މިޒަމާނުގައި ކުޑަކުދިންގެ އެންމެ ބޮޑު މުނިފޫހިފިލުވުމަކީ ސްމާޓް ފޯނާއި ޓެބްލެޓެވެ. މީގެ އިތުރުން ޓީވީންނާއި ލެޕޮޓޮޕް ސްކްރީނުން ވެސް ކާޓޫނު ބަލާ ކުދިން ގިނައެވެ. މިކަމުގެ ސަބަބުން ބެލެނިވެރިން ކުރާ އެންމެ ބޮޑު ފިކުރަކީ، ދަރިފުޅުގެ ލޮލުގެ ފެނުމަށް ލިބިދާނެ ގެއްލުމަކާ މެދުގައެވެ.

ގިނައިރު ވަންދެން ސްކްރީނަށް ބަލަހައްޓައިގެން އިނުމަކީ ހަމަ ގައިމުވެސް ލޮލުގެ ފެނުމަށް އަސަރު ކުރާނެ ކަމެކެވެ. އަދި ޙާއްސަކޮށް، ބޮޑުވަމުން އަންނައިރު ލޮލުގެ ފެނުން ތަރައްޤީ ވާންޖެހޭ މިންވަރަކަށް ނުވާނެއެވެ. ނަމަވެސް، ލޮލުގެ ފެނުން ބާރުގަދަ ކުރުމަށް ކާންޖެހޭ ތަރުކާރީގެ ބާވަތްތައް ދަރިފުޅަށް ދިނުމަކީ ބެލެނިވެރިން ކުރަންޖެހޭ އަނެއް "ހަނގުރާމަ" އެވެ. ސަބަބަކީ، ތަރުކާރީ އަކީ ވަރަށް ގިނަ ކުދިން ނަފްރަތު ކުރާ އެއްޗަކަށް ވާތީއެވެ.

މިފަހަރު މި ހިއްސާކޮށްލަނީ، ލޮލުގެ ފެނުމުގެ ބާރުގަދަ ކުރުމަށް ދަރިފުޅަށް ކާންދެވިދާނެ ޝައުގުވެރި ކާނާގެ ބާވަތްތަކެކެވެ.

1. ބިހާއި ޗީޒް

ބިހާއި ޗީޒް އަކީ ވަރަށް ގިނަ ކުދިންނަށް ކަމުދާ ދެ ބާވަތެވެ. މި ދެބާވަތަކީ ވެސް ވިޓަމިން އޭ އިން މުއްސަނދިވެފައިވާ ދޭއްޗެވެ. އެހެންކަމުން، ލޮލުގެ ފެނުމަށް ވަރަށް ރަނގަޅު އަސަރެއް ކުރެއެވެ. މީގެ އިތުރުންވެސް، ބިހުގެ ރީނދޫ ބަޔަކީ ލުޓެއިން ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. މި މާއްދާއަކީ ލޮލުގެ ފެނުން ރަނގަޅު ކޮށްދޭން އެހީވެދޭ މާއްދާއެކެވެ. ވުމާއެކު، ބިސްގަނޑެއް އަޅާފައި އޭގެ މައްޗަށް ޗީޒް އަޅައިގެން ދަރިފުޅަށް ކާންދޭށެވެ.

2. ކަނޑުމަސް

މަހުގެ ގިނަ ބާވަތަކީ އޮމެގާ 3 ފެޓީ އެސިޑްސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން، ލޮލުގެ ފެނުން ވަރުގަދަ ކުރުމަށް ކަނޑުމަހުން ތައްޔާރުކޮށްފައި ހުންނަ ކާނާ ދަރިފުޅަށް ގިނައިން ދޭށެވެ. މިގޮތުން ދަރިފުޅަށް ކަމުދާނެހެން ފިޝް އެންޑް ޗިޕްސް ވެސް ދޭތެރެއަކުން ހަދާލާފައި ދެވިދާނެއެވެ. 

3. އާމަންޑް ޗޮކެލްޓް

ޗޮކްލެޓަކީ ވަރަށް ގިނަ ކުދިންގެ ފޭވަރިޓެކެވެ. އެހެންކަމުން، ފައިދާހުރި ކާނާއެއް ދޭއިރު ޗޮކްލެޓާ އެކީގައި ދިނުމުން ދަރިފުޅު ވަރަށް ފަސޭހައިން ކާނެއެވެ. އެގޮތުން އާމަންޑަކީ އެހެން ފައިދާތަކާ އެއްވަރަށް ލޮލުގެ ފެނުމަށް ވެސް ފައިދާހުރި އެއްޗެކެވެ. އެއީ އޭގައި މަތީ ދަރަޖައަކަށް ވިޓަމިން އީ އެކުލެވޭތީއެވެ. ވުމާއެކު، އާމަންޑް އެކުލެވޭ ޗޮކްލެޓު ދަރިފުޅަށް ދެވިދާނެއެވެ. ނުވަތަ އާމަންޑް ހުހާ ކާހިތްވާ ކުއްޖެއްނަމަ، ކޮންމެދުވަހަކު ލުއި ކާނާއެއްގެ ގޮތުގައި އާމަންޑް ދޭށެވެ.