ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނިކުރުމުން ދެން މި އަންނަނީ ތަފާތު ދުވަސްތަކެކެވެ. ކުރިން ނުފެންނަ ކަންތައްތަކާއި، ނުދައްކާ ވާހަކަތައް ވެސް ބައިވެރިޔާއާ ދައްކަން ޖެހެއެވެ. ނަމަވެސް ކިތަންމެ މީހަކު ކިތަންމެ އެއްޗެއް ކިޔަސް ކައިވެންޏަށް ދުވަސް ވާ ވަރަކަށް ލޯބި ފަނޑުވުމަކީ ކޮންމެހެން ވާންޖެހޭ ކަމެއް ނޫނެވެ.
ކުރިން އޮތް ލޯބި، ކައިވެނީގެ ފަހުން ވެސް ދިރުވާ އާލާ ކުރުމަކީ އެމީހެއްގެ އަތް މަތީގައި އޮންނަ ކަމެކެވެ. ދެކޮޅުން ފަރުވާކުޑަ ކޮށްފިނަމަ، ލޯބި ފަނޑުވަމުން ގޮސް އެއް ގެއެއްގައި އުޅޭ ދެ ބީރައްޓެހިންނަށް ބަދަލުވާ ހިސާބަށް ދެއެވެ. ސުވާލަކީ ލޯބި ދިރުވާ އާލާކުރަން މާ ބޮޑެތި ކަންކަން ކުރުން މުހިއްމު ބާވައޭއެވެ. ޖަވާބަކީ ނޫނެކޭއެވެ. ބޮޑެތި ކަންކަން ކުރުމަކުން ގޯހެއް ނެތެވެ. ކުރަން ބޭނުންވާ ފަރާތްތަކުން ހަމަ ކުރަންވީއެވެ. އެހެންނަމަވެސް ކުދި ކުދި ކަންކަމުން ވެސް ލޯބި އާލާކުރެވިދާނެއެވެ. ބޭނުންވަނީ ދެމެހެއްޓެނިވި ކޮމިޓްމެންޓެވެ.
އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ބައިވެރިޔާ ދެކެ ލޯބިވާކަން ފާޅުކުރުމަށް ކުރެވިދާނެ ކުދިކުދި ކަންތައްތަކެވެ. މިކަންތައްތަކަށް މާ ގިނަ ވަގުތެއް، ނުވަތަ ބޮޑު ޚަރަދެއް ވެސް ނުދާނެއެވެ.
1. ލޯބި ވަނަމަކުން ނުވަތަ ވަނަންތަކަކުން ގޮވުން
ރައްޓެހިވެގެން އުޅޭއިރު "ދޫނި"، "ބޭބީ" ފަދަ ނަންނަމުން ގޮވާފައި، އިނުމަށްފަހު އެ ނަންތައް ހަނދާން ހުންނަ ކަމަކަށްވެސް ގިނަ މީހުންނަށް ނުވެއެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި، އެކަކު އަނެކަކަށް ލޯބިން ވަނަން ކިޔުމަކީ ދެމީހުންގެ މެދުގައި އޮންނަ ގުޅުން ރަނގަޅު ވާ ކަމެވެ. ވީމާ، ކުރިން ކިޔައި ނޫޅުނަސް މިހާރުން ފެށިގެން ބައިވެރިޔާއާ މުޚާތަބުކޮށް ލޯބި ނަމަކުން ގޮވަން ފަށާށެވެ.
2. ތަޢުރީފުކުރަން ފަސްނުޖެހުން
ބައިވެރިޔާ ރީތި އާ ހެދުމެއް ލުމުން، އެ ލައިގެން ހުންނައިރު އޭނާ ފެންނަލެއް ނިކަން ޗާލުކަމަށް ބުނަން ފަސްނުޖެހޭށެވެ. ތަނަކަށް ދާން ވަކިން ބޮޑަށް ރެޑީވެ ރީތިވެގެން ނިކުތުމުން މިއަދު ވަކިން ރީތިކަމަށް ބުނުން ފަދަ ކުދިކުދި ތަޢުރީފުތަކުން ވެސް އޭނާއަށް އުފާވެރިކަން ލިބި، ތިބާދެކެ ވާ ލޯބި އިތުރުވާނެއެވެ. އަދި ބަދަލުގައި އޭނާ ވެސް ތިބާއަށް ތަޢުރީފުކުރަން ފަށާ، އިސާހިތަކު އެކަން އާދައަކަށް ވެގެން ދާނެއެވެ.
