ބައެއް މީހުންނަކީ އަނެކުންގެ މެދުގައި ވަރަށް މަޤުބޫލު ބައެކެވެ. އެކަހަލަ މީހެއްދެކެ ފޫހިވާން އުޅުނަސް، ނުވެވޭނެއެވެ. ސަބަބަކީ، އެމީހާގެ ހުންނަ އަޅައިގަންނަ ސިފަތަކެވެ. މި ދައްކަނީ ބޭރުފުށުގެ ސިފަތަކުގެ ވާހަކައެއް ނޫނެވެ. އެމީހާގެ ރިވެތި އާދަތަކާއި، ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ރީތި ސިފަތަކެވެ

މިފަހަރު މި ބަލައިލަނީ، އެހެން މީހުންގެ ލޯތްބާއި ޤަދަރު ހޯދަން ބޭނުންނަމަ، ހުންނަންޖެހޭ މުހިއްމު ބައެއް ސިފަތަކަށެވެ.

1. އަބަދުވެސް ހިނިތުންވެފައި ހުރުން. މިކަހަލަ މީހުންނަކީ ވަރަށް ހިތްހެޔޮ ބައެއްގެ ގޮތުގައި އެހެން މީހުންނަށް ފެންނާނެ. އަދި އުފާވެރިކަމަށް އިސްކަންދިނުމަކީ، ދިރިއުޅުން ކުރިއަރައިގެން ދިޔުމަށްވެސް މުހިއްމު ސިފައެއް.

2. އެހެން މީހުންގެ ނުފޫޒުގައި ނުޖެހުން. މިކަހަލަ މީހުންނަކީ ވަކި ގޮތްތަކެއް ގެންގުޅޭ، ހަރުދަނާ މީހުން. އަދި ހެވާއި ނުބައި އަމިއްލައަށް ވަކިކުރަން އެނގޭނެ. މިފަދަ މީހުންނަށް، ކައިރީގައި އުޅޭ މީހުންގެ އިތުބާރު ވަރަށް ފަސޭހައިން ލިބޭނެ.

3. ހާލަތަށް އަންނަ ބަދަލުތަކަށް ކެތްކުރުން. އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫންކަން ދަނެ، ކޮންމެ ކަހަލަ ބަދަލަތަކަށް ވެސް ތައްޔާރުވާން ވާނެ. 

4. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށް ޝުކުރުވެރިވުން. މިފަދަ މީހުންނަކީ، އަނެކާ ކުޑަ ނަމަވެސް ހެޔޮކަމެއް ކޮށްދިނުމުން ޝުކުރުވެރިވެ، އެކަމެއް ބަލައިގަންނާނެ މީހުން. ވުމާއެކު، ޝުކުރުވެރިކަމުގެ ސިފަ ހުންނަ މީހަކަށް ރަނގަޅު ކަންތައްތައް ކޮށްދޭން ގިނަ މީހުން ބޭނުންވާނެ.

5. އެހެން މީހުންގެ ނެތިނުބައި ވާހަކަ ނުދެއްކުން. އަބަދުވެސް އުފާވެރިކަމަށް އިސްކަންދޭތީ، މީހުންގެ ނުބައި ވާހަކަ ދައްކައިގެން މާހައުލު ޚަރާބު ކޮށްލާކަށް ބޭނުމެއް ނުވާނެ. އަދި ނެތިނުބައި ވާހަކަ ދައްކައި އުޅޭ މީހުންނާ ދުރުވެ، ރަނގަޅު މީހުން އިޚުތިޔާރު ކުރާނެ.

6. އެހެން މީހުން ވާހަކަ ދައްކާއިރު ރަނގަޅަށް އަޑުއެހުން. މިއީ ގިނަބަޔަކަށް ވަރަށް އުނދަގޫ ކަމެއް. ނަމަވެސް ރަނގަޅު މީހުންނަކީ، އަނެކާގެ ވާހަކަ ކެތްތެރިކަމާއެކު އަޑުއަހައި، އޭނާގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ދަންނަ މީހުން. އަދި އެހެން މީހަކު ވާހަކައެއް ދައްކަ ދައްކައި ހުއްޓާ، މެދުތެރެއިން އަމިއްލަ ވާހަކައެއް ފެށުމަކީ ވަރަށް ހަޑި ސިފައެއްކަން ދަންނަން ވާނެ.

7. މީހަކު ކަމަކު އެދިގެން އައުމުން، ސާފު ހިތަކާ އެކީ އެކަމެއް ކޮށްދިނުން. އަދި ނުވާވަރުގެ ކަމެއް ނަމަ، ހިނިތުންވުމަކާއެކީ ރީއްޗަށް އެވާހަކަ ބުނުން. އޭގެ ބަދަލުގައި މީހަކު ކަމަކު އެދެމުން ކުދި ކިޔައި، ފުސް މޫނު ދައްކާނަމަ މީހުން ވަރަށް އަވަހަށް ފޫހިވާނެ.

.