މި ޒަމާނަކީ އިންޓަނެޓާ ނުލައި އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ޓެކްނޮލޮޖީ ވަރުގަދަ ވެފައި އޮތް ޒަމާނެކެވެ. ކިޔެވުމުން ފެށިގެން މުނިފޫހިފިލުވުންވެސް އިންޓަނެޓާ ނުލައި ފުރިހަމައެއް ނުވެއެވެ.

އެހެންނަމަވެސް، އިންޓަނެޓަކީ އެއިން ކުރާ ފައިދާއާ އެއްވަރަށް ގެއްލުންހުރި އެއްޗެއް ވެސް މެއެވެ. ސަބަބަކީ ސައިބާ ބުލީއާއި، ބްލެކްމެއިލް ކުރުމާއި މިފަދަ އެތައް ނުރައްކާތެރި ކަންތައްތަކެއްގެ ހާއްޔަކަށް ވީތީއެވެ. ހަމައެހެންމެ، ކުޑަކުދިންނާ ނުގުޅޭ އެތައް މަޢުލޫމާތެއް ވެސް އިންޓަނެޓުގައި ހުރެއެވެ.

އެހެންކަމުން މިފަހަރު މި އަލިއަޅުވައިލަނީ، ތުއްތު ކުދިންނާއި ފުރާވަރުގެ ކުދިންނަށް އިންޓަނެޓަށް ވަނުމުގެ ހުއްދަ ދޭއިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކަށެވެ. 

1. އިންޓަނެޓަށް ވަންނަން ޙާއްސަ ގަޑިއެއް ކަނޑައެޅުން

ދަރިފުޅަކީ ހަތަރުދަމު ފޯނުގެ އަވައިގައި ނުވަތަ ޓެބްލެޓުގެ އަވައިގައި ޖެހިފައި އިންނަ ކުއްޖަކަށްވިޔަ ނުދިނުމަށްޓަކައި، ފޯނު ބޭނުން ކުރުމަށް ވަކި ޙާއްސަ ވަގުތެއް ކަނޑައަޅާށެވެ. އަދި އެއީ ބެލެނިވެރިޔާ ދަރިފުޅުގެ ކައިރީގައި ހުންނަ ވަގުތަކަށްވުން މުހިއްމެވެ. އޭރުން ދަރިފުޅު އިންޓަނެޓު ބޭނުންކުރަނީ ރައްކާތެރިކަމާއެކުގައި ކަން ކަށަވަރު ކުރެވޭނެއެވެ. 

2. ދަރިފުޅުގެ އޮންލައިން ޕްރޮފައިލް ޗެކު ކުރުން

ފުރާވަރުގެ ކުދިން ފޭސްބުކާއި އިންސްޓަގުރާމު ފަދަ ޕްލެޓްފޯމުތަކަށް ވަނުމަކީ އާއްމުކަމެކެވެ. އެހެންކަމުން، އެކުދިންގެ ޕްރޮފައިލްގައި ހިއްސާކޮށްފައި ހުންނަ މަޢުލޫމާތު ބަލައި، ޕްރައިވެސީ ޗެކަޕް އެއް ހެދުން ބުއްދިވެރިއެވެ.  މިކަން ކުރަންވާނީ ދަރިފުޅުގެ ހާޒިރުގައި، އޭނާގެ ޕްރޮފައިލަށް ލޮގިން ވެގެންނެވެ. އޭރުން އެކަށީގެންނުވާ މަޢުލޫމާތެއް އިންޓަނެޓުގައި ހިއްސާކޮށްފައި ވާނަމަ، އެ މަޢުލޫމާތެއް ވަގުތުން ޑިލީޓުކޮށް ދެވަނަ ފަހަރަށް އެފަދަ މަޢުލޫމާތެއް ހިއްސާ ނުކުރުމަށް ނަސޭހަތް ދެވޭނެއެވެ. 

3. ޒާތީ ކަންތައްތައް އިންޓަނެޓުގައި ހިއްސާކުރިޔަ ނުދޭތި

ޒާތީ ކަންކަން ހިއްސާކޮށް، ފާޑު ފާޑުގެ ފޮޓޯތައް ލާނަމަ، ސައިބާ ބުލީއާ ކުރިމަތުވުން ވަރަށް ގާތެވެ. އެހެންކަމުން، ފުރާވަރުގެ ދަރިފުޅު އެފަދަ ކަމެއް ކުރިޔަ ނުދިނުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި އިންޓަނެޓަކީ މުނިފޫހިފުލުވުމަށާއި މަޢުލޫމާތު މުއްސަނދި ކުރަން ވަންނަ ތަނެއް ކަން ބުނެދޭން ވާނެއެވެ. 

4. އެއްވެސް މީހަކަށް ޕާސްވޯޑު ނުދިނުމަށް ބުނުން

ފުރާވަރުގެ ކުދިންނަކީ މުޅިން އެހެން ވިސްނުމެއްގެ ބައެކެވެ. އެކުދިން ފޭސްބުކު ތަންތަނަށް ވަދެ އުޅޭއިރު، ގާތް އެކުވެރިންނަށް ޕާސްވޯޑު ދީގެން އުޅޭތަން ވެސް އާދެއެވެ. ނަމަވެސް އެއީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫނެވެ. ސަބަބަކީ، ދަރިފުޅުގެ ޕްރޮފައިލް ބޭނުންކޮށްގެން އެހެން މީހަކު ނޭދެވޭ އަމަލެއް އިންޓަނެޓުގައި ހިންގަފާނެތީއެވެ. އަދި މި ނޫނަސް އެތައް ސަބަބުތަކަކާހުރެ، ޕާސްވޯޑު އެހެން މީހަކާ ހިއްސާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން އެއްވެސް ހާލެއްގައި އެގޮތަށް ކަންތައް ނުކުރުމަށް ދަރިފުޅަށް ވިސްނައިދޭންވާނެއެވެ. 

5. ދަރިފުޅުގެ އުމުރާ ގުޅޭ ސައިޓުތަކަށް ވަންނަން ބާރު އެޅުން

އުމުރާ ނުގުޅޭ ސައިޓުތަކަށް ވަނުން މަނާކުރުމުގެ ގޮތުން، ގޭގައި ހުންނަ ވައިފައި އިން އެފަދަ ސައިޓުތައް ބްލޮކު ކުރެވިދާނެއެވެ. އަދި ދަރިފުޅު ވަނުމަށް ވަކި ޙާއްސަ، އުމުރާ ގުޅޭ އެޕު ތަކާއި ސައިޓުތައް ކަނޑައަޅާފައި ބާއްވާށެވެ. ހަމައެހެންމެ، ކޮންމެ ކޮންމެ މީހަކު ފޮނުވާ އެއްޗެއް ހުޅުވައި ނުހެދުމަށް އިރުޝާދު ދޭންވާނެއެވެ. މިއާއެކު، ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމާއި، ކިރިޔާވެސް މީހެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތި ވާނަމަ ލަސްނުކޮށް އެކަން އެންގުމަށް ބުނަންވާނެއެވެ