޭލުމަށް ލިބޭ ހިތްވަރަކަށެވެ. އެހެންނަމަވެސް، އެގޮތަށް ވެސް ސިއްޙަތަށް ގެއްލުންހުރި އެއްޗެއް ދިނުން ބުއްދިވެރިއެއް ނޫނެވެ. އޭގެ ބަދަލުގައި، އަވަހަށް ހޭލައިފި ނަމަ މީރު އަދި ޝައުގުވެރި ނާސްތާއެއް ދޭނެ ކަމަށް ވައުދުވާށެވެ
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން