ދަރިފުޅާ ވާހަކައެއް ދައްކާއިރު، އެ ދައްކާ ވާހަކައެއް އެކުއްޖާ ހަމަ ޙަޤީޤަތުގައި ވެސް އަޑު އަހާތޯ ބައެއް ފަހަރު ސުވާލު އުފެދެއެވެ. މައިގަނޑު ސަބަބަކީ، ކުޑަކުދިންނަކީ އެކިއެކި ޙިޔާލުތަކުގައި އުޅޭ، މުޅިން އެހެން ކަންތައްތަކަށް ސަމާލުކަން ހުންނަ ބަޔަކަށް ވުމެވެ.
ވީމާ، ދަރިފުޅާ މުހިއްމު ވާހަކައެއް ދައްކާއިރު، އޭނާ އެވާހަކަ ހަމަ ރަނގަޅަށް ވެސް އަޑުއަހާނެ ކަހަލަ އުކުޅުތަކެއް ކިޔާލަދޭނަމެވެ.
1. ޖުމްލަ ކުރު ކުރުން
ޖުމްލަތައް މާ ދިގުވެގެން ގޮސް، ބުނަން އުޅޭ އެތި އޭގެތެރޭގައި ގެއްލިގެން ދާ ފަހަރު އާދެއެވެ. ކުޑަކުދިންގެ ވިސްނުން އެހާ ތަނަވަސް ނުވުމުން، މުހިއްމު ނުކުތާ ނަގައިގަންނަން އެކުދިންނަށް އުނދަގޫ ވާނެއެވެ. ވީމާ، ބުނަން އުޅޭ އެތި ވީހާވެސް ކުރުކޮށް، ދަރިފުޅަށް ނަގައިގަނެވޭނެހެން ކިޔައިދިނުން މުހިއްމެވެ.
2. ވާހަކަ ފެށުމުގެ ކުރިން ސަމާލުކަން ހޯދުން
ދައްކަން އުޅޭ ވާހަކަ ފަށަންވާނީ، ދަރިފުޅުގެ ސަމާލުކަން ފުރިހަމައަށް ހޯދުމަށް ފަހުގައެވެ. ނޫންނަމަ، ދަރިފުޅު އެހެން ކަމެއް ކުރަން އިންނަ އިރު ވާހަކަ ދެއްކިޔަސް، ކިޔާ އެއްޗެއް އޭނާއަށް ރަނގަޅަށް އަޑެއް ނީވޭނެއެވެ. އޭނާގެ ސަމާލުކަން ހުންނާނީ އެ ކުރަން ހުރި ކަމަކާ ގުޅިފައެވެ. އެހެންކަމުން، ދަރިފުޅު ފޯނާ ނުވަތަ ޓެބްލެޓާ ކުޅެން އިންނަމަ، އެންމެ ފުރަތަމަ އޭތި ދުރުގައި ބޭއްވުމަށް ބުނުން ބުއްދިވެރިއެވެ. އަދި، ދުރުގައި ހުރެގެން ހަޅޭއްލެވުމުގެ ބަދަލުގައި، ދަރިފުޅުގެ ކައިރިއަށް ގޮސް، އަޑުއަހާކަން ޔަގީން ކުރުމަށްފަހު ވާހަކަ ދެއްކުން މުހިއްމެވެ.
3. މަޑުން ވާހަކަދެއްކުން
ކުރިން ވެސް ބުނިހެން، ހަޅޭއްލަވައިގެން ވާހަކަ ދެއްކުމަކީ ހައްލެއް ނޫނެވެ. ދަރިފުޅާ ވާހަކަ ދައްކާއިރު މަޑުމައިތިރިކަން އިޚްތިޔާރު ކުރާނަމަ، ސަމާލުކަން ހޯދުން ފަސޭހަވާނެއެވެ. މާ ބާރަށް އެއްޗެހި ބުނަނީ ނަމަ، ކުއްޖާ ފޫހިވެ، އަޑު އަހާ ހިތް ކެނޑޭނެއެވެ.
4. އަމުރު ނުކުރުން
އަމުރު ކޮށްފައި އެއްޗެއް ބުނެފި ނަމަ، އެކުއްޖާ އެކަމެއް ތަކުރާރު ކުރުން މާ ގާތެވެ. އޭގެ ބަދަލުގައި، ދަރިފުޅު ކުރާ ނުރަނގަޅު ކަމެއް ހުއްޓުވުމަށް ސީދާ އަމުރު ނުކޮށް، އެހެން ގޮތެއް އިޚްތިޔާރު ކުރާށެވެ.
5. ކުއްޖާގެ އުމުރާ ގުޅޭގޮތަށް ވާހަކަ ބެހެއްޓުން
އެއްޗެއް ކިޔައިދޭ އިރު، ދަރިފުޅުގެ ވިސްނުމުގެ ހަރުފަތާ ދިމާވާނެހެން ކިޔައިދިނުން ރަނގަޅެވެ. އަދި މީގެތެރެއިން ވެސް، އެކުއްޖާއަށް ކަމުދާނެހެން، ސަމާސާ ގޮތަކަށް ވާހަކަ ބެހެއްޓުން މުހިއްމެވެ. 5 އަހަރަށްވުރެ ތުއްތު ކުއްޖެއް ނަމަ، އެކި އަޑުއަޑުން ވާހަކަ ދައްކައިގެން، ކުއްޖާގެ ސަމާލުކަން ހޯދިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން