ދެ ލޯބިވެރިން ގުޅިގެން އުޅޭއިރު، އެ ގުޅުމުގައި މައްސަލަ ޖެހުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް މައްސަލަ ޖެހޭވަރުން އޮބި ނޯންނަ ނަމަ، އޭގެ މާނައަކީ، ތި ދެމީހުންނަށް އެކީގައި ނޫޅެވޭނެ ކަމެވެ. އަދި އެކަކު އަނެކަކީ މާ ބޮޑަށް މިޒާޖު ތަފާތު ދެމީހުން ކަމެވެ.

ނަތީޖާއެއްގެ ގޮތުން، ކައިވެންޏާ ހަމައަށް ނުދަނީސް ގުޅުން ނިމޭތަން އާދެއެވެ. ނުވަތަ ކައިވެނި ކޮށްފައި ވެސް މާ ދުވަސްތަކެއް ނުވަނީސް ރޫޅެއެވެ.

ރައްޓެހިވެގެން އުޅޭއިރު، ދެމީހުންގެ މިޒާޖުގައި ބޮޑެތި ފަރަގުތަކެއް ހުރެ، އެކީގައި ނޫޅެވޭނެކަން އަންގައިދެނީ، މިފަދަ ނިޝާންތަކަކުންނެވެ:

1. ދެބަސްވުމެއް ހިނގާއިރު، ކަންތައް ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގުން. އެންމެފަހުން ޒުވާބު ނިމޭނީ ވަރަށް ހަޑިކޮށް، އެކަކު އަނެކަކުގެ އުނި ސިފަތަކަށް ގޮވާ ހިސާބަށް ގޮސްގެން. ގުޅޭ ދެމީހުންނަމަ، ދެބަސްވުމެއްގައި ކަންތައް ކުރަންވީ ގޮތް އެނގޭނެ.

2. ތާކުންތާކު ނުޖެހޭ ކުދި ކުދި ކަންތައްތަކާވެސް ޒުވާބުކުރުން. ޙާއްސަކޮށް ގުޅުމުގެ އެންމެ ކުރީކޮޅު މިހެން ވާނަމަ، އެއީ ގުޅުން ކުރިއަށް ނުދާނެ ކަމުގެ ބާރުގަދަ ހެއްކެއް. މިހެން އާއްމުކޮށް ވަނީ ދެމީހުންގެ ވިސްނުން މާ ބޮޑަށް ތަފާތުވުމުން.

3. ވިސްނުން ތަފާތު ވެގެން ގޮސް، އެކަކު އަނެކަކު ކުރާ ކޮންމެ ކަމަކަށް ފާޑުކިޔުން. މިސާލަކަށް ހެދުން އަޅާގޮތް ކަމުނުދިޔުން، ވާހަކަ ދައްކާގޮތް ކަމުނުދިޔުން. އެކަކު އުޅެންވީ ގޮތް އަނެކަކު ކިޔައިދޭން ވެއްޖެނަމަ، އެކީގައި އުޅުމުގެ ފުރުސަތު ކުޑަވާނެ.

4. ބައިވެރިޔާއާ އެކީ ހުންނައިރު ރައްކާތެރިކަން އިހުސާސް ނުވުން. ގުޅުމެއްގައި އެންމެ މުހިއްމު އެއް ކަމަކީ އެކަކު އަނެކަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން.

5. މީހާގެ އަސްލު އުޅުން ދައްކަން ޖެހިލުންވުން. މިސާލަކަށް ވަރަށް ގަދަޔަށް ސަކަރާތް ޖަހާ އަނގަ ގަދަ މީހަކު، ބައިވެރިޔާގެ ކުރިމަތީގައި އެ ސިފަތައް ފޮރުވާނަމަ، އެއީ ގުޅުން މަތިން ވަރަށް އަވަހަށް ފޫހިވާނެ ކަމެއް. އާއްމުކޮށް މި ކަންތައްތައް ފޮރުވެނީ، ބައިވެރިޔާ ފާޑުކިޔާފާނެ ކަމުގެ ބިރަށް.

6. ތިމާ ހިތް އެދޭ ކަންތައްތަކަށް ބައިވެރިޔާ ސަމާލުކަން ނުދީ، މުހިއްމު ކަމެއްގެ ގޮތުގައި ނުދެކުން. މިސާލަކަށް އެކީގައި ފިލްމެއް ބެލުން ނުވަތަ ކާން ދިޔުން ފަދަ ކަންތައްތަކަށް އޭނާ ފަރުވާ ކުޑަކުރާނަމަ، އެއީ ގުޅުން އަވަހަށް ނިމޭނެކަމުގެ ނިޝާނެއް.

7. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އަބަދުވެސް އިހުސާސްވުން. އެކީގައި އުޅެން ކިތައްމެ މަސައްކަތެއް ކުރިޔަސް، މިގޮތަށް ގުޅުމާ ދޭތެރޭ އިހުސާސްކުރެވޭ ނަމަ، ގުޅުން ކުރިއަކަށް ނުދާނެ.