3. އޭނާ ގަޔާނުވާ މަސައްކަތް ތިބާ ފުރިހަމަކޮށްދިނުން
ގޭތެރޭގެ ބައެއް މަސައްކަތަކީ ބައިވެރިޔާ ކުރަން ގަޔާނުވާ ކަންކަމަށް ވެދާނެއެވެ. މިސާލަކަށް ފުޅިތަކަށް ފެން އެޅުން، ތަށިތައް ދޮވުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން އޭނާއަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން ތިބާ އެކަމެއް ކޮށްދޭށެވެ. އޭނާ ނުބުނަނީސް އެކަން ފުރިހަމަކޮށްފައި ހުއްޓައި ފެނުމުން ވަރަށް އުފާވާނެއެވެ. ނަމަވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ، އެފަދަ ކަންކަން ކުރުމަށްފަހު ފަހުން ދެމީހުންގެ މެދުގައި ހިނގާ ޒުވާބެއްގެ ތެރެއިން "ކަލަ" ގޮވައިގެން ނުވާނެ ކަމެވެ. އެއީ ޒުވާބުގައި ތިބާ ބޭނުންކުރާ ހަތިޔާރަކަށް ނުހަދައްޗެވެ. އެކަކު އަނެކަކަށް ކަންކަން ކޮށްދޭން ވާނީ ހެޔޮ ހުތުން ރަނގަޅު ނިޔަތެއްގައެވެ. ގޭތެރޭގެ ކަންކަމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގަިއ ނުބާއްވާ ދެމީހުންގެ ބައިވެރިވުންވެސް އޮވެގެން ކުރާކަންކަމަށް ހެދުން ވަރަށް މުހިންމެވެ.
4. ކަމަކާ ނުލާ މެސެޖުކޮށް/ގުޅުން
ބައިވެރިޔާ ވަޒީފާގައި އުޅޭއިރު، ނުވަތަ އެހެން ކަމެއްގައި ތިބާއާ ދުރުގައި އުޅޭ ވަގުތުތަކުގައި ދޭތެރެއަކުން ނަމަވެސް މެސެޖުކޮށް އޭނާ މަތިން ހަނދާންވާކަން އަދި މިސްވާކަން ހާމަކުރާށެވެ. ނަމަވެސް އެއީ އޭނާ އުޅޭ ނޫޅޭ ގޮތް ބަލާ، ޝައްކުކުރުމުގެ ގޮތުން ކުރާ މެސެޖަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ހަމަ އާދައިގެ "ހައި" މެސެޖެއް ފޮނުވައި، ކީއްކުރަނީތޯ އަހާލެވިދާނެއެވެ. ނުވަތަ ހަމަ "މިސް ޔޫ" ޖަހާލަާފައިވެސް މެސެޖެއް ކޮށްލެވިދާނެއެވެ. އަދި ގެއަށް އައުމުން ދެމީހުން އެކީގައި ކަމެއް ކުރަން ނުވަތަ މަސައްކަތް ނިންމާލާފަ ބޭރަށް ގޮސްލަން ޕްލޭންކޮށް ރާވާލެވިދާނެއެވެ. މިސާލަކަށް ފިލްމެއް ބެލުން، ނުވަތަ ކޮންމެވެސް މީރު ކާއެއްޗެއް ހަދައިގެން ކެއުންވެސް މިފަދަ ޕްލޭނަކަށް ފުދޭނެއެވެ.
5. ނިންމުންތަކަށް އިޙްތިރާމް ކުރުން
ކައިވެނި ކޮށްގެން އުޅޭ ދެމީހުން ބައެއް ކަންކަމުގައި ދެބަސްވުމަކީ ހިނގާ އަދ ހިނގާނެ ކަމެކެވެ. ނަމަވެސް މިފަދަ ދެބަސްވުންތަކުގައި ވެސް، ބައިވެރިޔާ ދެކޭގޮތާމެދު ތިބާ އެއްބަސް ނުވިޔަސް އޭނާގެ ޚިޔާލުތަކަށް އިޙްތިރާމްކުރަން ވާނެއެވެ. އޭގެ ބަދަލުގައި ކޮންމެ ދެބަސްވުމެއް ބޮޑު ޒުވާބަކަށް ހަދާލާ، އޭނާގެ ވިސްނުމަށް ފާޑުކިޔުމަކީ ކައިވެންޏެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން